ވާހަކަ

އިންތިހާއަށް ލޯބިވީމާ – އެޕިސޯޑް 39

ނިއުޝާ ނިންމީ ވީ އެންމެ އަވަހަކަށް ނާޝިދުގެ ގާތުގައި ބުނެގެން ފަޔާޒްއާ ދިމާވެވޭނެ ގޮތެއް ހަދާށެވެ. ފަޔާޒްގެ އަންބެއްގެ ރޯލުން ތާއަބަދަށް ދުރަށްދާށެވެ.

– އެޕިސޯޑް 39 -

ފެށިގެން ދިޔަ އައު ދުވަހާ އެކުގައި ނިއުޝާ އަވަސްވެ ގަތީ ފަަޔާޒްއާ ދިމާކުރުމަށެވެ. ނިއުޝާގެ އެދުމަށް ނާޝިދު ވަނީ ނިއުޝާއަށް ފަޔާޒްއާ ދިމާވެވޭނެ ގޮތް ހަމަޖައްސާފައެވެ. ނިއުޝާ ފަޔާޒްއާ ދިމާކުރަން ބޭނުންވާ ސަބަބު ކިތަންމެހާ ވެސް ރަނގަޅަށް ނާޝިދަށް އެނގެއެވެ. އެއީ ނިއުޝާ އިސްވެގެން، އޭނާ ކުރަން ބޭނުންވާ ކަމެއްކަން ވެސް ނާޝިދަށް ވަނީ އެނގިފައެވެ.

ނިއުޝާގެ ނިންމުންތަކާ އަމަލުތަކުން ނާޝިދު މިހާރު ކުޑަކޮށް ވެސް ހައިރާނެއް ނުވެއެވެ. ނާޝިދަށް ނިއުޝާގެ އަސްލު ސޫރަ މިހާރު ދަސްވެ ނިމިފައިވާ ފަދައެވެ. ނިއުޝާގެ ފެންވަރު ނާޝިދުގެ ހަމަ ލޮލަށް ފެނި، އޭނާގެ ބުއްދިން އޭނާއަށް ނިއުޝާއަކީ ކާކު ވަނީ އަންގާދީފައެވެ. ނާޝިދަށް ނިއުޝާ ސިފަ ވަނީ ވަރަށް ހުތުރު ނަމަކުންނެވެ. ބަހަކުން ބުނާ ނަމަ "ބަޑި" "ކޫޑި" ފަދަ ބަހަކުން މެނުވީ ނާޝިދަށް ނިއުޝާ ސިފައެއް ނުވެއެވެ.

މިއަދު ނިއުޝާ އެހުރީ ވަރަށް ނަލަވެގެންނެވެ. މީގެ ފަހުގެ ތާރީޙެއްގައި ނިއުޝާ އެހާ ރީތިވެފައެއް ނެތެވެ. މޭކަޕް ކޮށްފައި ހުރިވަރުން ހީވަނީ ކައިވެނީގެ ހަފްލާއަކަށް ޖަރީކޮށްފައި ހުރި ބްރައިޑެއް ހެންނެވެ. ގަޔަށް ވަރަށް ބާރު ހެދުމެއް ލައިގެން ހުރި ނިއުޝާ މީރު ލުއި ވަހެއް ދުވާ ސެންޓަކުން ފެންވަރާލައިގެން ހުރި ފަދައެވެ. މުޅި ތަނުން ނިއުޝާގެ ގައިން ދުވާ މީރު ވަސް ވަނީ ހިއްޕާލާފައެވެ. 

ނިއުޝާ ލައިގެން ހުރި ހެދުމުން އޭނާގެ ބަނޑާއި، އޭނާގެ ހަށިގަނޑުގެ ވަނާތައް ވަނީ ވަރަށް ބޮޑަށް ފައުޅުވެފައެވެ. މިއީ މިއިން ދުވަހެއްގައި ވެސް ނިއުޝާ ހެދުން އެޅުމުގައި ގެންގުޅުން ވައްޓަފާޅިއެއް ނޫނެވެ. ނިއުޝާ ބޭނުންވީ އޭނާ އަކީ ކުރީގެ ނިއުޝާ ނޫންކަން ފަޔާޒްއަށް ދައްކާށެވެ. ނިއުޝާ ބަދަލު ވެއްޖެކަން ފަޔާޒްގެ ކުރިމަތީގައި ހާމަކުރާށެވެ. ނިއުޝާގެ ދިރިއުޅުން ފަޔާޒް ނުލާ އުފާވެރިކަން ފަޔާޒްގެ ކުރިމަތީގައި ދައްކާށެވެ.

