އެއާ އެމްބިއުލެންސްގެ ޓްރަޔަލް ދަތުރުތައް ދެމަސް ތެރޭ ފަށަނީ

އެއާ އެމްބިއުލެންސްގެ ދަތުރުތައް ރަސްމީކޮށް ފަށާނީ ބަލާންޖެހޭ ކަންކަން ބެލުމަށް، ޓްރަޔަލް ދަތުރުތައް ކުރިއަށް ގެންދިއުމަށްފަހު. އެ ދަތުރުތައް އަހަރުގެ ކުރީކޮޅު ފެށޭނެ.

ހެލްތް މިނިސްޓަރު، ޑރ. އަބްދުﷲ ޚަލީލް --

އެއާ އެމްބިއުލެންސްގެ ހިދުމަތް ރާއްޖޭގައި ކުރިއަށް އޮތް ދެމަސް ދުވަސް ތެރޭގައި ފެށޭ ވަރުވާނެ ކަމަށް ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.

އެއާ އެމްބިއުލެންސް ޚިދުމަތް ރާއްޖޭގައި ފުޅާ ކުރައްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރުގެ ކެންޕޭނަށް، ދ. ކުޑަހުވަދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވެފައިވަނީ  އެއާ އެމްބިއުލެންސް ހިދުމަތް ފުޅާކޮށް، ރާއްޖޭގައި ވައިގެ މަގުން ބަލި މީހުން އުފުލޭނެ ނިޒާމެއް ޕީއެންސީގެ ސަރުކާރެއްގައި ގާއިމުކުރައްވާނެ ކަމަށެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ އައު ސަރުކާރުން އެންމެ މުހިންމު އެއްކަމެއްގެ ގޮތުގައި ކުރާން ރައީސް ޑރ. މުއިއްޒު ބޭނުންފުޅުވާ އެއްކަމަކީ ރާއްޖެއަށް އެއާ އެމްބިއުލެބްސްގެ ޚިދުމަތައްތައް ތައާރަފް ކުރުން ކަމަށެވެ. 

އެމަނިކުފާނު ވިދާޅުވީ އެ ޚިދުމަތް ފެށުމަށް، ޓެކްނިކަލް ގޮތުން ކުރާންޖެހޭ ކަންކަން ކުރުމަށް ޓަކައި، އެކަމާގުޅުން ހުރި ފަރާތްތަކާއެކު މިހާރު މަޝްވަރާތައް ފަށާފައިވާ ކަމަށެވެ.

