"ޔާމީންގެ މައްސަލަ ތަފާތެއް ނުކުރަން، އެހެން މައްސަލަތައް ނުހިނގާތީ ކަންބޮޑުވޭ"

"ރައީސް ޔާމީންއާ މެދު ތަފާތު ކުރުމެއް އަދި ސިލެކްޓިވް ޕްރޮސެކިއުޝަނެއް ގޮތަށް މި މައްސަލަ ކުރިއަށް ގެންގޮސްފައެއް ނުވާނެ،"

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި ދައުލަތުގެ ވަކީލް އަހުމަދު ޝަފީއު ހައިކޯޓުގެ އަޑުއެހުމެއްގައި --

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ދައުވާކޮށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާމެދު ތަފާތު ކުރުންތައް ގެންގުޅެ، ޝަރީއަތްތައް ހިންގާފައި ނުވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ޔާމީން ދެ ފަހަރަށް ޖަލަށް ލާން ހުކުމް ކުރި އެވެ. އެމްއެމްޕީއާރްސީ ހިޔާނާތުގެ ތެރެއިން ގއ. ވޮޑުމުލާ މައްސަލައިގައި ފަސް އަހަރަށް ޖަލަށް ލާން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފައި ވަނިކޮށް، ވ. އާރަށު މައްސަލައިގައި 11 އަހަރަށް ޖަލަށްލާން ވަނީ ހުކުމްކޮށްފަ އެވެ.

ހުރިހާ މައްސަލައެއްގެ ތެރެއިން ވެސް ޔާމީންގެ ފަރާތްޕުޅުން ވިދާޅުވެފައި ވަނީ އެމަނިކުފާނު ޖަލަށްލީ ސިޔާސީ ބޭނުމެއްގަ އެވެ. އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައި ވަނީ އެއްވެސް ހަގީގަތެއް ނެތް އުފައްދާފައިވާ ހެކިތަކެއް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. އާރަށު މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތަކުގައި ވެސް ތަކުރާރުކޮށް ޔާމީންގެ ވަކީލުން ވިދާޅުވީ އެހެންނެވެ. 

އާރަށު މައްސަލައިގެ އެންމެ ފަހު އަޑު އެހުމުގައި މިއަދު ވާހަކަދައްކަވަމުން ދައުލަތުގެ ވަކީލް އަހުމަދު ޝަފީއު ރިއާޔަތް ކުރައްވާފައި ވަނީ އިނގިރޭސީވިލާތުގެ ކުރީގެ އުއްތަމަ ފަނޑިޔާރު ލޯޑް ހީވާޑްގެ އުސޫލަކަށެވެ. އެއީ، "އަދާލަތު ހަމައެކަނި ގާއިމްވުމުން ނުފުދޭ، އަދާލަތު ގާއިމްވިކަން އިހުސާސްވުމާއެކު އެކަން ފެންނަން ވާނެ" ކަމަށް ވިދާޅުވެފައިވާ ވިދާޅުމަށެވެ. އެއީ ޝަރުއީ ނިޒާމަށް ހައިކޯޓުން ވެސް ބަލައިގަނެފައިވާ އުސޫލެއްކަން ޝަފީއު ފާހަގަކުރެއްވި އެވެ.

"މި މައްސަލައިގެ ވީނުވީ، މި މައްސަލައިގައި ހަސްމުން ދެއްކި ވާހަކަތައް، ދައުލަތުން ދެއްކި ވާހަކަތަށް، ދައުލަތުން ދެއްކި ވާހަކަތަކަށް ދިފާއުން ދެއްވި ރައްދު އަޑުއެހުމުގެ ފުރުސަތު ހުރިހާ ރައްޔިތުންނަށް ލިބިއްޖެ. އެކަންކަން އިހުސާސް ކުރުމުގެ ފުރުސަތު އެންމެނަށް ލިބިއްޖެ،" އެ އުސޫލަށް ރިއާޔަތް ކުރައްވަމުން ޝަފީއު ވިދާޅުވި އެވެ.

ޝަރީއަތުގައި ޔާމީންގެ ފަރާތްޕުޅުން ދައުލަތަށް ނިސްބަތްކޮށް، ދައުލަތުން ފަނޑިޔާރުންނަށް އޮޅުވާލަން އުޅޭ ކަމާއި، ހުށަހަޅަނީ ހެކިތަކެއް ނޫން ކަމަށާއި ދައުލަތުން ދައްކަނީ ތިއަރީތަކެއް ކަމަށް ޔާމީންގެ ފަރާތްޕުޅުން ވިދާޅުވެފައިވާކަން ޝަފީއު ފާހަގަކުރެއްވި އެވެ. އަދި އެ ވާހަކަތައް ދެއްކީ ލައިވްކޮށްގެން ކުރިއަށް ގެންދިޔަ ޝަރީއަތްތަކުގައި ކަން ވެސް ފާހަގަކުރެއްވި އެވެ.

ދައުލަތުގެ ވަކީލް އަހުމަދު ޝަފީއު ހައިކޯޓުގައި މިއަދު ވާހަކަދައްކަވަނީ: ޔާމީނާމެދު ތަފާތުކުރުންތައް ނުގެންގުޅޭ ކަމަށް ވަނީ ވިދާޅުވެފައި --

"ދައުލަތުން ދަށު ކޯޓުގެ ޝަރީއަތްތަކުގަ ވެސް އަދި މި ކޯޓުގަ ވެސް މި ބަޔާންކުރީ މި މައްސަލައިގަ ލިބިފަވާ ހެކި ގަރިނާއާ، މައްސަލައިގަ ހިމެނޭ ހަގީގަތްތަކާ، މައްސަލައިގަ ދައުލަތުގެ ހެކިންނާ، ދިފާއީ ހެކިން ޝަރީއަތުގަ ދެއްކި ވާހަކަތަކުގެ މައްޗަށް. ހަގީގަތާ ހިލާފު އެއްވެސް ވާހަކައެއް ދައުލަތުން ދައްކާފައެއް ނުވާނެ، ރައީސް ޔާމީންއާ މެދު ތަފާތު ކުރުމެއް އަދި ސިލެކްޓިވް ޕްރޮސެކިއުޝަނެއް ގޮތަށް މި މައްސަލަ ކުރިއަށް ގެންގޮސްފައެއް ނުވާނެ،" ޔާމީންގެ ތުހުމަތުތަކަށް ރައްދު ދެއްވަމުން ޝަފީއު ވިދާޅުވި އެވެ.

ޝަފީއު ވިދާޅުވީ އެމްއެމްޕީއާރްސީ ހިޔާނާތުގައި މިހާރު ވެސް ކުށް ސާބިތުވެފައިވާ މީހުން އެބަ ތިބި ކަމަށެވެ. އަދި އިތުރު މީހުންނަށް ދައުވާ ވެސް ކޮށްފައިވާ ކަމަށެވެ. ދައުވާކޮށްފައިވާ އެ މައްސަލަތައް ކޯޓުގައި ކުރިއަށް ނުދިއުމަކީ ކަންބޮޑުވާ ކަމެއްކަން ވެސް ދައުލަތުގެ ފަހު ބަޔާން ނިންމާލަމުން ޝަފީއު ވިދާޅުވި އެވެ.

އާރަށު މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް މިއަދު ހައިކޯޓުގައި ވަނީ ނިންމާލައިފަ އެވެ. ދެން އޮންނާނީ މި މައްސަލައިގެ ހުކުމް އިއްވުނެވެ. ހުކުމް އިއްވާނެ ވަކި ތާރީހެއް ފަނޑިޔާރުން ވިދާޅެއް ނުވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.