ފިނޭންސް މިނިސްޓަރު ޝަފީގު ވަނީ ހަރަދު ކުޑަކުރަން ގިނަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ބޮޑު ގޮންޖެހުމަކީ ފައިސާ ހޯދުން ކަމަށް ވިދާޅުވެފަ އެވެ.
ހަރަދު ކުޑަ ކުރަން މިހާރު ފިޔަވަޅު އަޅަމުން ދިޔަ ނަމަވެސް ފަށާފައިވާ މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށާ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ އަހަރުގެ ވައުދުތަކަށް ފައިސާ ހިމަނާފައި ވާނެ ކަމަށް އާ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެ އެވެ.
ރައްޔިތުން މަޖިލީހަށް ބަޖެޓުގެ މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވީ މި އަހަރުގެ ބަޖެޓުގައި އާ ސަރުކާރުގެ 458 މަޝްރޫއު ހިންގަން ބޭނުންވާ ފައިސާ ހިމަނާފައި ވާނެ ކަމަށެވެ.
"ވެރިކަން ބަދަލުވުމުގެ މަރުހަލާފައި ރައީސް މުއިއްޒުގެ ހުރިހާ ވައުދުތަކެއް ހިމެނިފައި ނުވި ނަމަވެސް ފުރަތަމަ އަހަރަށް ބޭނުންވާ 1.5 ބިލިއަން ރުފިޔާ ޕީއެސްއައިޕީ ބަޖެޓުގައި ހިމެނިފައިވާނެ. އެހެންވެ މި ބަޖެޓަކީ ވައުދުތައް ފުއްދަން ފަށައިގަނެވޭނެ ބަޖެޓެއް ކަމަށް ދެކެން. އަަޅުގަނޑުމެންގެ އަމާޒަކީ މިހާރު ފަށައިގެންފައިވާ މަޝްރޫއުތައް ކުރިއަށް ގެންގޮސް ނިންމުން،" ޝަފީގު ވިދާޅުވި އެވެ. "ނަމަވެސް އަންނަ އަހަރުގެ ދޮޅު މަހެއްހާ ދުވަހަށް ދައުލަތުގެ ކޭޝްފްލޯ މެނޭޖު ކުރަން ގޮންޖެހުންތަކެއް ހުރިކަން ފާހަގަ ކުރަން."
ހަރަދު ކުޑަ ކުރުމާ ބެހޭ ގޮތުން މިނިސްޓަރު ޝަފީގު ވިދާޅުވީ މި ބަޖެޓްގައި ހަރަދު ކުޑަކުރަން ތިން ކަމެއް ހިމަނާފައި ވާނެ ކަމަށެވެ.
"މި ބަޖެޓުގައި ހަރަދު ކުޑަ ކުރަން މައިގަނޑު ތިން ކަމެއް ހިމަނާފައި ވާނެ. ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރު ކުރުމަށްޓަކައި ހަރަދާއި ފައިނޭންސް ހޯދަން ޖެހޭ މިންވަރު ކުޑަ ކުރަން ޖެހޭއިރު ހަރަދު ކުޑަ ކުރުމާ ގުޅޭ ފިޔަވަޅުތަށް ތަންފީޒު ކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކެން،" ކުރީގެ ސަރުކާރުގެ މާލީ ދާއިރާގެ އިސްވެރިންނާއެކު އެކުލަވާލި ބަޖެޓާ ބެހޭ ގޮތުން، ޝަފީގު ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓަރު ވިދާޅުވީ މި ސިޔާސަތުތަށް އެކުލަވާލާފައި ވަނީ އައިއެމްއެފް / ވޯލްޑް ބޭންކު ފަދަ ފަންނީ އިދާރާތަކުގެ އެހީގައި ކަމަށާ، މި ސިޔާސަތުތަށް އަންނަ އަހަރުގެ ޖުލައިގައި ތަންފީޒު ކުރަން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށެވެ.
