މަޖިލީހުގެ ހުތުރު ޑްރާމާ ނިންމާލީ ރީތި އެޕިސޯޑަކުން

މަޖިލީސް އަލުން ހިނގައިގަތަސް މިދިޔަ މުއްދަތުގައި މަޖިލީސް ހުއްޓި "މަރުތަޅު" އެޅުނު ހާދިސާތައް އެއީ ބަރުލަމާނީ ހަޔާތުގައި ކަޅު ސޮފްހާތަކެވެ. ޕާޓީތަކުގެ ވާދަވެރި ކަމުގައި ޑިމޮކްރެސީގެ ރޫހާއި ހިލާފު އެތައް ކަމެއް ވަނީ ހިންގާފައެވެ.

މަޖިލީހުގެ ރޭގެ ޖަލްސާ ނިމުމާއެކު އަސްލަމް އަރިހަށް ވަޑައިގެން ނަޝީދު އޭނާގެ ގައިކޮޅުގައި ބައްދާލައްވަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދެވި މި ދައުރުގައި ދެ ފަހަރެއްގެ މަތީން ހުއްޓުނެވެ. މަޖިލީސް ހުއްޓުމަކަށް ދިއުމާ ކޮންމެ ފަހަރަކު ވެސް ގުޅެނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލައާ އެވެ. ފުރަތަމަ ފަހަރު އެ މައްސަލަ ހުށައެޅުމުން ވެސް އެކި ސަބަބުތައް މެދުވެރި ކުރުވާ މަޖިލީސް ހުއްޓުމަކަށް ގެނައެވެ. އެ ފަހަރު ދިމާވީ ރިޔާސަތުގައި އިންނަވާނެ ބޭފުޅަކު ނެތުމުގެ މައްސަލަ އެވެ.

އެއީ ރިޔާސީ އިންތިހާބުގެ އެންމެ ފޯރިގަދަ ދުވަސްވަރު ކަމުން މަޖިލީސް ހުއްޓިފައި އޮތުމަކީ މާބޮޑު މައްސަލައަކަށް ނުވި އެވެ. ހުރިހާ ސިޔާސީ ޕާޓީތަކުގެ މުޅި ފޯކަސް އޮތީ އިންތިހާބުން މޮޅުވުމަށެވެ. އެ ފޯރީގައި ނަޝީދުގެ އިތުބާރު ނެތް މައްސަލަ ވެސް ނެގި އެވެ.

ނަމަވެސް ރިޔާސީ އިންތިހާބުގެ ނާކާމިޔާބާ އެކު އަލުން ނަޝީދުގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށައެޅި އެވެ. މައްސަލަ މަޖިލީހަށް ހުށައެޅީ މަގާމުން ދުރުކުރެވޭ އަދަދަށް ވުރެ މާ އިތުރަށް މެންބަރުންްގެ ސޮއި ހިމަނައިގެންނެވެ. ނަމަވެސް މަގާމުން އިސްތިއުފާ ދެއްވަން ނަޝީދު ދެކޮޅު ހެއްދެވި އެވެ.

ފަހުން ދިމާވީ މާ ތަފާތު މައްސަލަ އެކެވެ. މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ މަޖިލީހަށް ވަޑައިގެންނެވޭ ގޮތް ނުވީ އެވެ. ހަފުތާއެއް / ދޮޅު ހަފުތާ އެ ގޮތުގައި މަޖިލީސް "މަރުތަޅެއް" ގައި އޮތެވެ. އާލާސްކަންފުޅު ރަނގަޅުވެ ނައިބު ރައީސް ގަދަވެވަޑައިގެންނެވުން ދެން ޖެހުނީ މަޖިލީހުގެ ގަވާއިދު މާނަ ކުރުމުގައި ހިޔާލު ތަފާތުވުގެ މައްސަލަ އެވެ. 

މަޖިލީހުގެ އާ ރައީސް ރިޔާސަތާއި ހަވާލުވެވަޑައިގަންނަވަނީ: ހުރިހާ ކަމެއް ބަދަލުވީ ކުއްލި އަކަށް

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލަ ކުރިއަށް ގެންދެވޭނީ ހަމައެެކަނި ނާއިބު ރައީސްގެ ރިޔާސަތުގައި ކަމަށް މަޖިލީހުން ދެކުނެވެ. އެ މައްސަލަ އަށް ހައްލެއް ނުލިބި އެންމެ ފަހުން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލަ އެއް ހުށައަޅާ އެ ކޯޓުގެ ރައުޔު ހޯދަން ޖެހޭ ހިސާބަށް ކަންކަން ގެންދިޔަ އެވެ.

