"އެކިއެކި ބޭފުޅުން އެމަނިކުފާނުގެ [ރައީސް ޔާމީންގެ] ފޮޓޯފުޅު ކެމްޕެއިން ގައި މި ވަގުތު ބޭނުން ކުރުމަކީ މި ޕާޓީން [ޕީއެންއެފް] އިން ރުހޭ ކަމެއް ނޫން ކަމުގައި ދަންނަވަން،"
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގައި ވާދަކުރައްވާ ބައެއް ކެންޑިޑޭޓުން، އެ ކެންޑިޑޭޓުންގެ ކެމްޕެއިން ޕޯސްޓަރު ތަކުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފޮޓޯފުޅާއި ނަން ބޭނުން ކުރާތީ އެކަން އެގޮތަށް ނުކުރުމަށް އެމަނިކުފާނުގެ އާ ޕާޓީ -- ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން އެދިއްޖެ އެވެ.
އަންނަ އަހަރުގެ ކުރީކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ މަޖިލީހުގެ އިންތިހާބު ގައި ވާދަކުރަން ޝައުގުވެރިކަން ފާޅު ގިނަ ބަޔަކު ދަނީ ކެމްޕެއިން ކުރަމުންނެވެ. އަދި ބޮޑު ދެ ޕާޓީ -- އެމްޑީޕީ އާއި ޕީޕީއެމް/ޕީއެންސީ ގެ ޓިކެޓް ހޯދުމަށް އެ ޕާޓީތަކަށް ނިސްބަތްވާ ގިނަ މެންބަރުންތަކެއް ދަނީ މަސައްކަތް ކުރަމުންނެވެ.
ޕީޕީއެމް/ޕީއެންސީގެ ޓިކެޓް ހޯދުމަށް ކެމްޕެއިން ކުރަމުންދާ ބައެއް ކެންޑިޑޭޓުންނާއި ޕްރައިމަރީ އެއް ނެތި ޓިކެޓް ލިބިދާނެ ކަމަށް ބެލެވޭ ބައެއް ކެންޑިޑޭޓުން ގެންދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ރައީސް އަބްދުﷲ ޔާމީންގެ ފޮޓޯ ހިމަނާ ކެމްޕެއިން ޕޯސްޓަރުތައް އާންމު ކުރަމުންނެވެ.
އެފަދަ ބައެއް ޕޯސްޓަރުތައް ހިއްސާކޮށް ޕީއެންއެފް އެދުމުގައި އިސްކޮށް އުޅުއްވާ ކުރީގެ ސައިންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވަނީ އެކިއެކި މީހުން ރައީސް ޔާމީންގެ ފޮޓޯ ކެމްޕެއިން ގައި މިވަގުތު ބޭނުން ކުރުމަކީ ޕީއެންއެފް އިން ރުހޭ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.
މަލީހް ވިދާޅުވީ ކުރިއަށް އޮތް މަޖިލީސް އިންތިހާބު ގައި ވާދަކުރައްވާ އެއްވެސް ކެންޑިޑޭޓަކަށް ރައީސް ޔާމީން އަދި އެންޑޯސްމަންޓް ދެއްވާފައި ނުވާނެ ކަމަށެވެ.
"އެކިއެކި ބޭފުޅުން އެމަނިކުފާނުގެ [ރައީސް ޔާމީންގެ] ފޮޓޯފުޅު ކެމްޕެއިން ގައި މި ވަގުތު ބޭނުން ކުރުމަކީ މި ޕާޓީން [ޕީއެންއެފް] އިން ރުހޭ ކަމެއް ނޫން ކަމުގައި ދަންނަވަން،" ޔާމީންގެ ފަރާތްޕުޅުން މިވަގުތު ވާހަކަ ދައްކަވާ މަލީހް ވިދާޅުވި އެވެ.
ރައީސް މުއިއްޒާއި ރައީސް ޔާމީންގެ ގުުޅުން މުޅީން ކެނޑި ޔާމީން މިހާރު ވަނީ ޕީޕީއެމުން ވަކިވެވަޑައިގެން އާ ޕާޓީ އުފެއްދުމުގެ މަސައްކަތް ފަށާފައެވެ. ޕީޕީއެމް/ޕީއެންސީގެ ޓިކެޓް ގައި ވާދަ ކުރާނެ ކެންޑިޑޭޓުން ދެ ރައީސުންގެ ތާއީދު ބޭނުންވީ ނަމަވެސް އެ ދެ ޕާޓީގެ ކެންޑިޑޭޓުންނަށް ޔާމީންގެ ތާއީދު ދެއްވާނެ ކަމަކަށް ނުބެލެވެ އެވެ.
ޔާމީންގެ އާ ޕާޓީ -- ޕީއެންއެފުން ވަނީ "މަޖިލީސް 20" ގައި ވާދަ ކުރާނެ ކަން މިހާރު ވެސް އިއުލާނު ކޮށްފައެވެ.