ކުރިން ޕީއެންސީގެ އެސްޖީ ކަމުގައި ހުންނެވި ގީލާ އަލީ މަގާމުން އިސްތިއުފާ ދެއްވުމުން ޕީއެންސީގެ ކައުންސިލުގެ އަގުލަބިއްޔަތުން ހިސްޓޯ އެ މަގާމަށް އައްޔަން ކޮށްފައިވަނީ ފާއިތުވި އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހު އެވެ.
ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެމްބަރު ޝިފާގު މުފީދު (ހިސްޓޯ) އެ ޕާޓީން ވަކިވުމަށްފަހު އަލަށް އުފައްދާ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އާ ގުޅިއްޖެ އެވެ.
ޕާޓީން ވަކިވެވަޑައިގެންނެވިކަން އަންގައި ހިސްޓޯ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިޓީއެއް ފޮނުއްވާފަ އެވެ. އެ ސިޓީގައި މައިގަނޑު ގޮތެއްގައި އޭނާ ފާހަގަކުރައްވާފައި ވަނީ، އެ ޕާޓީގެ އުސޫލުތައް މިހާރު ބައްޓަންވެފައިވާ ގޮތުން ދިވެހީންގެ ރާއްޖެ ދިވެހީން އެދޭ މަގަށް ގެންދެވޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި، މިހާރުން ފެށިގެން އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމާއި އަދި ޕާޓީގެ މެންބަރުކަމުން ވެސް އިސްތިއުފާ ދެއްވާ ކަމަށެވެ.
ހިސްޓޯ ޕީއެންސީން ވަކިވުމާއެކު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފް އުފެއްދެވުމުގެ މަސައްކަތުގައި އުޅުއްވާ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ވަނީ ޕޯސްޓެއް ކުރައްވާފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ ހިސްޓޯއަކީ ޔާމީނަށް ވަފާތެރި ބޭފުޅެއް ކަމަށެވެ.
ކުރިން ޕީއެންސީގެ އެސްޖީ ކަމުގައި ހުންނެވި ގީލާ އަލީ މަގާމުން އިސްތިއުފާ ދެއްވުމުން ޕީއެންސީގެ ކައުންސިލުގެ އަގުލަބިއްޔަތުން ހިސްޓޯ އެ މަގާމަށް އައްޔަން ކޮށްފައިވަނީ ފާއިތުވި އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހު އެވެ.
ޔާމީންގެ ޕާޓީ އުފެއްދުމުގެ ހުއްދަ މިހާރު އިލެކްޝަން ކޮމިޝަނުން އޮތީ ދީފަ އެވެ. ޔާމީން އާ ޕާޓީއެއް އުފައްދަވަނީ ރައީސް މުއިއްޒާއި ޕީޕީއެމް-ޕީއެންސީގެ ލީޑާޝިޕާ މައްސަލަ ޖެހިވަޑައިގެންނެވެ.