ޓޫރިޒަމް ސިނާއަތް ގަބޫލު ކުރާ ގޮތުގައި މިހާރު ޓޫރިޒަމަށް ކުރިމަތިވެފައިވާ ގޮންޖެހުމުގެ އެއް ސަބަބަކީ ޓެކްސްތަށް އިންތިހާއަށް ބޮޑު ކުރުމެވެ. ރާއްޖެ ޓެކްސް ބޮޑުކުރިއިރު އެހެން ގައުމުތަކުން ޓެކްސް ވަނީ ކުޑަކޮށްފަ އެވެ.
ސަރުކާރުން އަބަދު ވެސް ދައްކަނީ ޓޫރިޒަމް ނަންބަރުތަކުގެ ވާހަކަ އެވެ؛ ހާއްސަކޮށް ފައިބައިގެން އެދިޔަ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އެ ވާހަކަ ވަކިން ގިނައިން ދެއްކެވި އެވެ. މަގާމުގައި ހުންނެވި އިރު އެ ނޫން އެހެން ވެސް ކަމެއް އޭނާ ކުރައްވާން ނޯންނަވެސް ކަހަލަ އެވެ.
އޭނާގެ އިތުރުން މުޅި ސަރުކާރުގެ ފޯކަސް ވެސް އޮންނަނީ އެ މިސްރާބުގަ އެވެ. އަބަދު ޓޫރިޒަމްގެ ނަމްބަރު މަތިވޭތޯ ބެލުމުގަ އެވެ. އެކަމަކު އެ ނަމްބަރަށް ބަލަހައްޓައިގެން ތިއްބާ މުޅި ޓޫރިޒަމް ހީނަރުވެ ދިވެހިންގެ އަތުގައި އޮތް މާކެޓްތައް ވާދަވެރިން ޖަހައިގެންފި ކަމެއް އެ މީހުނަށް ވިސްނައިގަންނާކަށް ނޭނގުނެވެ.
އެ ޝަކުވާ މިއަދު ޓޫރިޒަމަށް ނިސްބަތްވާ ގްރޫޕްތަކުގައި ކުރެ އެވެ. އެ ބަހުސް ހިނގަ އެވެ. އެމީހުންގެ ޝަކުވާއަކީ ވާދަވެރި ގައުމުތަކުގެ ޓޫރިޒަމް ވަރުގަަދަކޮށް ރާއްޖޭގެ ޓޫރިޒަމްގެ މައްޗަށް އަތްގަދަ ކުރަން ފަށައިިގެންފައި ވުމެވެ. ކުރިން އެ ގައުމުތަކަށް ނުލިބޭ އެތައް މާކެޓެއް ދިވެހިންގެ އަތުން އެމީހުން "ޖަހައިގަނެގެން" ގެންގޮސްފި އެވެ.
"މިއަދު އަހަރީ ރިޕޯޓް ބެލިއިރު ރާއްޖޭގެ މާކެޓް ދައްވަމުން ދިޔަ ނަމަވެސް މޮރިޝަސް ފަދަ ގައުމުތަކުގެ މާކެޓްތައް ހުރީ ކުރިއަށް ޖަހާފައި،" ރާއްޖެއަށް ރަޝިއާއިން އެންމެ ގިނަ ޓޫރިސްޓުން ގެންނަ އެއް ކުންފުނިކަމަށްވާ ރިސޯޓް ލައިފްގެ ވެރިޔާ މުހައްމަދު ޝާޒް ވަލީދު ވިދާޅުވި އެވެ. އޭނާ އެ ވާހަކަފުޅު ދެއްކެވި ވަޓްސްއެޕް ގްރޫޕްގައި ޓޫރިޒަމްގެ އެހާރާއި މިހާރުގެ މިނިސްޓަރުންނާއި ޓޫރިޒަމް ވެރިން ތިއްބަވަ އެވެ.
"ސީޝެލް އަށް ވުރެން ބޮޑަށް މޮރިޝަސް... ލަންކާ ވެސް އިތުރު ވާއިރު ތައިލޭންޑުން ވެސް ރާއްޖޭގެ ބޮޑު ސްޓޭކެއް އެބަ ނަގާ މިހެން މިކަން މިގޮތަށް ވަމުން ދާނަމަ ރާއްޖެ އެއްވަނައިގައި އޮތް މާކެޓް ހަލާކުވެ ދާނެ."
ވަލީދުގެ އެކަންބޮޑުވުމަކީ ރާއްޖޭގެ ޓޫރިޒަމްގެ މިހާރުގެ ބޮޑު ކަންބޮޑުވުމެކެވެ. އިނަ މޯލްޑިވްސްގެ މުހައްމަދު ފިރާގު ވިދާޅުވި ގޮތުގައި ނަމްބަރުން ފެންނަން ހުރި ކަންކަމަށއް ބަލާއިރު މާކެޓްތައް ގެއްލެމުން އެގޮތުގައި ކުރިއަށްދެ އެވެ.
