ކަނޑާފައި ގޯތި ދިނަކަސް ގެއެއް ނޭޅޭނެ، ތެޅޭނީ ގަނައެއް

ރާއްޖޭގެ ބޭންކުތަކުގައި ގެއެއް އަޅަން އެންމެ ކުޑަކޮށް ވެސް 30 ޕަަސެންޓް އިކުއެޓީ ބަހައްޓަން ޖެހެ އެވެ. އަދި ލޯނު ލިބޭނީ 12 ޕަސެންޓުގަ އެވެ. އެހެންވީއިރު މިވަރަށް ލޯނު ނަގައިގެން ގެއެއް އެޅޭނީ ކިތައް އާއިލާއަށް ހެއްޔެވެ؟

ގޯތިދޭން ބިމެއް ހިއްކަނީ : ހުޅުމާލެ ނޫން ސަރަހައްދުތަކުން ދިން ގޯތިތަށް ހެދޭނެ ދުވަހެއްވެސް ނޭނގެ

އެމްޑީޕީ ވެރިކަމަށް އައި ވަރުގަދަ މޮޅު ކެމްޕޭންގައި މާލެ މީހުންނަށް ގޯތި ދިނުމަކީ ވައުދަކަށް ހެދި އެވެ. މިކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރެއްވި އެއް ބޭފުޅަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދެވެ. ތަކުރާރުކޮށް ވިދާޅުވަމުން ދިޔައީ ހަމަ ދޭނީ ގޯތި ކަމަށެވެ. މާލެ ރައްޔިތުންނަށް ބިން ކަނޑާފައި ގޯތިދޭނެ ކަމަށެވެ. ނަމަވެސް ވެރިކަން ފެށުނުފަހުން އެމްޑީޕީގެ އެއްވެސް ވެރިއެއް އޭރުގެ މަޖިލީހުގެ ރައީސް ނަޝީދު ނޫން އެއްވެސް ބޭފުޅަކު އެ ވާހަކަފުޅެއް ނުދައްކަވަ އެވެ. ހާއްސަކޮށް ވެރިކަން ލިބުމާއެކު ސަރުކާރުގެ ވެރިންގެ ބަސްމަގު ބަދަލު ވެގެން ދިޔަ އެވެ. 

އޭރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމަށް ވެސް ގޯތި ދިނުމަކީ ޕާސަނަލީ ގަބޫލު ކުރައްވާ ކަމަކަށް ނުވި އެވެ. އެކަމަކު އެކަން ނުކޮށް ވާހަކަށް ނެތެވެ. އެކަމަކު އޭރަކު ސަރުކާރުން އެކަމަށް އެއްވެސް ކަމެއް ނުކުރެ އެވެ. ހަމައެކަނި ދެއްކީ މާލެ ސަރަހައްދުގައި 21،000 ފްލެޓު އަޅާ ވާހަކަ އެވެ. ރައީސް ސޯލިހު ގައުމާ މުހާތަބުކޮށް ދެއްވި އެކި ތަގުރީރުތަކުގައި މި ވާހަކަ ދައްކަވަމުން ގޮސް ގޯތީގެ ނަން ވެސް ރަސްމީ ތަގުރީރެއްގައި ވިދާޅުވީ 2021 ވަނަ އަހަރަށް މަޖިލީސް ހުޅުވުމަށް ބޭއްވި ޖަލްސާގަ އެވެ. އެ ވާހަކަ ވިދާޅުވީ ކުރިން ވިދާޅުވި ފްލެޓު ނޭޅޭނެކަން ޔަގީންވުމުން އިންތިހާބަށް ޖެއްސެވި މަޅިއެއްގެ ގޮތުގަ އެވެ. 

އޭގެ ފަހުން ދެން މުޅިން ވެސް ދެއްކެވީ ގޯތީގެ ވާހަކަ އެވެ. އެ އަހަރު ގުޅިފަޅު ހިއްކައިގެން ގޯތިދޭން އިއުލާނުކުރި އެވެ. މާލެ ރައްޔިތުންނަށްވީ މި ވައުދު ފުއްދަން ސަރުކާރުން އުޅެގަތް ވަގުތު އޮތީ އިންތިހާބު ބޯ މަތިވެފަ އެވެ. އެހެންވެ ނ. އަތޮޅުން ދެ ފަޅެއް ބޭރުގެ މަހުޖަނަކަށް 30 މިލިއަން ޑޮލަރަށް ވިއްކާލައި ހޯދި ފައިސާ އިން ގިރާވަރު ފަޅު ހިއްކަން ފެށި އެވެ.


