މި މެސެޖާ އެކުގައި މޫސަ އެޓޭޗް ކޮށްލީ އޭނާ ނެގި ފޮޓޯއެވެ. ސަމާ އާއި މާއިޒް ވަރަށް ރަނގަޅަށް އަރާފައިވާ ފޮޓޯއެވެ. އެޔަށްފަހު އެ މެސެޖް ފޮނުވާލީ ނިއުޝާ އަށެވެ.
– އެޕިސޯޑް 33-
ލުއި ހިނިތުން ވުމަކާ އެކު މޫސަ ފޯނު ނިއްވާލިއެވެ. އޭނާ ބޭނުންވާ ގޮތަށް ނިއުޝާއަށް މެސެޖެއް ކުރުމަށްފަހުގައެވެ. މޫސަގެ ނަަޒަރު އޭނާ އަމާޒްކޮށްލީ ސަމާ އާއި މާއިޒަށެވެ. އެދެމީހުންގެ މޫނުމަތިން ފެންނަމުންދާ އުފާވެރިކަމަކީ މޫސަ އާއި ރޫމާއަށް ލިބުން އެންމެ ބޮޑު ހިތްހަމަޖެހުމެވެ. އެދެމީހުން ތިބީ މިއީ އުފާވެރިކަމުގެ ބިންގަލެއްގެ ގޮތެއް ބަލައިގެންނެވެ. ސަމާއަށް އަދި އެދެމީހުންނަށް ވެސް އުޖާލާ ފާގަތި ދިރިއުޅުމަކަށް އެންމެ މަތީ ފަންތީގައި ދެވޭނެ މަގަކީ މާއިޒް ކަމަގައި މޫސަ އާއި ރޫމާ ވެސް ޤަބޫލު ކުރިއެވެ.
"އަނބި ޤަބޫލުކޮށްފިން.."
މާއިޒްގެ ދުލުން އެ އިބާރަތް ނުކުތުމާ އެކުގައި ސަމާއަށް ހީވީ އޭނާގެ އެތެރެހަށި ގުނޑައިގެން ދިޔަހެންނެވެ. ނަމަވެސް މުޅި ތަނަށް ވެރިވެގެން ދިޔަ އުފަލާ އެކު ސަމާގެ ފަރާތުން ތަފާތު ކަމެއް ދައްކަން އޭނާ ބޭނުން ނުވީއެވެ. ވަގުތުން ސަމާ ހީނލިއެވެ. ދަތްތައް ފެންނަ ވަރަށެވެ.
***
މެންދުރުގެ ހޫނު ގަދަ އަލިން މުޅި މާލެ ހީވަނީ ކައްކަމުން ދިޔަހެންނެވެ. ގަދަ ނިދީގައި އޮތް ނިއުޝާއަށް ހޭވެރިކަންވީ އޭނާގެ ފޯނު ރިންގުވާން ފެށުމުންނެވެ. ގުޅަމުން ދިޔައީ ހައިކަލް އެވެ. ރޭގަ ބަދަލުކުރެވުނު ވާހަކަތަކާއެކުގައި ނިއުޝާ އޭނާގެ ނަމްބަރު ވެސް ހައިކަލްއަށް ދިނެވެ. ނިއުޝާ މަޑުމަޑުން ދެލޯ ރަނގަޅަށް ހުޅުވޭތޯ މަސައްކަތްކޮށްލިއެވެ. ރޭގަ އެއްވެސް ވަރަކަށް ނިދި ލިބިފައި ނުވުމުން، އަދިވެސް ނިއުޝާގެ މޫނުމަތިން ފެންނަނީ ވަރުބަލި ކަމެވެ. ނިދީގެ އަސަރު އޭނާގެ ލޮލުން ކިތަންމެހާ ވެސް ރަނގަޅަށް ދިޔައީ ފެންނަމުންނެވެ.
"ހަލޯ.." ނިދި ރާގެއްގައި ނިއުޝާ ވާހަކަދެއްކިއެވެ.
"އަދިވެސް ނިދަނީތަ؟ އަހަރެން އަދި ނުނިދާ މިއުޅެނީ.." ހައިކަލް ބުނެލީ މަޑުންނެވެ.
"އާނ! މި ހޭލެވުނީ... ހައިކަލް ކީއްވެ ނުނިދާ؟" ނިއުޝާ އެނދުން ތެދުވެލިއެވެ.
"ސަބަބު ބުނަން ވީތަ؟" ހައިކަލް ލުއި ގޮތަކަށް ހީނލިއެވެ.
"ބުނެބަލަ!" ނިއުޝާ އިނީ ހައިކަލް ބުނަން އުޅޭ އެއްޗެއް އަޑު އަހާ ހިތުން ކެތް މަދު ވެފައެވެ.
"ނިއުޝާ މަތިން ހަނދާންވާތީ.. އައިމް ސޮރީ... އެކަމު.. މީ ހަޤީޤަތަކީ.." ހައިކަލް އޭނާ ބުނަން ބޭނުންވާ ވާހަކަ ވަރަށް ސީދާ، ސާދާ ކޮށް ބުނެ ނިއްމާލިއެވެ. ނިއުޝާ ހިމޭން ވިއެވެ. ނިއުޝާގެ ފަރާތުން ޖަވާބެއް ނުލިބުމުން ހައިކަލް ނިއުޝާއަށް ގޮވާލިއެވެ. ނިއުޝާ "ހޫނ" ލައްވާލިއެވެ.
