"ވޯރްސްޓް ކޭސްގަ ކީއްކުރާނީ؟" ސަމާ އަހައިލީ ވަރަށް މަޑުންނެވެ. "މާއިޒް މަރާލާނީ.." ރިޝްފާ އެހެން ބުނުމާ އެކުގައި ސަމާގެ ދެލޯ ބޮޑުވިއެވެ.
– އެޕިސޯޑް 41 -
ރިޝްފާގެ ޖުމުލައިން ހަޤީޤަތުގައި ވެސް ސަމާ ހާސްވިއެވެ. އެވަރުގެ ނުބައި "އިނބިލީހަކަށް" ސަމާއަކަށް ވެސް ނުވެވޭނެއެވެ. މީހެއްގެ ފުރާނައާ އެފަދަ ގޮތަކަށް ކުޅުން އެއީ ސަމާ އެއްވެސް އިރެއްގައި ވިސްނި ކަމެއް ނޫނެވެ. އަނގަ ހުޅުވި ބުނާނެ އެއްޗެއް ނޭނގޭ ޙާލުގައި ސަމާއަށް ހުރެވުނީ ރިޝްފާއަށް ބަލާށެވެ. ރިޝްފާއަކީ އާދައިގެ މީހެއް ނޫނޭ ސަމާގެ ހިތާ ހިތާ ކިޔަމުން ދެއެވެ.
"ހެހެ! ބިރުގަތީ ތަ؟ ބިރުން މިކަން ނުވާނެ ސަމާ.. އަހަރުން ޖެހޭނެ ނިކަން ގަޓް ވާން.. އަހުރުންގެ ސަލާމަތަށްޓަކާ މީހަކު މަރާލަން ޖެހޭ ޙާލަތުގައި އެކަން ވެސް ޖެހޭނީ ކުރަން. އެކަން ނުކޮށްފިއްޔާ ފެންނާނީ އަހަރުން މަރާލާފަ އޮއްވާ.." ރިޝްފާ ހިފައިލީ ސަމާގެ އަތުގައެެވެ.
"ސަމާ ހާސް ނުވޭ! އަހަރެން އަބަދުވެސް ސަމާއަށް ބަލާނަން.. ސަމާއަށް ދެރައެއް ނުލިބޭނެ.. އައި ވިލް އޯލްވޭސް ޕްރޮޓެކްޓް ޔޫ. ޑޯންޓް ވޮރީ އިނގޭ!" ސަމާ އިނީ ޖެހިލުންވެފައިކަން އެނގުމާ އެކުގައި ރިޝްފާ އަވަސްވެ ގަތީ ސަމާއަށް ހިތްވަރުދީ، ރިޝްފާ ސަމާއަށް ބަލާވަރު އޭނާއަށް އިޙްސާސް ކޮށްދޭށެވެ. ސަމާ ލުއިކޮށް ހީނލަމުން ރިޝްފާއަށް ބަލައިލިއެވެ. "ތޭންކްސް"އޭ ބުނަ ފަދަ ބީދައަކުންނެވެ.