ސަމާ އާއި މާއިޒްގެ ކައިވެންޏާ މެދުގައި ނިއުޝާގެ ކަންބޮޑުވުން ކިތަންމެހާވެސް ބޮޑެވެ. ނަމަވެސް އެކަން ދިރިއުޅުމުގައި އެއްފަރާތް ކޮށްލައި ނިއުޝާ ނިންމީ ހައިކަލްއާ އެކުގައި ދިރިއުޅޭށެވެ. މާއިޒްއާ އަޅާބަލާފައި ހައިކަލްގެ ޤަދާރާއި އިއްޒަތް މާ މަތިވާނެ ކަމުގައި އެންމެން ވެސް ޤަބޫލު ކުރާނެ ކަމަށް ނިއުޝާ ދެކެއެވެ. އެހެން ކަމުން މީ ނިއުޝާގެ ޙަޔާތަށް އައި "އަޕްގްރޭޑެއްގެ" ގޮތުގައި ނިއުޝާ ސިފަކުރެއެވެ.

ނާޝިދަށް ނިއުޝާ ފެނުމާއި އެކުގައި ހުއްޓުން އެރިއެވެ. އަނގަ ތަންމިނަށް ހުޅުވުނެވެ. އެއީ ނިއުޝާ ބާއޭ ހިތަށް އަރާފައި ވަގުތު ކޮޅަކަށް ބަލަން ވެސް ހުރެވުނެވެ. ވާނީ ވެސް އެހެންތާއެވެ. މޭކަޕްގެ ޖާދޫގައި "އަސްލު" ނިއުޝާ ވަނީ ވަންހަނާވެފައެވެ. އެއީ އެހެން މީހެއް ފަދައެވެ. 

ނާޝިދަށް ވީ ގޮތް ނިއުޝާއަށް ކިތަންމެހާ ވެސް ރަނގަޅަށް ފެނުނެވެ. ނިއުޝާ އަޅާނުލާ ހިނގައިގަތީ ނާޝިދާ ދިމާލަށެވެ. އެދެމީހުން ތިބީ ޖެޓީގައެވެ. މާފުށްޓަށް ދިޔުމަށްޓަކައެވެ. ދަތުރު މަތީގައި ވެސް ދެމީހުން އެކަކު އަނެކަކާ އެއްވެސް ބަހެއް ނުބުނެ މަޑުން ތިބީއެވެ. ދައްކަންވީ ކޮން ވާހަކައެއްކަން ނާޝިދަށް މިފަހަރު ނޭނގުނީއެވެ. އެހެން ނޫން ނަމަ ކޮންމެވެސް އެއްޗެއް ނާޝިދު ބުނާނެއެވެ.

***

"ނިއު..!" 

ފަޔާޒަށް ނިއުޝާ ފެނުމާއި އެކުގައި ލިބުނީ ބޮޑު ހައިރާން ކަމެކެވެ. ފަޔާޒްގެ ގާތުގައި ނިއުޝާ ދިމާ ކުރަން ބޭނުންވި ސަބަބު ނާޝިދު ނުބުނީ، ފަޔާޒަށް އެކަމުން ކުރާނެ އަސަރު ބޮޑުވެ، އައިސް ދާނެ ނަތީޖާއަކާ މެދު ވިސްނާފައެވެ. ނާޝިދު ބޭނުންވީ ސީދާ ނިއުޝާގެ ދުލުން ފަޔާޒަށް އެ ޚަބަރު ދޭށެވެ. އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ވާނެތީއެވެ. ފަޔާޒް ދެރަ ވާނެ ވަރު ނާޝިދަށް އިޙްސާސް ކުރެވެއެވެ. ނަމަވެސް މިކަން މިނޫން ގޮތަކަށް ވާކަށް ވެސް ނެތެވެ.

"ނިއު" 

އަނެއްކާ ވެސް ފަޔާޒަށް ގޮވާލެވުނެވެ. ނިއުޝާ ހުރީ ފަޔާޒަށް ބަލަހައްޓައިގެންނެވެ. އެދެމީހުން އެވަގުތު ތިބީ ޖަލު އޮފިސަރު އެދެމީހުންނަށް ދެއްކި ކޮޓަރިއެއްގެ ގޮތަށް ހަދާފައިވާ ތަނެއްގައެވެ. ނިއުޝާ މަޑުމަޑުން ހިނގާލާފައި އައިސް ހުއްޓުނީ ފަޔާޒްގެ ދިމާ ކުރިމަތީގައެވެ.

