ޖޭޕީން ބުނީ ހުސްވެފައިވާ މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 29 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެ މަގާމުތަކަށް ކުރިމަތިލުމަށް ހުށަހަޅައި ފޯމް ފުރުމަށްފަހު، މ. ކުނޫޒަށް ސިޓީއަކުން ހުށަހެޅުމަށެވެ.
ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކައުންސިލްގެ ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ޖޭޕީން މިއަދު ނެރުނު އިއުލާނުގައި ބުނީ ކައުންސިލްގައި ހުސްވެފައިވާ މަގާމުތަކަށް އެ ޕާޓީގެ މެންބަރުންގެ ތެރެއިން ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިއަދުން ފެށިގެން އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެޕާޓީގެ ކައުންސިލުން ހުސްވެފައިވާ މަގާތަކުގެ ތެރޭގައި ޑެޕިއުޓީ ލީޑަރަކާއި އަންހެނުންގެ ލީގުގެ ރައީސަކާއި ޒުވާނުންގެ ލީގުގެ ރައީސަކާއި ޕާޓީގެ ގައުމީ ކޮންފަރެންސުން އިންތިޚާބުކުރާ 25 މެމްބަރުންގެ ތެރެއިން ހުސްވެފައިވާ އަށް މަގާމު، ހިމެނެއެވެ.
މީގެ އިތުރުން ޕާޓީގެ ގައުމީ ކޮންފަރެންސުން އިންތިޚާބުކުރާ 25 މެމްބަރުންގެ ތެރެއިން ހުސްވެފައިވާ މަގާމަށް، 155 ވަނަ ކައުންސިލް ބައްދަލުވުމުގެ ތެރެއިން އިންތިޚާބުކޮށްފައިވާ މެމްބަރުންގެ މަގާމް އާއި ކޮމިޓީ އޮފް އެޑިއުކޭޝަންގެ ޗެއާ، ކޮމިޓީ އޮފް ހެލްތުގެ ޗެއާ، ކޮމިޓީ އޮފް ޑިފެންސްގެ ޗެއާ، ކެމްޕެއިން އެންޑް އިލެކްޝަންސް ކޮމިޓީގެ ޗެއާ، ކޮމިޓީ އޮފް ސޯޝަލް މީޑިއާގެ ޗެއާ، ކޮމިޓީ ފޯ ޑަޔަސްޕޯރާ - އިންޑިއާގެ ޗެއާގެ މަގާމް ހިމެނެއެވެ.
ޖޭޕީން ބުނީ މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 29 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެ މަގާމުތަކަށް ކުރިމަތިލުމަށް އެދި ހުށަހަޅައި ފޯމް ފުރުމަށްފަހު، އެ ޕާޓީގެ މައި އޮފީސް ކަމުގައިވާ މ. ކުނޫޒަށް ސިޓީއަކުން ނުވަތަ މެއިލް ކުރުމަށް އެދޭ ކަމަށެވެ.
ނިމުނު ރިޔާސީ އިންތިހާބާ ހަމައަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ބެލެވުނީ ސިޔާސީ މައިދާން ބައްޓަންކުރާ "ކިންގް މޭކާ" ގެ ގޮތުގަ އެވެ. ނަމަވެސް ޖުމުލަ 22،607 މެމްބަރުން ތިބި ޖޭޕީގެ ޓިކެޓްގައި ވާދަ ކުރައްވައިގެން އެމަނިކުފާނަށް ފުރަތަމަ ބުރުގައި ލިބިވަޑައިގަތީ ލަދުވެތި ނަތީޖާއެކެވެ. އެއީ 5،460 ވޯޓެވެ.