ގުޅިފަޅުން 150 ހެކްޓަރުގެ ބިން ހިއްކައި ގުޅިފަޅުން މަދުވެގެން 2،000 ގޯތި ދޭން ނިންމި އެވެ. އަދި ގިރާވަރުފަޅުން ވެސް 2000 ގޯތި ދޫކުރަން ނިންމި އެވެ. އަދި ހުޅުމާލޭގެ މާސްޓަ ޕްލޭން ދޫކޮށްލައި ނެރުމަތި ފަޅު ހިއްކައިގެން 2200 ގޯތި ދޫކުރަން ނިންމި އެވެ. މިއާއެކު މާލެއަށް ހާއްސަކޮށް 6200 ގޯތި ދޫކުރުމަށް މިހާރު ނިންމާފައިވާކަމުގެ ހަބަރު ރައީސް ސޯލިހު އިއުލާނު ކުރެއްވި އެވެ. 

މިކަންވީ މާލެ ރައްޔިތުންނަށް ބޯހިޔާވަހިކަން ނުދީ 40 އަހަރު އޮތުމަށް ފަހު ލިބުނު ބޮޑު ހިތްހަމަޖެހުމަކަށެވެ. އެކަމަކު މި ހުރިހާ ކަމެއް ކުރައްވަން ނިންމެވީ މާލެ އިން ހޯދެން އޮތް ވޯޓެއް ހޯދާށެވެ. މިހާރު ވިސްނާލުމުން އެނގެނީ މީގެ އެއްވެސްކަމެއް ދެކޮޅު ދިމާނުވެ ބޮޑު ޑިޒާސްޓާއަކަށް ވެފައި އޮތް ކަމެވެ. 

މި އުފާވެރި އެ ހަބަރުތަކާއެކު ފެނިގެން ދިޔައީ ގޯއްޗަށް އިއުލާނު ކުރި ތަނެވެ. ގޯތިތަކަށް ކުރިމަތިލެވެނީ ހަމައެކަނި މާލެއަށް އުފަން މީހުނަށެވެ. "ބިންވެރިޔާ" ގެ ނަމުގައި ހިންގި އެ ސްކީމަށް ގޯއްޗަށް ޝަރުތު ހަމަވި 12،794 ފޯމު ހުށަހެޅި އެވެ. އެއީ ޖޮއިންޓް އެޕްލިކޭޝަންތަކުގައި ހިމެނޭ މީހުނާއެކު ބަލާނަމަ 19،857 މީހުންނެވެ. މި ލިސްޓު ކޮށާމަށައި 10،314 އަށް ކުޑަކުރި އެވެ. އަދި މި ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ދޫކުރާ 5،000 ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓެއް ނެރުނެވެ. ޝަރުތު ހަމަވެ އެހެން ނަމަވެސް 9،544 މީހަކަށް މި ވަގުތު ގޯއްޗެއް ނުލިބުނެވެ. އެކަމަކު މިއީވެސް ގޯތި ލިބޭނެ ބައެއް ކަމަށް ސަރުކާރުން ބުންޏެވެ. 

ބިންވެރިޔާ ސްކީމުން ދޭ ގޯތިތަކުގެ ގުރުނެގުން ކުރިއަށް ދަނީ

ޖޮއިންޓް ވެގެން ގިނަ ބަޔަކު މަޅީ ބެދިފައި

ރައީސް ސޯލިހުގެ ސަރުކާރުން އޭރު ބުނީ ގޯއްޗަށް ކުރިމަތިލީ މީހުން ކޮންމެހެން ވެރިފައިކޮށް ދިރިއުޅުމުގެ ހާލަތު ނުބެލިޔަސް ފުދޭނެ އެވެ. އެ ހުރިހާ މައުލޫމާތެއް ސަރުކާރުގެ އެކި ވުޒާރާތަކުގައި އެބަހުއްޓެވެ. ކޯޓު ތަކުން އިތުރު ބިމެއް އޮތްކަން ޔަގީން ކުރެވޭނެ އެވެ. ބޭންކުން ފައިނޭންޝަލް މައުލޫމާތު އެނގޭނެ އެވެ. ސިޓީ ކައުންސިލުން އާއިލާގެ މައުލޫމާތު ހޯދޭނެ އެވެ. ދެން ހޯދަން ޖެހޭނީ ކޮން މައުލޫމާތެއް ހެއްޔެވެ؟ މިކަންވީ ގިނަ ބަޔަކު އުފާކުރި ކަމަކަށެވެ. ސަބަބަކީ މާލެ ގިނަ ރައްޔިތުން އުޅެމުން ދިޔަ ބިކަހާލު ސަރުކާރަށް އެނގޭތީ ރައްޔިތުންވީ އުފަލެވެ.

