ދާއިރާތަކުން ތުރުކުރީއާ ގުޅުން ބަދަހިކުރުމުގެ މަގުޗާޓަކަށް އެއްބަސްވެއްޖެ

ރައީސް މުއިއްޒު ނޮވެމްބަރު 26 އިން 29 އަށް ތުރުކީއަށް ފެއްޓެވި މި ދަތުރުފުޅަކީ އެ މަނިކުފާނުގެ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އެކަމަކު ފުރަތަމަ ސްޓޭޓް ވިޒިޓެއް ނޫނެވެ.

ރައީސް މުއިއްޒާއި ރައީސް އުރުދުގާން: ދެ ބޭފުޅުންގެ މެދުގައި ފަހި ވާހަތަކެއް ދެކެވުނު ކަމަށް ރައީސް އޮފީހުން ބުނޭ

ތުރުކުރީއާ ރާއްޖޭގެ ގުޅުންތައް ހުރިހާ ދާއިރާއަކުން ބަދަހި ކުރުމުގެ މަގުޗާޓަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއި ރައީސް ރަޖަބް ތައްޔިބު އުރުދުގާން އެއްބަސްވެވަޑައިގެންފި އެވެ. މި ތާރީހީ މަގުޗާޓުގެ އެއްބަސްވުން ދެ ބޭފުޅުންގެ މެދުގައި ފައްކާވީ ރައީސް މުއުއްޒު، ތުރުކީއަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގައި ރައީސް އުރްދުގާނާ ބައްދަލު ކުރައްވައި ދެ ގައުމުގެ މެދުގައި ބޭއްވި ރަސްމީ ވާހަކަފުޅުތަކުގެ މޭޒުގަ އެވެ.

ދެ ގައުމުގެ ގުޅުން ބަދަހި ކުރުމުގެ މަގުޗާޓަކަށް ދެ ލީޑަރުން އެއްބަސްވެވަޑައިގަތުމުގައި ރާއްޖެއާއި ތުރުކީއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެވިދާނެ އެކި ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވައި ލެއްވެވި އެވެ.

އަންކާރާގެ ޕްރެޒިޑެންޝަލް ޕެލަސްގެ މަޝްވަރާތަކުގައި:

  •  ރާއްޖެއާ ތުރުކީއާ ދެމެދުގައި އޮތް ގުޅުން ވަރަށް ވަރުގަދަކަން ފާހަގަ ކުރި
  •  ވިޔަފާރީގެ ދާއިރާ ގުޅުން ފުޅާ ކުރަން މަޝްވަރާ ކުރި
  •  އިންވެސްޓްމަންޓާއި، އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން މަޝްވަރާ ކުރި
  •  މަތީ ތަޢުލީމުގެ ދާއިރާއިން ގުޅުން ބަދަހިކުރަން މަޝްވަރާ ކުރި

އެ މަޝްވަރާގެ ތެރޭގައި އިޖްތިމާޢީ-އިގްތިސޯދީ ތަރައްގީގެ އެކި ދާއިރާތަކުން ތުރުކީން ރާއްޖެއަށް ދޭ އެއްބާރުލެއްވުން ފާހަގަ ކުރައްވައި، ރައީސް އުރުދުގާނަށާއި، ތުރުކީގެ ރައްޔިތުންނަށް ރައީސް މުއިއްޒު ޝުކުރު އަދާ ކުރެއްވެވި އެވެ.

އުރުދުގާން ވިދާޅުވީ - ބައްދަލު ކުރެއްވުމުގައި، ރައީސް އުރުދުގާން ވަނީ، ރައީސް މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ ރައީސް ކަމުގެ ހުވާ ކުރެއްވުމާ ގުޅިގެން، އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވެފަ އެވެ.

އަދި ރައީސް މުއިއްޒު ރާއްޖޭގެ ރައީސެއްގެ ހައިސިއްޔަތުން ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅަށް ތުރުކީ ހިޔާރު ކުރެއްވުމަކީ އެމަނިކުފާނަށާއި، ތުރުކީގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެއް ކަމުގައި ވިދާޅުވި އެވެ. 

ވިޔަފާރިއާ އިގްތިސޯދީ ދާއިރާއިން އެއްބަސްވުމެއް

ދެ ލީޑަރުންގެ ރަސްމީ މަޝްވަރާތަކަށް ފަހު ދެ ގައުމުގެ ފަރާތުން ވަނީ، "އެގްރީމަންޓް އޮން ޓްރޭޑް އެންޑް އިކޮނޮމިކް ކޯޕަރޭޝަން ބިޓްވީން ދަ ގަވަމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަމަންޓް އޮފް ދަ ރިޕަބްލިކް އޮފް ތުރްކިއޭ" ގައި ސޮއި ކުރައްވާފަ އެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުހައްމަދު ސައީދެވެ. ތުރުކީން ސޮއި ކުރެއްވީ މިނިސްޓާ އޮފް ޓްރޭޑް ޕްރޮފެސަރު ޑރ. އޮމަ ބޮލަޓް އެވެ. ސޮއި ކުރުން އޮތީ ރައީސް މުއިއްޒާއި، ތުރުކީގެ ރައީސް އުރުދުގާންގެ ކުރިފުޅުމަތީގައެވެ.

ވިޔަފާރި އާއި އިގްތިސޯދުގެ ދާއިރާއުން ތުރުކީ އާއި ރާއްޖެއިން އެއްބަސްވުމެއްގައި ސޮއިކޮށް ދެ ގައުމުގެ ރައީސުންގެ ހާޒިރުގައި ވަޒީރުން ދައްކާލަނީ
ރަސްމީ ވާހަކަފުޅުތަކުގައި - ރައީސް މުއިއްޒުގެ އަރިހުގައި، ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާއި، ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދާއި، ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލާއި، މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޯ ޕްރެޒިޑެންޝަލް އެފެއާޒް އަލީ އާރިފާއި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ފޮރިން ރިލޭޝަންސް މުހައްމަދު ނަސީރާއި، ޕްރިންސިޕަލް އެޑްވައިޒަރު އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް މުހައްމަދު އަލީ ޖަނާހާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރު އެޓް ލާޖް ދ. އަލީ ނަސީރު މުހައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

ނޮވެމްބަރު 26 އިން 29 އަށް ތުރުކީއަށް ރައީސް މުއިއްޒު ފެއްޓެވި ރަސްމީ ދަތުރުފުޅުގައި ރައީސް މުއިއްޒުގެ އަރިހުގައި އަނބިކަނބަލުން / ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުހައްމަދާއި، ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަތެވެ.

ކޮމެންޓް

1
450
ޗްޕް ޗްޕް އަލީ
4 months ago

ހާދަ ބޮޑު ޓީމެއް؟؟ ލާރި ނެތޭ ގައުމު ބަނގުރޫޓްވަނީ އޭ ކިޔާފަ، ކިހާ ބޮޑު ހަރަދެއް އިސްރާފެއް ތިވަނީ ތި އެންމެން ގޮސްގެން.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.