އެތެރޭގެ އިންތިހާބުގެ ވަގުތީ ނަތީޖާ ރޭ އިއުލާނު ނުކުރުމުން ވެސް އާންމު މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނަތީޖާ އިއުލާނު ކުރުން ލަސްވާ ސަބަބު ވެސް ޕާޓީން ސާފުކޮށްދީފައެއް ނުވެ އެވެ.
އިއްޔެ ބޭއްވި ދަ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބުގެ ވަގުތީ ނަތީޖާ އަދިވެސް އިއުލާނު ނުކުރާތީ އާންމު މެމްބަރުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
ޑިމޮކްރެޓުންގެ ފުރަތަމަ އިންތިހާބުގައި ޕާޓީގެ ރައީސާއި ނައިބު ރައީސް ހިމެނޭހެން 23 މަގާމަކަށް ބޭފުޅުން އިންތިހާބު ކުރަން އިއްޔެ ވަނީ ވޯޓް ނަގާފަ އެވެ. މާލޭގެ އިތުރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްޔެ ހަވީރު 4:00 އާ ހަމަޔަށް ވަނީ ވޯޓްލުން ކުރިއަށް ގެންގޮސްފަ އެވެ.
އާންމު ގޮތެއްގައި އިންތިހާބުތަކުގެ ވަގުތީ ނަތީޖާ، ވޯޓްލާ ނިމޭތާ ދެ ގަޑިއިރެއްހާއިރު ތެރޭގައި އެނގިގެންދެ އެވެ. ނަމަވެސް ރޭ އެ ޕާޓީން އިއުލާނުކޮށްފައި ވަނީ ވަގުތީ ނަތީޖާ އިއުލާނު ކުރާނީ މިއަދު ކަމަށެވެ. ނަމަވެސް މިއަދުގެ މިހާތަނަށް ވެސް ވަގުތީ ނަތީޖާ އިއުލާނުކޮށްފައި ނުވާތީ އާންމު މެމްބަރުން ދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
މިއަދު ނަތީޖާ އިއުލާނު ކުރާނެ ވަކި ވަގުތެއް ވެސް އެޕާޓީން ހާމަކޮށްފައެއް ނުވެ އެވެ.
ވަގުތީ ނަތީޖާ އިއުލާނު ކުރުން ފަސްކޮށްފައި ވަނިކޮށް، ޑިމޮކްރެޓްސްގެ ރައީސް ކަމަަށް ވާދަ ކުރެއްވި އެ ޕާޓީގެ މުއައްސިސް ހަސަން ލަތީފް ވަނީ ރޭ ކާމިޔާބު އިއުލާނު ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ވޯޓު ފޮށިތަކުގެ ނަތީޖާ ޝީޓުތަކުން ދައްކަނީ ބޮޑު ތަފާތަކުން އޭނާއަށް އިންތިހާބު ކާމިޔާބު ވެއްޖެ ކަމަަށެވެ. އަދި ވިދާޅުވީ މުޅި ރާއްޖޭގައި ހިންގުނީ މުހިއްމު ސިޔާސީ ހަރަކާތެއް ކަމަށާ ދެން އޮތީ ހަގީގީ މަސައްކަތް ފަށައިގަތުން ކަމަަށެވެ.
ޕާޓީގެ ރައީސްގެ މަގާމަށް ދެން ވާދަ ކުރެއްވީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހަސަން އަމްރެވެ. ހަސަންގެ އެ ވާހަކަތަކަށް އަމްރު ވަނީ ރައްދު ދެއްވާފަ އެވެ. އަމްރު ވިދާޅުވީ ވޯޓް ފޮށިތަކުން ކުރީގައި އުޅުއްވަނީ އޭނާ ކަމަށެވެ. އަދި ވިދާޅުވީ އޭނާގެ ޓީމުން ތިބީ ވަގުތީ ނަތީޖާ ނުލިބެނީސް ކާމިޔާބު އިއުލާނު ނުކުރާން ކަމަށެވެ.
އެތެރޭގެ އިންތިހާބުގެ ވަގުތީ ނަތީޖާ ރޭ އިއުލާނު ނުކުރުމުން ވެސް އާންމު މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނަތީޖާ އިއުލާނު ކުރުން ލަސްވާ ސަބަބު ވެސް ޕާޓީން ސާފުކޮށްދީފައެއް ނުވެ އެވެ.