މޯލްޓާ ވިސާ އެޕްލިކޭޝަން ސެންޓަރެއް މާލޭގައި ހުޅުވައިފި

ރާއްޖޭގައި ތިބެގެން މޯލްޓާގެ ވިސާއަށް ލާން އެދޭ ފަރާތްތަކުން މިހާރު ބޮޑުތަކުރުފާނު މަގު ހ. ބީޗް ޓަވަރުގެ ފުރަތަމަ ފަންގިފިލާގައި އަލަށް ހުޅުވި ސެންޓަރުން އެ ޚިދުމަތް ހޯދޭނެ އެވެ.

ރާއްޖޭގައި ތިބި މޯލްޓާގެ ވިސާއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހަކުރުމަށް އިންޑިއާގައި ހުންނަ މޯލްޓާގެ ހައިކޮމިޝަނާއި ދުނިޔޭގެ އެންމެ ފުޅާ ދާއިރާއެއްގައި ރަސްމީ ހައިސިއްޔަތުން ވިސާ ހަމަޖައްސައިދިނުމުގެ ޚިދުމަތް ފޯރުކޮށްދޭ ވީއެފްއެސް ގްލޯބަލްއިން މާލޭގައި މޯލްޓާ ވިސާ އެޕްލިކޭޝަން ސެންޓަރެއް ހުޅުވައިފި އެވެ.

މި ސެންޓަރު އިފްތިތާހްކޮށްދެއްވާފައިވަނީ މޯލްޓާއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ރޫބެން ގޯޗީ އަދި ވީއެފްއެސް ގްލޯބަލްގެ ޝެންގެން އޮޕަރޭޝަންސް (ނިއުދިއްލީ) ސީނިއާ ޖެނެރަލް މެނޭޖަރު ނަވީން ނާރާ އެވެ.  

އިންޑިއާގައި ހުންނަ މޯލްޓާ ހައިކޮމިޝަންގެ މަސައްކަތުގެ އިހްތިސާސްގެ ތެރޭގައި އިންޑިއާ އާއި ސްރީލަންކާ އާއި ރާއްޖެ އާއި ނޭޕާލް އަދި ބަންގްލަދޭޝް ހިމެނެ އެވެ. 

ރާއްޖޭގައި ތިބެގެން މޯލްޓާގެ ވިސާއަށް ލާން އެދޭ ފަރާތްތަކުން މިހާރު ބޮޑުތަކުރުފާނު މަގު ހ. ބީޗް ޓަވަރުގެ ފުރަތަމަ ފަންގިފިލާގައި އަލަށް ހުޅުވި ސެންޓަރުން އެ ޚިދުމަތް ހޯދޭނެއެވެ. 

މިތަނުން ވީއެފްއެސް ގްލޯބަލް ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް އެޕޮއިންޓްމެންޓް ނަގައިގެންނާއި، ކަނޑައެޅިފައިވާ ޗެކްލިސްޓްގައިވާ ލިޔުންތައް ހަމަކޮށްގެން ކުރިން އެޕޮއިންޓްމެންޓް ނެގުމަކާއި ނުލައި ހާޒިރުވެގެންވެސް ޚިދުމަތް ހޯދޭނެ ކަމުގައި ވީއެފްއެސް އިން މައުލޫމާތު ދެއެވެ. 

މި ވިސާ އެޕޮއިންޓްމެންޓް ސެންޓަރުގައި އެންމެ ފަހުގެ ޓެކްނޮލޮޖީގެ ވަސީލަތްތައް ގާއިމްކޮށްފައިވާއިރު، ތަނަކީ ޖާގައިގެ ގޮތުންވެސް ތަނަވަސް އަދި ހިތްފަސޭހަ ތަނެއްކަން ފާހަގަކޮށްލެވެ އެވެ. 

މި ސެންޓަރު އިފްތިތާހްކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން މޯލްޓާއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ރޫބެން ގޯޗީ ވިދާޅުވީ މިއަދާ ހަމައަށް ރާއްޖޭން މޯލްޓާ ވިސާ ނަގާ ފަރާތްތައް އިންޑިއާގެ ދިއްލީއަށް ދާންޖެހޭ ކަމަށެވެ. ނަމަވެސް މާލޭގައި މި ސެންޓަރު ގާއިމްކުރުމުން އިންޑިއާއަށް ދިއުމުގެ ޚަރަދާއި ވަގުތު ސަލާމަތްވާނެކަމަށާއި، މިއީ މަލްޓާގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް އޭނާ ފާހަގަކުރެއްވި އެވެ. 

ވިސާ ސެންޓަރު ހުޅުވުމާ ބެހޭގޮތުން ވާހަކަދައްކަވަމުން ވީއެފްއެސް ގްލޯބަލްގެ ސައުތު އޭޝިއާ ޗީފް އޮޕަރޭޓިން އޮފިސަރު ޕްރަބުއްދާ ސެން ވިދާޅުވީ، 2008 އިން ފެށިގެން ވީއެފްއެސް އާއި މޯލްޓާ އާއި ދެމެދު ގުޅުން ގާއިމުކޮށްފައިވާ ކަމަށެވެ. އަދި ރާއްޖޭގައި މި ހުޅުވި ވިސާ ސެންޓަރާ އެކު އެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށާއި، މި އާ ސެންޓަރާއެކު ވިސާއަށް ހުށައެޅުމުގެ ކަންކަން ފަސޭހަ ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ދެހާސް އަށާރަ ވަނަ އަހަރުން ފެށިގެން ވީއެފްއެސް ގްލޯބަލް އިން އަންނަނީ މޯލްޓާގެ ސަރުކާރާއެކު ވިސާ ޕްރޮސެސިން ޚިދުމަތުގައި ހަރަކާތްތެރިވަމުންނެވެ. މި ކުންފުނިން ދަނީ ސަރުކާރުތަކުގެ ފަރާތުން 38 ގައުމެއްގައި 101 އަށް ވުރެ ގިނަ ވިސާ އެޕްލިކޭޝަން ސެންޓަރުތައް ގާއިމްކޮށްގެން ހިންގަމުންނެވެ. 

ވިސާ އެޕްލިކޭޝަން ޕްރޮސެސްގައި ވީއެފްއެސް ގްލޯބަލްގެ ދައުރަކީ ހަމައެކަނި ކުރިމައްޗަށް ފެންނަ އިދާރީ މަސައްކަތްތަކަށެވެ. އޭގެ ތެރޭގައި އެޕްލިކޭޝަން ފޯމާއި އެހެނިހެން ލިޔުންތައް ބަލައިގަތުމާއި ބަޔޯމެޓްރިކްސް ނެގުން ހިމެނެ އެވެ. ނަމަވެސް ވިސާ ދޫކުރުމާއި އަދި އެ ދޫކުރުމަށް ދެކޮޅު ހެދުމުގެ ނިންމުންތައް ނިންމުމުގައި ވީއެފްއެސް ގްލޯބަލްގެ އެއްވެސް ދައުރެއް ނޯންނާނެ އެވެ.

ވީއެފްއެސް ގްލޯބަލް އަކީ ސަރުކާރުތަކަށާއި ޑިޕްލޮމެޓިކް މިޝަންތަކަށް ދުނިޔޭގެ އެންމެ ބޮޑު އައުޓްސޯސިން އަދި ޓެކްނޮލޮޖީ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތެވެ. މި ކުންފުންޏަކީ 70 ކްލަޔަންޓް ސަރުކާރުގެ އިތުބާރު ލިބި، 149 ގައުމެއްގައި 3,300 އަށް ވުރެ ގިނަ އެޕްލިކޭޝަން ސެންޓަރު ހިމެނޭ ގްލޯބަލް ނެޓްވޯކެއް ހިންގާ ކުންފުންޏެކެވެ. 2001 ވަނަ އަހަރު މި ކުންފުނި އުފެދުނު ފަހުން 272 މިލިއަނަށް ވުރެ ގިނަ ވިސާ އެޕްލިކޭޝަން ވަނީ ޕްރޮސެސްކޮށްފަ އެވެ.  

މި ކުންފުނިން ކްލަޔަންޓް ސަރުކާރުތަކަށް ވިސާ، ޕާސްޕޯޓް، އަދި ކޮންސިއުލާ ޚިދުމަތްތަކަށް އެދި ހުށަހެޅުމާ ގުޅޭ ފާރަވެރި އަދި އިދާރީ މަސައްކަތްތައް މެނޭޖްކުރެ އެވެ. އެހެންކަމުން ކްލަޔަންޓް ސަރުކާރުތަކަށް ކްރިޓިކަލް އެސެސްމަންޓް ޓާސްކަށް ސަމާލުކަން ދެވޭނެއެވެ. ވީއެފްއެސް ގްލޯބަލްގެ މައި އޮފީސްތައް ސްވިޓްޒަލޭންޑްގެ ޒޫރިކް އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ދުބާއީގައި ޤާއމްކޮށްފައިވެއެވެ. 

ވީއެފްއެސް ގްލޯބަލްގެ މެޖޯރިޓީ ހިއްސާދާރަކީ ދުނިޔޭގެ އެންމެ ބޮޑު އަލްޓަނޭޓިވް އެސެޓް މެނޭޖަރު ކަމަށްވާ ބްލެކްސްޓޯން ކުންފުންޏެވެ. މި ކުންފުނިން މަސައްކަތް ކުރަނީ މި ކުންފުނީގެ އިންވެސްޓަރުންނާއި އިންވެސްޓްކުރާ ކުންފުނިތަކާއި، މި ކުންފުނިން މަސައްކަތްކުރާ މުޖުތަމައުތަކަށް ހެޔޮ އިގުތިސާދީ ބަދަލުތައް ގެނައުމަށެވެ. 

ބްލެކްސްޓޯންގެ މެނޭޖްމަންޓްގެ ދަށުގައިވާ 991 ބިލިއަން ޑޮލަރުގެ އެސެޓްތަކުގެ ތެރޭގައި ދުނިޔޭގެ އަސާސްތަކާއި އެއްގޮތްވާ ޕްރައިވެޓް އިކުއިޓީ، ރިއަލް އެސްޓޭޓް، ޕަބްލިކް ޑެޓް އެންޑް އިކުއިޓީ، އިންފްރާސްޓްރަކްޗާ، ލައިފް ސައިންސް، ގްރޯތް އިކުއިޓީ، އޮޕޮޗުނިސްޓިކް، ނޮން އިންވެސްޓްމަންޓް ގްރޭޑް ކްރެޑިޓް، ރިއަލް އެސެޓް، އަދި ސެކަންޑަރީ ފަންޑަށް ފޯކަސްކޮށްފައިވާ އިންވެސްޓްމަންޓް ވެހިކަލްތައް ހިމެނެ އެވެ. 

މީގެ އިތުރުން ސްވިޓްޒަލޭންޑްގެ ކުއޯނީ އެންޑް ހޫޖެންޓޮބްލަ ފައުންޑޭޝަން އަދި ސްވީޑެންގެ ސްޓޮކްހޯމްގައި މައި އޮފީސް ހުންނަ ގްލޯބަލް އިންވެސްޓްމަންޓް އޯގަނައިޒޭޝަނެއް ކަމަށްވާ އީކިއުޓީ އަކީ ވީއެފްއެސް ގްލޯބަލްގެ މައިނޯރިޓީ ހިއްސާދާރުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.