ގަވަރުނަރު ބަޖެޓު ކޮމެޓީގައި ވިދާޅުވީ ހުރިހާ ފަރާތްތަކުންވެސް މެދުރާސްތާގެ ފްރޭމްވޯކްއާ އެއްގޮތަށް ބަޖެޓު ބައްޓަން ވިސްނަން ޖެހޭ ކަމަށް
ދައުލަތުން މެދުރާސްތާއަށް ލަފާކޮށް ހުށަހަޅާ ފްރޭމްވޯކްއާ މަޖިލިހަށް ހުށަހަޅާ ބަޖެޓާ ދިމާ ނުވާ ކަމަށާ، އެކަން އިސްލާހު ކުރަން ޖެހޭ ކަމަށް އެމްއެމްއޭ އިން ބުނެފި އެވެ.
އަންނަ އަހަރުގެ ބަޖެޓަށް އެމްއެމްއޭއިން ދިން ލަފާގެ ފްރެޒެންޓޭޝަން ފެށުމުގެ ގޮތުން ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ މީޑިއަމް ޓާމްގައި ހުށަހަޅާ ބަޖެޓާ އެއްގޮތަށް ބަޖެޓު ބައްޓަން ކުރުން މުހިންމު ކަމަށެވެ.
"މީޑިއަމް ޓާމްއާ އެއްގޮތަކަށް ނޫން ބަޖެޓް ނެރޭއިރު މި އޮންނަނީ. މީގައި ހިއްސާވޭ ވަރަށް ގިނަ އިދާރާތައް ވެސް. އެ ފްރޭމްއާ އެއްގޮތަށް ހިފެހެއްޓުން. އަޅުގަނޑަށް އެނގޭ އަންނަ ލަފަޔާ އެއްގޮތަށްވެސް މަސައްކަތް ކުރާނެކަން ވެސް. އެކަމަކު ފްރޭމްވޯކްއާ އެއްގޮތަށް ކުރިއަށް ގެންދިޔައީމަ ބަޖެޓު ރަނގަޅު ގޮތުގައި މެއިންޓެއިން ކުރެވޭނީ،" ގަވަރުނަރު ވިދާޅުވި އެވެ.
ނިމިދިޔަ ސަރުކާރުން ވަނީ މިއަހަރަށް ސަޕްލިމެންޓްރީ ބަޖެޓެއް ވެސް ހުށަހަޅާފަ އެވެ. އެ ސަޕްލިމަންޓްރީ ބަޖެޓުގައި މައިގަނޑު ހަރަދަކަށް ހިމަނާފައި ވަނީ ޕީއެސްއައިޕީ އާއި އާސަންދަ އާއި ސަބްސިޑީ ހަރަދުތަކާއި ސަރުކާރު ކުންފުނިތަކަށް ދޫކުރާ ކެޕިޓަލް ކޮންޓްރިބިއުޝަނަށެވެ. އަދި މި ބަޖެޓުގައި މި ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކަށް ހާއްސަކޮށް 1.5 ބިލިއަން ރުފިޔާ ހާއްސަ ކޮށްފައި ވެއެވެ.