ރައީސްގެ ވައުދާ ހިލާފަށް ފެނަކަ މުވައްޒަފުން ކަނޑާތީ ކުއްލި މައްސަލައެއް

"އެތިބެ އާދައިގެ މުވައްޒަފުންތައް ވަޒީފާއިން ވަކިނުކޮށް، އެ މުވައްޒަފުން ބޭނުންކޮށްގެން އެ ޕްރޮޖެކްޓްތައް ރަގަޅަށް ފުރިހަމަ ކުރުމަށް [ގޮވާލަން]. މިހާރު މި ސަރުކާރު މިއޮންނަނީ ނިދާފަ. އެއްވެސް ތަނަކު އެއްވެސް މަސައްކަތެއް ނުހިނގާ،"

ވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ދީދީ --

ސިޔާސީ ނޫން ވަޒީފާތަކުގައި ތިއްބެވި މުވައްޒަފުން ވަކި ނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާ ހިލާފަށް ފެނަކައިން މުވައްޒަފުން ވަކިކުރަމުން ދާތީ މަޖިލީހަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ދީދީ އެވެ. އެ މައްސަލަ ބަލައިގަނެ މިހާރު ދަނީ ބަހުސް ކުރަމުންނެވެ.

މައްސަލަ ހުށަހަޅުއްވަމުން ހުސެއިން ވިދާޅުވީ ފެނަކައަކީ މުޅި ރާއްޖެއަށް މުޅި ރާއްޖެއަށް ފެނާ ކަރަންޓު ފޯރުކޮށްދޭ ކުންފުނި ކަމަށްވެފައި، އެތަނުގައި މަސައްކަތް ކުރަމުންދާ ހީވާގި މުވައްޒަފުން ބޭއިންސާފުން، ބަދަލުހިފުމުގެ ރޫހެއްގައި ވަޒީފާއިން ވަކިކުރަމުން ގެންދާތީ އެފަރާތްތަކުން އެމްޑީޕީގެ ޕާލިމަންޓް ގްރޫޕުގައި އެކަން ހުއްޓުވައި ދިނުމަށް އެދިފައިވާ ކަމަށެވެ. 

އެހެންކަމުން މި މައްސަލަ ހުށަހެޅީ މިހާރުން މިހާރަށް އެކަން ހުއްޓުވުމަށް ގޮވާލައި، އެކަން ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް ކަމަށް ހުސެއިން ވިދާޅުވި އެވެ.

"އެބޭފުޅުން ކުރައްވަން މިއުޅޭ މަސައްކަތަކީ، ކުރިއަށް އޮތް މަޖިލީސް އިންތިހާބުގައި، އެބޭފުޅުންގެ މީހުން ވަޒީފާއަށް ލުމަށްޓަކާ، އެމްޑީޕީއަށް އެބޭފުޅުންނަށް ނިސްބަތްވާ ކަމަށް ހީވާ މީހެއް ވިޔަސް ވަކިކުރަމުން މި ގެންދަނީ. މީ ވަރަށް ދެރަ ކަމެއް. ކޮންމެ ފަހަރަކު ސަރުކާރެއް ބަދަލުވެގެން ދާއިރު ތަންތަނުގަ ތިބޭ މުވައްޒަފުންނަށް މިގޮތަށް އަނިޔާ ކުރާކަށް ނުވާނެ،" މި މައްސަލައަށް ބަހުސް ކުރައްވަމުން ހުސެއިން ވިދާޅުވި އެވެ.

ހުސެއިން ވިދާޅުވީ، ހަރަދު ކުޑަ ކުރަން ނުވަތަ ކުންފުންޏަށް ފައިސާ ހުރި ކަމަކަށްވުރެ ބޮޑަށް އެކަން ކުރަމުން އެދަނީ ސިޔާސީ މަސައްކަތެއްގެ ގޮތުގައި ކަމަށެވެ. 

"އެތިބެ އާދައިގެ މުވައްޒަފުންތައް ވަޒީފާއިން ވަކިނުކޮށް، އެ މުވައްޒަފުން ބޭނުންކޮށްގެން އެ ޕްރޮޖެކްޓްތައް ރަގަޅަށް ފުރިހަމަ ކުރުމަށް [ގޮވާލަން]. މިހާރު މި ސަރުކާރު މިއޮންނަނީ ނިދާފަ. އެއްވެސް ތަނަކު އެއްވެސް މަސައްކަތެއް ނުހިނގާ،" ހުސެއިން ވިދާޅުވި އެވެ.

ހުސެއިން ހުށަހެޅުއްވި ކުއްލި މައްސަލައިގެ ވަގުތު ހަމަވުމުން މެމްބަރުން ވަނީ ވަގުތު އިތުރު ކުރަން ވެސް ވޯޓު ދެއްވާފަ އެވެ.

އާންމު ރައްޔިތުންނަށް ދީފައި ހުރި ވަޒީފާތައް ސިޔާސީ ބޭނުމެއްގައި ނަމަވެސް އަތުނުލައްވާނެ ކަމަށް ރައީސް ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭނު ތެރޭގައި ވައުދުވެވަޑައިގެންފަ އެވެ. ނަމަވެސް، އެންމެ ގިނަ ސިޔާސީ މުވައްޒަފުން ތިބީ ފެނަކައިގައި ކަމަށް މި ސަރުކާރުން ކުރިން ހާމަކޮށްފައިވެ އެވެ.