އޭގެ ފަހުން ސަރުކާރުން އިއުލާނުކުރީ ފްލެޓު ޔަގީންވާނެ މޮޅު ފޯމި އުލާ އެކެވެ. އެއީ ޖޮއިންޓް އުސޫލެވެ. މި "ޖޮއިންޓެއް ވެގެން" ގޯތި ޔަގީންވާނެ ކަމަށް ބުނެ ސަރުކާރު އެ ވާހަކަ ވަރަށް ގަދަޔަށް ދެއްކި އެވެ. ޖޮއިންޓްވުމަކީ ގޯތި ޔަގީންވާނެ ކަމެއް ކަމަށް ހައުސިން މިނިސްޓްރީގެ ނައިބު އަދި އެ ސަރުކާރުގެ ފްލެޓް ކޮމެޓީގެ ޗެއާ އަކްރަމް ކަމާލުއްދީން ވިދާޅުވަމުން ގެންދެވި އެވެ. 

ދިން ގޯތިތަކާއި ޖޮއިންޓް އުސޫލު

  • 1.އެޕްލިކޭޝަނަކަށް ލެވުނު ގޯތީގެ އެންމެ ކުޑަ ސައިޒް 1،250 އަކަފޫޓު
  • 2.ޖޮއިންޓް އެޕްލިކޭޝަނެއް އެކަކަށް ވުރެ ގިނަ މީހުންގެ ނަމުގައި ހުށަހެޅުން ކޮންމެ މީހަކަށް 400 އަކަފޫޓު އިތުރުވޭ
  • 3.ހަތް މީހުންނަށް ވުރެ ގިނަ މީހުން ޖޮއިންޓް އެޕްލިކޭޝަނުގައި ބައިވެރިވާ ނަމަ ގޯތީގެ ސައިޒް 4،000 އަކަފޫޓު

އޭގެ ނަތީޖާއަކަށްވީ ޖޮއިންޓް ވެގެން ގޯތި ހޯދަން އެތައް ބަޔަކު ފޯމްލުމެވެ. ބައެއް މީހުން އާއިލާގެ ކޮޅުން ކިރިޔާ ގުޅުމެއް ހުއްޓަސް ޖޮއިންޓްވި އެވެ. ނަމަވެސް ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަވުމާއެކު ސަރުކާރުން ބުނީ ކުރިމަތިލީ އެންމެންނަށް ގޯތި ދޭނެ ކަމަށެވެ. ނަތީޖާއަކަށްވީ ޖޮއިންޓް އުސޫލާ ހިތްހަމަ ނުޖެހުނު އަދި އެކަމުން ނުކުންނާނެ މައްސަލަތަށް އެނގޭތީ ޖޮއިންޓް ނުކޮށް ތިބި އެތައް ބަޔަކު މާލޭގެ ބިންވެރިންނަށްވުމެވެ. މިއީ މި ސްކީމްގައި ފެނުނު އެންމެ ބޮޑު "ސްކޭމް" އެކެވެ. 

ފަހުން ސަރުކާރުން އިތުރު މީހުނަށް ގޯތިދޭނެ ކަމަށް ބުނެ ގޯތި ނެރުނަސް މި ހިސާބުން ބޮޑު މަޅިއެއްގެ ތެރެއަށް މުޅިމާލެ އޮތީ ފެތި އަވަދިވެފަ އެވެ. ޖޮއިންޓް ވެގެން ގޯއްޗަށްލި ގިނަ އާއިލާތަކަކީ މިހާރުވެސް "މޫނު ކެނޑި" ފައި ތިބި މީހުނެވެ. މިއާއެކު އުފެދެނީ ހުސް ސުވާލެވެ.

