ސިފައިން ގެންދަން ވެވަޑައިގަތް އެއްބަސްވުން ހާމަކުރަން ގޮވާލާ ކުއްލި މައްސަލައެއް

އޭނާ ވިދާޅުވީ، ގައުމީ ސަލާމަތަށް ނުރައްކާވާފަދަ އަދި ރާއްޖޭގެ މިނިވަންކަމާ އިސްތިގްލާލަށް ނުރައްކާވާފަދަ އެއްވެސް އެއްބަސްވުމެއް ވާނަމަ، އެ އެއްބަސްވުންތައް ރައްޔިތުންނަށާއި މަޖިލީހަށް ހާމަކުރަން ޖެހޭނެ ކަމަށެވެ.

ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ --

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންދިއުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގަތް އެއްބަސްވުން ހާމަކުރަން ގޮވާލާ އިދިކޮޅު އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

ދުބާއީގައި އޮތް ކޮޕް-28 ސަމިޓުގައި މޯދީއާ ބައްދަލުކުރެއްވުމަށްފަހު ރައީސް ވެވަޑައިގަތް އެ އެއްބަސްވުން ހާމަކުރުމަށް ގޮވާލާ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ އެވެ. އެ މައްސަލަ މަޖިލީހަށް ބަލައިގަނެ، މިހާރު ދަނީ ބަހުސް ކުރަމުންނެވެ.

މި މައްސަލައަށް ބަހުސް ކުރައްވަމުން މެމްބަރު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންފައި ވަނީ ރާއްޖޭގައި ހަތިޔާރު އެޅި އެތައް ހާސް އިންޑިއާ ސިފައިން އެބަތި ކަމަށްބުނެ، ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށްފަހުގައި ކަމަށެވެ. ނަމަވެސް، މިހާތަނަށް އައިއިރު ސަރުކާރުން ދައްކަމުން ދަނީ އެކި ވާގަކަތައް ކަން އޭނާ ފާހަގަކުރެއްވި އެވެ.

"މިހާތަނަށް އައިއިރުގައި ރާއްޖޭގައި މިލިޓަރީ ވިސާގައި ތިބީ ކިތައް އިންޑިއާ ސިފައިންތޯ، ހަތިޔާރު ހުރީ ކޮންތާކުތޯ، ހަތިޔާރު އެޅި ސިފައިން ތިބީ ރާއްޖޭގެ ކޮން ރަށެއްގަތޯ ނޫނީ ކޮން ސަރަހައްދެއްގަތޯ، މިއިން އެއްވެސް މައުލޫމާތެއް ރައްޔިތުންނަށް ހާމަވެފައެއް ނުވޭ،" އަހުމަދު އަބްދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ގައުމީ ސަލާމަތަށް ނުރައްކާވާފަދަ އަދި ރާއްޖޭގެ މިނިވަންކަމާ އިސްތިގްލާލަށް ނުރައްކާވާފަދަ އެއްވެސް އެއްބަސްވުމެއް ވާނަމަ، އެ އެއްބަސްވުންތައް ރައްޔިތުންނަށާއި މަޖިލީހަށް ހާމަކުރަން ޖެހޭނެ ކަމަށެވެ. އޭރު ދެއްކި އެވާހަކަތަކުގެ ހަގީގަތް ހާމަކުރަން އޭނާ ގޮވާލެއްވި އެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީ އަދި ރައީސް ޑރ. މުއިއްޒު --

"އެހެންކަމުން އެފަދަ އެއްބަސްވުމެއް ވެފައިވާނަމަ އެ އެއްބަސްވުމަކީ ރައްޔިތުންގެ މި މަޖިލީހަށް ހާމަކުރަން ޖެހޭނެ އަދި އެ އެއްބަސްވުމަކީ ކޮން ގޮތަކަށް، ރާއްޖެގެ ރައްޔިތުންނަށް އެނގެން ޖެހޭނެ ކަމަށް މީގެ ކުރިން މިވާހަކަތައް ދެއްކި ބޭފުޅުން މި މަޖިލީހުގައި ދައްކަވަމުން ގެންދިޔަ ގެންދެވުމަށް ބާރު ދިނުމުގެ ގޮތުން އަޅުގަނޑު ދަންނަވާނީ އެ އެއްބަސްވުން ހާމަކޮށް، ދިވެހިރާއްޖޭގެ ރައްޔިތުންނަށާ މަޖިލީހަށް އިންޑިއާ ސިފައިން ބޭލުމަށްވީ އެއްބަސްވުން އޮތީ ކިހިނެއްކަން އަދި އޭގަ އޮތީ ކޯންޗެއްކަށް އެނގެން ވާނެ ކަމަށް،" މެމްބަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެހެން ނޫންނަމަ، ރާއްޖޭގެ ވެރިކަމަށް އަންނަ ހަމައެކަނި އޮތް ގޮތަކީ މަކަރާ އޮޅުވާލުންކަން ރައްޔިތުންނަށް ސާބިތުވެގެން ދާނެ ކަމަށެވެ. އެކަން ހާމަކުރުމަކީ ސަރުކާރުގެ މައްޗަށް ވާޖިބު ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުފުޅު ދުއްދުވުމުގެ ގޮތުން ރަސްމީކޮށް އިންޑިއާ ސަރުކާރުގައި ވަނީ އެކަމަށް އެދިވަޑައިގެންފަ އެވެ. އަދި މޯދީއާ ބައްދަލުކުރައްވާ އެ ވާހަކަ ދެއްކެވުމުން އެކަމަށް އެއްބަސްވެވަޑައިގެންފައިވާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ސަރުކާރުން އެންމެ ފުރަތަމަ ބުނެފައި ވަނީ 77 އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބި ކަމަށެވެ. ނަމަވެސް އިއްޔެ ރައީސް ވިދާޅުވެފައި ވަނީ ބައެއް ލިޔުންތަކުން އެ އަހަރު 89 އަށް އަރާ ކަމަށާއި، އެކި ލިޔުންތަކުން ފެންނަނީ އެކި އަދަދު ކަމަށެވެ. އެހެންކަމުން އަދިވެސް ސީދާ ސިފައިން ތިބި އަދަދު ޔަގީން ނޫން ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.