ކޮމެންޓް

9
450
ޖަމީލު
1 year ago

ކޮންޓްރެކްޓް ހަމަވީމާ ނިމުނީ. އާ ކުރާ ވާހަކައެއް މުއިޒު ނުދައްކާ. އެނޫނަސް ކުރާނެ މަސައްކަތެއް ނެތިއްޔާ ބަހައްޓާގެން ނުވާނެ. މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރަނީނަމަ ބަހައްޓައިގެން ނުވާނެ. ރައްޔިތުންގެ ފައިސާ އިނގޭތޯ. ފެނަކައެއް ބެނަކައެއް ކިޔާނެކަމެއްނެއް.

ލާވާ ކޭކް
1 year ago

ބުނެފައި އޮތީ ވަގުތީކޮށް ކޮންޓްރެކްޓް ވަޒީފާގައި ތިބި މީހުންގެ ކޮންޓްރެކްޓް އާ ނުކުރާ ކަމަށެވެ. އަސްލުގައި އެއްވެސް ކަމެއް ނެތި މުސާރަ ހިނގާ ގޮތަށް މީހުން ބޭތިއްބުމުގެ މާނައެއް ނެތެވެ. އަދި އެހެންްމެ އިޢުލާނު ނުކޮށް މަޤާމު ދީފައިވާ މީހުންވަކި ކުރަން ޖެހެއެވެ.

ހަސަން ރިޔާޒް
1 year ago

ސިޔާސީގޮތުން އައިސް ތިބި މީހުން ކެނޑިގެންދާނެ ކަމަށް ރައީސް ޑރ މުއިއްޒު އޭރު ވެސް ވިދާޅުވަމުން ދިޔައީ... - ތަނަކަށް ބޮލެއް ލާފަ އޭނަޔަށް ހިތުހުރި މަގާމެއް ހަމައެއް ނުޖެއސޭނެ. - އިޢުލާން ކުރީމަ އެޕްލައި ކޮށްގެން އޭނާގެ ގާބިލްކަން ދެއްކީމަ މަގާމު ހަމަޖެހޭނެ. - ސިޔާސީ ކަންތައްތައް ހިނގާނީ ސިޔާސީގޮތުން ތިމާ ބޭނުންވާ ގޮތަަކަށް ނޫން. - ހަށި ވިއްކައިގެން މަގާމު ދިފާއުކުރަން ފުރުސަތު ދެވިގެން ނުވާނެ - އޭރުހުރި ގަޓު ކަން މިހާރުވެސް ހުންނަން އެބަޖެހޭ.

މަޖްމަލިންޓޭ، ސައިޕްރަސްވިލާ
1 year ago

ރައްޔިތުންގެ ފައިސާ އިސްރާފްކޮށް އުފެއްދުންތެރިކަމެއް ނެތް ބަޔަކު ކީއްކުރަން ވަޒީފާއެއް ދީގެން ގެންގުޅެންވީ. ފައިސާ ނުދީ ތިބި ކޮންޓްރެކްޓަރުންނަށް ފައިސާ ދިނުން މާ ރަނގަޅުވާނެ

ޕީއެންއެފް
1 year ago

ހުސޭނު ހުރީ ޕީޖީ ގުރޫޕު ޑެޕިއުޓީ ލީޑަރަކަށް ކުރިމަތިލައިގެން. ސުރުޚީ ހަދާލާ ކެންޕޭނު ސްޓަންޓެއް ޖައްސާލަނީ. އިޚްލާސްތެރިކަމެއް ނެތް

ޖުހާ
1 year ago

ކޮންމެސް އެއްޗެކޭކިޔައިގެން ގައުމު ހަލަބޮލި ކުރަން

ޒަލީލް
1 year ago

މަސްވެރިންނާ ދަނޑުވެރިންނަށްވެސް މިދިޔަ ސަރުކާރުން އޮތީ ފެނަކައިން ވަޒީފާ ދީފަ. އެއީ ދެން ހަމަޖެހޭ ކަމެއްނޫން. ވަޒީފާއިން މީހަކު ކަނޑާލީކީ ނޫން. ކޮންޓްރެކްޓް ހަމަވީމަ އަލުން ކޮންޓްރެކްޓް ނުދިނީ. ތިައުޅެނީ އަދިވެސް މި ގައުމަށް ދެވުނު ގެއްލުން ކުޑަވެގެންތަ؟

މުޖޭ
1 year ago

ބަލަ ކޮންމެހެން ޖެހޭތަ ކަމެއް ނެތިފަ ތިބި ބަޔަކު ވަޒީފާގަ ބައިތިއްބަން.

މަލީހު
1 year ago

އިންތިޚާބުތަކާ ދިމާކޮށް ވޯޓު ހޯދަން ފެނަކަޔަށް މީހުން ނަގާލި ނަގާލީނުން އިށީންނާނެ ގޮނޑި މޭޒު ނެތް މުވައްޒަފުން ފެނަކާގައި އެބަ ތިބި

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.