ތުރުކީއަށް ރާއްޖޭގެ ރައީސް މުއިއްޒު ކުރެއްވި ރަސްމީ ދަތުރުފުޅުން މިފަދަ ގިނަ ފުރުސަތުތަކެއް ވަނީ ފަހިވެގެން ގޮސްފަ އެވެ. ދެން އޮތީ ފުރުސަތުތަކުގެ މަންފާ ދިވެހި ސަރުކާރާއި ރައްޔިތުން ހޯދުމެވެ. ފާލަމެއް އެ އޮތީ އެޅިފަ އެވެ.
ރާއްޖޭގެ ރައީސުން މީގެ ކުރިންވެސް ތުރުކީއަށް ރަސްމީ ދަތުރުފުޅުތައް ކުރައްވާފައި އެބަހުއްޓެވެ. އެކަމަކު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގެ ލިސްޓުގައި އެއްވެސް ރައީސަކު ތުރުކީ ހިމަނާފައެއް ނެތެވެ. އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރިން އޮތް ސަގާފަތް ފުރޮޅާލައްވާފަ އެވެ. ވެރިކަމަށް ވަޑައިގެން ފުރަތަމަ ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރިއަށް ޔޫރަޕާއި އޭޝިއާ ގުޅޭ ރޮނގުގައި އޮތް ދުނިޔޭގެ އެންމެ ބޮޑު ޓްރާންސިޓް ޕޮއިންޓަށް / ތުރުކީއަށް ވަޑައިގެންފަ އެވެ. ރައީސް މުއިއްޒުގެ ތުރުކީ މި ދަތުރުފުޅާއެކު ދެ ގައުމަށް ފައިދާވާނެ ގޮތަށް ތުރުކީ-މާލެ މަގުޗާޓަކަށް ދެ ގައުމުގެ ރައީސުން އެއްބަސްވެ ވަޑައިގެންފައިވާއިރު މި މަގުޗާޓް ވާނީ ގިނަ ފުރުސަތުތަކެއް ހިމެނޭ ގޮތުން ރާއްޖެއާ ތުރުކީއާ ދެމެދު ލިންކްކެއް ގާއިމު ވުމަށެވެ. ބްރިޖެއް އެޅިގެން ދިއުމަށެވެ. މާލެ-އިސްތަންބޫލްގެ މި ލިންކުން އުފެދިގެންދާ ބްރިޖުން ދިވެހިންނަށް ގިނަ ފައިދާތަކެއް ނެގިދާނެ އެވެ.
ތުރުކީގައި ދިވެހިންނަށް ނެގޭނެ ފުރުސަތުތަކެއް އެބަހުއްޓެވެ. ތުރުކީއަކީރާއްޖޭގެ އިކޮނޮމީގައި މުހިންމު ބައިވެރިއެކެވެ.
"ތުރުކީއަކީ ޓޫރިޒަމް ސެކްޓަރަށް ހަމައެކަނި ބެލި ނަމަވެސް ގިނަ ފުރުސަތުތަކެއް އޮތް ގައުމެއް. ތުރުކީއަކީ ދުބާއީ ނަގާފަ އެންމެ ބޮޑު ޓްރާންސިޓް ޕޮއިންޓް. ޔޫރަޕުގެ ގިނަ ފްލައިޓްތަކުގެ ކަނެކްޓިން ޕޮއިންޓް. އިންވެސްޓްމަންޓުގެ ގޮތުން ބެލި ނަމަވެސް ރާއްޖޭގެ ޓޫރިޒަމްގައި އެބަތިބި ތުރުކީގެ ބޮޑެތި ބްރޭންޑްތަކުގެ ރިސޯޓްތަށް ބައިވަރު. އެހެންވެ މިއީ މުހިންމުކަން ބޮޑު ގުޅުމެއް،" ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރައްވާތާ 20 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ / އެސްއެމްޕީ ފެޑަރޭޝަންގެ އެއް ފައުންޑަރު މުހައްމަދު ބައްސާމް އާދަމް ވިދާޅުވި އެވެ.
ގައުމީ އުފެދުންތެރިކަމުގެ ނިސްބަތް 819 ބިލިއަން ޑޮލަރުގެ އަދި ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބޮލަކަށް ޖެހޭ މިންވަރު 9,661.2 ޑޮލަރުގައި އޮތް ތުރުކީއަކީ ގްރޮސް ނެޝެނަލް އިންކަމް 2.567 ޓްރިލިއަން ޑޮލަރުގެ ބޮޑު "ކުންފުންޏެ" ކެވެ. އުފެއްދުންތެރިކަމާއި މަސައްކަތްތެރިކަމުގައި ދުނިޔެއަށް އޮތް މިސާލެވެ. ދުނިޔޭގެ މަޝްހޫރު ގިނަ ފެކްޓްރީތަކާއި ކާރުހާނާތަކުގެ މައި ހަބެކެވެ.
