ޕީޕީއެމާއި ކޮންގްރެސް ޕާޓީ / ޕީއެންސީގެ އަރައިރުން ބޮޑުވެ ކޮންގްރެސް އިން މިހާރު ވަނީ ވަކި އޮފީހެއް ހަދައި މަސައްކަތް ފަށާފަ އެވެ.
ޕީޕީއެމް ހިންގަން، ކުރީގެ ރައީސް އަބްދުﷲ ޔާމީނު ނެންގެވި "ޔާމީން ކޮމެޓީ" ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގެ މައްސަލަ ބައްލަވާނެ ކަމަށް ޕާޓީގެ ނައިބު ރައީސް އަދި އާ ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
"ޔާމީން ކޮމެޓީ" ގައި އިސްވެ ތިއްބެވީ ކުރީގެ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އައްބާސް އާދިލު ރިޒާ އާއި ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލެވެ.
"ޔާމީން ކޮމެޓީ" ގެ ޕްރެސްއާ ގުޅިގެން ޝިޔާމް ވިދާޅުވި ގޮތުގައި އެއީ ޕާޓީގެ ލީޑަޝިޕަށް އެނގިގެން ބޭއްވި ބައްދަލުވުމެއް ނޫނެވެ. އަދި ޕާޓީގެ އަސާސީ ގަވައިދު ބުނާ ގޮތުން ވެސް އެފަދަ ކަމެއް ކުރެވޭނީ ލީޑާޝިޕަށް އެނގިގެނެވެ. އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލާނެ އެވެ.
"އެކަމުގައި ބަލަން ޖެހޭ ކަންކަން ހުރިއްޔާ ބަލާނަން. އަޅާން ޖެހޭ ފިޔަވަޅު ވެސް އަޅާނަން"
ޝިޔާމް އަދި ވިދާޅުވީ އެއީ ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެކަމާ ރައީސް ޔާމީނާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.
"ޔާމީން ކޮމެޓީ" ގެ ޕްރެސް ގައި މަލީހް ވިދާޅުވީ ދިވެހި ގައުމަށް ދިމާވަމުން ދާ ދަތިތައް ހައްލު ކުރެވޭނީ ޕީޕީއެމަށެވެ. ގައުމުގެ ހައްގުގައި އެތައް އަހަރެއް ވާންދެން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުން އައީ ވެސް ޕީޕީއެމް ކަމަށާއި، މެންބަރުންގެ އުދާސްތައް ހުރި ނަމަވެސް އެ ކަންކަން ހައްލު ކުރައްވާނެކަމަށެވެ.
ޕީޕީއެމާއި ކޮންގްރެސް ޕާޓީ / ޕީއެންސީގެ އަރައިރުން ބޮޑުވެ ކޮންގްރެސް އިން މިހާރު ވަނީ ވަކި އޮފީހެއް ހަދައި މަސައްކަތް ފަށާފަ އެވެ.