"ޗެލެންޖުތައް ކުރިމަތިވަންޏާ އެ ޗެލެންޖުތަކާ އެކީވެސް އަޅުގަނޑުމެންނަށް ގައުމީ ވިސްނުމުގަ ކުރިއަށް ދެވޭނެ. އަޅުގަނޑަކަށް ނުފެނޭ އަޅުގަނޑުމެން ތެރޭގަ މާ ބޮޑެތި ކަންތައްތަކެއް ވެގެން ދާނެ ކަމަކަށް،" ރައީސް ވިދާޅުވި އެވެ.
ޕީޕީއެމް-ޕީއެންސީ އަދި ސަރުކާރު ދޫކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަޑައިގަތް ނަމަވެސް އެ ކޯލިޝަން ތެރޭގައި މާ ބޮޑެތި ކަންތައްތަކެއް ހިނގާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ރައީސް މުއިއްޒު އިންތިހާބުވި ހިސާބުން ފެށިގެން ރައީސް ޔާމީނާ އޮތް ގުޅުން އޮތީ ވަރަށް ކުޑަވެފަ އެވެ. ރައީސް ޔާމީން ކުރައްވާ މެސެޖުތަކަށް ރައީސް މުއިއްޒު ޖަވާބު ނުދެއްވާ ކަމަށާ ބައްދަލު ކުރައްވަން ވެސް ވަޑައިނުގަންވާ ކަމަށް ރައީސް ޔާމީންގެ އަރިސް ބޭފުޅުން ދަނީ ވިދާޅުވަމުންނެވެ.
ދެ ރައީސުންގެ މެދުގައި އޮތް ނުތަނަވަސް ކަމާއެކު ޕީޕީއެމް ދޫކުރައްވާ ވަޑައިގެން ޔާމީން ގެންދަވަނީ އާ ސިޔާސީ ޕާޓީއެއް ހެއްދެވުމުގެ މަސައްކަތް ފައްޓަވާފަ އެވެ. ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންފް) ގެ ނަމުގައި ޕާޓީ އުފައްދަން އިލެކްޝަން ކޮމިޝަނުން އޮތީ ހުއްދަ ވެސް ދީފަ އެވެ.
ތުރުކީ އަދި ދުބާއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ ގައުމުގެ ކުރިއެރުމަށް މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނާ އެކީ އެމަނިކުފާނު މަސައްކަތް ކުރައްވާނެ ކަމަށެވެ. އެހެން ވިދާޅުވީ ރައީސް ޔާމީނާ ގުޅުގައި ނޫސްވެރިއަކު ސުވާލު ކުރުމުންނެވެ.
"އަޅުގަނޑު މިހިރީ އަޅުގަނޑުމެންނާ އެކީ ގައުމީ ލެވެލްގަ ކުރިއަށް ދާން ބޭނުންވާ ހުރިހާ ބޭފުޅުންނާއެކީ ކުރިއަށް ދާން. އަޅުގަނޑު ހުވާކޮށްފަ ދެއްކި ވާހަކައިގަ ދެންނެވިން ގައުމު އިސްކުރައްވާށޭ ހުރިހާ ބޭފުޅުން، އެކުވެރިވާށޭ، ބައިބައި ނުވާށޭ،" ރައީސް ވިދާޅުވި އެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ރައީސް ޔާމީން އުފައްދަވާ ޕީއެންއެފް އިން ހުރިހާ ދާއިރާއަކަށް ކުރިމަތިލާނެކަން އޮތީ އިއުލާނުކޮށްފަ އެވެ. ޕީޕީއެމް-ޕީއެންސީން ވެސް ހުރިހާ ދާއިރާއަކަށް ކުރިމަތިލައި، މަޖިލީހުގެ މެޖޯރިޓީ ނެގުމަށް ދަނީ ތައްޔާރުވަމުންނެވެ.
ޕީއެންއެފްއާ ގުޅުމަށް ޕީޕީއެމް-ޕީއެންސީގެ އާންމު މެމްބަރުން ދަނީ އެ ކޯލިޝަނުން ވަކިވަމުންނެވެ. އެކަމާ ގުޅިގެން ރައީސް ވިދާޅުވީ ކުރިމަތިވާ ޗެލެންޖުތައް ނުވަތަ ގޮންޖެހުންތަކާއެކު ގައުމީ ވިސްނުމުގައި ސަރުކާރަށް ވެސް އަދި ކޯލިޝަންގެ ލީޑާޝިޕަށް ވެސް ކުރިއަށް ދެވޭނެ ކަމަށެވެ.
"ޗެލެންޖުތައް ކުރިމަތިވަންޏާ އެ ޗެލެންޖުތަކާ އެކީވެސް އަޅުގަނޑުމެންނަށް ގައުމީ ވިސްނުމުގަ ކުރިއަށް ދެވޭނެ. އަޅުގަނޑަކަށް ނުފެނޭ އަޅުގަނޑުމެން ތެރޭގައި މާ ބޮޑެތި ކަންތައްތަކެއް ވެގެން ދާނެ ކަމަކަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ސަރުކާރާ ފެޔަށް ޖެހިވަޑައިގެންނެވި ހިސާބުން ޕީޕީއެމް-ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން ވަނީ ރައީސް އަދި ސަރުކާރާއި އެކު ތިއްބެވި ކަމަށް ހާމަކުރައްވާފަ އެވެ. ޔާމީންގެ އަރިހުގައި ތިއްބެވީ އެމަނިކުފާނުގެ އިސް ވަކީލް ޑރ. އަހުމަދު ޖަމީލާއި ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހާއި ބައެއް ސެނެޓް މެންބަރުންނެވެ.