މިވަގުތު ތުރުކީގެ އިގްތިސޯދު ދަށްވުމެއްގައި އޮތެއް ކަމަކު އަދި އެ ގައުމުގެ އިންފްލޭޝަން މައްޗަށް ޖެހިލައި އިންޓްރެސްޓް ރޭޓްތައް އުފުލިފައި ހުއްޓަސް އެ ގައުމުގެ އިގްތިސޯދަކީ އަދިވެސް ވަރުގަދަ އިގްތިސޯދެކެވެ. ރާއްޖެ ފަދަ ގައުމުތަކަށް ގިނަ ފުރުސަތު ތަކެއް އޮތް ފުރުސަތުގެ ބޭނުން ހިފައިފިނަމަ ދިވެހި ރައްޔިތުންނަށް ރަނެއް ފަދަ މުހިންމު އިގްތިސޯދީ މަރުކަޒެކެވެ.
ފޮރިން އިންވެސްޓްމަންޓުގެ ދާއިރާއިން ބެލިނަމަވެސް އެކި ދާއިރާތަކުގެ ބޮޑެތި ކުންފުނިތަށް ތުރުކީގައި އެބަހުއްޓެވެ. ސަގާފީ އަދި އިޖުތިމާއީ ގޮތުން ބެލި ނަމަވެސް ދިވެހިންނާ ތުރުކީއާ ގުޅުން ބޮޑެވެ. ރާއްޖޭގެ މަޝްހޫރު ރިސޯޓްތައް ކަމަށްވާ ޖޯލި މޯލްޑިވްސް އާއި އަޔާޑާ ރިސޯޓް ފަދަ ބޮޑެތި އިންވެސްޓްމަންޓްތަކީ ތުރުކީގެ ފޮރިން އިންވެސްޓްމަންޓް ތަކެވެ.
ރާއްޖޭގެ ޓޫރިޒަމް ވިޔަފާރިވެރިއަކު ނަން ނުޖެހުމަށް އެދި ވަޑައިގެން ވިދާޅުވި ގޮތުގައި ރާއްޖޭން ގިނަ އަދަދެއްގެ ރިސޯޓުތަކެއް މާކެޓަށް ނެރެ ޓޫރިޒަމް އެހެން ލެވެލަކަށް ގެންދަން މަސައްކަތް ކުރާއިރު ތުރުކީގެ ފުރުސަތުތަކުގެ ބޭނުންތެރިކަން ދިވެހިންނަށް ވަރަށް މުހިންމެވެ.
"ތުރުކީއަކީ ފޮރިން އިންވެސްޓްމަންޓުގައި މަޝްހޫރު ގައުމެއް. ދުނިޔޭގެ އެތައް ފޮރިން އިންވެސްޓަރުން ގޮސް ތިބި ގައުމެއް. އެހެންވެ ހަގީގަތުގައު ރާއްޖޭން ރިސޯޓުތަކެއް މާކެޓަށް ނެރޭއިރު ދުރާލާ އެ ގައުމުގައި އިސްތިހާރު ކުރުން ފަދަ ކަންކަން ކުރެވިއްޖެނަމަ މަޝްހޫރު ގިނަ ބްރޭންޑު ތަކެއް ރާއްޖޭގައި އިންވެސްޓް ކުރާނެ. ހަމައެކަނި އަޔާޑާ އެކަންޏެއް ނޫން. އެއީ ފޮރިން އިންވެސްޓްމަންޓުގައި ދިވެހިންނަށް އޮތް ފުރުސަތެއް،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.
ޓާކިޝް އެއާލައިނަކީ ރާއްޖެއަށް މިވަގުތު މުހިންމުކަން ބޮޑު އެއާލައިނެކެވެ. ޔޫރަޕުގެ އެކި ބައްރުތަކުން ހަފުތާއަކު ދެ ފްލައިޓް މިހާރު އޮންނަ ޓާކިޝް އެއާލައިންގެ ކަނެކްޓިވިޓީ މި ފުރުސަތުން އިތުރު ކުރަން މަގު ފަހިވެގެން ދާނެ އެވެ. މި ފުރުސަތަކީ ހަމައެކަނި ތުރުކީގެ ގައުމީ އެއާލައިނަށް އޮތް ފުރުސަތެއް ނޫނެވެ. އަދި ރާއްޖޭގެ ގައުމީ އެއާލައިން އެކްސްޕެންޑްކޮށް ބޮޑެތި ބޯޓުތަކާއެކު ތުރުކީއަށް އުދުހުމުގެ ފުރުސަތުވެސް އެބައޮތެވެ.
