މަލީހް ވިދާޅުވި ގޮތުގައި ހަފްތާ ބަންދުގެ މަސައްކަތާ އެކު އާދިއްތާ ގައި އޮފީސްތައް ހުޅުވުމުން އާ ޕާޓީ އުފެއްދުމުގެ ހުއްދަ އަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާނެ އެވެ.
ޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެ ޕާޓީ ދޫކޮށްލައްވައި، އާ ޕާޓީއެއް ހައްދަވަން ރޭ ނިންމެވި ނިންމެވުމާ އެކު އަންނަ އާދިއްތަ ދުވަހު އެކަމުގެ ހުއްދަ އަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށައަޅަން ނިންމައިފި އެވެ.
ޔާމީންގެ ޕާޓީ އުފެއްދުމާއި ގުޅޭގޮތުން ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ އާ ޕާޓީ އުފެއްދުމުގެ މަސައްކަތް ރޭ ވަގުތުން ފައްޓަވާފައިވާ ކަމަށެވެ.
އާންމުންނާއި ރައީސް ޔާމީންގެ އަރިހުގައި ތިއްބެވި ބޭފުޅުންގެ ލަފައާ އެކު ޕާޓީއަށް ކިޔާނެ ނަމެއް މިހާރު ފައިނަލް ކޮށްފައިވާ ކަމަށް މަލީހް ވިދާޅުވި އެވެ. އަދި އާ ޕާޓީގެ ލޯގޯ ވެސް ރައީސް ޔާމީން ފައިނަލް ކޮށްފައިވާ ކަމަށް ވެސް މަލީހް ވިދާޅުވި އެވެ.
މަލީހް ވިދާޅުވި ގޮތުގައި ހަފްތާ ބަންދުގެ މަސައްކަތާ އެކު އާދިއްތާ ގައި އޮފީސްތައް ހުޅުވުމުން އާ ޕާޓީ އުފެއްދުމުގެ ހުއްދަ އަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާނެ އެވެ.
އާ ޕާޓީގެ ނަން ވަަރަށް އަވަހަަށް ރަސްމީ ކުރާނެ ކަމަަށް ވެސް މަލީހް ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ހަބަރުތައް ގެނެސްދޭ "ޗެނަލް 13" ގައި ރޭ އެ މަނިކުފާނުގެ ގާނޫނީ ވަކީލު ޑރ. މުހަންމަދު ޖަމީލް އަހުމަދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން ފޯނު ނުނަންގަވާ ކަމަށެވެ. އަދި ޕީޕީއެމް އާއި ޕީއެންސީ އަށް ވެސް ރައީސް ޔާމީން ދެން ބާރު ނުފޯރުއްވާނެ ކަމަށެވެ.
"އަޅުގަނޑު ކަށަވަރުކޮށްދޭން ބޭނުންވޭ ވެރިކަމަށް ހޮވި ވަޑައިގަތް ފަހުން ޑރ. މުއިއްޒު ރައީސް ޔާމީންގެ ފޯނެއް ނުނަންގަވާ. ލީޑާޝިޕުން ވަނީ ރައީސް ޔާމީނާ ދުރަށް ވަޑައިގެންފައި. ރައީސް ޔާމީނާ މަޝްވަރާއެއް ނުކުރައްވާ،" ޖަމީލް ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވީ ޕީޕީއެމްގެ ލީޑާޝިޕުން ވެސް މިހާރު ރައީސް ޔާމީންގެ މަޝްވަރާއާއި އިރުޝާދު ބޭނުން ނުވާ ކަމަށާއި ޕީޕީއެމް "މިހާރު އޮތީ ބަޔަކު ހިސޯރު ކޮށްފައި" ކަމަށެވެ. އަދި ރައީސް މުއިއްޒު އެ މަނިކުފާނުގެ ސަރުކާރު އެކުލަވާލާފައި ވަނީ ރައީސް ޔާމީންގެ އެއްވެސް މަޝްވަރާއެއް ނެތި ކަމަށެވެ.
