"ނިއު..! އަހަރެންގެ ދަރިފުޅު.." ފަޔާޒަށް ބުނެވުނީ އެވަރަށެވެ. ބޮޑު އަންހެނެއްހެން "ޕާސް" ކިޔާފައި ފަޔާޒަށް ރޮއި ގަނެވުނެވެ.
– އެޕިސޯޑް 40-
ފަޔާޒްގެ ރުއިމުގެ އަޑަށް ނިއުޝާގެ ފިޔަވަޅުތަކަށް ހުއްޓުން އެރިއެވެ. ނިއުޝާ ފަހަތް ބަލާލިއެވެ. ފަޔާޒް ކުޑަ ކަކޫ މައްޗަށް ތިރިވެގެން ރޮމުން ގެންދިޔައީ ވަރަށް ބާރަށެވެ. ފަޔާޒަށް ލިބިފައިވާ ހުރިހާ ވޭން ތަކެއް އެކީ އެއްފަހަރާ ބޭރުކޮށްލަން އުޅޭ ކަހަލައެވެ. ފަޔާޒް އެންމެ ދެރަވީ އޭނާގެ ޙަޔާތުގެ އެންމެ މުހިންމު ދޭތި ގެއްލިގެން ގޮސްފިކަން އިޙްސާސް ވުމުންނެވެ. ނިއުޝާ އާއި ދަރިފުޅަކީ ފަޔާޒްގެ ހުރި ހަމަ އެކަނި އުއްމީދެވެ. ނަމަވެސް އެ އުފާވެސް ފަޔާޒަށް ގެއްލިއްޖެ ކަން އޭނާއަށް އިޙްސާސް ވަނީއެވެ. ނިއުޝާ ބޭނުން ނަމަ، ނިއުޝާ ދޫކޮށްލުން އެއީ ފަޔާޒް މާ ކުރިންސުރެ ނިންމާފައިވާ ނިންމުކެވެ. ނަމަވެސް ފަޔާޒް ހީކޮށްގެން ހުރީ އެދުވަސް އެއީ ނާންނާނެ ދުވަހެއް ކަމަށެވެ. ނިއުޝާގެ ފަރާތުން ފެންނަމުން ދަނީ ފަޔާޒް ނިއުޝާއާ މެދުގައި ދެކޭ ގޮތާ މުޅިން ޚިލާފު އަމަލުތަކެކެވެ.
"ފަޔާ.."
ނިއުޝާ މަޑުމަޑުން ފަޔާޒަށް ގޮވާލަމުން ފަޔާޒްއާ ގާތަށް ދިޔައެވެ. ނަމަވެސް ނިއުޝާގެ ހަރު ހިތަށް އެއްވެސް އިޙްސާސެއް އެ ރުއިމުން ކުރިހެނެއް ހިޔެއް ނުވެއެވެ. އޭގެ ބަދަލުގައި ނިއުޝާ ދެއްކީ އޭނާ ކުރި ހިތާމައިގެ ވާހަކަތަކެވެ. ފަޔާޒް މިއަދު ރޯން ލަދު ގަންނަން ޖެހޭނެ ކަމަށެވެ. ފަޔާޒްގެ ސަބަބުން އޭނާގެ މުޅި ދިރިއުޅުން ހަލާކުވެގެން ދިޔަ ވާހަކައެވެ. ލޯބިވާ ބައްޕަ ދޫކޮށް ފަޔާޒްގެ ގާތަށް އައި ނުހަނު ގިނަ އުއްމީދުތަަކާއި ހުވަފެންތަކެއް ދެކިގެން ކަމަށެވެ. ނަމަވެސް ފަޔާޒަށް އެކަން ނުވިސްނުން ކަމަށެވެ. މިއަދު ނިއުޝާ ބާކީ ކޮށްލައި ނިކަމެތި ކޮށްލީ ފަޔާޒް ކަމަށެވެ. ފަޔާޒްގެ ވީރާނާ ވަމުން ދިޔަ ހިތަށް އިތުރަށް ލިބުނީ ތުރާލެވެ. ހިތްދަތިކަމެވެ. ފަޔާޒް އަކީ ނުބައި، ރަހުމެއް ނެތް މީހެއްގެ ގޮތުގައި ނިއުޝާ ދިޔައީ ހުއްޓުމެއް ނެތި ފަޔާޒަށް ވިސްނާ ދެމުންނެވެ. އެންމެ ފަހުން ފަޔާޒަށް ކެތް ނުވީއެވެ. ކޮޅަށް ތެދުވިއެވެ. ނެތް ހިތްވަރު ދެފަޔަށް ދީގެން ފަޔާޒް ކޮޅަށް ހުއްޓެވެ.
