ފަސް ފުނި ފުރާނައިގެން އިތުރު ފައިސާ ފޮތިތަކެއް ފެނިދާނެ ކަމަށް ބަލައި ޖެހިގެން އައި ދުވަހު އެ މަސައްކަތަށް ދިޔައިރު ފަސްފުނި އެއްކޮށް ގެއްލިފައިވާ ކަމަށް މުވައްޒިފުން ބުނެ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު ސަލްޓަން ޕާކުން ފެނުނު ފައިސާ ފޮތިތައް ރައްކާތެރިކަމާ އެކު އެބަ ހުރި ކަމަށް ފަންނާއި ސަގާފަތާއި ތަރިކައިގެ ވުޒާރާ އިން ބުނެފި އެވެ.
އެ ވުޒާރާ އިން މިހެން ބުނެފައި ވަނީ ޕާކުން ފެނުނު ފައިސާ ފޮތިތަކުގެ އަދާއި ފައިސާގެ އުމުރާއި ޕާކު ކޮނުމުގެ ތެރެއިން ފެނުނު އެހެން ތަކެތީގެ މައުލޫމާތު ހިއްސާކޮށް ދިނުމަށް އެދި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ކުރެއްވި ސުވާލަކާއި ގުޅިގެން ލިޔުމުން ދިން ޖަވާބު ގައެވެ.
މިއީ މިދިޔަ އޮކްޓޫބަރު މަހުގެ 10 ވަަނަ ދުވަހު އޭރުގެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނާއި ކުރެއްވި ސުވާލެކެވެ. އެ ޖަވާބު މިނިސްޓްރީން ފޮނުވާފައި ވަނީ މިދިޔަ މަހުގެ ފުރަތަމަ ދުވަހު އެވެ.
މެންބަރު އިބްރާހިމް ރަޝީދުގެ ސުވާލާއި ގުޅިގެން ސަގާފަތާއި ތަރިކައިގެ ވުޒާރާ އިން ބުނީ ސަލްޓަންޕާކު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން ޕާކުގެ ލިލީމަގަށް ވާ ފަޅިން ރިހި ފައިސާ ފޮތިތަކަކާއި މުށި ސީނުތަށިތަކަކާއި ގުޅި އެއްގެ ބައިތަކެއް ފެނިގެން އެމްއެންޑީއެފުން ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެއީ ޖޫން 15، 2017 ގައެވެ.
މި މައުލޫމާތު ލިބުމުން ހެރިޓޭޖް ޑިޕާޓްމަންޓްގެ ޓީމެއް ސަލްޓަންޕާކަށް ގޮސް ބަލައި، ކޮނެފައިވާ ވަޅުގަނޑުން ނަގާފައިވާ ފަސް ފުނިން ފުރާނައިގެން އެ ދުވަހުގެ އިރުއޮއްސުމުގެ ނިޔަލަށް 96 ފައިސާ ފޮތި ހޯދިފައިވާ ކަމަށެވެ. އެ ފަސް ފުނި ފުރާނައިގެން އިތުރު ފައިސާ ފޮތިތަކެއް ފެނިދާނެ ކަމަށް ބަލައި ޖެހިގެން އައި ދުވަހު އެ މަސައްކަތަށް ދިޔައިރު ފަސްފުނި އެއްކޮށް ގެއްލިފައިވާ ކަމަށް އެ މަސައްކަތުގައި އުޅުނު މުވައްޒިފުންނާއި ހަވާލާދީ ބުނެފައިވެއެވެ.
މީގެ އިތުރުން ސަލްޓަންޕާކުގައި ކުރި މަސައްކަތުގެ ތެރެއިން 43 ފައިސާ ފޮއްޗެއް އޮކްޓޫބަރު 18، 2017 ގައި ފެނި އެ ތަކެތި ހަވާލުކޮށްފައިވާ ކަމަށް ރެކޯޑްތަކުން ދައްކާ ކަމަށް ވެސް ބުނެފައިވެއެވެ. އެހެން ކަމުން ޖުމްލަ 139 ފައިސާ ފޮތި އެބަ އޮތް ކަމަށް ބުނެފައިވެއެވެ. އަދި އެކި ސައިޒުގެ 713 ސީނު ތައްޓާއި ތެޅިފައިވާ ސީނުތަށިތަކުގެ ބައިތަކަކާއި ގުޅިއެއްގެ ބައިތަކަކާއި ލޮއި ތާހެއް ޖުލައި 19، 2017 ގައި ގައުމީ ދާރުލް އާސާރަށް ލިބިފައިވާ ކަމަށް ވެސް ލިޔުމުން ފޮނުވި ޖަވާބުގައި ވެއެވެ.
މި ތަކެތި ދާރުލްއާސާރަށް ލިބުމާއެކު އާސާރީ ތަކެތީގެ ރަޖިސްޓްރީ ގައި ހިމަނާ މިވަގުތު ބަހައްޓާފައި ވަނީ އާސާރީ ތަކެތި ބެހެއްޓުމަށް ހާއްސަ ސްޓޯ ރޫމް ގައި ކަމަށާ މި ހުރިހާ ތަކެތި ހުރީ ރައްކާތެރިކަން ކަށަވަރު ކުރެވިފައި ކަމަށް ވެސް ބުނެފައިވެއެވެ.
ތި ވާނީ އޭގައި އަދި ގިނަލާރި ފޮތި ހުރި ކަމަށް ބަލައި ކަޓުވާލީ ކަމަށް. ދެން ހަމަ ތާކު ހުންނަ ފަސް ފުންޏެއް މީހަކު ވަގަށް ނަގާތަ؟؟ ތިކަން ކޮށްފަ އޮންނާނީ އެކަން ވަރަށް ރަނގަޅަށް އެނގޭ މީހެއް