އަދީބާއި ޒިޔަތު ދޫކޮށްލުމުން ކަންބޮޑުވުން، ކުރެވޭނެ ކަމެއް ނެތް

މައާފް ދިނުމާއި އަދަބު ލުއިކުރުމާ ގުޅޭ ގޮތުން ޕީޖީ ޝަމީމް ވަނީ އަމިއްލަ ބްލޮގްގައި ލިޔުމެއް ލިޔުއްވާފަ އެވެ. އޭގައި އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރައްވާފައި ވަނީ މިކަން ނިންމާއިރު ޕްރޮސެކިއުޓާ ޖެނެރަލްގެ ދައުރެއް ނެތުމެވެ.

ޕީޖީ ޝަމީމް: އަދީބާއި ޒިޔަތު މިނިވަން ކުރުމުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި --

ފަހުގެ ތާރީހެއްގައި ދައުލަތުގެ މާލިއްޔަތުން އެތައް ބިލިއަން ރުފިޔާއެއް ވަގަށް ނަގައި، އެކަމަށް އިއުތިރާފްވެފައިވާ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި އަބްދުﷲ ޒިޔަތުގެ ޖަލު ހުކުމް ލުއިކޮށްދިނުމުން ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މައާފް ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރާއި އިހްތިޔާރުގެ ދަށުން އްދީބާއި ޒިޔަތުގެ ޖަލު ހުކުމްގެ މުއްދަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ކުރުކޮށްދެއްވާފަ އެވެ. އަދަބު ލުއިކޮށްދިނުމާއެކު ދެމީހުން ވަނީ މިނިވަންވެފަ އެވެ.

މައާފް ދިނުމާއި އަދަބު ލުއިކުރުމާ ގުޅޭ ގޮތުން ޕީޖީ ޝަމީމް ވަނީ އަމިއްލަ ބްލޮގްގައި ލިޔުމެއް ލިޔުއްވާފަ އެވެ. އޭގައި އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރައްވާފައި ވަނީ މިކަން ނިންމާއިރު ޕްރޮސެކިއުޓާ ޖެނެރަލްގެ އެއްވެސް ދައުރެއް ނެތުމެވެ.

ޝަމީމް ވިދާޅުވީ މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު އޮތް ގޮތުން، އެއްވެސް މަރުހަލާއެއްގައި ޕްރޮސިކިއުޓާ ޖެނެރަލްގެ ދައުރެއް ނޯވެ އެވެ. ކްލެމެންސީ ބޯޑުގައި ޕްރޮސިކިއުޓާ ޖެނެރަލް ތަމްސީލުކުރާ މީހަކު ވެސް ނީންދެ އެވެ. މައްސަލައެއްގައި ހުކުމެއް ކުރުމަށްފަހު ދެން ޕީޖީގެ އެއްވެސް ދައުރެއް އެކަމުގައި ނޯންނަ ކަމަށާއި ދެން ހުރިހާ ކަމެއް އޮންނާނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އަތްމަތީގައި ކަމަށް ވިދާލުވި އެވެ.

ހަމަ އެގޮތަށް، ދާދިފަހުން ރައީސް ބަޔަކަށް މައާފު ދެއްވި އިރު ވެސް ޕީޖީގެ ލަފާ ހޯއްދަވާފައި ނުވާ ކަމަށް ޝަމީމް ލިޔުއްވާފައިވެ އެވެ. އެޔާ ވިދިގެން ލިޔުއްވާފައި ވަނީ އެ ލަފާ ހޯއްދަވަން ވެސް ނުޖެހޭ ކަމަށެވެ.

"ގާނޫނީ ނިޒާމު މިހާރު އޮތް ގޮތުން، މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ރައީސަށް ފުޅާ ބާރުތަކެއް ލިބެއެވެ. އެބާރު ބޭނުންކުރައްވާ ގޮތާމެދު ސުވާލު އުފެއްދުމަކީވެސް ޕްރޮސިކިއުޓާ ޖެނެރަލްގެ މަސައްކަތުގެ ދާއިރާގައި ހިމެނޭ ކަމެއް ނޫނެވެ. އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުންނާއި ގާނޫނު ތަންފީޒުކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ މީހެއްގެ ހައިސިއްޔަތުން، ދެރައާއި ހިތްހަމަނުޖެހުމާއި، ފްރަސްޓްރޭޝަނާއި ކަންބޮޑުވުން ކުޑައެއް ނޫނެވެ. ނަމަވެސް، ޕްރޮސިކިއުޓާ ޖެނެރަލަށް ކަމަކާ ބެހެވޭނީވެސް، ކަންބޮޑު ވެވޭނީވެސް، ރުޅިއާދެވޭނީވެސް، ރުހެވޭނީވެސް، އުފާ ވެވޭނީވެސް ގާނޫނުގައި ބެހޭށާއި ކަންބޮޑުވާށާއި ރުޅި އަންނާށާއި ރުހޭށާއި އުފާވާން ފުރުސަތު ދީފައި އޮތްނަމައެވެ." ޝަމީމް ލިޔުއްވާފައިވެ އެވެ.

ދައުލަތުން އެންމެ ބޮޑު ވައްކަމެއް ކޮށްފައިވާ އަދީބާއި ޒިޔަތު: މި ދެމީހުންނަށް ރައީސް ވަނީ މައާފު ދެއްވާފައި --

ޝަމީމް ވިދާޅުވެފައި ވަނީ އެ ގާނޫނު ރައްޔިތުންގެ މަޖިލީހުން ހަދާފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލެއް ހުންނަވާނެކަން އެނގި ތިބެ އެވެ. އެކަން އެނގި ތިބެ އެގޮތަށް ގާނޫނު ހަދާފައި ވަނީ އެކަމުގައި ކޮންމެވެސް މުހިންމު މަގްސަދެއް ހާސިލް ކުރުމަށް ކަމަށް ބަލަން ޖެހޭ ކަމަށެވެ. އަދި، ގާނޫނު ލިޔާއިރު ކަންކަން ހަނދާނުން ކައްސާލާފައި އޮވެދާނެ ކަމަށް ވެސް ބަލައިގެން ނުވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

"މިކަމުގައި އާންމުންގެ މެދުގައި އޮތް ނުތަނަވަސްކަމަށް އޮތް ހައްލަކީ، ރައްޔިތުންގެ މަޖިލީހުން ގެނެސްދެވޭނެ ހައްލެކެވެ. އާންމުންގެ ހިޔާލާއި ފިކުރާ އެއްގޮތަށް، ރައްޔިތުންގެ މަޖިލީހުން ގާނޫނުތައް އިސްލާހުކުރާނެކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ." ޝަމީމް ލިޔުއްވާފައިވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މުގުލުގައި ތިބި އަދީބާއި ޒިޔަތު މިނިވަން ކުރުމުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދީބު މިނިވަން ކޮށްފައި ވަނީ ދައުލަތުން އުފުލި ހަތް ދައުވާއެއް ސާބިތުވެ 20 އަހަރުގެ ޖަލަށްލާފައި ވަނިކޮށްވެ. ޒިޔަތުގެ މައްޗަށް ދައުލަތުން 32 ދައުވާއެއް އުފުލި އެވެ. އެ ދައުވާތައް ސާބިތުވެ 11 އަހަރަށް ޖަލަށްލާން ހުކުމް ކުރި އެވެ. ޖަލު ހުކުމް ކުރިޔަސް ދެ މީހުން ވެސް ތިބީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.