"ހުއްޓާލާ! ހެޔޮނުވާނެ! ދެން ހެޔޮ.. ފުދިއްޖެ! ޕްލީޒް.. ލީވް މީ އެލޯން.."
ފަޔާޒް އަޑުގެ ނެތްކޮޅަށް ހަޅޭލަވައިގަތެވެ. ރުޅިއަކުން ނޫނެވެ. ނަމަވެސް ހިތަށް ކުރި އަސަރެއްގެ ބޮޑު ކަމުންނެވެ. ފަޔާޒަށް ވަނީ ވަރަށް ބޮޑު ހިތްދަތި ކަމެއް ލިބިފައެވެ. އެކަން އޭނާގެ މޫނުމަތިންނާއި އަޑުން ދިޔައީ ޔަޤީން ވަމުންނެވެ. ނިއުޝާއަށް ކުޑަ ހައިރާން ކަމެއް ލިބުނެވެ. ފަޔާޒްގެ އަޑު ބާރު ވުމުންނެވެ. އެއީ މިއިން ދުވަހެއްގައި ވެސް ފަޔާޒް އެހާ ބާރަށް ނިއުޝާއާ ވާހަކަ ދައްކާފައި ނުވާތީއެވެ. ފަޔާޒް އެހެން ބުނުމާއި އެކުގައި ނިއުޝާ ރުޅި މޫނު ހަދާލުމަށްފަހު އެތަނުން ނުކުންނަން ހިނގައިގަތެވެ. ހަރުކޮށް ފިޔަވަޅު ނަގަމުންނެވެ.
"މީ ކަލޭ ކަންތައް.. ފަޔާޒްގެ ހަލާކުގެ ޒިންމާ އުފަލަން ޖެހޭނީ މިހާރު ކަލޭ! ކަލޭތީ ހަޔާތްކުޑަ މީހެއް. އަހަރެންގެ ޚަބަރު ބަލަން ދެން ނޫޅޭތި! ފަޔާޒްއާ ގުޅުން ހުރި ހުރިހާ އެއްޗަކަށް އަހަރެން ނަފްރަތު ކުރަން.." ބޭރުގައި މަޑުކޮށްގެން ހުރި ނާޝިދަށް ބަލައިލަމުން ނިއުޝާ އޭނާގެ ރުޅިގަނޑު ނާޝިދަށް ބޭލިއެވެ. ނާޝިދު ރައްދު ދިނީ ހަމަ އެކަނި ހިނިތުންވުމަކުންނެވެ. އެ ހިނިތުންވުމުގައި ނުރައްކާތެރި އިންޒާރެއް އޮތްކަން ނިއުޝާއަށް ފާހަގަ ނުވީއެވެ. ނިއުޝާ ހިނގައިގަތީ މާލެއަށް ދިޔުމަށްޓަކައި ޖެޓީއާ ދިމާއަށެވެ.
***
"ކިހިނެއް ވަނީ ކަންކަން؟"
ރިޝްފާ ބަލައިލީ އޭނާގެ ކުރިމަތީގައި އިން ސަމާއަށެވެ. އެދެމީހުން މެންދުރުގެ ހޫނު ގަދަ ވަގުތުގައި ތިބީ ފިނި ބުއިމަކަށް އިންސާފު ކުރަން ރެސްޓޯރެންޓެއްގައެވެ. ސަމާ އާއި މާއިޒްއާ ކައިވެނި ކުރި ފަހުން ރިޝްފާއާ ދިމާ ކުރުން ސަމާއަށް ވަނީ އުނދަގޫ ކަމަކަށް ވެފައެެވެ. ސަބަބަކީ ރިޝްފާ އަކީ ކާކު ކަން އޭނާ މާއިޒަށް އަންގަން ބޭނުން ނުވާތީއެވެ. އެއީ ރިޝްފާ އާއި ސަމާ އަށް ވެސް އެންމެ ހެޔޮ ގޮތް ކަމުގައި ރިޝްފާ ތާއަބަދު ބުނަމުން ދާތީއެވެ. އޭގެ ފޮރުވޮފައިވާ ސަބަބު އެނގެން ބޭނުން ވިޔަސް އެކަން ސަމާއަކަށް ވާކަށް ނެތެވެ. އެއީ ރިޝްފާގެ އެއްބާރުލުން އެކަމަށް ނުލިބޭތީއެވެ. އެހެންކަމުން ސަމާ ކޮންމެ ފަހަރަކު ރިޝްފާއާ ދިމާ ކުރަނީ މާއިޒަށް ސިއްރުންނެވެ. މާއިޒަށް އޮޅުވާލައިގެންނެވެ.
