ބްރިޖް ތަރުޖަމާނަކަށް މުއްތޮލިބު، ފެއިލިއާއަކަށް އަސްލަމް

މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހައުސިން މިނިސްޓަރުކަމުގައި އެޅި މި ބްރިޖް ކާމިޔާބުކަމާއެކު ނިންމާލުމުގައި ހަގީގީ ރީތި ނަން ލިބިގެން ދިޔަ ބޭފުޅުންގެ ތެރޭގައި މިހާރުގެ އިންފްރާ މިނިސްޓަރު މުއްތޮލިބު ހިމެނިވަޑައިގަންނަވަ އެވެ.

ރާއްޖޭގައި މިހާތަނަށް އެންމެ ކާމިޔާބު ކަމާއެކު ނިންމާލި ތަރައްގީގެ އެންމެ ބޮޑު މަސައްކަތްކަކީ ޗައިނާއިން އަޅަދިން ސިނަމާލެ ބްރިޖްގެ މަޝްރޫއެވެ. އެ މަޝްރޫއުގެ މަސައްކަތް ފަށައިގަތް ދުވަސްވަރު ވެސް ތިލަމާލެ ބްރިޖާ ގުޅުވާ މިހާރުގެ އާއްމުންގެ ހިތުގައި އޮތް ގިނަ ސުވާލުތަކެއް ކުރަމުން ދިޔަ އެވެ. ގިނަ ސުވާލުތަކެއް އުފެއްދި އެވެ. އޭރު އިދިކޮޅުގައި އޮތް އަދި ނިމިދިޔަ ސަރުކާރު، އެމްޑީޕީގެ އެކްޓިވިސްޓުން ވަރަށް ގިނަ ވާހަކަތަކެއް ނަގައިގެން އުޅުނެވެ. ފުރަތަމަ ސުވާލަކަށްވީ ބްރިޖުގެ ކޮލެޓީ އެވެ. ބްރިޖު އަޅަނީ ޗައިނާ ބައެކެވެ. އެހެންވެ "ޗައިނީސް ފޭކް" ޕްރޮޑަކްޓްތަކުގެ ސުވާލު ކުރި އެވެ. އެ ބްރިޖުގެ އެފަދަ މެޓީރިއަލް ބޭނުން ކޮށްފާނެ ކަމަށް ބުނެ ވާހަކަތައް ސްޕެކިއުލޭޓް ކުރި އެވެ. މަސައްކަތުގެ ފެންވަރާ މެދު ސުވާލު އުފެއްދި އެވެ. 

މަސައްކަތް ކުރަމުން ދިޔައިރު ރާޅުގަނޑު ކައިރި އަށް ދެ ދަޅައަށް މީހުން ޖަމާވެ އެ ތަނުގައި ތިބެ ގާދޫކޮލު ގުޅާލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ބައެއް މީހުން ބަމުން ދިޔަ އެވެ. މާލެ-ހުޅުލެ ގުޅާލަން ފުރަތަމަ އެޅި ވަގުތީ ބްރިޖު އަތުރަމުން ދިޔަތަން ފެނުމާއެކު ތިޔަ ބްރިޖަށް އަރަން ނުކެރޭނެ ކަމަށް ބުނެ މަލާމަތް ކޮށް ހެދި އެވެ. އެ ހުރިހާ ސުވާލުތަކުގެ ސައްހަ މައުލޫމާތު ދެއްވަން އޭރު ހުންނެވީ މިހާރުގެ އިންފްރާ މިނިސްޓަރު އަދި ރައީސް އަބްދުﷲ ޔާމީން ވެރިކަމުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ މުއްތޮލިބެވެ. 

މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހައުސިން މިނިސްޓަރުކަމުގައި އެޅި މި ބްރިޖް ކާމިޔާބުކަމާއެކު ނިންމާލުމުގައި ހަގީގީ ރީތި ނަން ލިބިގެން ދިޔަ ބޭފުޅުންގެ ތެރޭގައި މިހާރުގެ އިންފްރާ މިނިސްޓަރު މުއްތޮލިބު ހިމެނިވަޑައިގަންނަވަ އެވެ. ކޮންމެ މަހަކު އެތައް ދުވަހަކު ބްރިޖަށް މީޑިއާ އެއްކޮށް ގެންގޮސް މިހާރުގެ ރައީސް މުއިއްޒާއި މުއްތޮލިބު ދެ ބޭފުޅުން މަސައްކަތުގެ ހުރިހާ މައުލޫމާތެއް ކިޔައި ދެއްވަމުން ގެންދެވި އެވެ. އަދި ކޮންމެ ރެއަކުންހެން ޓީވީތަކުގައި މުއްތޮލިބު ގެންދެވީ މައުލޫމާތު ދެއްވަމުންނެވެ. އޭހެ ނަތީޖާއަކަށްވީ ސިނަމާލެ ބްރިޖު އަޅަމުން ދިޔަގޮތް ރީޗަށް ރައްޔިތުންނަށް އެނގެމުން ސާފުވަމުން ދިއުމެވެ. ކޮންމެ ތަނބެއް ޖެހުމުން ވެސް އެތަން ރައްޔިތުންނަށް ރީއްޗަށް ދެއްކި އެވެ. ބްރިޖު މަސައްކަތަކީ ޓެކްނިކަލް ގިނަ ކަންކައް ތަކެއް ހިމެނޭ އޮޅުން ބޮޅުން ބޮޑު ކަމަށްވީ ނަމަވެސް އެކަން ދިވެހިންނަށް ފަހުމްވާ ގޮތަށް ކިޔައިދެއްވަމުން ގެންދެވީ މުއްތޮލިބެވެ. 

ޗައިނާގެ އެހީ އާއި ދިވެހި ސަރުކާރުން ދައްކަން ޖެހޭ ލޯނެއްގައި އެޅި ސިނަމާލެ ބްރިޖަކީ ވެސް ޗައިނާ އެގްޒިމް ފައިނޭންސިން މަޝްރޫއެކެވެ. މާނައަކީ ބްރިޖު އަޅައި އެއްޗިހި އިމްޕޯޓް ކުރާނީ ވެސް އެ ގައުމަކުންނެވެ. އެ ބްރިޖު އެޅިއިރު ބޮޑެތި އެކްސިޑެންޓްތަށް ވެސް ވިއެވެ. ބްރިޖު އަޅާ ސަރަހައްދުގެ ތިމާވެއްޓަށް ގެއްލުންވާ ކަންކަން ވެސް ވިއެވެ. މީހުންގެ ފުރާނަ އަށް ގެއްލުން ވެސް ވިއެވެ. ބޮޑެތި މެޝިނަރީއާއި ތަކެއްތި ވެސް ހަލާކުވި އެވެ. އެއީ މިބާވަތުގެ ބޮޑެތި ބިޔަ މަސައްކަތްތަކުގެ ތޮބީއަތުގައި ކިތަންމެ ރަނގަޅު، ޕްރޮޕާ ގައިޑްލައިންއެއްގައި މަސައްކަތް ކުރިޔަސް ހިނގައިފާނެ ކަންކަމެވެ. އެކަމަކު އޭރު އެހުރިހާ މަންޒަރު ތަކެއް އެކަށީގެންވާ ގޮތެއްގައި ރައްޔިތުންނަށް ކިޔައިދިނުމުގެ ނަތީޖާއަކީ ބްރިޖްގެ ވާހަކަތައް ސާފުވުމެވެ. 

ސިނަމާލެ ބްރިޖަކީ ދިވެހި ތާރީހުގައި ހެދި އެންމެ ކާމިޔާބު ބިނާ ކަމަށް މިހާރު ދިވެހި ރައްޔިތުން ހިތުގެ އަޑިން ގަބޫލުކޮށްގެން އެ ތިބީ އެ ހުރިހާ މައުލޫމާތެއް އޭރު ސާފުކޮށް ދެވިފައި އޮވެގެނެވެ. 

