އެމްއެމްޕީއާރްސީއަށް އައްޔަން ކުރައްވާ ބޭފުޅަކީ ކޮން ބޭފުޅެއްތީ ބަލަން އެހެން ގިނަ ކުންފުނިތަކަށްވުރެ އާންމުންގެ ޝައުގުވެރިކަން ބޮޑެވެ.
ރާއްޖެ ޕްރޮމޯޓް ކުރަން އޮންނަ ސަރުކާރު ކުންފުނި، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެނޭޖިން ޑރެކްޓަރު ކަމަށް އާ ސަރުކާރުން އައްޔަން ކުރާ ކަމަށް އަޑުތައް ފެތުރިފައި އޮތީ ދެ ނަމެކެވެ.
"މި" ނޫހަށް އެނގިފައިވާ ގޮތުގައި އެ ދެ ނަން ވެސް މިހާރު ވަނީ ލިސްޓުން އުނި ކޮށްފަ އެވެ. އޭގެ ތެރެއިން އެއް ބޭފުޅަކީ އައިޝަތު ސުހައިލާ އެވެ. ދެން ނޮމިނޭޓް ކޮށްފައި އޮތް އަނެއް ނަމެއްގެ ގޮތުގައި އަޑުތައް ފެތުރުނީ އާމިނަތު ސޫޒަން އެވެ.
އެ މަގާމަށް މިހާރު އޮތީ އެހެން ނަމެކެވެ. އެއީ ކޮން ބޭފުޅެއް ކަން އަދި ސާފެއް ނުވެއެވެ.
ސުހައިލާއަކީ ޓޫރިޒަމް ދާއިރާގައި 14 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބި ވަޑައިގެފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ކޯކޯ ކަލެކްޝަންގެ ސޭލްސް ޑިރެކްޓަރުގެ މަގާމު އަދާ ކުރައްވާފަ އެވެ.
ޓޫރިޒަމް ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖެ އާއި ރާއްޖޭގެ ބްރޭންޑް ދުނިޔޭގައި ޕްރޮމޯޓް ކޮށްދޭ ކުންފުނީގެ ބޯޑަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރައްވާ ބޭފުޅަކީ ކޮން ބޭފުޅެއްތޯ ބަލަން އެހެން ގިނަ ކުންފުނިތަކަށްވުރެ އާންމުންގެ ޝައުގުވެރިކަން ބޮޑެވެ.
"އަޅުގަނޑު ދަންނަވާނަން، ވަރަށް އަވަހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެމްއެމްޕީއާރްސީއަށް އާ އެމްޑީއަކު ލައްވާނެ، އިނގޭތޯ،" ހަލީލް ވިދާޅުވި އެވެ.
އާ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެފައިވާ ގޮތުގައި އެމްއެމްޕީއާރްސީ ރީބްރޭންޑް ކުރަން ސަރުކާރުން ބޭނުން ވެއެވެ. އޭރު މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ހިނގައިގަންނާނީ އާ އެމްޑީން އައްޔަން ވުމުން ކަމަށެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެސް އެމްއެމްޕީއާރުސީ ރީބްރޭންޑް ކުރަން ވާހަކަ ދެއްކި އެވެ. ނަމަވެސް ފަހުން އެ މަސައްކަތް ހުއްޓާލީ އެވެ. ހިޔާނާތުގެ ސަބަބުން ދުނިޔޭގައި ނަން ހުތުރުވެފައިވާ އެ ކުންފުނީ ނަން ބޭނުން ކުރުމުގެ ބަދަލުގައި ކުރީ ސަރުކާރުން ރާއްޖެ އިސްތިހާރު ކުރަން ބޭނުން ކުރީ "ވިޒިޓް މޯލްޑިވްސް" ނަމެވެ.