ރާއްޖެއަށް ޓޫރިސްޓުން ގެންނަ ގިނަ އެއާލައިންތައް އޮޕަރެޓް ކުރަމުންދާ ކުންފުނީގެ ވެރިޔާ ފިރާގު ވިދާޅުވި ގޮތުގައި މިހާރު ފްރެންކްޕަޓުން ސްރީލަންކާއަށް އަންނަން ނަގާ އަގަ ށްވުރެ ފްރެެންކްފަޓުން ރާއްޖެއަށް އަންނަ ޓިކެޓުގެ އަގު ހެވެ.
"ފްރެންކްފަޓް / މާލެ ޓިކެޓު މިހާރު 40 ޕަސެންޓް އަގު ހެޔޮ ސްރީލަންކާއަށްވުރެ. މިއީ ޑިސެމްބަރުގަ ކުރިން ދުވަހަކު ވެސް ވީކަމެއް ނޫން. މީގެން އެނގެނީ ޓިކެޓުގެ އަގު ވައްޓާލައިގެން މި އުޅެނީ ރާއްޖެއަށް އަންނަން އޮތް ޑިމާންޑް ދަށްވުމުންކަން،" ފިރާގު ވިދާޅުވި އެވެ.
މިހެން މިކަން ވާންވީ ކީއް ވެގެން ހެއްޔެވެ؟ ޓޫރިޒަމް ނަމްބަރުން ބަލާނަމަ އެހެން ގައުމުތަކަށް ވުރެ ރާއްޖޭގެ ނަމްބަރު ރީއްޗެވެ. މައްޗެވެ. އެހެންވީއިރު ރާއްޖޭގެ ޓޫރިޒަމް ދަށްވާންވީ ސަބަބެއް ނެތެވެ. އެކަމަކު ހަގީގަތަކީ ރާއްޖޭގެ ޓޫރިޒަމްގެ އަގުތަށް އިންތިހާއަށް ދަށް ވެއްޖެ ކަމެވެ.
ގްރޫޕުގައި ހިޔާލުފާޅު ކުރެއްވި ޓޫރިޒަމް ސިނާއަތުގެ ގިނަ ބޭފުޅުން ވިދާޅުވެފައިވާ ގޮތުގައި މިކަން ވެގެންދާނީ ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އިގްތިސޯދަށް އޮތް ބޮޑު ގޮންޖެހުމަކަށެވެ. މިއީ ވިސްނާ ނުލައި ދޫކޮށްލައިގެން ތިބެން ހެޔޮވާ ވަރަށްވުރެ ބިރު ބޮޑު ކަމެކެވެ.
އިންޑަސްޓްރީގެ ގިނަ މީހުން މި މައްސަލާގައި އިއްތިފާގުވަނީ އެއް ކަމަކަށެވެ. ރާއްޖެ އިން ނަގާ ޓެކްސްތައް އިންތިހާއަށް މަތި ވެގެންދާ ދިއުމެވެ. ޓޫރިޒަމް ސިނާއަތުން މިހާރު އަންނަ ޓޫރިސްޓެއްގެ އަތުން އެވްރެޖުކޮށް 26 ޕަސެންޓް ޓެކުހުގެ ގޮތުގައި ނަގަމުން އެބަދެ އެވެ.
އެއް ބޭފުޅަކު ވިދާޅުވި ގޮތުގައި ޓެކްސް އިތުރު ކުރުމުގެ ނަތީޖާއަކީ ރާއްޖޭގެ ޓޫރިޒަމްގެ އާއްމު އޮކިއުޕެންސީއަކި 60 އިން 50 ޕަސެންޓު ވަރަށް ދަށްވެފައި ވުމެވެ.
ޓޫރިޒަމް ތަފާސް ހިސާބުތަށް ދައްކާ ގޮތުގައި 1.6 މިލިއަން މީހުން އައިސްފައިވާއިރު ޓޫރިސްޓުން މިހާރު އެވްރެޖުކޮށް ތިބެނީ 7.5 ދުވަހު އެވެ. މިއީ މިދިޔަ ތިން އަހަރު އެވްރެޖުކޮށް އަށް ދުވަހު ހުރި އަދަދެކެވެ. އޮކްޓޫބަރު މަހަށް ބަލާނަމަ ޓޫރިޒަމް ބެޑްނައިޓްސް ހުރީ 1.04 މިލިއަން ރޭގަ އެވެ. މިއާއެކު ޓޫރިޒަމް ސިނާއަތަށް ސެޕްޓެމްބަރު އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 378 މިލިއަން ޑޮލަރެވެ.
މަޓާޓޯގެ އެކްސްކޯ މެންބަރު އަހުމަދު ބައްސާމް ވިދާޅުވި ގޮތުގައި މިއަދު ޓުއަރިޒަމް އިންޑސްޓްރީ ވެއްޓިފައި މިވަނީ ދުވަހަކު ވެސް ނުވެއްޓޭ މިންވަރަކަށެވެ.
"މިކަން މިހެން ދިމާވީ ޓެކްސް ކުއްލިއަކައް ބޮޑު ކޮށް ދިވެހި ރާއްޖެ އިޟްތިހާރު ކުރެވޭ ގޮތްވެސް ނުކަސިޔާރު ވީމަ ކަމަށް އަޅުގަނޑު ދެކެން،" ބައްސާމް ވިދާޅުވި އެވެ.