އަންހެން ވަޒީރުން މަދުވުމާއި ފަހަތުގައި ބެއިތިއްބުމުން އެމްޑީޕީ ކަންބޮޑުވެއްޖެ

"ކެބިނެޓްގައި އަންހެނުންގެ އަދަދު އެންމެ 13 އިންސައްތަ އަށް ދަށްކޮލި ކަމާ މެދު މި ޕާޓީގެ އަންހެނުންގެ ރޫހުން އިންތިހާ އަށް ކަންބޮޑުވުން ފާޅުކޮށް ހިތާމަ ކުރަމެވެ،"

އެމްޑީޕީގެ ސަޕޯޓަރުންތަކެއް

ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލެވި ކެބިނެޓުގައި 22 ވަޒީރުން ތިއްބެވި އިރު ކެބިނެޓުގައި އެންމެ ތިން އަންހެން ވަޒީރުން ތިބިކަން ފާހަގަކޮށް އެމްޑީޕީގެ އަންހެނުންގެ ގޮފީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެމްޑީޕީގެ އަންހެނުންގެ ގޮފީން މިރޭ ނެރުނު ބަޔާނެއް ގައި ބުނެފައި ވަނީ ހުވާކުރެއްވުމަށް ވަޒީރުން ތަރުތީބު ކުރައްވާފައި ތިއްބެވިއިރު އަންހެން ބޭފުޅުން ތިއްބެވީ ވެސް ފަހަތުބަރިއަށް ލާފައިވާ ކަމަށެވެ. ސީނިއޯރިޓީ އަށް ބެލިކަމުގައި ވިޔަސް އެތަނުން އެއް އަންހެން ވަޒީރަކީ ދެވަނަ ދައުރަކަށް ވަޒީރުކަމާ ހަވާލުވެވަޑައިންނެވި އަދި ކުރީ ސަފުގައި ތިއްބެވި ގިނަ ބޭފުޅުންނަށް ވުރެ ސީނިއާ ބޭފުޅެއްކަން ވެސް ފާހަގަ ކޮށްފައިވެއެވެ.

އަދި ރައީސް އޮފީހުގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނު ކުރެއްވިއިރު ވެސް ހިމަނުއްވާފައިވަނީ އެންމެ އަންހެން ބޭފުޅެއްކަން އަންހެނުންގެ ގޮފީން ވަނީ ފާހަގަކޮށްފައެވެ. ވަޒީރުންގެ މަޖިލީހަކީ ގައުމެއްގެ ހައިސިއްޔަތުން ބަސްކިޔުމުގައި ސަރުކާރުގެ އެންމެ މަތީ ފަޑިކަމުގައި ވާހިނދު ވަޒީރުންގެ މަޖިލީހުގައި އަންހެނުންގެ އަދަދު 13 އަށް ވެއްޓުމަކީ އަންހެނުން ސިޔާސީ ދާއިރާ ގައި ބާރުވެރި ކުރުމަށް ކުރެވޭ މަސައްކަތު ގައި ވަރަށް ބޮޑަށް ފަހަތަށް އެޅުނު ފިޔަވަޅެއް ކަމުގައި ދެކޭ ކަމަށް ވެސް ބުނެފައިވެއެވެ.

"... އަދި ރައްޔިތުންގެ މަޖިލީހަށް 20 އިންސައްތަ އަންހެނުން ގެނައުމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވާނެ ވާހަކަ ވިދާޅުވެފައިވާއިރު އިތުރު އެއްވެސް ފަރާތެއްގެ ބައިވެރިވުމަކާ ނުލާ ސަރުކާރުގެ ސިޔާސަތު ކަނޑައެޅުމުގެ އެންމެ މަތީ ބާރުކަމުގައިވާ ކެބިނެޓަށް ސީދާ އެމަނިކުފާނަށް އަންހެން ބޭފުޅުން އައްޔަނުކުރެއްވެން އޮތް ފުރުސަތު ގައި އެކަން ނުކުރެއްވުމަަކީ އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި އެއްވެސް އިހުލާސްތެރި ކަމެއް ނެތްކަމުގެ ހެއްކެކެވެ،"

އިއްޔެ ނިމުނު ސަރުކާރު ހިންގި އެމްޑީޕީގެ އަންހެނުން ގޮފީން ބުނީ ވަޒީރުންގެ މަޖިލިސް އަތުރާލެވޭއިރު އަންހެން ވަޒީރުން ފަހަތަށް ޖެއްސުމަކީ އޭގެން ވަރަށް ގޯސް މާނަ އެއް ދޭހަވާ ކަމެއް ކަމަށެވެ. އެއީ އަންހެނުންނަކީ އަބަދުވެސް ފަހަތުގައި ތިބެން ޖެހޭ ބައެއް ކަމަށް ނުސީދާ ގޮތެއް ގައި ދައްކުވައި ދިނުން ކަމަށެވެ. އަދި މި އަމަލާ ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ ޖުމްހޫރީ މައިދާނުގައި ދެއްކެވި ވާހަކަފުޅާ އެއްގޮތަކަށްވެސް ދިމާނުވާ ކަމަށް ވިދާޅުވި އެވެ.

"ކެބިނެޓްގައި އަންހެނުންގެ އަދަދު އެންމެ 13 އިންސައްތަ އަށް ދަށްކޮލި ކަމާ މެދު މި ޕާޓީގެ އަންހެނުންގެ ރޫހުން އިންތިހާ އަށް ކަންބޮޑުވުން ފާޅުކޮށް ހިތާމަ ކުރަމެވެ،"

މީގެ އިތުރުން އަންހެނުން ފަހަތައް ޖައްސާ އަންހެނުންނަށް ނިކަމެތިކަން ލިބޭ ގޮތަށް ކަންކަން އިންތިޒާމު ކުރުމަކީ އެމްޑީޕީގެ އަންހެނުންގެ ރޫހުން އެއްވެސް ހާލަތެއްގައި ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

ކޮމެންޓް

1
450
ބިންތި
1 year ago

ތި ސަރުކާރުން ކާލި ލާރިގަނޑާ ދޭތެރެ ކަންބޮޑުވުން ފާޅުކޮށްބަލަ އެންމެ ކުރިން. ކުރަން އުޅެ އުޅެ ނުވި ކަންތަކާ ކަންބޮޑުވުން ފާޅުކޮށްބަލަ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.