"އެކަށީގެންވާ ގޮތުގައި ހަރަދު ކުޑަ ކުރަވެގެން އަންނަނީ މި ސިޔާސަތުތަކަށް ބަދަލު ގެނެސްގެންކަން ދަންނަވަން،" ޝަފީގު ވިދާޅުވި އެވެ. "ސިޔާސަތުތަށް ތަންފީޒު ނުކޮށް ބަޖެޓްރީ ކޮންޓްރޯލްތަކުން އެކަނި އެކަށީގެންވޭ ސޭވިންއެއް ނުގެނޭވެކަން ވެސް ދަންނަންވަން."
މިނިސްޓަރު ވިދާޅުވީ މިހާރު ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަނީ ބަޖެޓުގެ ފައިނޭންސިން ޕްލޭނާއި ބަޖެޓާ ގުޅުވާލުން ކަމަށެވެ.
"އަންނަ އަހަރު ހަރަދު ކުޑަ ކުރަން އަޅަން ނިންމި ފިޔަވަޅުތަށް ތަންފީޒު ކުރެވިއްޖެނަމަ މެދުރާސްތާގައި އަމާޒު ހާސިލްވާނެ،" ޝަފީގު ވިދާޅުވި އެވެ.
ކުރިން ބައެއް ކުންފުނިތަކުގެ މާލީ އިސް ވަޒީފާތަށް ފުރުއްވި ޝަފީގު ވިދާޅުވީ އަންނަ އަހަރުގެ އެންމެ ބޮޑު ގޮންޖެހުމަކީ ފައިނޭންސް ހޯދުން ކަމަށެވެ.
"ޑެފިސިޓާއި ދަރަނި ހިމަނައިގެން ބަޖެޓު ފައިނޭންސް ކުރަން 17.5 ބިލިއަން ރުފިޔާ ހޯދަން ޖެހޭ. މީގެތެރޭން 12.8 ބިލިއަން ރުފިޔާ ހޯދަން ޖެހެނީ ބޭރުގެ ފަރާތްތަކުގެ އަތުން. މީގެތެރޭގައި މިހާރު ސޮއި ކޮށްފައިވާ މަޝްރޫއުތަކުން ހަރަދުވާނެ ކަމަށް ބެލެވޭ 4.4 ބިލިއަން ރުފިޔާއާ ހިމެނޭ. ރަހުމަތްތެރި ގައުމުތަކުން ހޯދާ 450 މިލިއަން ޑޮލަރު. ގްރީން ނުވަތަ ބްލޫބޮންޑެއް ވިއްކައިގެން 50 މިލިއަން ޑޮލަރު. އެތެރޭން 4.9 ބިލިއަން ރުފިޔާ ހޯދުމަށް ރޭވިފައިވޭ،" ޝަފީގު ވިދާޅުވި އެވެ.
"ބޭރުން ހޯދަން ޖެހޭ 450 މިލިއަން ޑޮލަރު ހޯދުމުގެ މަސައްކަތް ވަނީ ފަށާފަ. މިގޮތުން އެކުވެރި އިސްލާމީ ގައުމުތަކާއި ރަހުމަތްތެރި ގައުމުތަކާއެކު ކުރާ މަޝްވަރާތަށް ދަނީ ކުރިއަށް،" ޝަފީގު ވިދާޅުވި އެވެ. "ފައިނޭންސް ނުލިބިއްޖެނަމަ ދެން އޮތް ގޮތަކީ ބަޖެޓު އިތުރަށް މެނޭޖު ކުރުމާއި ހަރަދު ކުޑަ ކުރުން. އެކަމަށް ވެސް ޕްލޭނެއް އެބައޮތް."
ބަޖެޓުގެ އެހެން ވާހަކައެއް - ރިކަރަންޓު ހަރަދުގެ ދިއުޅި ކެނޑިފައި