އެހެންވީއިރު މި ގޯތީގައި ގެއެއް އަޅާނެ ފޯމިއުލާއެއް ނެރެވިދާނެ ހެއްޔެވެ؟ އަނެއްކޮޅުން މާލީ ގާބިލްކަމަށް ބަލާއިރު މާލޭގެ އެންމެ ޕްރިމިއަމް ސަރަހައްދުގައި ހުރި ގޯއްޗެއް ލޯނެއް ނަގައިގެން ހެދޭނެ ގާބިލްކަން ނެތް ހަތަރު މީހަކު ޖޮއިންޓް ވެގެން މާދުރުން ދޭ ގޯއްޗެއް ހެދޭނެ ހެއްޔެވެ؟ މީގެ ގޯއްޗެއް ހަދާނެ ގޮތެއް އޮންނާނެ ހެއްޔެވެ؟ އެ އާއިލާތަކުގައި ލޯނެއް ނަގައިގެން ގޯތި ހެދޭނެ މާލީ ގާބިލުކަން ހުންނާނެ ހެއްޔެވެ؟ 

ރާއްޖޭގެ ބޭންކުތަކުގައި ގެއެއް އަޅަން އެންމެ ކުޑަކޮށްވެސް 30 ޕަަސެންޓް އިކުއެޓީ ބަހައްޓަން ޖެހެ އެވެ. އަދި ލޯނު ލިބޭނީ 12 ޕަސެންޓުގަ އެވެ. އެހެންވީއިރު މިވަރަށް ލޯނު ނަގައިގެން ގެއެއް އެޅޭނީ ކިތައް އާއިލާއަށް ހެއްޔެވެ؟ ހަތަރު މީހުންގެ އާއިލާއެއް އުޅޭނަމަ އެންމެ ކުޑަކޮށްވެސް ދެތިން ބުރިއަށް ގެ ހަދަން ޖެހޭނެ އެވެ. މިއީ 10 ވަރަކަށް މިލިއަން ރުފިޔާ އެވެ. އެހެންވީއިރު މި ވަރަށް ގޯތި ހެދޭނީ ޖޮއިންޓްވި ކިތައް އާއިލާއަށްތޯ ވެސް ސުވާލު ކޮށްލަން ޖެހެ އެވެ. 

ގެއެއް އަޅަން ހުރި އޮޕްޝަންތަށް މަދު

މިސާލަކަށް ސަރުކާރުގެ ހެޔޮ ކަމުން ހަ ޕަސެންޓުގެ އިންޓްރެސްޓުގައި 10 ޕަސެންޓުގެ އިކުއިޓީއެއް ބަހައްޓައިގެން ލޯނު ދިނީ އެވެ. މިވަރުގެ މާލީ ތަނަވަސްކަމެއް ހާލުގައި ތިބި މާލެ ރައްޔިތުންގެ ކިބައިގައި ހުންނާނެ ހެއްޔެވެ؟ 

ތިލަމާލެ ބްރިޖް އަންނަ އަހަރު ނިމެން އޮތްނަމަވެސް އެ މަސައްކަތް 2026 އަށް ލަސްވެފައިވުމަކީ ވެސް ގޯތި ލިބޭ މީހުންގެ ހާލަތު އިތުރަށް ގޯސްވާނެ ކަމެކެވެ. އެ ގޯތިތައް ހަދަން ގުޅީފަޅަށް ޑިމާންޑެއް އަންނާނީ ވެސް ބްރިޖަކުން ގުޅިގެނެވެ. ރަނގަޅު ކަނެކްޓިވިޓީއެއް ލިބިގެނެވެ. އެހެންވެ މިއަދު ގޯތީގެ ހައްގުވެރިންނަށް ބިން ކަނޑާފައި ދިނަސް މިހާރު އޮތް ގޮތުން ގުޅީފަޅު ވާނީ "ގޯސްޓް ޓައުން" އަކަށެވެ. ނޫނީ "ގުދަން ސިޓީ" އަކަށެވެ. ދެން އޮތީ ގިރާވަރު ފަޅެވެ. އެ ފަޅުން އަދި އެރީ ދުރު ރާސްތާގައި އޮތް އާބާދީ އެކެވެ. 

ރާއްޖޭގެ ހައުސިން ބާޒާރު މިހާރު އޮތް ގޮތުން ދިގު މުއްދަތަށް ބިމެއް ނަގައިގެން އަމިއްލަ ފައިނޭންސްގައި އެކަން ކުރެވޭނެ ކުންފުނިތަށް ފަސް އިނގިލިން ވެސް ގުނައި ލެވޭހާ މަދެވެ. ގިނަ ކުންފުނިތަކުގައި ސަރުކާރުގެ ޕެންޑިން ބިލްތަށް ދިގުލައިގެން ގޮސް އޮތީ ހާލުގަ އެވެ. އެހެންވެ މި އޮޕްޝަން ވެސް ކާމިޔާބުވުމުގެ ފުރުސަތު ތަނަވަސްކަން ކުޑަ އެވެ. މި ހުރިހާ ކަމަށް ބަލާއިރު މިހާރު ހުރި ގޯތިތަށް އޭގެވެރިންނަށް ދިނަސް މީގެ ހައްގުވެރިންގެ 90 ޕަސެންޓް އުޅޭނީ ހާލުގައިކަން ޔަގީން ވެއެވެ. 

