މަޖިލިސް 20: އެކުގައި ދާން އަދާލަތާ އެމްޑީޕީ މަޝްވަރާކޮށްފި

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ހޯދައި ދޭން އެމްޑީޕީއާއެކު އަދާލަތުން މަސައްކަތް ކުރި އެވެ. ނަމަވެސް ރައީސް ސޯލިހަށް އިންތިހާބު ކާމިޔާބު ކުރެވޭ ގޮތެއް ނުވި އެވެ.

އަދާލަތު ޕާޓީގެ ބައްދަލުވުމެއްގައި އަތް ނަގައިގެން ވޯޓެއް ދެެނީ: މަޖިލިސް އިންތިހާބާ ބެހޭ ގޮތުން އެ ޕާޓީން ދަނީ މަޝްވަރާތައް ކުރަމުން
  •  ކޮންގްރެސް ޕާޓީއަށް ވެސް އަދާލަތުގެ ދޮރު ހުޅުވާފައި

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު "މަޖިލިސް 20" ގައި އެކުގައި މަސައްކަތް ކުރުމާބެހޭ ގޮތުން އަދާލަތު ޕާޓީ އާއި އިދިކޮޅު އެމްޑީޕީއާ ދެމެދު މިއަދު މަޝްވަރާތައް ފަށައިފި އެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި މަޝްވަރާ ބައްދަލު ވުމުގައި އެމްޑީޕީގެ ފަރާތުން ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރާއި މަޖިލިސް މެންބަރު އަލީ ނިޔާޒާއި މެންބަރު މުހައްމަދު ރަޝީދު (ބިގޭ) އާއި އެހެން ވެސް ބައެއް އިސް އޮފިޝަލުން ބައިވެރި ވަޑައިގަތެވެ. 

އަދާލަތުން އިސް ބޭފުޅެއްގެ ގޮތުގައި ބައިވެރި ވަޑައިގަތީ ޕާޓީގެ ރައީސް އަދި އެމްޑީޕީގެ ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

މި ބައްދަލުވުމާ ބެހޭ ގޮތުން އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރު ވިދާޅުވީ އަދާލަތު ޕާޓީއަކީ އެމްޑީޕީއާއެކު 2015 ވަނަ އަހަރުން ފެށިގެން އެކުގައި މަސައްކަތް ކުރާ ޕާޓީއެއް ކަމަށައި އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ކުރިޔަށް ހުރި އެހެން އިންތިހާބުތަކާ ގުޅޭ ގޮތުން އަދާލަތާއެކު ކުރިޔަށް ދެވޭނެ ގޮތްތަކެއް ބަލަން މިއަދު މަޝްވަރާތަކެއް ކުރި ކަމަށެވެ. 

އޭނާ އަދި ވިދާޅުވީ އެފަދަ މަޝްވަރާތަކެއް ކުރިޔަށް ގެންދިޔަ ނަމަވެސް މީޑިއާއަށް ތިލަ ކުރެވޭ މިންވަރުގައި ތަފުސީލެއް ނެތް ކަމަށެވެ.

ފަސް ދާއިރާއަކަށް އަދާލަތު ވާދަ ކުރަން ބޭނުންވޭ

"މި" ނޫހަށް އެނގިފައިވާ ގޮތުގައި އެމްޑީޕީއާއެކު މި ބައްދަލުވުން މިއަދު ބޭއްވި އިރު އަދާލަތުން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޕާޓީ، ކޮންގްރެސްއާއެކު ކުރިޔަށް ދެވޭނެ ގޮތަކީ ކޮބައިތޯ ބަލަން އެ ޕާޓީއަށް ވެސް އަދާލަތުގެ ދޮރު ހުޅުވާފައެވެ. ނަމަވެސް ކޮންގްރެސް ޕާޓީގެ އެޑްމިނިސްޓްރޭޝަނުން އެކަން ސާފުވާ ގޮތެއް ނުވެ އެވެ.

މިއަދު އޮތް ބައްދަލުވުމާއި ކޮންގްރެސް ޕާޓީއަށް އަދާލަތުން ދައުވަތެއް ދޭ ކަމަށް އަޑު ފެތުރުނަސް އެކަމާ ބެހޭ ގޮތުން އަދާލަތުން އެއްވެސް އެއްޗެއް ނުބުނެ އެވެ.

މީގެ ކުރީ މިދިއަ އޮކްޓޫބަރު 12 ވަނަ ދުވަހު އަދާލަތުން ވަނީ މަޖިލިސް 20 ގައި ފަސް ދާއިރާ އަކަށް ވާދަ ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފަ އެވެ. އަންނަ އަހަރު މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަދާލަތު ޕާޓީން ފަސް ދާއިރާއަކަށް ވާދަ ކުރުމުގެ އެ މަޝްވަރާތައް ކުރީ އެ ޕާޓީގެ އިދާރީ މަޖިލީހުގެ ބައްދަލު ވުމެއްގަ އެވެ.

ކުރިއަށް އޮތް މަޖިލީސް އިންތިހާބުގައި 93 ދާއިރާއަކަށް މެންބަރުން އިންތިހާބު ކުރާނެ އެވެ. އެއީ މިހާރު ހިނގަމުންދާ މަޖިލީހުގައި ހިމެނޭ 87 ދާއިރާއަށްވުރެ ހަ ދާއިރާގެ އިތުރަށެވެ. އަދާލަތު ޕާޓީގެ އެންމެ މެންބަރުން ގިނަ އަދި އެންމެ ޝައުގުވެރިކަން އެ ޕާޓީގެ ބޮޑު ދާއިރާތަކަކީ މަކުނުދޫ ދާއިރާ އާއި ވައިކަރަދޫ ދާއިރާ އާއި އިނގިރައިދޫ ދާއިރާ އެވެ.

އާދަލަތު އެންމެ ޝައުގުވެރިވާ ތިން ދާއިރާ

  •  މަކުނުދޫ ދާއިރާ
  •  ވައިކަރަދޫ ދާއިރާ
  •  އިނގިރައިދޫ ދާއިރާ

އަށާރަ އަހަރުވެފައިވާ އަދާލަތު ޕާޓީ ފާހަގަ ކުރެވިފައި ވަނީ އިންތިހާބު ތަކުގައި ވާދަ ކުރުން މަދު ޕާޓީއެއްގެ ގޮތުގައެވެ. އަދާލަތު އުފެދުނީއްސުރެ މިހާތަނަށް އެ ޕާޓީއަށް ކާމިޔާބު ކުރެވުނީ މަޖިލީސް އިންތިހާބުގެ އެންމެ ގޮނޑި އެކެވެ. އެއީ މަކުނުދޫ ދާއިރާގެ މަޖިލީސް ގޮނޑި އެވެ. ކުރީން 2014 ވަނަ އަހަރު އެ ގޮނޑި ކާމިޔާބު ކުރެވުނީ ދީނީ އިލްމުވެރިޔާ ޑރ. އަނާރާ ނައީމް ވާދަ ކުރެއްވުމުންނެެވެ. އަނާރަކީ މިހާރު އަދާލަތުގެ މެންބަރެއް ނޫނެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ހޯދައި ދިނުމަށް އެމްޑީޕީއާއެކު އެ ޕާޓީން ކޯލިޝަން ހަދާ މަސައްކަތް ކުރި އެވެ. ނަމަވެސް ރައީސް ސޯލިހަށް އިންތިހާބު ކާމިޔާބު ކުރެވޭ ގޮތެއް ނުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.