"ފަޔާ ހީކުރީ އަހަންނަށް ދެރަ ދީފަ ފަޔާއަށް އުފަލުގަ އުޅެވޭނެ ކަމަށްތަ؟ ފަޔާ އަހަރެންގެ ދިރިއުޅުން ހަލާކު ކޮށްލީ އަހަންނަށް ދެން އުފާވެރިކަން ނުލިބޭނެ ކަމަށް ބަލައިގެންތަ؟ އެހެން ހީވެފަ އޮތް ނަމަ އެއީ ކުށް ހީއެއް.." 

ނިއުޝާ ދައްކަމުން ދިޔަ ވާހަކަތަކުން ފަޔާޒްގެ ހިތުގާ ޖެހެން ފަށައިފިއެވެ. އަމިއްލަ މީހާގެ ދިފާޢުގައި އެތައް ވާހަކައެއް ދެކެވެއްޖެއެވެ. ނަމަވެސް ވީ ބޭކާރެވެ. ފަޔާޒްގެ ދުލުން ކަމުގެ ހަޤީޤަތް ހާމަ ކުރުމުން ވެސް ނިއުޝާއަށް ކުށްވީ ފަޔާޒެވެ. ފަޔާޒްގެ އެއްވެސް އަގެއް، ފަޔާޒަށް އައި ހެޔޮ ބަދަލު ނިއުޝާގެ ކުރިމަތީގައި "މެޓަޔަކަށް" ވެސް މިހާރަކު ނުވެއެވެ. އެހެންވީމާ، އިތުރަށް ފަޔާޒް ދައްކަން އޮންނާނީ ކޮން ވާހަކައެއް ހެއްޔެވެ؟

ފަޔާޒްގެ ހަމަހިމޭން ކަމުން ވެސް ގޯސް މީހަކަށް ވެގެން ދިޔައީ ފަޔާޒެވެ. ނިއުޝާ އިސްކުރީ ރުޅިއެވެ.

"އަހަންނާ ވާހަކަ ދައްކަން ބޭނުން ނުވަނީތަ؟ އަހަރެން ސުވާލު ކުރީމަ ތި އެއްޗެއް ނުބަނީ؟ ރީއްޗަށް ބުނެބަލަ!" ނިއުޝާގެ އަޑު ބާރުވިއެވެ. ފަޔާޒް ކަރުކެހިލަމުން ވާހަކަދެއްކޭތޯ މަސައްކަތް ކޮށްލިއެވެ. ނަމަވެސް އެކަން އޭނާއަކަށް ނުވިއެވެ. ދެރަވެފައި ހުރި ވަރުން ހިތްވަރު ނުލިބުނީއެވެ.

"އަހަރެން ވަރި ކުރޭ!" ނިއުޝާގެ ޖުމުލައާ އެކުގައި ފަޔާޒްގެ ދެލޯ ބޮޑުވިއެވެ. ފަޔާޒަށް "ކީކޭ؟" އަހައިލެވުނީ އޭނާގެ އިޚްތިޔާރުން ބޭރުންނެވެ.

"އާނ! އަހަރެންނަށް މި ވޭނާ ކެކުޅުމަށް ވަރަށް ކެތް ކުރެވެއްޖެ! ދެން ނުވާނެ.. މިއަދު އަހަރެންގެ ދިރިއުޅުން ބާއްޖަވެރި ކޮށްދޭނެ މީހެއް އެބަ ހުރި.. އޭނާ ހުރީ އަހަންނަށް ދުނިޔޭގެ ހުރިހާ އުފަލެއް ހޯދައިދޭން ތައްޔާރަށް.. އަހަރެންނަށް ދެން ފަޔާޒްގެ ބޭނުމެއް ނެތް.. އަހަރެން ވަރި ކުރާތި.. މާދަން ކޯޓަށް މައްސަލަ ލާނަން.." ނިއުޝާ ހިނގައިގަތީ އެތަނުން ނުކުންނާށެވެ.

"ނިއު..! އަހަރެންގެ ދަރިފުޅު.." ފަޔާޒަށް ބުނެވުނީ އެވަރަށެވެ. ބޮޑު އަންހެނެއްހެން "ޕާސް" ކިޔާފައި ފަޔާޒަށް ރޮއި ގަނެވުނެވެ. (ނުނިމޭ)

ކޮމެންޓް

3
450
ޟަފާ
1 year ago

ކޮން ޕާސް އެއްތަ

ނަނާ
1 year ago

ކޮން އިރަކުން ނެކްސްޓް އެޕިސޯޑް

ސަމާ
1 year ago

އަޕްލޯޑް ވޭތޯ ސައިޓް ރިފްރެޝް ކޮށްކޮށް ހުއްޓާ ތި އަޕްކޮށްލީ.. ކުރު ގެންނަލެއް ވާހަކަ. އެކަމު ވަރަށް ވަރަށް ރީތި

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.