***
ދުވަސްތައް ފައްވަމުން ދިޔައެވެ. ދުވަހަކަށް ފަހު ދުވަހެކެވެ. ނިއުޝާ އާއި ހައިކަލްގެ ގުޅުން ދިޔައީ އެއްދުވަހުން އަނެއް ދުވަހަކަށް ވަރުގަދަ ވަމުންނެވެ. އެރެޔަށްފަހު އެދެމީހުންގެ މެދުގައި އެފަދަ އެއްވެސް ގުޅުމެއް ނޯއްވެއެވެ. ނަމަވެސް އެރަޔަށްފަހުގައި ވެސް ނިއުޝާ ވަރަށް ބޮޑަށް ހައިކަލްއާ ގާތްވާން މަސައްކަތް ކުރިއެވެ. ނަމަވެސް ޕްރެގް އިރު އެކަން ކުރަން އަސްލު ބިރުގަންނަ ކަމަށް ހައިކަލް ބުނެ މުޅި އެތި އޮޅުވާލިއެވެ. ނިއުޝާ ދެކެ ވާ ލޯބިން ނިއުޝާ އާއި ދަރިފުޅަށް ލިބިދާނެ ގެއްލުމަކަށް ވިސްނާފައި ދެން އެކަން ނުކުރާ ގޮތަށް ހައިކަލް ނިންމުމުން އެކަމާ ނިއުޝާ އެއްބަސް ވިއެވެ. ނިއުޝާ އެންމެ އުފާވީ ހައިކަލް އެހާ ބޮޑަށް ނިއުޝާ އާއި ދަރިފުޅާ މެދުގައި ވިސްނާތީއެވެ. އެ އިޙްސާސް ނިއުޝާއަށް ކުރެވޭތީއެވެ.
ނިއުޝާގެ ބަނޑަށް 8 މަހުގައި، އޭނާ ނިންމީ ފަޔާޒްގެ ގާތުން ވަރިވާށެވެ. ވިހާ އިރު، ނިއުޝާ އެއްވެސް ޙާލެއްގައި ފަޔާޒްއާ އެއްވެސް ގުޅުމެއް އޮންނަ މީހަކަށް ވާކަށް ބޭނުމެއް ނުވެއެވެ. ކޯޓުން ފަޔާޒަށް ޗިޓް ފޮނުވި ފަހުން ފަޔާޒަށް ރަނގަޅަށް ނުވެސް ނިދެއެވެ. ފަޔާޒްއާ ދިމާކޮށް ނިއުޝާ ފަޔާޒްއާ ދޭތެރޭ ކަންތައް ކުރި ގޮތުން އަރައި ނުގަނެވި އުޅެނިކޮށް ފަޔާޒަށް މިޖެހުނީ ނިއުޝާ ދޫކޮށްލާށެވެ.
މާދަމާ އަކީ ފަޔާޒްގެ ޙަޔާތުގައި ބޮޑު ދުވަހެކެވެ. ނިއުޝާ އާއި ފަޔާޒްގެ ވަރި މައްސަލާގެ ޝަރީޢަތް އޮތީ އޮންލައިންކޮށެވެ. ނިއުޝާ އެކަމާ އުފަލުން ތެޅި ފޮޅެނީއެވެ. ނިއުޝާގެ އެ އުފާވެރިކަން އެންމެ ގާތުން އޭނާ ހިއްސާ ކުރީ ހައިކަލްއާ އެވެ. ނިއުޝާ އެހާ އުފާވަނީ ހައިކަލްގެ މީހަކަށް ވެވޭތީއެވެ. ފަޔާޒަށް ވުރެ އަދި މާއިޒަށް ވުރެ ވެސް ވަރުގަދަ ސަހުސިއްޔަތެއް ނިއުޝާ އަށް ލިބުމަކީ އޭނާއަށް ދުނިޔެ ރަންވި ފަދަ ކަމަށް ވަނީ ވެފައެވެ.
ފެށިގެން ދިޔަ އައު ދުވަހުގައި ނިއުޝާ އާއި ފަޔާޒްގެ ޝަރީއަތް ފަޔާޒަށް ހީކުރި ވަރަށް ވުރެ ފަސޭހަ ވިއެވެ. އެއީ ނާޝިދުގެ ބުރަ މަސައްކަތެވެ. އަދި ފަޔާޒްގެ ނަފުސާނީ ޑޮކްޓަރުގެ ހިތްވަރެވެ. ޖަލުގައި ހުރެ ފަޔާޒް މިހާރު ގެންދަނީ ނަފްސާނީ ޑޮކްޓަރެއްގެ އެހީތެރިކަން ވެސް ހޯދަމުންނެވެ. އެއީ ފަޔާޒް ނަފްސާނީ ގޮތުން ބަލިކަށިވެފައި ވާތީއެވެ.