މި ގޯތިތަކަކީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމަށް އޮތް "އިމީޑިއެޓް" ހައްލަކަށް ނުވާނެ އެވެ. އަދި މިއީ މެދުރާސްތާ ކީއްކުރަން ވަަރަށް ދުރުން ރާސްތާގައި ނޫނީ މި ގޯތި ތަކުން މިހާރު އޮތް ބޯހިޔާވަހިކަމުގެ ހައްލެއް ނުލިބޭނެ އެވެ. މިކަން ކުރެވޭނެ ހަމައެކަނި ގޮތަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން އެކަމާއިގެން އުޅެގަތުމެވެ. ސުވާލަކީ ވެރިކަން ބަދަލުވެފައިވާތީ އާ ސަރުކާރުން އެކަމަށް އެ ވަރުގެ ޝައުގުވެރިކަމެއް ދީފާނެ ހެއްޔެވެ؟ 

ރައްޔިތުން މަޖިލީހުގައި އިއްޔެ ވާހަކަ ދައްކަވަމުން ބޯހިޔާވަހިކަމުގެ މިނިސްޓަރު ޑރ. ހައިދަރު ވިދާޅުވި ގޮތުގައި ކުރީ ސަރުކާރުން ދިން ގޯތިތައް މި ސަރުކާރުން އަތަކު ނުލާނެ އެވެ. އެ ގޯތިތައް ލިބިފައި ތިބި މީހުންނަށް ގޮތެއް ހޯދައި ދިނުމަކީ ކެމްޕޭން ވައުދުގައި އޮތް ގޮތަށް ސަރުކާރުގެ ޕްރިއޯރިޓީ - އިސްކަންދޭ ލިސްޓުގެ ކުރީގައި އޮތް ކަމެކެވެ. 

މި ސަރުކާރުން ހަދާނީ ކިހިނެއް؟

މިކަން ކުރާނެ ކަމަށް، ކުރެވޭނެ ގޮތުގެ ޕްލޭނެއް ކުރީގެ ހައުސިން މިނިސްޓަރު މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ކެމްޕޭންގައި ވިދާޅުވެ ދެއްވާފައި ވެއެވެ. އެގޮތަކީ މި ހުރިހާ ބިންތަކެއް ތަރައްގީ ކުރަން ސަރުކާރުން ޑިވްލޮޕްމަންޓް ކުންފުންޏެއް ހެދުމެވެ. މި ކުންފުނީގެ ދަށަށް އެސެޓްތައް ގެނެސްގޮސް އެކަން ކުރުމެވެ. އެކަމަކު މިގޮތުގެ މާބޮޑު ތަފުސީލެއް އޭރު ހާމަ ކޮށްފައެއް ނެތެވެ. 

ގޯތިތަށް ކުރިއަށް އޮތްތަނުގައި މާލެ ރައްޔިތުންނަށް މިހާރު އޮތްގޮތުން އުފާވެރި ކަމަށްނުވާނެ އެވެ. މިކަންވާނީ އިތުރު ބުރައަކަށެވެ. އެކަމަކު އެކަން އެގޮތުގައި ވާނީ ސަރުކާރުން އަޅާ ނުލައިފިނަމަ އެވެ. އަޅާ ނުލައިފިނަމަ އެތަށް ހާސް ރައްޔިތުނެއް ގަނަ ތެޅުންނޫން ގޮތެއް ނުވާނެ އެވެ. 

ކޮމެންޓް

2
450
ތިމަންނަ
4 months ago

ކޮންމެ މީހަކު ވެރިކަމަށް އަޔަސް ތިމާޔަށް 10 ބައި ރައްޔަތުމީހާއަށް އެއްބައި ނުވާގޮތަކަށް އެއްކަމެއްވެސް ނުކުރާނެއެވެ. ގިނަ ރައްޔަތުންނަކީ ، "ގަރަހިތަ"އިގެ ހަދާން ހުންނަ ބައެކެވެ. ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް މިކަންވެސް ދަނީ ރައްޔަތުންނަށް "ބޮޅެއް" ލިބިގެންނެވެ.

ޕްރިޓީ
4 months ago

މީގެ ޒިންމާ ނަގަންޖެހޭނީ އިބޫ. ވެރިކަމާ ހެދި ވެސް ނުވާނެ އެތައްބަޔަކަށް ދޯކާ ދޭކަށް.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.