މައްސަލަ ބޮޑުވެފައިވާ މެޖިސްޓްރޭޓް އަލީ އާދަމް މަޖިލީހަށް ހާޒިރުނުވި، އިތުރު ފުރުސަތެއް ދީފި

"އަޅުގަނޑުމެން އެދުނީ ތިން ދުވަހުގެ ތެރޭގައި ހާޒިރު ވާން، ނަމަވެސް ވިދާޅުވީ މައްސަލަ ދިރާސާކޮށް ތިމަންނަ ތައްޔާރުވެގެން ވަކީލަކާއެކު ހާޒިރުވެވޭނީ 27 ނޮވެމްބަރުގައި ކަމަށް،" ޝަރީފް ވިދާޅުވި އެވެ.

ހދ. ޖުޑިޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލީ އާދަމް

ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށް އެދި ހުށަހެޅި މައްސަލައެއްގައި ހިމެނޭ ޚަސްމަކަށް ގުޅައި މެސެޖުކޮށް ހެދި މައްސަލައިގައި ވަޒީފާއިން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އެ ކޯޓުގެ މެޖިސްޓްރޭޓް އަލީ އާދަމް، ރައްޔިތުންގެ މަޖިލީހަށް ހާޒިރު ނުވެ ޖަވާބްދާރީވަން އިތުރު ފުރުސަތަކަށް އެދިއްޖެ އެވެ.

އަލީ އާދަމް މަގާމުން ވަކިކުރަން ޖޭއެސްސީ އިން ނިންމައި މަޖިލީހަށް ފޮނުވީ، ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ވަރިވާން މައްސަލައެއް ހުށަހެޅި އަންހެނަކަށް ގުޅައި މެސެޖު ކުރި ކަމަށް އަމިއްލައަށް އިއުތިރާފް ވުމުންނެވެ.

ޖޭއެސްސީ އިން އަލީ އާދަމް ވަކިކުރަން މަޖިލީހަށް ހުށަހެޅުމުން އެ މައްސަލަ ވަނީ  ޖުޑިޝަރީ ކޮމެޓީއަށް ފޮނުވާފަ އެވެ. އެ ކޮމެޓީއަށް އޭނާ ހާޒިރުކުރަން ނޯޓިސް ފޮނުވި ނަމަވެސް ހާޒިރުވެފައެއް ނުވެ އެވެ. ކޮމިޓީން އޭނާ ހާޒިރުކުރަން ނިންމީ މި މައްސަލައިގައި ޖަވާބްދާރީވާން ފުރުސަތެއް ދިނުމަށެވެ.

އަލީ އާދަމް ހާޒިރުކޮށް ސުވާލު ކުރަން މިއަދު ޖުޑިޝަރީ ކޮމެޓީގައި އެޖެންޑާ ކުރި ނަމަވެސް އޭނާ ހާޒިރުވެފައި ނުވާކަން ކޮމެޓީގެ މުގައްރިރު، މަރަދޫ ދާއިރާގެ އެމްޑީޕީ އިބްރާހިމް ޝަރީފް ވިދާޅުވި އެވެ. ޝަރީފް ވިދާޅުވީ ކޮމެޓީން އަލީ އާދަމަށް ފުރަތަމަ ތިން ދުވަހުގެ ނޯޓިސްއެއް ފޮނުވި ކަމަށެވެ. އެކަމަކު އޭނާ ހާޒިރުކުރުން މިއަދަށް ލަސްކޮށްފައި ވަނީ އަމިއްލައަށް އެދިގެން ކަމަށެވެ.

"އަޅުގަނޑުމެން އެދުނީ ތިން ދުވަހުގެ ތެރޭގައި ހާޒިރު ވާން، ނަމަވެސް ވިދާޅުވީ މައްސަލަ ދިރާސާކޮށް ތިމަންނަ ތައްޔާރުވެގެން ވަކީލަކާއެކު ހާޒިރުވެވޭނީ 27 ނޮވެމްބަރުގައި ކަމަށް،" ޝަރީފް ވިދާޅުވި އެވެ.

އަދި، މިއަދު ވެސް އޭނާގެ ފަރާތުން ސިޓީއެއް ފޮނުވާފައިވާ ކަމަށާއި، އެ ސިޓީގައި ބުނެފައި ވަނީ އަދިވެސް މައްސަލައިގައި ޖަވާބުދާރީވުމަށް ތައްޔާރު ނުވެވޭ ކަމަށް ސިޓީއާ ހަވާލާދީ ޝަރީފް ވިދާޅުވި އެވެ. އެހެންވެ، އަލީ އާދަމް ކޮމެޓީއަށް ހާޒިރުވެ ޖަވާބްދާރީވަން އިތުރު ފުރުސަތެއް ދިނުމަށް ކޮމެޓީން ވަނީ ނިންމާފަ އެވެ.

އަލީ އާދަމް ވަކިކުރުން ލަސްވެގެން ޖޭއެސްސީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މީގެ އިތުރުން ވެސް އޭނާގެ އެހެން މައްސަލަތައް ބަލައި އެ ކޮމިޝަނުން ވަނީ ފިޔަވަޅު އަޅައިފަ އެވެ. އެގޮތުން ދާދިފަހުން ވަނީ އޭނާގެ ދަރަޖަށް އިސް މެޖިސްޓްރޭޓްގެ މަގާމުން މެޖިސްޓްރޭޓަށް ދަށްކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.