ޑިމޮކްރެޓްސްގެ ފަރާތުން ހުށަހަޅާފައި ވަނީ މަޖިލީހުގެ ކޮމެޓީތަކުގައި ހިމަނާފައިވާ އެޕާޓީގެ ސްލޮޓްތަކަށް ބަދަލު ގެނައުމަށެވެ. އެގޮތުގެ މަތިން ގެނައި ބަދަލުގައި، ނަޝީދު ވަނީ ފުރަތަމަ ފަހަރަށް މަޖިލީހުގެ ކޮމެޓީއެއްގައި ހިމަނާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަރިކަ ކޮމެޓީގައި، މަޖިލީހުގެ ކުރީގެ ރައީސް، މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ހިމަނުއްވައިފި އެވެ.
މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު އަސްލަމް ވަނީ މަޖިލީހުގެ ކޮމެޓީތަކަށް ބަދަލު ގެންނަން، މައިނޯރިޓީ ޕާޓީ، ދަ ޑިމޮކްރެޓްސްގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުން އިއުލާނުކުރައްވާފަ އެވެ.
ޑިމޮކްރެޓްސްގެ ފަރާތުން ހުށަހަޅާފައި ވަނީ މަޖިލީހުގެ ކޮމެޓީތަކުގައި ހިމަނާފައިވާ އެޕާޓީގެ ސްލޮޓްތަކަށް ބަދަލު ގެނައުމަށެވެ. އެގޮތުގެ މަތިން ގެނައި ބަދަލުގައި، ނަޝީދު ވަނީ ފުރަތަމަ ފަހަރަށް މަޖިލީހުގެ ކޮމެޓީއެއްގައި ހިމަނާފަ އެވެ.
މިހިނގާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި، ވޭތުވެ ދިޔަ ހަތަރު އަހަރު ނަޝީދު އިންނެވީ ރައީސްގެ މަގާމުގަ އެވެ. އޭރު އެމަގާމަށް ވަޑައިގެންނެވީ އެމްޑީޕީ މެމްބަރުންގެ ތާއީދާ އެކު އެވެ. ނަމަވެސް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މައްސަލަޖެހިވަޑައިގެން، އެޕާޓީން ވަކިވެވަޑައިގެންނެވުމަށްފަހު، ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް ހައްދަވައިގެން މަސައްކަތް ކުރައްވަން ފެއްޓެވުމުން އެމްޑީޕީ މެމްބަރުން ވަނީ ދެ ފަހަރެއްގެ މަތިން އެމަނިކުފާނުގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ވައްދާފަ އެވެ.
ފުރަތަމަ ހުށަހެޅި މައްސަލަ އަނބުރާ ގެންދިޔައީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް ސޯލިހަށް އެމަނިކުފާނު ތާއީދު ކުރައްވާނެ ކަމުގެ އުންމީދުގަ އެވެ. ނަމަވެސް ނަޝީދު އެގޮތަށް ކުރިއަށް ވަޑައިނުގެންނެވުމުން އަނެއްކާވެސް އެމްޑީޕީ މެމްބަރުން ވަނީ ނަޝީދު މަޖިލީހުގެ ރައީސް ކަމުން ވަކިކުރަން ހުށަހަޅާފަ އެވެ. އެ ހައިޖާނުގަނޑުގެ ތެރެއިން އެތައް ދުވަހަކު މަޖިލީސް ހުއްޓިފައި އޮއްވައި އެމަނިކުފާނު ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. މިހާރު އެމަނިކުފާނު މަޖިލީހުގައި މަސައްކަތް ކުރައްވަނީ އާންމު މެމްބަރެއްގެ ހައިސިއްޔަތުންނެވެ.