ޖަމީލް ވިދާޅުވީ އަދިވެސް ރައީސް ޔާމީނަކީ ދުރުވިސްނުން ހުރި ބޭފުޅެއް ކަމަށެވެ. "އަޅުގަނޑުމެން ބުރަ މަސައްކަތް ކުރީ ރައީސް ޔާމީނަށްޓަކައި" ކަމަށެވެ.
"އެމަނިކުފާނު ޖަލުގައި އަނިޔާ ތަހަންމަލު ކުރެއްވީ. އެމަނިކުފާނު ރައްޔިތުން އެދުނު ގޮތަށް ރައީސް އިބޫގެ [ކުރީގެ ރައީސް ސޯލިހް] ގެ ވެރިކަން ބަދަލު ކުރައްވަން ހުރިހާ މަސައްކަތެއް ކޮށްދެއްވި. އެހެނަސް މިއަދު ޕާޓީގެ ލީޑަޝިޕްގެ ވިސްނުން އެމަނިކުފާނާ ތަފާތު،"
"އެބޭފުޅުން އެމަނިކުފާނާ ދުރަށް ހިނގައްޖެ. އެހެން ކަމުން އެމަނިކުފާނު ޕީޕީއެމުން އިސްތިއުފާ ދެއްވައިފި. އަދި އެމަނިކުފާނުގެ ސިޔާސީ ވިސްނުމާ އެއްގޮތަށް ކުރިއަށްދާނެ. އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައި،" ޖަމީލް ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވީ ރަައީސް މުއިއްޒުއާ ދެ ޕާޓީގެ -- ޕީޕީއެމާއި ޕީއެންސީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން ރައީސް ޔާމީނަށް ބޭވަފާތެެރިވެއްޖެ ކަމަށެވެ. އަދި ޔާމީންގެ ފަހަތްޕުޅުގައި މުއިއްޒު ހުންނެވީ އެހެން ބޭނުމެއް ގައި ކަން ހާމަވެފައިވާ ކަމަށެވެ. ބޭނުން ފުދުމުން އެމަނިކުފާނު އެހަކެރިކޮށް ކެހި ދީފައިވާ ކަމަށެވެ. މުއިއްޒު ވެރިކަމަށް ގެނަައުމަށް މަސައްކަތް ކުރެއްވީ ޔާމީން އެދިވަޑަައިގަތުމުން ކަމަަށް ވިދާޅުވި އެވެ. ޔާމީންގެ އަނބިކަނބަލުންނާއި އާއިލާ ބޭފުޅުން މުއިއްޒުގެ ކެމްޕެއިން ގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވި ކަން ވެސް ފާހަގަ ކުރެއްވި އެވެ.
"އެމަނިކުފާނަށް [ރައީސް ޔާމީނަށް] ހުސް ގޮނޑި ބެހެއްޓި. [ކެމްޕެއިންގައި] ފޮޓޯފުޅު ބޭނުން ކުރެއްވި. ޑރ. މުއިއްޒާއި ޕީޕީއެމްގެ ލީޑާޝިޕް ވެސް ރައީސް ޔާމީނަށް ވަރަށް ބޮޑަށް ބޭވަފާތެރިވެއްޖެ،"
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ރައީސް ޔާމީސް އިސްވެ އުފެއްދި ޕީއެންސީގެ ޓިކެޓްގައި ރައީސް ޔާމީން އެންޑޯސް ކުރައްވާފައިވާ ކެންޑިޑޭޓެއްގެ ގޮތުގައެވެ. ނަމަވެސް ވެރިކަމަށް ފަހު ޕީއެންސީން ސިޔާސީ މަސައްކަތް ކުރަމުން ގެންދަނީ ޕީޕީއެމްއާ ވަކިންނެވެ. ޕީއެންސީން ވަނީ އެ ޕާޓީގެ މަސައްކަތްތައް ކުރުމަށް އާ އޮފީހެއް ވެސް ހުޅުވައިފައެވެ. އަދި ރައީސް މުއިއްޒާއެކު އޮތް ޕީޕީއެމްގެ ލީޑަޝިޕުން ވެސް ވަނީ އެ ޕާޓީގެ ކޮންޓްރޯލް ނަގާފަ އެވެ.