"ނިއުޝާ އަހަރެން ދެކެ ވަރަށް ރުޅި އާދޭ ދޯ؟ އަހަރެން މިހެން ވާހަކަ ދައްކާތީ؟" ހައިކަލް އެހެން ބުނުމާއެކުގައި ނިއުޝާ އަވަހަށް ނޫނެކޭ ބުނެލިއެވެ. ނިއުޝާގެ ޙާލަކީ ވެސް އެއީ އެވެ. ނިދުނީ ވެސް ހައިކަލްގެ ހަނދާނުގައި އޮއްވައެވެ. ހައިކަލްގެ އަޑު އިވޭތީ ނިއުޝާ ވަރަށް އުފާވެއެވެ. ނަމަވެސް އެކަން ހާމަކުރަން ބޭނުން ނުވަނީއެވެ.
"އަހަރެން ދާންވީތަ؟ ތި ގެއަށް؟"
ވަގުތުކޮޅެއްގެ ހިމޭން ކަމަކަށް ފަހު، ހައިކަލް އަހާލިއެވެ. ކުޑަކޮށް ޖެހިލުންވެ ހުރެއެވެ. ހައިކަލްއަށް ކުރިއަށް ފިޔަވަޅު އެޅެނީ ތަންކޮޅެއް އަވަހަށްށޭ އޭނާއަށް ބައެއް ފަހަރު ހީވާކަހަލައެވެ. ނަމަވެސް ނިއުޝާގެ ފަރާތުން ހައިކަލްއަށް ލިބުނީ އޭނާ އުއްމީދު ކުރި ކަހަލަ ޖަވާބެއް ނޫނެވެ. ހައިކަލް ހީކުރީ ނިއުޝާ ބުނާނީ މިގަޑީ ނޫންކަމަށެވެ. ނަމަވެސް ނިއުޝާގެ ޖަވާބަކަށް ވީ އަންނާށެވެ. އޯކޭ ކަމަށެވެ. ހައިކަލްގެ ތުންފަތުން އަނެއްކާ ވެސް ދުވެލީ ހިނިތުންވުމެކެވެ. މިދަނީ އޭ ބުނެ ހައިކަލް ފޯނު ބޭއްވުމާއި އެކު، އޭނާ ކޯލެއް ކޮށްލިއެވެ. އެ ކޯލްގައި ހައިކަލް ވާހަކަ ދެއްކީ ހެމުންނެވެ. ހީވީ ކޮންމެވެސް މަޖާ ވާހަކަތަކެއް މީހަކަށް ކިޔާ ދިން ހެންނެވެ. އެ ކޯލްއަށް ފަހު، ހައިކަލް އަވަސްވެ ގަތީ ނިއުޝާގެ ގެއަށް ދާށެވެ.
ހައިކަލް އަންނާތީ ނިއުޝާ ވަރަށް އަވަސްކޮށް ފެންވަރާ ނަލަަވެލިއެވެ. ރީތި މޭކަޕްތަކުން މޫނުމަތި އަލިކޮށްލިއެވެ. މުޅި ގަޔަށް މީރު ލުއި ވަހެއް ދުވާ ސެންޓަކުން ނިއުޝާ ފެންވަރާލި ފަދައެވެ. ހައިކަލް އަންނާތީ ނިއުޝާއަށް މިވަނީ ކީއްކަން ޚުދު އޭނާއަށް ވެސް ނޭނގެއެވެ. އެންމެ ރެޔަކުން ފެނިގެން ހައިކަލްއަށް ނިއުޝާއަށް ކުރެވުނީ މުޅީން ތަފާތު އިތުބާރެކެވެ. ނިއުޝާގެ ޙާލަތުގެ ގޮތުން ކަމަށް ވެދާނެއެވެ. ނޫނީ އެހެން ސަބަބެއް އޮތީ ކަމަށް ވެސް ވުން އެކަށީވެގެންވެއެވެ. ނިއުޝާއަށް ވެސް ޔަޤީންނެއް ނޫނެވެ. އެނގޭހާ ވެސް އެއްޗަކީ ހައިކަލްއަށް ނިއުޝާގެ ހިތުން ރަނގަޅު ޖާގައެއް ދެވިއްޖެކަމެވެ.
ދޮރުގައި ޓަކި ދިން އަޑާ އެކުގައި ނިއުޝާ ދުވެފައި ކަހަލަ ގޮތަކަށް ކޮޓަރިން ނުކުތެވެ. ހައިކަލް ދެކިލާ ހިތުން ނިއުޝާ ހުރީ ކެތްމަދު ވެފައެވެ. ނިއުޝާ ދޮރު ހުޅުވާލުމާ އެކުގައި އިސްދަށަށް ޖަހާ ލިއެވެ. އަދި ލަދު ރަކި ގޮތަކަށް އެއްވެސް އެއްޗެއް ނުބެނެ ނިއުޝާ ހަމަ ހުރީއެވެ. ދޮރު ކުރިމަތީގައި ހުރީ ހައިކަލް ކަމުގައި ބަލައިގެން ނިއުޝާ ލަދު ފިނިފެން މަލެއް ހެން ފޮޅެމުން ދިޔައެވެ.
"ނިއުޝާ.." ނިއުޝާގެ ކަންފަތުގެ ހިނދުރީގައި ޖެހުނީ ހައިކަލްގެ އަޑެއް ނޫނެވެ. ނިއުޝާ ދިޔައީ ސިއްސައިގެންނެވެ. ކުއްލިއަކަށް ބަލައިލީ ދޮރާ ދިމާލަށެވެ. (ނުނިމޭ)
މި ވާހަކަ ދުވާލަކު އެޕިސޯޑެއް ގެނެސްދިނުން އެދެން. ޕްލީޒް
ވަރަށް ވަރަށް ރީތި
ކިޔަ ކިޔަ ހުއްޓާ ނޭނގި ހުއްޓާ މި ނިމެނީ. ކޮންމެ ދުވަހަކު އެއް އެޕިސޯޑު ގެންނަން ވީނޫތޯ؟