ކުންފުނީގެ އާ ގާނޫނު - އެކަކަށްވެސް މިހާރު ކުންފުނި ހެދޭނެ

ކުންފުނީގެ އާ ގާނޫނުގެ ބިލުގައިވާ ގޮތުން ކުރިން ނެގި އަހަރީ ފީ މިހާރު ނުނަގާނެ އެވެ. މީގެ ބަދަލުގައި ނަގާނީ ރަޖިސްޓްރީ ކުރަން ނަގާ ފީއެއްގެ އިތުރުން ހޯދާ ހިދުމަތްތަކަށް ދައްކަން ޖެހޭ ފީއެކެވެ.

ރާއްޖޭގެ ރަޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް

ކުންފުނީގެ އަހަރީ ފީ އުވިގެން ދާނެ

ކުރިން ރާއްޖޭގައި ވިޔަފާރި ކުންފުންޏެއް ރަޖިސްޓްރީ ކުރެވޭނީ ދެ ހިއްސާދާރުން ތިބެގެނެވެ. ނަމަވެސް މަޖިލީހުން މިހާރު ފާސްކޮށްފައިވާ ކުންފުންޏާ ބެހޭ އާ ގާނޫނުގެ ބިލްގައިވާ ގޮތުން މިހާރު އެކަކަށް ވެސް ކުންފުންޏެއް ރަޖިސްޓްރީ ކޮށްލެވޭނެ އެވެ.

މަޖިލީހުން އިއްޔެ ފާސްކުރި ކުންފުންޏާ ބެހޭ ގާނޫނުގެ ބިލް ގާނޫނަކަށް ވާނީ ރައީސުލް ޖުމްހޫރިއްޔާ ތަސްދީގު ކުރައްވައި ގެޒެޓުގައި ޝާއިއު ކުރުމުންނެވެ. އާ ގާނޫގައި ޕްރައިވެޓް ކުންފުންޏާއި ޕަބްލިކް ކުންފުނި އަދި ސަރުކާރުގެ ކުންފުންޏާއި ލޯކަލް އޮތޯރިޓީ ކުންފުނި އަދި ފޮރިން އިންވެސްޓްމަންޓް ކުންފުނި ރަޖިސްޓްރީ ކުރެވޭނެ ގޮތް ތަފުސީލް ކޮށްދީފައި ވެ އެވެ. މީގެ އިތުރުން ޕަބްލިކް ކުންފުންޏެއް ޕްރައިވެޓް ކުންފުންޏަކަށް ބަދަލު ކުރެވޭނެ ގޮތް އަދި ސަރުކާރު ކުންފުންޏެއް ޕްރައިވެޓް ކުންފުންޏަކަށް ބަދަލު ކުރެވޭނެ ގޮތްވެސް ބުނެދީފައި ވެއެވެ. 

މި ގާނޫނުގައިވާ ގޮތުން މިހާރު އެންމެ ހިއްސާދާރެއް ހުރެގެން ވެސް ކުންފުންޏެއް އުފެއްދޭނެ އެވެ. އަދި ޕްރައިވެޓް ކުންފުންޏެއްގައިނަމަ އެންމެ ގިނަވެގެން ތިބެވޭނީ 100 ހިއްސާދާރުންނަށެވެ. އެންމެ މެންބަރަކު ހިމެނޭ ކުންފުނި ނޫން އެހެން ކުންފުނިތަކުން އަހަރަކު އެއްފަހަރު އަހަރީ އާއްމު ޖަލްސާއެއް ބާއްވަން ޖެހެ އެވެ. 

