ވާހަކަ

އިންތިހާއަށް ލޯބިވީމާ – އެޕިސޯޑް 37

"ވަޓް؟؟؟؟؟" ނިއުޝާއަށް ހީވީ އޭނާގެ ހަށިގަނޑު ފަޅާލާފައި ހިތް ބޭރަށް ނުކުމެގެން ދިޔަހެންނެވެ.

– އެޕިސޯޑް 37-

ނިއުޝާއަށް ބުނާނެ އެއްޗެއް ނޭނގި އޭނާ ގަނބުވިއެވެ. ދުލުގައި ގޮށެއް ޖެހުން ފަދައެވެ. ނިއުޝާއަށް ލިބުނީ ބަޔާން ކުރަން ދަތި އިޙްސާސެކެވެ. އެހެން ހުރެފައި ނިއުޝާގެ ބޮލަށް އަރައިގަތީ ނުހަނު ބޮޑު ރިހުންގަނޑެކެވެ. އަތުގައި އޮތް ފޯނު ދިޔައީ ހެލެމުންނެވެ. އަތް ތުރުތުރު އަޅާ ވަރުންނެވެ.

ފެނުން މަންޒަރު ޤަބޫލު ކުރާނީ ކިހިނެއް ހެއްޔެވެ؟ ނިއުޝާގެ ބަނޑުގައިވާ ދަރިފުޅުގެ ބައްޕަ އާއި ސަމާ ކައިވެނިކުރުން އެއްވެސް ޙާލެއްގައި ނިއުޝާއަށް ޤަބޫލެއް ނުކުރެވުނެވެ. އެކަން ޤަބޫލު ކުރަން ނިއުޝާ ބޭނުން ނުވީއެވެ. ހަމަ ޔަޤީނުން ވެސް މިކަމުގެ އަޑީގައި އެތައް ކަމެއް އޮންނާނޭ ނިއުޝާގެ ހިތަށް ފުރަތަމަވެސް އަރައިގެން ދިޔައެވެ. ސަމާ އަކީ އަބަދުވެސް ނިއުޝާއަށް ވާދައަށް، ނިއުޝާއަށް ލިބެން އުޅޭ ކޮންމެ އުފަލަކަށް ހަސަދަލާ މީހެއް ކަމުގައި ވާތީއެވެ.

ކޮޓަރީގެ މެދުގައި ހުއްޓި ގަނބުވެފައި ނިއުޝާއަށް ހުރެވުނީއެވެ. ސަމާ އެހެން އެކަން ކުރީ ހަމަ ނިއުޝާއަށް ހަސަދަ ލައިގެން ހެއްޔެވެ؟ ނޫނީ މާއިޒް ދެކެ ލޯބިން ހެއްޔެވެ؟ ކޮންމެ ގޮތެއް ވިޔަސް މާއިޒް އަކީ ރަނގަޅު މީހެއް ނޫނެވެ. އެކަމު، މާއިޒް ސަމާއާ ކައިވެނި ކުރީ ކީއްވެ ހެއްޔެވެ؟ މާއިޒަށް އެޔަށްވުރެ ބޮޑަށް މާއިޒްގެ އަންހެނުން މާ މުހިންމު ވާނެއެވެ. އެތައް ޚިޔާލު ތަކަކުން ނިއުޝާގެ ސިކުނޑި ވަށާލިއެވެ. އެއްވެސް ސުވާލަކަށް ނިއުޝާއަކަށް ޖަވާބެއް ނުލިބުނެވެ. ހިތަށާއި ސިކުނޑި ތޮއްޖެހިގެން ދިޔައީ ހަމަ އެކަނި ސުވާލު މާރކު ތަކަކުންނެވެ.

 ***

 ކޮޓަރީގައި ވިސްނަން އޮވެފައި ހައިކަލް އޭނާގެ ފޯނު ނެގިއެވެ. ގުޅަން ނުގުޅަން އޮވެފައި ހައިކަލް އެންމެ ފަހުން ނާޝިދަށް ގުޅިއެވެ. ނާޝިދަށް އޮޅުވާލައި ދޮގު ހަދަން ހައިކަލް ބޭނުން ނުވީއެވެ. އެއީ ހައިކަލަށް ނާޝިދަކީ އެޔަށް ވުރެ މާ ގާތް، އަދި މާ ހެޔޮ މީހެކެވެ. އެވަރުގެ މީހަކަށް ގޮދު ހެދުން ވާނީ ދެވޭ ހައްޤު ނޫން އަދަބަކަށެވެ.

ނާޝިދު ފޯނު ނެގުމާ އެކުގައި ހައިކަލް އެދުނީ ވީ އެންމެ އަވަހަކަށް ދިމާވުމަށެވެ. ކޮފީ އަކަށް ހިނގާށޭ ނާޝިދު ބުނުމުން އާނ ރަނގަޅު ވާނެ ކަމަށް ބުނެ ހައިކަލް ފޯނު ބޭއްވިއެވެ. އަދި ގަޔަށް ގަމީހެއް ވައްޓާލައިގެން ހައިކަލް ގެއިން ނުކުތެވެ.
ހައިކަލް އާއި ނާޝިދު ބައްދަލުވީ ސީ ހައުސްއިންނެވެ. 

2 ލަވާޒާ މިލްކަކަށް އޯޑަރު ދީގެން އެދެމީހުން ވެސް ތިބީ އެތަނުގައި ޖައްސާލައިގެންނެވެ. ނާޝިދު ވަރަށް ރަނގަޅަށް ދިޔައީ ހައިކަލްގެ މޫނަށް ބަލަމުންނެވެ. އެ މޫނުމަތިން ކޮންމެވެސް ކަމެއް ގޯސް ވެއްޖެކަން ނާޝިދަށް ދިޔައީ ރޭކައިލަމުންނެވެ. ނަމަވެސް ނާޝިދު މަޑުކޮށްގެން ހުރީ ހައިކަލް އިސްވެ އެ ވާހަކަ ފަށަން ދެންނެވެ. ހައިކަލް ހަމަޖެހިލުމަށްޓަކައި ނާޝިދު އެއްވެސް އެއްޗެއް ނުބުނެ އިނީއެވެ. އެހެން އެދެމީހުން އެއްވެސް ވާހަކައެއް ނުދައްކާ ތިއްބާ ކޮފީ ލިބެއްޖެއެވެ.

ހައިކަލް ކޮފީތައްޓަށް ބަލާލުމަށްފަހު ނާޝިދަށް ބަލާލިއެވެ. އަދި ކަރު ކެހެލިއެވެ. އަނގަހުޅުވަން އުޅެފައި ވެސް ހައިކަލް ފަސްޖެހުނީއެވެ. ނިއުޝާގެ ވާހަކަ ދައްކަން ނުކެރެނީއެވެ. ނަމަވެސް އެވާހަކަ ސިއްރު ކުރަން ވެސް ހައިކަލް ނޭދެއެވެ.

"ނާޝިދު.. އަހަރެން އެއްވެސް ކަމެއް ނާޝިދަށް ސިއްރު ކުރާކަށް ބޭނުމެއް ނުވޭ! ތީ އަހަރެންނަށް މި ދުނިޔެމަތީގަ ލިބުން އެންމެ ހެޔޮ ރަޙުމަތްތެރިޔާ.. މިއަދު އަހަރެން މިގޮތަށް މިފެނުމުގެ މައިގަނޑު ސަބަބަކީ ތީ.. ނާޝިދު.." ހައިކަލް ވާހަކަދައްކަމުން ދިޔައީ މަޑުންނެވެ.

"އަހަރެންނަށް މިފަދަ ކަމެއް ނާޝިދުު ހަވާލު ކުރީ ކޮން މަގުޞަދެއްގަ ކަން ވެސް އެނގޭ.. ނާޝިދާއި ފަޔާޒްއާ އޮތް ގުޅުން ވެސް އަހަރެންއަށް އެނގޭ.. އަހަރެން ބޭނުންވީ ނާޝިދުގެ އެދުން ވަރަށް އަމާނަތްތެރިކަމާ އެކުގަ އަދާކުރަން.. ފަޔާޒް ސަލާމަތް ކުރަން.." ނާޝިދަށް ބަލަހައްޓައިގެން އިނދެ ހައިކަލް ވާހަކަދައްކަމުން ދިޔައެވެ. ހައިކަލްގެ ވާހަކަތައް ކަނުލާ އަޑުއަހަމުން ނާޝިދު ގެންދިޔައެވެ.

"އަހަރެން ހަނދާނުގަ އެބަ ހުރި.. ނާޝިދު ބުނި ވާހަކަތައް.. ނިއުޝާއާ ގުޅިގެން އުޅެން.. އެއީ ނިއުޝާގެ ޙަޤީޤަތް ހޯދަންކަން ވެސް އެނގޭ.. އަދި ނިއުޝާއާ ގާތް ނުވުމަށް ނާޝިދު ތަކުރާރު ކޮށް އަހަންނަށް ވިސްނާދީ އިންޒާރު ވެސް ދިން.. ނިއުޝާއާ އެކުގައި އުޅުނަސް އެފަދަ އެއްވެސް ގުޅުމެއް ނުބޭއްވުމަށް.." ހައިކަލްގެ އަޑު ބެދުނެވެ. ނާޝިދު ޖެހިލުންވާ ގޮތްވިއެވެ. ހައިކަލް ބުނަން އުޅެން އުޅޭ އެއްޗެއް ނާޝިދަށް އެނގޭ ކަހަލައެވެ.

"ދެން.. ކިހިނެއްވީ؟ އިއްޔަ އަދި އެރޭ ކިހިނެއްވީ؟ އެގޭގަ ކީއްކުރީ؟ ގުޅީމަ ފޯނުވެސް ނުނަގާ.." ނާޝިދުގެ ކެތްތެރިކަން ކޮޅުން ލައިގެން ނުހުރެވިގެން އަހާލީއެވެ.

"ނާޝިދު... އަހަންނަށް މާފު ކުރޭ! އަހަރެން މީ ވަރަށް ނުބައި މީހެއް.. އަހަރެންނަށް ނާޝިދަށް ވެވުން ހުވައާ ޚިލާފު ވެވިއްޖެ.. ނާޝިދު އަހަންނަށް ކުރި އިތުބާރު އަހަންނަށް ގެއްލުވާލެވިއްޖެ.. ނާޝިދު ނޭނގެ މާފު ދޭނެ ކަމެއް ވެސް.." ހައިކަލް ވާހަކަދެއްކީ ކަންބޮޑުވެގެން އިނދެއެވެ. ނާޝިދު މި ވާހަކަތަކާ މެދު ރިއެކްޓް ކުރާނެ ގޮތެއް ނޭނގޭނެތީއެވެ.

"ކިހިނެއްވީ؟" ނާޝިދު ވަރަށް ބޮޑަށް ހާސްވިއެވެ.

"ނާޝިދު.. އަހަންނަށް މާފު ކުރޭ! ނާޝިދުގެ އެދުމާ އަހަންނާ ޚިލާފު ވެވިއްޖެ.. އަހަންނަށް ނިއުޝާއާ އެކުގަ ކުރެވިއްޖެ.. އެކަމު އަހަ.." ހައިކަލަށް ވާހަކަ މެދުކަނޑާލެވުނީ ނާޝިދު ކުއްލިއަކަށް ކޮޅަށް ތެދުވުމުންނެވެ. ހައިކަލް ދެއްކި ވާހަކަތަކުން ނާޝިދަށް ވަރަށް އަސަރުކޮށްފިއެވެ. އެންމެ ދެރަވަނީ ފަޔާޒްގެ އަނބިމީހާއަށް މިހެން ކަންތައް ދިމާވީމައެވެ. އަދި އެވެސް ނާޝިދުގެ ރޭވުމެއްގެ ތެރެއިން ވީކަމެއް ކަމުގައި ވާތީއެވެ.

"ތީ ކޮންކަހަލަ މީހެއް؟" 

ނާޝިިދަށް އެހެން އަހައިލެވުނީ ވަރަށް އުނދަގުލުންނެވެ. ހައިކަލަށް ބަލަހައްޓައިގެން އިނދެއެވެ.

"ނާޝިދު.. ބްރޯ! ވަރަށް ބޮޑަށް ސޮރީީ.. އަހަރެންނަށް ވެސް ވާހަކަދައްކަން ފުރުސަތެއް ދީ.. އަހަރެން ބޭނުން ހުރިހާ ވާހަކައެއް ކިޔާދޭން.." ހައިކަލް އެހެން ބުނެލީ ހިތާމަވެރި ރާގެއްގައެވެ. ނާޝިދު ފުންކޮށް ނޭވާއެއް ދޫކޮށްލަމުން އިށީންނެވެ. (ނުނިމޭ)

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.