ކޯޓުން ނިންމީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލާ ގައިވެސް ނާއިބު ރައީސް ނޫން ބޭފުޅަކަަށް ވެސް ރިޔާސަތު ބެލެހެއްޓިދާނެ ކަމަށެވެ. ނަމަވެސް އިތުބާރުގެ މައްސަލައާ މަޖިލީހަށް ކުރުން ލާޒިމު ކަންކަމާއި ނުގުޅުވޭނެ ކަމަށެވެ. އެއް ކަމަކީ އިންތިހާބީ ރައީސް ހުވާ ކުރެއްވުމުގެ ޖަލްސާ ބޭއްވުމެވެ. ދެން އޮތީ ދައުލަތުގެ ބަޖެޓްގެ މަސައްކަތް ކުރުމާއި / ފާސް ކުރުމެވެ. އަދި ވަޒީރުންނަށް ރުހުން ދިނުމެވެ. 

މިފަދަ ކަންކަމަކީ އިތުބާރު ނެތް މައްސަލައާ ގުޅުވާ އެ މައްސަލަ ނުނިމެނީސް އެހެން އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ބުނާ މާއްދާއަށް ފެތޭނެ ކަންކަން ނޫން ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި އެވެ.

ރޭގެ ޖަލްސާ އަށް ފަހު ރައީސް ނަޝީދު މަޖިލީހުގެ ރައީސް އަސްލަމާއި ސަލާމް ކުރައްވަނީ

ކޯޓްގެ އެ ހުކުމާއެކު މަޖިލީސް ހުއްޓިފައި އޮތް އޮތުން ނިމުމަކަށް އަންނާނެ ކަމަށް އުންމީދު ކުރެވުނެވެ. ސުޕްރީމް ކޯޓުން ހުކުމް އައީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެހެން ކަމުން ޖެހިގެން އަންނަ ރަސްމީ ފުރަތަމަ ދުވަހަށް މައްސަލަ އެޖެންޑާ ކުރި އެވެ.

އެކަމަކު އެ ޖަލްސާ ގައި ފެނުނީ މުޅީން އާ ކަމެކެވެ. ރިޔާސަތުގައި އިންނެވީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. އެއީ އެމްޑީޕީއާ ވާދަވެރި ދަ ޑިމޮކްރެޓްސްގެ މެންބަރެކެވެ. ޖަލްސާ ފެށުމާ އެކު ޑިމޮކްރެޓްސް ފުލުފުލު ގައި ނިޒާމީ މައްސަލަ ނަންގަވާ އިތުބާރު ނެތް މައްސަލައަކީ އިޖުރާތު ފުރިހަމަ ނުވާ މައްސަލަ އެއް ކަމަށް ވިދާޅުވި އެވެ. ނިޒާމީ މައްސަލަ ބަލައިގަނެ ރައީސް ނަޝީދުގެ އިތުބާރު ނެތް މައްސަލަ އަކީ އިޖްރާތު ފުރިހަމަ ނުވާ މައްސަލަަ އެއް ކަމަށް ކަނޑައަޅުއްވާ މައްސަލަ މަޖިލީހުން ބޭރުކޮށްލައްވާފައިވާ ކަން ހަސަންް އަފީފު އިއުލާނު ކުރެއްވި އެވެ.

އަދި ވަގުތުން ޖަލްސާ ނިންމަވާލެއްވި އެވެ. ހަސަން އަފީފު އަމަލު ކުރެއްވީ ރަނގަޅަށް ނޫން ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ލަފާ ދެއްވުމުން އަމީން އާންމު ވަނީ ދެވަނަ ޖަލްސާ އެއް ހަމަ އެ ދުވަހު ބާއްވަވަން ނިންމަވާފައެވެ. އެ ޖަލްސާގެ ރިޔާސަތުގައި އިންނެވީ ނާއިބު ރައީސް އީވާ އަބްދުﷲ އެވެ.

އެ ޖަލްސާ ފައްޓަވާ މަޖިލީހުން ބޭރުކޮށްލާފައިވާ ގަރާރެއްގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް އިއުލާނު ކުރެއްވުމަށް ފަހު އެ ޖަލްސާ ވެސް ނިންމަވާލެއްވީ އެވެ.