"ހުރިހާ ކަމެއް ވެސް ރަނގަޅު.. އޮތީ އެންމެ މައްސަލައެއް.. ހެހެ." ސަމާ ހީނލިއެވެ. އެއީ ކޮން މައްސަލައެއްކަން ރިޝްފާއަށް ވެސް އެނގޭތީ އޭނާ ވެސް ހީނލިއެވެ.
"އެ އޯކޭ ވާނޭ! ކޮންމެހެން މާއިޒަށް އެނގޭކަން ނުޖެހޭ މީ ކާކުކަން.. އަހަރެމެން ވިސްނަން ޖެހޭނީ އަހަރެމެންގެ ރައްކާތެރިކަމަށް.. ވީ އެންމެ އަވަހަކަށް އެކައުންޓުތައް ހުޅިކޮށްލާ!" ރިޝްފާގެ "އޯޑަރު" ސަމާއަށް ދިނެވެ.
"މިހާ އަވަހަށް؟"
ސަމާއަށް ހައިރާން ކަމާއެކު އަހައިލެވުނެވެ.
"އާނ! ހުރިހާ އެއްޗެއް ރަނގަޅު ދަނޑިވަޅެއް ބަލާފަ ތި ޔޫކޭގަ އިން އަހަރެމެންގެ އެކައުންޓަށް ކަހާލާ.." ރިޝްފާ ވަރަށް އަވަހަށް ހުރިހާ ކަމެއް ނިންމަން ބޭނުންވެފައިވާ ފަދައެވެ. ސަމާ ކުޑަކޮށް ވާނުވާ ވިއެވެ. ރިޝްފާ ދެން ނަގާނެ ފިޔަވަޅު ނޭނގޭތީއެވެ. ނަމަވެސް ސަމާގެ ފުރިހަމަ އިތުބާރާއި ޔަޤީންކަން ރިޝްފާއަށް އޮވެއެވެ.
"ދެން އޭރުން މާއިޒް އޯ؟ ހީ ވިލް ނޯއެއް ނު އެވްރިތިންގ؟ އެންޑް ހީ މައިޓް ކިލް މީ.." ސަމާ ހާސްވިއެވެ. ރިޝްފާ ޖަހައިލީ ސަތޭކައިގެ ހިނިގަނޑެކެވެ.
"ސާބަހޭ!" ބުނެ ރިޝްފާ ގެންދިޔައީ ހެމުންނެވެ.
"އަޅެ އައިމް ސީރިއަސްއޭ.. އައިމް ކައިންޑަ ސްކެއާރޑް ހުވާ.. ކުއްލިއަކަށް ތިކަހަލަ ކަމެއް ކުރަން.."
ސަމާގެ ސީރިއަސް ކަން ފެނިފައި ރިޝްފާ ހުނުން ހުއްޓާލިއެވެ. އަދި ވަރަށް ސީރިއަސް "ލުކެއް" ރިޝްފާ ސަމާއަށް ދިނެވެ.
"ސަމާ.. ޓްރަސްޓް މީ.. ހީ ކާންޓް އިވެން ޓަޗް އަސް.. އޭނަގެ ފެންވަރެއް ނޫން އެއީ. މާލޭ ބޮޑެތި ގޭންގްތައް ކޮންޓްރޯލް ކުރަން އެނގޭނީ ހަމައެކަނި މާއިޒަކަށް ނޫން.. އެމީހުން މާއިޒަށް ބަލަނީ ކީއްވެ؟ އެއީ އޭނަގެ މަނީއަށް ޓަކާ.. އެހެން ރީޒަންއެއް ނެތް.. އަހަރެމެންނަށް ވެސް އެކަން ކުރެވިދާނެ.. އެޔަށްވުރެ މޮޅަށް ކުރެވެން މިހާރު އެބަ އޮތް.. ވީ ހޭވް މަނީ.. ޓް ޑޫ އެނީތިންގ ވީ ވޯންޓް.. ސޯ.. އެންމެ ވޯރސްޓް ކޭސްގަ.." އެމީހުން ތިބި ތަނަށް ވަށައިގެން ބަލާލަމުން ރިޝްފާ ވާހަކަ ހުއްޓާލިއެވެ.
"ވޯރްސްޓް ކޭސްގަ ކީއްކުރާނީ؟" ސަމާ އަހައިލީ ވަރަށް މަޑުންނެވެ.
"މާއިޒް މަރާލާނީ.." ރިޝްފާ އެހެން ބުނުމާ އެކުގައި ސަމާގެ ދެލޯ ބޮޑުވިއެވެ. (ނުނިމޭ)
އަނެއް އެޕިސޯޑު ކޮންއިރަކުން ތޯ ނިކުންނަނީ ؟