ކުންފުނީގެ ގާނޫނުގައިވާ ގޮތުން ބޭރު ކުންފުންޏެއް ރާއްޖޭގައި ހަރަކާތްތެރި ވެވޭނީ ފޮރިން އިންވެސްޓްމަންޓް ގާނޫނުގައިވާ ގޮތުގެ މަތިންނެވެ. އަދި މިފަދަ ކުންފުންޏެއްގެ އެޖެންޓެއްގެ ގޮތުގައި ކޮންމެހެން ދިވެއްސަކު ހުންނާކަށް ނުޖެހެ އެވެ. ހަމައެކަނި އެމީހަކީ އާއްމުކޮށް ރާއްޖޭގައި ވަޒަންވެރިވެ ދިރިއުޅޭ މީހަކަށްވުމުން ފުދެ އެވެ. މީގެ އިތުރުން އާގާނޫނުގައި ޒަމާނަށް ފެއްތުމުގެ ގޮތުން ބައެއް ކަންކަންވެސް ހިމަނާފައިވެ އެވެ. އެގޮތުން އިލެކްޓޯނިކް ޒަރިއްޔާއިން ޖަލްސާ ބޭއްވޭނެ ގޮތްވެސް ސާފު ކޮށްދީފައިވެ އެވެ. އަދި ކޮންމެ ކުންފުންޏަކުން ވެސް މަދުވެގެން އަހަރު ހަތަރު ފަހަރަކު ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާއެއް ބާއްވަން ޖެހެ އެވެ. ސެކްރެޓަރީއެއް ހުންނަން ޖެހެނީ ޕްރައިވެޓް ކުންފުންޏެއް ނޫން ކޮންމެ ކުންފުންޏެއްގަ އެވެ. 

މި ގާނޫނުގައި ކޮމްޕެނީ ސެކްރެޓަރީ އަށް ބޮޑެތި ބާރުތަކެއް ދީފައިވެ އެވެ. މިގޮތުން ކުންފުނި ހިނގަނީ ގާނޫނާ އެއްގޮތަށް ތޯ ބަލަން ޖެހެނީ ސެކްޓަރީ އެވެ. 

އަހަރީ ފީ އުވި، ނަގާނީ ސާވީސް ފީތަކެއް

ކުންފުނީގެ އާ ގާނޫނާއެކު ކޮންމެ އަހަރަކު ދައްކަން ޖެހޭ 2،500ރ. ގެ އަހަރީ ފީ އުވިގެންދާނެ އެވެ. ދެން ދައްކަން ޖެހޭނީ ކުންފުނި ރަޖިސްޓްރީ ކުރާއިރު ދައްކަން ޖެހޭ ފީއެއް އެކަންޏެވެ. އޭގެ ބަދަލުގައި ދައްކަން ޖެހޭނީ ބައެއް ހިދުމަތްތަށް ބަދަލު ކުރާނަމަ ދައްކަން ޖެހޭ ފީތަކެކެވެ. 

މިހާރު ދައްކަން ޖެހޭ ފީތައް

  • 1.ޕްރައިވެޓް ކުންފުނި - 2،000ރ.
  • 2.ޕަބްލިކް ކުންފުނި - 2،000ރ.
  • 3.ލޯކަލް ކުންފުނި - 1،000ރ.
  • 4.އަސާސީ / ހިންގާ ގަވައިދު ބަދަލު ކުރާނަމަ ރަޖިސްޓްރީ ކުރަން - 100ރ.
  • 5.ރަޖިސްޓްރީ އެޑްރެސް ބަދަލު ކުރާނަމަ - 100ރ.
  • 6.ސާވިސް އެޑްރެސް ބަދަލުކުރުން - 100ރ.
  • 7.އަސާސީ / ހިންގާ ގަވައިދުގެ ކޮޕީއެއް ޑިރެކްޓަރުން އެދިގެން ދިނުމަށް - 100ރ.
  • 8.ރައުސުލްމާލް ބަދަލު ކުރުމުގެ ފީ - 100ރ.
  • 9.ކުންފުނި މެންބަރުން / ހިއްސާ ބަދަލު ކުރުން - 100ރ.
  • 10.ޑިރެކްޓަރުން / އެމްޑީ ބަދަލު ކުރުން - 100ރ.
  • 11.ނަން ރިޒާވް ކުރުން / ރިޒާވް ކުރެވޭ މުއްދަތު އިތުރު ކުރުން (ހަތް ދުވަސް) ފީ 100ރ.
  • 12.ދަފުތަރުގައި ހިމެނޭ މައުލޫމާތު ބަލަން - 100ރ.

ކުންފުނި އުވާލުން ފަސޭހަ ކޮށްދޭނެ

އާ ގާނޫނުގައި ކުންފުނި ފަސޭހައިން އުވާލެވޭނެ ގޮތް ހަމަޖައްސާފައިވެ އެވެ. އަމިއްލައަށް އުވާލާނަމަ ޑިރެކްޓަރުންގެ ބޯޑުން އެކަން ފާސްކޮށް އާއްމު ޖަލްސާއިން ފާސް ކުރަން ޖެހެ އެވެ. އަދި ކުންފުނި އުވާލަން ލިކުއިޑޭޓަރެއް އައްޔަން ކުރަން ޖެހެ އެވެ. އެ މަސައްކަތް ފަށާތާ ހަފުތާއެއްގެ ތެރޭގައި ރަޖިސްޓްރާ އޮފް ކޮމްޕެނީސްއަށް އެކަން އަންގަން ޖެހެ އެވެ. ގާނޫނުގައި އުވާލާ ކުންފުންޏެއްގެ ދަރަނިތަށް އަދާކުރަން ޖެހޭ ތަރުތީބުވެސް ބުނެދީފައިވެ އެވެ. 

ރަޖިސްޓްރާ އޮފް ކޮމްޕެނީސް ކުންފުންޏެއް އުވާލަން ނިންމާނީ ހަރަކާތްތެރި ނުވާ ކުންފުނިތަކުގެ ރަޖިސްޓްރީގައި އެ ކުންފުންޏެއްގެ ނަން އޮންނަތާ ދެ އަހަރުވުމުންނެވެ. 

ކޮމްޕެނީ ރަޖިސްޓްރާ އަށް ގިނަ ބާރު ތަކެއް

ކުންފުންޏާ ބެހޭ އާ ގާނޫނުގައި ރަޖިސްޓްރާ އޮފް ކޮމްޕެނީސްގައި ހުންނަން ޖެހޭ ޝަރުތުތަށް ބުނެދީފައިވެ އެވެ. ގިނަ ބާރުތަކެއް ދީފައިވާއިރު ރަޖިސްޓްރާގެ ނައިބެއް ވެސް އައްޔަން ކުރެވިދާނެ ކަމަށް ބުނެފައިވެ އެވެ. އަދި ރަޖިސްޓްރާއަށް ހާއްސަ ސިއްކައެއްވެސް އޮންނާނެ އެވެ. ގާނޫނުގެ އެއްވެސް މާއްދާއަކާ ހިލާފުވެއްޖެކަމަށް ހެކީގެ މައްޗަށް ބިނާކޮށް އެނގިއްޖެނަމަ އެތަނެއް ބަލައި ފާސްކުރުމުގެ ބާރު ރަޖިސްޓްރާ ކަނޑައަޅާ ފަރާތަކަށް ދިނުމުގެ ބާރުވެސް މި ގާނޫނުން ދީފައިވެ އެވެ. 

ގާނޫނުގެ ދަށުން ރެޖިސްޓްރާގެ ގާނޫނީ ޒިންމާ އަދާކުރުމުގެ ގޮތުން އާއްމު އިއުލާނުތަކާއި އާއްމު ނޯޓިސްތަށް ޝާއިއުކުރުމަށްޓަކައި ރަޖިސްޓްރާ ގެޒެޓްގެ ނަމުގައި ވަކިން އޮންލައިން ވެބްސައިޓެއް ނުވަތަ ޕޯޓަލްއެއް ހުންނަން ލާޒިމްކުރެ އެވެ. 

ކުންފުނީގެ އާ ގާނޫނާއެކު ކުރީގެ ގާނޫނު އުވިގެންދާނެ އެވެ. މި ގާނޫނުގެ ދަށުން އެއްވެސް އާ އިލްތިޒާމެއް ފުރިހަމަ ކުރަން ޖެހޭނަމަ ގާނޫނަށް އަމަލު ކުރަން ފަށާތާ އެއް އަހަރުތެރޭގައި ފުރިހަމަކޮށް ނިންމަން ޖެހެ އެވެ. 

ރާއްޖޭގައި ކުންފުނި - މިހާތަނަށް ރާއްޖޭގައި އަމަލު ކުރަމުން ދިޔަ ކުންފުނީގެ ގާނޫނު އޮތް ގޮތުން ކުންފުންޏެއް އުވާލަން ދަތިވެ އެވެ. އެހެންވެ މައްސަލަ ޖެހުނުނަމަވެސް އުވާނުލެވި އޮތް ކުންފުނީގެ ލިސްޓު ދިގެވެ. ކުންފުނި ރަޖިސްޓްރީ ދައްކާ ގޮތުން ރާއްޖޭގައި 14،000 އަށްވުރެ ގިނަ އަމިއްލަ ކުންފުނި އެބައޮތެވެ. މީގެތެން ބޮޑު ބަޔަކީ ޕޭޕަރު ކުންފުނިތަކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.