މިވަގުތު ތުރުކީ ރައްޔިތުންގެ ސްޕެންޑިން ޕަވާ ދަށްވުމެއްގައި ހުއްޓަސް އެ ގައުމުގައި ފޮރިން ޓޫރިސްޓް މާކެޓާއި ޓްރާންޝިޓް ޕޮއިންޓުގެ ފައިދާ ދިވެހި ޓޫރިޒަމަށް ފުޅާ ކުރެވޭނެ ފުރުސަތު އެބައޮތެވެ.
ރާއްޖޭގެ ހަލާލް ޓްރެވަލްގެ ފައުންޑަރު އަދި ހަލާލް ޓްރެވަލް ޕްރޮމޯޓް ކުރަން ދުނިޔޭގައި ދަތުރު ކުރައްވާ ޑރ. ސަނީ އުމަރު ވިފާޅުވި ގޮތުގައި ތުރުކީއަކީ ހަލާލް ޓޫރިޒަމްގައި އެންމެ ބޮޑު އެއް ހަބެވެ. މިއީ ދިވެހިން ހޯދަން ޖެހޭ މާކެޓެކެވެ.
"ވަރަށް ބައިވަރު ފުރުސަތު އޮތްތަނެއް އެއީ. އެ މާކެޓުގައި ޓެޕް ކޮށްގެން ހަލާލް ޓޫރިޒަމް މާކެޓު ފުޅާ ކުރެވިދާނެ،" ސަނީ ވިދާޅުވި އެވެ.
ތުރުކީ އާއި ރާއްޖެ ގުޅުމަށްދާއިރު ޓްރޭޑަކީވެސް ރާއްޖެއަށް އޮތް ފުރުސަތެކެވެ. އެ ގައުމަކީ ކޮލިޓީ މުދާ އުފައްދާ ހަބެކެވެ. ދުބާއީ ތައިލެންޑް ނަގާފަ ދެން އެންމެ ބޮޑު އެއް ވިޔަފާރި މަރުކަޒެވެ. އެހެންވެ މިއީ ދިވެހި ވިޔަފާރިވެރިންނަށް ފުރުސަތު ތަކެއް ހުޅުވިގެންދާނެ ދާއިރާ އެކެވެ. ބައެއް ބާވަތްތަކުގެ މުދާ ތުރުކީން ގެންނަން ލިބޭ އަގު ދުނިޔޭގެ އެހެން ގައުމުތަކަށްވުރެ ހެޔޮކަން ބައެއް ވިޔަފާރިވެރިން ފާހަގަ ކުރެ އެވެ. އެހެންވެ މިއީވެސް ދިވެހިންނަށް ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމެކެވެ.
ތުރުކީއަކީ މަހުގެ ބާވަތްތަކާއި ކަނޑުމަހުގެ ކޮންސަމްޝަން މަތި ވެސް ގައުމެކެވެ. އެހެންވެ ރާއްޖެ ފަދަ މަސްވެރި ގައުމަކަށް މަހުގެ އިތުރު މާކެޓުތަށް ފުޅާ ކުރުމުގައި ވެސް ތުރުކީގެ މާކެޓުގެ މުހިންމެވެ.
އިމާރާތް ކުރުމާއި ރިއަލް އެސްޓޭޓްގައި ތުރުކީއަކީ ދުނިޔޭގައި އޮތް އެންމެ މަޝްހޫރު އެއް ގައުމެވެ. ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ޖަރުމަނުގެ ބާލިން އަލުން އާރާސްތުކޮށް ދިނުމުގައި ތުރުކީގެ އިމާރާތް ކުރުމުގެ ހުނަރު މުހިންމު ދައުރެއް އަދާކުރި އެވެ. ރާއްޖެއަށް ބަލާނަމަ ސަލްމާން މިސްކިތާއި ޓްރީޓޮޕް ހޮސްޕިޓަލަކީ ތުރުކީގެ ބިނާ ވައްޓަފާޅި އެވެ. ރާއްޖޭގައި އާއްމުކޮށް އިމާރާތް ކުރާ ވައްޓަފާޅި ނޫން އެހެން ޓެކްނޮލޮޖީއެއް ބޭނުންކޮށްގެން ހަދާފައިވާ ޒަމާނީ މި ދެ ބިނާއަކީ މި ދާއިރާއިން ތުރުކީ އޮތް ހިސާބު ފެންނަ މިސާލެކެވެ. ރާއްޖެ ފަދަ ބޯހިޔާވަހިކަމުގެ ދަތިކަން ބޮޑު ގައުމެއްގައި ތުރުކީގެ އިމާރާތް ކުރުމުގެ ދާއިރާ ބޭނުން ކޮށްގެން ގިނަ ފައިދާ ތަކެއް ނެގެން އެބައޮތެވެ.