މަޖިލީހުގެ އާ ރައީސަށް ނާއިބު ރައީސް އީވާ އަބްދުﷲ މަރުހަބާ ވިދާޅުވެ ރިޔާސަތު ހަވާލު ކުރައްވަނީ

އަދި އަމީން އާންމަށް ސިޓީއެއް ފޮނުއްވާ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލާގައި ރިޔާސަތު ގައި އިންނެވޭނީ ނައިބު ރައީސަށް ކަމަށް ވިދާޅުވި އެވެ. އަމިއްލަފުޅަށް ޖަލްސާ އަކަށް ގޮވުމުގެ އިހްތިޔާރު އަމީން އާންމަށް ލިބިވަޑައިނުގަންނަވާ ކަން ވެސް އެ ސިޓީގައި ވިދާޅުވެފައި ވެއެވެ.

އިއްޔެ ވެސް ދެ ޖަލްސާ އެއް ބޭއްވުމަށް އެެޖެންޑާ ކުރެވުނެވެ. ފުރަތަމަ އޮތީ ދައުލަތުގެ 2024 ވަނަ އަހަރުގެ ބަޖެޓް ހުށައެޅުމާއި ސަޕްލިމަންޓަރީ ބަޖެޓް ހުށައެޅުއްވުމެކެވެ. އެޖެންޑާ އާންމު ކުރުމާ އެކު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ ސިޓީ، މަޖިލީހަށް ސިޓީއެއް ފޮނުއްވެވި އެވެ. ވިދާޅުވީ އާލާސްކަންފުޅާ އުޅުއްވާ ކަމަށެވެ. އެެހެން ކަމުން ބަޖެޓް ހުށައެޅުއްވަން ވަޑައިގެންނެވެން ނެތް ކަމަށެވެ. އެ ޖަލްސާ ކެންސަލްވީ އެވެ.

ހެނދުނު 11 ޖެހިއިރު އާ ޖަލްސާ އެއް ބޭއްވީ ރައީސް ނަޝީދުގެ އިތުބާރު ނެތް މައްސަލައިގެ ގަރާރު ކުރިއަށް ގެންދެވުމަށެވެ. ޖަލްސާ ފެށުމާ އެކު ޑިމޮރެޓްސްގެ ހުރިހާ މެންބަރުން ކޮޅަށް ތެދުވެ ރިޔާސަތުގެ މޭޒުކޮޅު ކުރިމައްޗަށް ވަޑައިގެން އިހުތިޖާޖު ފެއްޓެވި އެވެ. "ބަޖެޓް ކޮބާ؟" ތޯ ސުވާލުކޮށް ހަރުއަޑުން އަޑުގަދަ ކުރައްވަން ފެއްޓެވި އެވެ.

އަސްލު މައްސަލައަށް ބަހުސް ފެށުމަށް ފުރުސަތު ނުދެއްވާ ރިޔާސަތުން އީވާ ގެންދެވީ ނިޒާމީ މައްސަލަތަކަށް ފުރުސަތު އަރުވަމުންނެވެ. ރިޔާސަތުގައި އެކަމަނާއަށް ނީންނެވޭނެ ކަމަށް އެމްޑީޕީއާ އެހެން ޕާޓީތަކުގެ މެންބަރުން ގޮވާލެއްވުމުން އެކަމަށް އިޖާބަ ނުދެއްވާ ވިދާޅުވީ ރިޔާސަތުގައި އިންނަވާނީ އެކަމަނާ ކަމަށެވެ.

މަޖިލީހުގެ ރޭގެ ޖަލްސާގެ ރިޔާސަތުގައި އީވާ: ޖަލްސާ ގެންދެވީ ވަރަށް ފުރިހަމަކޮށް

ރޭވުމެއްގެ ތެރެއިން އޭރު ޑިމޮކްރެޓުން ގެންދިޔައީ މަޖިލީސް ހޫނު ކުރަމުންނެވެ. ޑިމޮކްރެޓްސްގެ މެންބަރު އިލްޔާސް ލަބީބުގެ ނަން އިއްވާ އިލްޔާސް ތަޅުމުން ވަޑަައިގަންނަވަން ދެން މަޖިލީސް ހުއްޓަވާ ލެއްވި އެވެ. ފަހުން އިލްޔާސްގެ ގައިކޮޅަށް އެމްޑީޕީގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސަ އަތްލައްވާ މާރާމާރީ ހިންގެވި ކަމަށް ވިދާޅުވެ މަރާމާރީ ހިންގަވައިގެން މަޖިލީސް ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ ޖަލްސާ ނިންމަވާ ލެއްވި އެވެ.

