ރައީސް މުއިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ފުރަތަމަ ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވީ ތުރުކީއަށެވެ.
ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހޯދަން ކުރާ މަސައްކަތަށް ތާއީދުކޮށް އެއްބާރުލުންދިނުމުގައި ދިވެހި ރައްޔިތުން އަބަދުވެސް ދެމިތިބޭނެ ކަމަށާއި ވެދެވެންއޮތް ހުރިހާ އެހީތެރިކަމެއް ދެމުންގެންދާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ތަކުރާރު ކުރައްވައިފި އެވެ.
ރައީސް މިހެން ވިދާޅުވީ ތުރުކީގެ ގާނޫނު ހަދާ މަޖިލިސް، ގްރޭންޑް ނޭޝަނަލް އެސެމްބްލީގެ ޗެއާމަން އަދި ރައީސް، ޕްރޮފެސާ ޑރ. ނޫމާން ކުރްތުލުމުސްއާ އަދި ޕާލަމަންޓުގައި ވަޑައިގެން ތިއްބެވި މެންބަރުންނާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުއިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ފުރަތަމަ ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވީ ތުރުކީއަށެވެ.
އެކަމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ އެއީ ލިބިވަޑައިގެންނެވި ހާއްސަ ޝަރަފެއް ކަމަށާއި އަދި ވަކިން ހާއްސަކޮށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރްދުޣާނާ ބައްދަލު ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވުމަކީ އެއަށްވުރެ ބޮޑު ޝަރަފެއް ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި ރާއްޖެއަކީ ކުޑަކުޑަ އާބާދީއެއް އޮންނަ ގައުމެއް ނަމަވެސް ގުދުރަތީ ގޮތުން އިންޑިއާ ކަނޑުގައި ރާއްޖެ އެތުރިފައި ވަނީ ބޮޑު ސަރަޙައްދެއްގެ މައްޗަށްކަން ފާހަގަކުރައްވާ ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދަކީވެސް ބޮޑު ސަރަހައްދެއް ކަމަށާއި ގުދުރަތީ ގޮތުން ރާއްޖެ އޮންނަނީވެސް ސަރަހައްދީ މުހިންމު ހިސާބެއްގައިކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވާ ވިދާޅުވީ ރާއްޖެއާއި ދުރާއި ގާތުން އެކީގައި މަސައްކަތްކުރާ ހުރިހާ ބައިވެރިންނާއެކު ވެސް އަބަދުވެސް އެއްކޮށް މަސައްކަތްކުރައްވާނެ ކަމަށާއި ރިޔާސީ އިންތިހާބުގެ ކެމްޕޭންގައިވެސް އެންމެ ބޮޑު އިސްކަމެއް ދެއްވި ޝިއާރަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދިފާއުކުރެއްވުމުގެ ޝިއާރުތައް ކަމަށެވެ. ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ ރިޔާސީ ވައުދުތައް ފުއްދައިދެއްވުމުގައި ފަސްޖެހިވަޑައިނުގަންނަވާނެކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވިއެވެ.