ބްރިޖު ނިންމުން ލަސްވެއްޖެ، އެއްކޮށް ނިމޭނީ 2026 ގައި

ކުރިން ތިލަމާލެ ބްރިޖުގެ ވިލިމާލެ - މާލެ ނިންމަން ކަނޑައަޅާފައި ވަނީ 2024 ގަ އެވެ. ނަމަވެސް މިހާރު މިވަނީ ލަސްވެގެން ގޮސްފަ އެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްލަވައި ލައްވަނީ -- މި
އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެންމެފަހު ދުވަހު އެފްކޮންސް އިންފްރާސްޓްރަކްޗާއާއެކު ސޮއިކުރި އެއްބަސްވުމާއެކު ބްރިޖް އަންނަ އަހަރު ނުނިމޭނެކަން ޔަގީންވެއްޖެ އެވެ. މިހާރު ނިމޭނީ 30، ސެޕްޓެމްބަރު 2026 ގަ އެވެ. 

ރަނގަޅު މައުލޫމާތު ނުދީ ކުރީ ސަރުކާރުން ހިފެހެއްޓި ތިލަމާލެ ބްރިޖުގެ މައުލޫމާތު ހިއްސާކުރަން އާ ސަރުކާރުގެ އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތޮލިބް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މިހާރު ބްރިޖު އެއްކޮށް ނިމޭނީ 2026 ގަ އެވެ. މި މަސައްކަތް ނިންމުމަށް އެފްކޮންސް ކުންފުންޏަށް އިތުރު ވަގުތު ދީފައިވަނީ ރައީސް ސޯލިހު ސަރުކާރުން މިދިޔަ މަހުގެ 16 ވަނަ ދުވަހު ސޮއިކުރި ސަޕްލިމެންޓްރީ އެއްބަސްވުމާއެކުގަ އެވެ. 

އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު

"އެއްބަސްވުމެއް ނެތް [ކުރީ ސަރުކާރުން ހެދި] ކޮންޓެކްޗުއަލް ކޮމިޓްމެންޓްއެއް ނެތް. ނަމަވެސް އަންނަ އަހަރު 2024 ޑިސެމްބަރުގެ ނިޔަލަށް ވިލިނގިލި- މާލެ ގުޅާލަން ވަނީ އެއްބަސްވެފަ،" ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު މަޝްރޫއުގައި ވެސް އިސްކޮށް އުޅުއްވި ތަޖުރިބާކާރު އިންޖިނޭރު ޑރ. މުއްތޮލިބު ވިދާޅުވި އެވެ. 

ބްރިޖުގެ މައުލޫމާތު ކުރުކޮށް

  • މަގާއެކު 6.3 ކިލޯމީޓަރުގެ ހިމެނޭ
  • ބިން ހިއްކުމާއި މަގު ހެދުން ޔޫޓިލިޓީސް މަސައްކަތް ހިމެނޭ
  • މަޝްރޫއުގެ އަގު ޖީއެސްޓީ ނުލާ 500,204,316 މިލިއަން ޑޮލަރު
  • ކޮންޓްރެކްޓަރު އެފްކޮންސް
  • ސަރުކާރުގެ ކޮންސެލްޓެންޓް އާރޫޕް ޕްރައިވެޓް ލިމިޓެޑް
  • ޕްރޮޖެކްޓް ފެށުނީ 16، ސެޕްޓެމްބަރު 2021
  • ޕްރޮޖެކްޓް ނިންމަން ޖެހެނީ 17، މެއި 2024 ގައި
  • ކޮންޓްރެކްޓުގައި ދެ ބައެއް ހިމެނޭ
  • މާލެ- ގުޅިފަޅަށް ނިންމަން ޖެހެނީ 14، ޑިސެމްބަރު 2023 ގަ (27 މަސް)
  • ގުޅިފަޅު- ތިލަފުށި ނިންމަން ޖެހެނީ 17، މެއި 2024 (32 މަސް)
  • ޕާކިން ސްޕޭސް ނިންމައި ވަނީ ހަވާލުކޮށްފަ

ޕްލޭނިން މިނިސްޓަރު މުއްތޮލިބު ވިދާޅުވީ ކުރިން ޕްލޭން ކުރިގޮތަށް ކުރިއަށް ދިޔަނަމަވެސް މާލެ- ގުޅިފަޅު މަސައްކަތުގެ 96.6 ޕަސެންޓް ހުންނާނީ ނިމިފައި ކަމަަށާ ގުޅިފަޅުން ތިލަފުއްޓާ ހަމައަށް އޮތް ބްރިޖުގެ ބައިގެ 86 ޕަސެންޓް ނިމެން ޖެހޭނެ ކަމަށެވެ. 

"ޝެޑިއުލް ކުރި ގޮތަށް ދިޔަނަމަވެސް މުޅި މަޝްރޫއުގެ 81 ޕަސެންޓް ހުންނަންވާނީ ނިމިފަ. އެހެންމަވެސް 15 ނޮވެމްބަރާ ހަމައަށް ނިިމިފައިވަނީ 29.37 ޕަސެންޓް. މިއީ ޕްރޮޖެކްޓް ކުރިއަށްދާން ޖެހޭ ގޮތަށްދާނަމަ 51 ޕަސެންޓް ހުންނަން ޖެހޭނީ ނިމިފަ. ޕްރޮގްރެސްއެއް ނުވޭ،" މުއްތޮލިބު ވިދާޅުވި އެވެ. 

ލަސްވީ ދެ ސަބަބާހުރެ - މި މަސައްކަތް ލަސްވެގެން ދިއުމުގެ އެއް ސަބަބަކީ ސަރުކާރުން ބްރިޖު އަޅާ ކުންފުންޏަށް ތިލަފުށިން އެ މަސައްކަތް ކުރުމަށް ދޭން ޖެހޭ ބިމެއް ނުލިބުމެވެ. މިއީ ތިލަފުށީ މަގު ހަދަން ބޭނުންވާ ބިމެކެވެ. އަނެއް ސަބަބަކީ އެފްކޮންސްއަކީ މިފަދަ މަސައްކަތްތެއް ކުރުމުގެ ތަޖުރިބާ ނެތް ކުންފުންޏަކަށްވުމުން އެ މަސައްކަތުގައި ހުރި ގޮންޖެހުންތަކާއި ބުރަތަށް ދުރާލާ އެނގިފައި ނެތުމެވެ. އެކަމަށް އެ ކުންފުނިން އަންޑައެސްޓިމޭޓް ކުރުމެވެ. 

ފުނުގައި ތަނބުޖަހަން، ކުރިއެރުމެއް ނުލިބޭ

ތިލަމާލެ ބްރިޖު އަޅާ ސަރަހައްދުގެ ފުން ހިސާބުތަކުގައި 50 މީޓަރު އެބަހުއްޓެވެ. މިއީ އެފްކޮސްފަދަ މިފަދަ ތަޖުރިބާމަދު ކުންފުންޏަކަށް އޮތް އެންމެ ބޮޑު ހުރަހެވެ. 

މުއްތޮލިބް ވިދާޅުވީ އެންމެ ބޮޑު ގޮންޖެހުމަކީ ފުނުގައި ތަނބު ޖެހުން ކަމަށާ، އެކަމަށް މާބޮޑު ކުރިއެރުމެއް ލިބޭތަން ނުފެންނަ ކަމަށެވެ.

"އެހެންނަމަވެސް އިތުރު ޖެކަޕް ބާޖް [ފުނުގައި ތަނބު ޖަހަން ހާއްސަ އުޅަނދު] އައިސް މަސައްކަތް ކުރަން ވަނީ ފަށާފަ. މިހާރު އުންމީދު ކުރަނީ މަސައްކަތް ކުރިއަށްދާނެ ކަމަށް. މިހާރު މަސައްކަތް ކުރަނީ އަޅުގަނޑުމެން ކްލައިންޓުގެ ހައިސިއްޔަތުން [ކޮންސެލްޓެންޓް އާރޫޕު] އާ ގުޅިގެން އަވަހަށް މަސައްކަތް ކުރެވޭތޯ ބެލުން،" މުއްތޮލިބް ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ ބްރިޖު އަޅަނީ ވަރަށް ފުނުގައި ކަމަށާ މޫސުމީ ގޮތުން ކަނޑު ގަދަވުމާއި ކަނޑުގެ އަޑި އޮންނަ ގޮތުގެ ސަބަބުން ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. 

