ޕީއެންއެފު އުފެއްދުމުގައި ތިބި ފަރާތްތައް ބުނާ ގޮތުން އެ ޕާޓީން މާލޭ ސިޓީ މޭޔަރު ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކޮށް ކާމިޔާބުތައް ހޯދާނެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އަލަށް އުފައްދާ ސިޔާސީ ޕާޓީ، ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމުގެ ހުއްދަ އިލެކްޝަން ކޮމިޝަނުން މިއަދު ދީފި އެވެ.
ޕާޓީގެ މުއައްސިސެއްގެ ގޮތުގައި ޔާމީންގެ ދޮށީ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީންގެ ނަން ޖަހައިގެން ހަދާ މި ޕާޓީ އުފެއްދުމުގައި އިސްވެ އުޅުއްވަނީ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާއި އޭނާގެ ބޮޑުބޭބެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ.
މި ހުއްދައަށް އެދި އިލެކްޝަނަށް ހުށަހަޅާފައި ވަނީ މިދިޔަ އާދީއްތަ ދުވަހު އެވެ.
އެދުވަހު އީސީން ބުނެފައި ވަނީ ވަރަށް އަވަހަށް އެ ހުއްދަދީ، އެއްބާރުލުން ވެސް ދޭނެ ކަމަށެވެ. އަދި މިއަދު އީސީން ވަނީ ޕީއެންއެފް އުފެއްދުމުގެ ހުއްދަ ދީފަ އެވެ.
މަލީހު މީގެ ކުރިން ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި ޕީއެންއެފުން މާލޭ ސިޓީ މޭޔަރު ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކޮށް ކާމިޔާބުތައް ހޯދާނެ އެވެ.