ސިއްހީ ދާއިރާއަކީ ވެސް ތުރުކީގެ ޓެކްނޮލޮޖީ އާއި ނޮލެޖް ދިވެހިންނަށް ބޭނުން ކުރެވިދާނެ ދާއިރާއެކެވެ. އެ ގައުމަކީ ހަމައެކަނި ބޮލުގަ އިސްތަށި އިންދާ ގައުމެއްގެ ގޮތުގައި ދިވެހިންގެ މެދުގައި ނަން މަޝްހޫރު ވެފައި އޮތަސް ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަން އެ ގައުމަށް ދުނިޔޭގެ އެތައް މިލިއަން ބަޔަކު ދެ އެވެ. އަގުގެ ގޮތުން ބަލާނަމަ ޔޫރަޕަށްވުރެ 80 ޕަސެންޓް އަގު ހެޔޮކޮށް އެކަމަކު ޔޫރަޕުގެ ބޭސްވެރި ކަމުގައި ނަން މަޝްހޫރު މެޑިކަލް ޓޫރިޒަމް މާކެޓެކެވެ. ތުރުކީއަށް މިހާރުވެސް ބޭހަށް ގިނަ ދިވެހިން ދަތުރު ކުރެ އެވެ. -- ގިނައިން ދަނީ ތަލަ މީހުން އެ މީހުންގެ ބޮލުގައި އިސްތަށި އިންދާށެވެ.
ތުރުކީގައި ދިރިއުޅޭ ދިވެއްްސެއް ކަމަށްވާ ހިޝާން އަހުމަދު ބުނި ގޮތުގައި އަހަރަކު އެވްރެޖުކޮށް 25 އަކަށް ދިވެހިން އޭނަ މެދުވެރިކޮށް ޑޮކްޓަރަށް ދައްކަން ދެއެވެ.
"މިހާރު އޮތް މައްސަލައަކީ މެޑިކަލް ވިސާގެ މައްސަލަ. އެކަނަކު ރައީސް މުއިއްޒުގެ މި ދަތުރުން އެކަން ހައްލުވާނެ ކަމަށް އުންމީދު ކުރެވޭ. ދިވެހިންގެ ގިނަ ބަޔަކު ތުރުކީއަށް އާދެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުން ފަދަ ބޮޑެތި ބަލިތަކަށް. އެވްރެޖުކޮށް 2،000 ޑޮލަރާއި 5،000 ޑޮލަރުގެ މިންވަރެއް ދިވެހިން ހޭދަ ކުރާކަން ފާހަގަ ކުރެވޭ. މިތަނަކީ ސިއްހީ ފަރުވާގައި މަތީ ގައުމެއް،" އެ ގައުމަށް ދާ ގިނަ އަދަދެއްގެ ދިވެހިންނަށް އެހީތެރިކަން ފޯރު ކޮށްދެއްވަމުން ގެންދަވާ ހިޝާން ބުންޏެވެ.
އޭނާ ބުނި ގޮތުގައި ތުރުކީ މީހުނަކީ ދިވެހިންނަށް ވަރަށް އިހުތިރާމް ކުރާ ބައެކެވެ. ރައީސް މުއިއްޒުގެ މި ދަތުރުފުޅުގެ ސަބަބުން ސިއްހީ ދާއިރާއިން ގިނަ ފަސޭހަތަކެއް ދިވެހިންނަށް ވެގެންދާނެ އިރު ވަރަށް ބޮޑު ގުޅުމެއް އުފެދިގެން ދާނެ އެވެ.
"ތުރުކީގެ ބޭހަކީ ވަރަށް ކޮލިޓީއެއްޗެއް. އަޅުގަނޑު ޕާސަނަލް އެކްސްޕީރިއަންސުގައި ޑޮކްޓަރުން އެބަހުރި ވިދާޅުވެފައި ރާއްޖޭގަ ގެންގުޅޭ ބޭހަށްވުރެ ތުރުކީގެ ބޭސް ކޮލިޓީ ކަމަށް، އެހެންވެ ބޭސްވެރިކަމުގައި މި ފުރުސަތު ދިވެހިންނަށް މުހިންމު،" ހިޝާން ބުންޏެވެ.
ތުރުކީއަށް ރާއްޖޭގެ ރައީސް މުއިއްޒު ކުރެއްވި ރަސްމީ ދަތުރުފުޅުން މިފަދަ ގިނަ ފުރުސަތުތަކެއް ވަނީ ފަހިވެގެން ގޮސްފަ އެވެ. ދެން އޮތީ ފުރުސަތުތަކުގެ މަންފާ ދިވެހި ސަރުކާރާއި ރައްޔިތުން ހޯދުމެވެ. ފާލަމެއް އެއޮތީ އެޅިފަ އެވެ.