"އަޅުގަނޑު ދަންނަވާފައި އޮންނާނެ ވީވަރަކުން ކޮންޓްރެކްޓް އާ ކުރެވެން އޮތް އެންމެނަށް އާ ކޮށްލަ ދޭށޭ އަދިވެސް. ވަގުތީ އެގްރީމަންޓެއް ހަދައިގެން،"
ފެނަކަ ކޯޕަރޭޝަން ގައި ތިބި ކޮންޓްރެކްޓް މުވައްޒިފުންގެ ތެރެއިން މުއްދަތު ހަމަވި ބައެއް މުވައްޒިފުން ދޫކޮށްލުމާއި އެކަމާއި ގުޅުވާ ވަޒީރުންނަށް ރުހުން ނުދޭން ވާދަވެރީން ގެންގުޅޭ ވިސްނުންތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވާހަކަފުޅު ދައްކަވައިފި އެވެ.
ސިޔާސީ ނޫން ވަޒީފާތަކުގައި ތިއްބެވި މުވައްޒަފުން ވަކި ނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާ ހިލާފަށް ފެނަކައިން މުވައްޒަފުން ވަކިކުރަމުން ދާތީ މަޖިލީހަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން ކުއްލި މައްސަލައެއް ހުށަހަޅާ މިއަދު ވަނީ ހޫނު ބަހުސެއް ގާނޫނު ހަދާ ގޭގައި ހިންގާފަ އެވެ.
އެކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން ރައީސް އޮފީހުގައި އޮތް ނޫސްވެރީންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ފެނަކަ އަކީ ވަރަށް ބޮޑު ދަރަންޏެއް އޮތް ކުންފުންޏެއް ކަމަށެވެ. އެހެން ކަމުން ކުންފުނި ނުހުއްޓި / ބަނގުރޫޓުވިޔަ ނުދޭން އާ މެނޭޖްމަންޓުން ފިޔަވަޅުތަކެއް އަޅަމުން ގެންދާ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި މިދިޔަ ސަރުކާރުގައި / ސަރުކާރު ނިމެނޭން ވަރަށް ކައިރިވެފައި ވަނިކޮށް ކޮންޓްރެކްޓް މުވައްޒިފުންގެ ގޮތުގައި ވަރަށް ގިނަ ބަޔަކު ވަނީ ފެނަކައަށް ނަގާފަ އެވެ. އޭގެ ތެރޭގައި އެއްވެސް މަސައްކަތެއް ނެތި ނަގާފައިވާ އެތައް މުވައްޒިފުންނެއް ހިމެނެ އެވެ. އެ މުވައްޒަފުންގެ ތެރެއިން ވަރަށް ގިނަ މުވައްޒިފުންގެ ކޮންޓްރެކްޓް މުއްދަތު މިދިއަ ނޮވެންބަރު 30 އަށް ހަމަވެފައިވާ ކަމަށާ އޭގެ ބައެއް މުވައްޒިފުންގެ ކޮންޓްރެކްޓް އާ ނުކުރަން ކުންފުނިން ނިންމާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ އެ ނިންމުމަކީ ކުންފުންޏަށްޓަކައި ނިންމި ނިންމުމެއް ކަމަށެވެ. ގިނަ މުވައްޒިފުންނަކީ ރައީސް ސޯލިހްގެ ކެމްޕެއިނަށް ނެގި މުވައްޒިފުންތަކެއް ކަަމަށް ބެލެވޭ ކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ އެކަން އެެހެން ގޮތަސް ކޮންޓްރެކްޓް އާކޮށް ބެހެއްޓެން އޮތް ކޮންމެ މުވައްޒިފަކު ބަހައްޓަން އެމަނިކުފާނު އެދިވަޑައިގެންފައިވާނެ ކަމަށެވެ.
"އަޅުގަނޑު ދަންނަވާފައި އޮންނާނެ ވީވަރަކުން ކޮންޓްރެކްޓް އާ ކުރެވެން އޮތް އެންމެނަށް އާ ކޮށްލަ ދޭށޭ އަދިވެސް. ވަގުތީ އެގްރީމަންޓެއް ހަދައިގެން،"
ރައީސް ވިދާޅުވީ ފެނަކާގައި މިހާރު އޮތީ ކުންފުންޏަށް ނުގެންގުޅެވޭ ވަރުގެ މުވައްޒިފުންގެ ނަންބަރެއް ނަމަ ކުޑަކުރެވެން އޮތް ހާލަތެއް ގައި އެކަން ކުރުމަކީ ޒިންމާދާރުކަން ކުޑަވުން ނޫން ކަމަށެވެ. އަދި އެކަމާ ގުޅުވާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ނުދޭނެ ކަމަށް ބުނުމަކީ ދެރަ ކަމެއް ކަމަށެވެ.
"ރުހުން ނުދޭނީ ރުހުން ނުދޭވަރު ކަންތައްތައް ވުމުން"
ރައީސް ވިދާޅުވީ ރާއްޖޭގައި އޮތީ ޒިންމާދާރުވާނެ އިދިކޮޅެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާ ވަޒީރުންނަށް ރުހުން ދިނުމާއި ނުދިނުމުގައި އެހެން ގައުމުތަކުގައި އަމަލު ކުރާ އުސޫލަށް ޕާޓީތަކުން ބަލާނެ ކަމަށް އުންމީދު ކުރައްވާ ކަަމަށެވެ.
އަދި އެއްވެސް ސިޔާސީ ޕާޓީއަކުން ގައުމީ ރޫހާއި ޑިމޮކްރެސީގެ އުސޫލު ދޫކޮށް ލައްވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ މިހާރު މި އޮތް ހުތޫރަތްތެރި ދަނޑިވަޅުގައި ހުރިހާ ޕާޓީތަކުން ވެސް ގައުމީ މަސްލަހަތު އިސްކުރައްވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ވިދާޅުވި އެވެ.