މިއީ އެ މަސައްކަތް ދިޔަ ގޮތެވެ؛  ދެން އޮތީ މި މަސައްކަތް. ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރަމުން އައި ގޮތެވެ. އިންޑިއާގެ އެގްޒިމް ފައިނޭންސެއްގެ ދަށުން އިންޑިއާގެ އެފްކޮންސް އިން އަޅަމުންދާ ތިލަމާލެ ބްރިޖަކީ ދިވެހިންގެ ބޮލުގެ ރިހުމަކަށްވެ އެ ދިވެހިންގެ ފޫހި މަސައްކަތެއްގެ ގޮތުގައި ފެނިގެން މި ދަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެއިލިއާއިންނެވެ. 

އެ މަނިކުފާނު މި މަސައްކަތް ބަލަހައްޓަން ހަވާލުކުރި މިނިސްޓަރު މުހައްމަދު އަސްލަމް އާއި އަކްރަމް ކަމާލުއްދީނު ފަދަ ބޭފުޅުން އެފަދަ ކަމަކަށް ކުފޫ ހަމަނުވެއޭ ގިނަ ރައްޔިތުން ބުނަމުން ދިޔަ ބުނުމުގެ ހަގީގަތް ފެނިގެން ދިޔަ އެވެ. މި ބްރިޖާ މެދު ރައްޔިތުން ގިނަ ސުވާލު ތަކެއް ފުރަތަމަ ދުވަހުން ފެށިގެން ވެސް ކުރަމުން ދިޔަ ނަމަވެސް އެއިން އެއްވެސް ސުވާލެއްގެ ޖަވާބު ދެވޭނެ މީހަކު ރައީސް ސޯލިހުގެ ސަރުކާރަށް ނުދެއްކުނެވެ. 

ހުރިހާ ކަމެއް އޮތީ އިންޑިއާގެ "އަތަށް" ދޫކޮށްލާފަ އެވެ. ހުރިހާ ކަމެއް އޮތީ ފޮރުވާފަ އެވެ. ބްރިޖުގައި ކަމެއް ވިޔަސް އެކްސިޑެންޑެއް ވިޔަސް ސަރުކާރުގެ ފަރާތުން އެއަށް ދެވޭނެ ޖަވާބެއް ނޯވެ އެވެ. ބްރިޖުގެ މައުލޫމާތު އެކިފަހަރު ދެމުން ދިޔައީ އެކިގޮތަށެވެ. މި ބްރިޖުގެ ސޭފްޓީ ކޮންސެލްޓެންޓަކީ ސަރުކާރުން ފައިސާ ދީފައި އޮތް ކުންފުންޏެވެ. އެ ކުންފުނީގެ ފަރާތުން ވާހަކަ ދައްކަން ޖެހެނީ ދިވެހި ދައުލަތުންނެވެ. ދިވެހި ސަރުކާރެވެ. އެކަމަކު އެއްވެސް ހާދިސާއަކާ ގުޅިގެން ސަރުކާރުން ވާހަކައެއް ނުދައްކަ އެވެ. އިންޑިއާ އެމްބަސީން މީޑިއާ ތަކަށް ފޮނުވާ ކުރު ޕްރެސްރިލީޒަކީ ހުރިހާ މައުލޫމާތެއް ކަމަށް ގަބޫލު ކުރުން ނޫން ސައްހަ އެއްވެސް މައުލޫމާތެއް ލިބޭނެ ގޮތެއް ނޯވެ އެވެ. ފޮޓޯގަނޑެއް ނެގުން ވެސް މަނަލެވެ.  މިނިސްޓަރު "ދަމާހަލާ" މަޖިލީހަށް ގެންދިއުމުން ނޫނީ އެއްޗެއް ވިދާޅެއް ނުވެ އެވެ. އެތާނގައި ވެސް ދޮގު ހަދައި ވިދާޅުވަމުން ގެންދެވީ ޝެޑިއުލަށް ބަރާބަރަށް މަސައްކަތް ދާ ކަމަށެވެ.

ބްރިޖުގެ މައުލޫމާތު ދެނީ އެމްބަސީން

މާލެ ސަރަހައްދުގެ އިގްތިސޯދުގެ އެއް ބިނާގެ ގޮތުގައި ވެގެންދާނެ މި ބްރިޖުގެ ޑިއުރެބިލިޓީޓީ ނުވަތަ ހަލާކު ނުވެ އޮންނާނެ ކަމަށް އަންދާޒާ ކުރެވޭ މުއްދަތު ފަދަ އެތައް މުހިންމު މައުލޫމާތެއް ކުރީގެ ސަރުކާރުން ނުދެ އެވެ. ބްރިޖު އަޅަމުން ދިޔައިރު ސޯޝަލް މީޑިއާގައި ދައުރުވި ފޮޓޯތަކުން ފެނުނު މަންޒަރުތަކުގެ ސަބަބުން ދިވެހިންގެ ގިނަ ބަޔަކު ތިބީ މި މަސައްކަތުގެ ކޮލިޓީއާމެދު ސުވާލު ކޮށްލަކޮށްލަ އެވެ. އެކަން ކަމަށް ރައީސް ސޯލިހުގެ ސަރުކާރުން ރަނގަޅު ޖަވާބެއް ދީފައެއް ނެތެވެ. މިނިސްޓަރު އަސްލަމް އުޅުއްވީ ވެސް މީޑިއާއަށް ފިއްލަވައިގެނެވެ. 

ތިލަމާލެ ބްރިޖުގެއެއް ވެސް މައުލޫމާތެއް ދިން ތަނަކުން ވެސް އަސްލަމް ނުފެނެ އެވެ. ޖޫނިޔާ ބޭފުޅަކު އެކަމަށް އައްޔަންކޮށް އެފްކޮންސްގެ މޫނުމަތި ރީތިކުރަން އުޅުއްވީ އިންޑިއާ އެމްބަސީ އެވެ. ތިލަމާލެ ބްރިޖު ފަދަ މުހިންމު ބިނާއެއް އަޅަމުން ދިޔައިރު އެކަމަށް ޝައުގުވެރިވެ ވަޑައިގެން އެތަން ބައްލަވާލަން ރައީސް  ސޯލިހު ވަޑައިގަތީ ކިތައް ދުވަހުތޯ ސުވާލު ކޮށްލަން ޖެހެ އެވެ. 

ރައްޔިތުންނަށް ފައިދާހުރި މުހިންމު މަސައްކަތްތަކަކީ ހަމައެކަނި ނަރުދަމާ އާއި ބަނދަރު އެކަންޏެއް ނޫނެވެ. ރާއްޖޭގެ އާބާދީގެ 70 ޕަސެންޓް އުޅޭ މާލެ ސަރަހައްދުގައި އަޅާ ބްރިޖަކީ ވެސް މުހިންމު ބިޔަ ބޮޑު މަޝްރޫއެކެވެ. ދުނިޔޭގައި މި ފަދަ ބޮޑު މަސައްކަތެއް ކުރާއިރު އޭގެ މައުލޫމާތު ފެތުރުމާއި ސެކިއުރިޓީގެ ޔަގީންކަން ދިނުމަކީ ކޮށްއުޅޭ ކަމެކެވެ. ސަބަބަކީ އެއީ ޖީލުތަކަށް ދެމިގެންދާނެ ބޮޑު މަސައްކަތަކަށްވާތީ އެވެ. އެކަމަކު އިންޑިއާގައި ތިލަމާލެ ބްރިޖުގެ ބިންގާ އެޅުން ނޫންކަމެއްގައި ރައީސް ސޯލިހު ފެނިވަޑައިގެންފައެއް ނެތެވެ. 

ބްރިޖާބެހޭ ގޮތުން ރައީސް ސޯލިހުގެ ސްޕީޗްތަކުގައި ވާހަކަ ދެއްކެވީ ވެސް މަދުފަހަރުކު އެވެ. ގައުމާ މުހާތަބުކޮށް ވާހަކަ ދެއްކެވި ބައެއް ދުވަސް ދުވަހު ބްރިޖުގެ ނަން ނުގަނެ ވެސް ނިންމާލާފަ އެބަހުއްޓެވެ. 