ޝަރީޢަތް ނިމިގެން ފަޔާޒްގެ ފަރާތުން ފެނުނީ ހިމޭންކަމެކެވެ. ނާޝިދު އެތައް ވާހަކައެއް ދެއްކި އިރު ވެސް ފަޔާޒްގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. ޖަލުގައި ކޮންމެ ވަގުތެއްގައި ވެސް ފަޔާޒްއާ ދިމާކުރުން އެއީ ނާޝިދަށް ވަރަށް ފަސޭހަ ކަމެކެވެ. އެތަނުގައި އޭނާއަށް އެކަން ކޮށްދޭނެ މީހުން ތިބުމާ އެކުގައެވެ. ޝަރީއަތް ކުރިއަށް ދިޔައިރު ވެސް ފަޔާޒްގެ އަރިހުގައި ނާޝިދު ހުއްޓެވެ.
ފަޔާޒް ޤާޒީގެ ހާޟިރުގައި ނިއުޝާ ވަރިކުރީ އެއްވެސް ވަރަކަށް މަޑު ޖެހުމެއް ނުވަތަ، އުނދަގޫތަކެއް ހުރި ފަދަ ގޮތަކަށް ނޫނެވެ. ވަރަށް ހަމަޖެހޭކަން ދައްކައިގެން ހުރެއެވެ. ކެމެރާއަށް ނާރޭނެހެން ނަމަވެސް މަންޒަރު ސަފުކޮށްފެންނަ ހިސާބެއްގައި ނާޝިދު ހުރި އިރު އޭނާއަށް އަޅައިގަތީ ފަޔާޒް ވަރިކޮށްލުމުން ނިއުޝާ ލުއިކޮށް ހީނލި މަންޒަރެވެ. އަދި ލޮލުގެ ހިމަކޮޅުން މީހަކަށް ބަލާލި ތަނެވެ. އެއީ ހައިކަލްއާ ދިމާލަށް ބަލާލީކަން ނާޝިދަށް އެނގުނެވެ.
ނާޝިދު އެތައް ނަސޭހަތެއް ފަޔާޒަށް ދެމުން ގެންދިޔައެވެ. ހުރިހާ ކަމެއް ވާނީވެސް ރަނގަޅަށް ކަމުގައި ބުނެ ހިތްވަރު ދިނެވެ. ނާޝިދުގެ ހިތްހަމަ ޖެހުމަކީ ފަޔާޒް އެއްޗެއް ނުބުނެ ހުއްޓަސް އޭނާގެ ފަރާތުން ހިތްވަރު ފެންނާތީއެވެ. ދެރަވާނެ ކަން ޔަޤީންނެވެ. ނަމަވެސް ފަޔާޒްގެ ހިތްވަރާއި ކެތްތެރިކަމަށް ނާޝިދުގެ ގެންދިޔައީ ތައުރީފް ކުރަމުންނެވެ. ފަޔާޒް ސަލާމަތް ވާނެ ހުރިހާ ކޮޅެއް ބަލަމުން، އެ މައްސަލަ އަދިވެސް ނާޝިދު ދޫކޮށް ނުލައެވެ. ހަށީގައި ފުރާނަ ހުރިހާ ހިނދަކު މިކަމުގެ އެންމެ އަޑިއަށް ދިޔުން އެއީ ނާޝިދުގެ އެންމެ ބޮޑު އަމާޒެވެ. އެންމެ ދެކެން ބޭނުންވާ ދުވަހެވެ. އެކަން ނާޝިދު ހާސިލު ނުކޮށް ދިރިއުޅުމުގެ އެއްވެސް އިތުރު ކަމަށްކަށް ފޯކަސް ކުރަން ވެސް ނާޝިދުގެ ހިތް ނޭދެއެވެ. (ނުނިމޭ)