"ދުނިޔޭގެ އެހެން ގައުމުތަކުގައި ހުންނަ ގޮތާ ރާއްޖޭގެ އަޑީގައި ހުންނަ ހާލަތު ވެސް އެއްގޮތެއް ނޫން. ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގައި ވެސް އެކަން ދިމާވި. މިއީ މި މަސައްކަތް ނުކުރާ ބައެއްނަމަ ޗެލެންޖިން. ލާނިން ކާވްއެއް [ދަސް ކުރަން ޖެހޭ ހާލަތެއް] އަންނާނެ ކަމެއް. އަޅުގަނޑަކަށް ފާހަގަ ކުރެވެނީ މަސައްކަތުގެ ބުރަ ކަމާއި މަސައްކަތް އަންޑައެސްޓިމޭޓް ކުރެވުނީ. ފުރަތަމަ މަސައްކަތް ކުރި ތިންފައިލީ [ރުމައިލާ] އިން އެއީ މިކަހަލަ ތަނެއްގައި މަސައްކަތް ކުރަން އެކަށީގެންވާ އެއްޗަކަށް ނުވާތީ ފޮނުވާލީ،" މުއްތޮލިބް ވިދާޅުވި އެވެ.  

އެއްބަސްވުމަށް ސަރުކާރުން އިހުތިރާމު ކުރާނެ

ބްރިޖުގެ މަޝްރޫއު ލަސްވެފައިވާ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ކުރިން މަޖިލީހުގައި ވިދާޅުވި އެވެ. ނަމަވެސް އެ ދުވަހު މިނިސްޓަރު ވަނީ އެފްކޮންސްއަށް އިތުރު ވަގުތު ދޭން ނުނިންމާ ކަމަށް ވިދާޅުވެފަ އެވެ، ނަމަވެސް ވެރިކަން ނިމެން އެންމެ ފަހު ދުވަހު 16، ނޮވެމްބަރު 2023 ގައި ވަނީ އެފްކޮންސްއާއެކު ސެޓެލްމަންޓް އެއްބަސްވުމެއް ސަރުކާރުން ގާއިމްކޮށްފަ އެވެ. މި އެއްބަސްވުމާއެކު ބްރިޖު އަޅަން އެފްކޮންސް އަށް އިތުރު ދެ އަހަރު ވަނީ ލިބިފަ އެވެ. 

މިހާތަނަށް އެފްކޮންސްއަށް ދިނީ 187 މިލިއަން ޑޮލަރު

ޕްލޭނިން މިނިސްޓަރު މުއްތޮލިބު މިއަދު ވިދާޅުވީ ކުރީ ސަރުކާރުން އެފްކޮންސްއާއެކު ހެދި އާ އެއްބަސްވުމަށް މި ސަރުކާރުން އިހުތިރާމު ކުރާނެ ކަމަށާ، މިހާރު މަސައްކަތް ކުރާނީ މިހާރުގެ ތާވަލްތަކަށް ބްރިޖު ނިންމަން ކަމަށެވެ. އަދި އާ ސެޓެލްމަންޓް އެއްބަސްވުމެއް ހެދިނަމަވެސް އިތުރު ފައިސާއެއް ދައްކަން ނުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

"އަވަސް ކުރެވޭނެ ގޮތްތަނެއް ހޯދާނަން. އެކަމަކު މިއީ ކޮންޓްރްރެކްޗުއަލީ ކުރެވޭނެ ކަމެއް ނޫން. އެއީ ސަރުކާރާއެކު ވަނީ ބައިންޑިން އެއްބަސްވުމެއް ހެދިފަ. އެއްބަސްވުމާއެކު ކުރިއަށްދާނީ،" މުއްތޮލިބް ވިދާޅުވި އެވެ. 

"ލާރި ދެވިފައިހުރީ ކޮންޓްރެކްޓް ކުރެވިފައިވާ މިންވަރަށް. އެކަމަކު ބްރިޖު ލަސްވެގެން ދިއުމަކީ އިގްތިސޯދީ ގޮތުން ވެސް ގެއްލުމެއް." 

ކޮމެންޓް

1
450
މައި
5 months ago

2028 ގެ އިންތިހާބާ ދިމާވާ ގޮތަށްނޫން ގޮތަކަށް ނުނިމޭނެ ތި. އެކަމު ބުނަން، ވޯޓް ހޯދަން ބައެއްމީހުން ކަންތައް ކުރި ގޮތަށްނުކުރާތި

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.