ތިލަމާލެ ބްރިޖަކީ ވެސް ޗައިނާ އިން އަޅައިދިން ސިނަމާލެ ބްރިޖު ފަދަ ވަރުގަދަ ބިނާއެއްކަމުގެ ޔަގީންކަން އެންމެ ފަހުން ދެއްވަން ޖެހުނީ ޖިއޯ ޓެކްނިކަލް އިންޖިއަނިރިންގެ ދާއިރާ އިން އިނގިރޭސިވިލާތުން ޕީއެޗްޑީ ހާސިލް ކުރައްވައިގެން ވަޑައިގެންނެވި އާ ސަރުކާރުގެ އިންފްރާ މިނިސްޓަރު މުއްތޮލިބް އެވެ. މަގާމާ ހަވާލުވެވަޑައިގެން ފުރަތަމަ ބޭއްވި ޕްރެސްގައި ދެ ގަޑިއިރު ދުއްވާލީ އެ މައުލޫމާތު ދޭށެވެ. 

އޭނާ ދެއްވި ޔަގީންކަމަކީ ތިލަމާލެ ބްރިޖުގެ ކޮލިޓީ ބަލަން ދިވެހި ސަރުކާރުން ނަގާފައިވާ ކޮންސެލްޓެންޓަކީ ކުރިން ބްރިޖް އެޅިއިރު ވެސް ބޭނުންކުރި މީހުނެވެ. ދުނިޔޭގެ މަޝްހޫރު ކޮންސެލްޓެންސީ ފާމް އާރޫޕުގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ މި މަސައްކަތުގައި ކުރިން ފެނުނު ކަންތައްތަކާއެކު ޓެސްޓްތަކެއް ހެދިކަމުގެ ޔަގީންކަން ދެއްވި އެވެ. 

އެ ޓެސްޓްތަކުން ބްރިޖުގެ ކޮލިޓީއާމެދު މިހާތަނަށް ސުވާލެއް ނެތްކަމުގެ ޔަގީކަން ސަރުކާރުގެ ވަޒީރު ބޭފުޅެއްގެ ފަރާތްޕުޅުން ލިބުން މިއީ ކޮންމެހެން ވެސް ދިވެހިން ބޭނުންވެފަ ތިބި ކަމެވެ. އެކަމަކު ކުރިން އެ ޔަގީންކަން މިނިސްޓަރު އަސްލަމް ނުދެއްވި ސަބަބާމެދު މިއަދު ސުވާލު ކޮށްލަން ބޭނުންވެ އެވެ. ސަބަބަކީ ދިވެހި ރައްޔިތުން ދަތުރު ކުރަން އަޅާތަނެއް ނިމެން ޖެހެނީ ދިވެހިންގެ ބޭނުންވާ ފެންވަރުގައި ކަމަށްވާތީ އެވެ. އެތަނުގެ ކޮލިޓީ ޔަގީން ކުރަން ޖެހެނީ ބޭރު ގައުމެއްގެ އެމްބަސީ ތެރެއިންނެއް ނޫނެވެ. އެކަން ޔަގީކުރަން ޖެހޭނީ ދިވެހިންނެވެ. އެކަން ޔަގީންކޮށް މައުލޫމާތު ދޭން ޖެހޭނީ ދިވެހިން އައްޔަން ކުރާ ބައެޔެވެ. މި ބްރިޖުގައި ވެސް އެ ވަރުގެ ޓީމެއް އެބަ އުޅެ އެވެ. އެކަމަކު ކުރީ ސަރުކާރުގެ މިނިސްޓަރު އަސްލަމްއަށް އެވަރުގެ މައުލޫމާތެއް ވެސް ދިވެހި ރައްޔިތުންނާ ހަމައަށް ގެނެސް ދޭން ނޭނގުމަކީ ބޮޑު ވެގެންވާ ފެއިލާއެކެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.