"އެކަމުގެ ޓެކްނިކަލް 'އެކްސްޕަޓީސް' އެބަ ހޯދަން. އޭގެ އިތުރުން ސްޓޭކް ހޯލްޑަރުންނާއެކު މިހާރު ބައްދަލުވުންތައް ވަނީ ފެށިފަ. އަޅުގަނޑު މިހާރު މިދަނީ ޕްރޮޕޯޒަލްތައް ތައްޔާރުކުރަމުން. ކޮންކަހަލަ 'ސްޕެސިފިކޭޝަން' އެއްތޯ އެއާ ކްރާފްޓެއްގަ ހުންނަންވާނީ. ކޮންކަހަލަ ޚިދުމަތްތަކެއްތޯ ހުންނަންވާނީ. ކިހާ ވަރަކަށް އުދުހެވޭތޯ. އަޅުގަނޑުމެން ހޯދާނީ ހެލިކޮޕްޓަރެއްތޯ ނޫނީ މަތިންދާ ބޯޓެއްތޯ. އެކަހަލަ ޓެކްނިކަލް ބައެއް ސްޓަޑީތައް ފަށައިގެން އަޅުގަނޑުމެން ހަދަމުން މިހާރު އެބަ ގެންދަން،" ޚަލީލް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެއާ އެންބިއުލަންސްގެ ޚިދުމަތް، ހަފްތާ 14ގައި ކަނޑައަޅާފައިވާ މިންވަރަށް ހާސިލްކޮށްފައި ހުއްޓާ ނުލައްވާމެ ކަމަށާއި ރައީސް ބޭނުންފުޅު ވަނީ އެ ޚިދުމަތް ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ފަށައިގެން ރައްޔިތުންނަށް ލުއިފަސޭހަކަން ހޯދައިދިނުން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެއާ އެމްބިއުލެންސްގެ ދަތުރުތައް ރަސްމީކޮށް ފަށާނީ ބަލާންޖެހޭ ކަންކަން ބެލުމަށް، ޓްރަޔަލް ދަތުރުތައް ކުރިއަށް ގެންދިއުމަށްފަހު ކަމަށެވެ. އަދި އެ ދަތުރުތައް އަހަރުގެ ކުރީކޮޅު ފެށޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ޓްރަޔަލްތައް ފެށުމުގެ ތައްޔާރީތައް އަޅުގަނޑުމެން މި ވަނީ. މި ބަލަނީ ކުރިއަށް އޮތް ގާތްގަނޑަކަށް ދޮޅުމަހެއް، ދެމަހެއްހާ ދުވަސް ތެރޭގަ ޓްރަޔަލް ފެށިގެންދާނެ ކަމަށް. މިހާރު އޭގެ ޓެކްނިކަލް ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންތައް ފުރިހަމަ މިކުރަނީ. އެއީ އެމްއެންޑީއެފާ ގުޅިގެން ސެކިއުރިޓީގެ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންތައްތަކެއް އެބަހުރޭ. އޭގެ އިތުރުން އެކަހަލަ އެއްޗެއް އުދުއްސާ ކަމަށް ވަންޏާ ސިވިލްއޭވިއޭޝަންގެ ބައެއް ކަންކަން އަޅުގަނޑުމެން ފުރިހަމަ ކުރަން އެބަޖެހޭ،" މިނިސްޓަރު ޚަލީލް ވިދާޅުވި އެވެ.

ބަލިމީހަކު އުފުލުމަށް މިހާރު ފަންސާސް ހާހުން ފެށިގެން ނުވަދިހަ ހާހާ ދެމެދުގެ އަދަދަކަށް ފައިސާ ޚަރަދުވާ ކަމަށާއި އެހެންވެ އެއާ އެންބިއުލާސްގެ ޚިދުމަތާއެކު ބަލިމީހުން އުފުލުމަށް ކުރަމުން ދިޔަ ޚަރަދުތައް ބޮޑުތަކުން ކުޑަވެގެން ދާނެކަން ކަމުގެ ޔަގީންކަން ޓެކްނިކަލް ބޭފުޅުން ވެސް ދެއްވާ ކަމަށް މިނިސްޓަރު ޚަލީލް ވިދާޅުވި އެވެ.

"ޓެކްނިކަލް ގިނަ ބޭފުޅުން ވިދާޅުވަނީ ވަރަށް ބޮޑުތަނުން ޚަރަދު ކުޑަވެގެން ދާނޭ. އެއީ މިހާރު އެންމެ ޕޭޝަންޓެއް އުފުލުމަށް ގާތްގަނޑަކަށް ފަންސާސް ހަހާހުން، ފެށިގެން ގޮސް އަށްޑިހަ، ނުވަހާސް، ނުވަދިހަ ހާހާ ދޭތެރޭގަ، ބައެއް ފަހަރު ލައްކަ އަކަށްވުރެ، ވެސް މައްޗަށް އަރައިގެން އެބަދޭ. އެއީ ވަރަށް ގިނަ ފަހަރަށް ފްލައިޓެއް ޗާޓަރު ކުރަން މި ޖެހެނީ،" މިނިސްޓަރު ޚަލީލް ވިދާޅުވި އެވެ.

ޑްރޯން ބޭނުންކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފަސޭހަކަމާއެކު ބޭސް އުފުލުމުގެ މުހިއްމުކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. ވިދާޅުވީ އެ ޚިދުމަތް ވެސް އަންނަ އަހަރުގެ ކުރީކޮޅު ފެށޭވަރުވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.