ދެން ޖަލްސާ އެއް އޮންނާނީ މާދަމާ ކަމަށް އީވާ ވިދާޅުވި ނަމަވެސް މަޖިލީހުގެ އިދާރާ އިން އިތުރު ޖަލްސާ އެއް ހަވީރު ހަތަރެއް ޖަހާއިރު ބޭއްވުމަށް ނިންމި އެވެ. އެެހެން ބޭފުޅަކަށް ފުރުސަތު ނުދެއްވަން ޖަލްސާ ފެށުމާ ދާދި ކައިިރިވަންދެން ރިޔާސަތު ގައި އީވާ އިންނެވި އެވެ. ވަށައިގެން ޑިމޮކްރެޓުން ތިއްބެވި އެވެ.

ނަމަވެސް ކުއްލި ގޮތަކަށް އެކަމަނާ ރިޔާސަތު ދޫކޮށްލެއްވި އެވެ. މެންބަރު އިބްރާހިމް ޝަރީފަށް ރިޔާސަތު ހަވާލު ކުރެެއްވެވި އެވެ. އެކަމަކު އޭރު ފަރުދާގެ އަނެއް ފަރާތުގައި މާބޮޑު ކަމެއް ދިޔައީ ހިނގަމުންނެވެ. ކުއްލި ގޮތަކަށް އަމީން އާންމާއި ހަވާލު ކުރެއްވީ ރައީސް ނަޝީދުގެ އިސްތިއުފާގެ ސިޓީއެވެ.

އެތައް ދުވަހަކު މަޖިލީސް ހުއްޓުވި ބޮޑު މައްސަލަ އަކަށް ކުއްލި ނިމުމެއް އައީ އެވެ. އެކަމަކު ދިވެހި ބަރުލަމާނީ ހަޔާތުގައި ކަޅު އެތައް ލައްގަނޑެއް ޖައްސާފައެވެ. ހުތުރު އެތައް ކަމެއް ހިންގާފައެވެ.

އަސްލަމަށް އީވާ މަރުހަބާ ވިދާޅުވުމުން ޝުކުރުއަދާ ކުރައްވަނީ

އެހިސާބުން މުޅި މަންޒަރު ބަދަލުވީ އެވެ. ކުރީން ވީ ކަންކަން މުޅީން ހަނދާން ނެތުނު ފަދަ އެވެ. މަޖިލީހަށް އައު ރައީސަކު އިންތިހާބު ކުރުމަށް ރޭ 10 ޖެހިއިރު އޮތް ޖަލްސާ ގައި ފެނުނީ މުޅީން ތަފާތު މަންޒަރެކެވެ.

ދުވަހަކު ބައިބައިވުމެއް ނެތް ފަދަ އެކުވެރި މަޖިލީހެކެވެ. ރިޔާސަތުގައި އިންނެވީ ނައިބު ރައީސް އީވާ އަބްދުﷲ އެވެ. މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލެއްވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ. 53 މެންބަރުންގެ ވޯޓުން އިންތިހާބުން ކުރި ހޯއްދަވާ މަޖިލީހުގެ އާ ރައީސަކަށް ވެވަޑައިގަތީ އަސްލަމެވެ.

އަސްލަމަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާ އީވާ ވާހަކަ ދެއްކެވި އެވެ. ރިޔާސަތާއި ހަވާލުވެވަޑަައިގަތުމަށް ދައުވަތު ދެއްވުމުން އަސްލަމް ވަޑައިގަތުމުން ނުހަނު އިހްތިރާމާއި ލޯތްބާއެކު އީވާ މަރުހަބާ ވިދާޅުވި އެވެ. އަދި ރިޔާސަތުގެ ގޮނޑިކޮޅު ދެއްވެވި އެވެ.

އަސްލަމް ކުރުކުރުކޮށް ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު މަޖިލީސް ހިންގެވި ގޮތާއި ކުރެއްވި މަސައްކަތްޕުޅަށް ތައުރީފު ކުރެއްވި އެވެ. ޖަލްސާ ނިންމަވާލެއްވިކަން އިއުލާނު ކުރެއްވުމާއެކު ފުރަތަމަ ތެދުވެވަޑައިގަތީ ރައީސް ނަޝީދެވެ. މައްޗަންގޮޅީ މެދަށް ހާއްސަ ގޮނޑިކޮޅުން ތެދުވެވަޑައިގެން އަސްލަމް އަރިހަށް ވަޑައިގެން އޭނާގެ ގައިކޮޅުގައި ބައްދަވާލައްވާ މަރުހަބާ ވިދާޅުވި އެވެ.

މަޖިލީހުގެ ރޭގެ ޖަލްސާ ނިމުމާއެކު އަސްލަމް އަރިހަށް ވަޑައިގެން ނަޝީދު އޭނާގެ ގައިކޮޅުގައި ބައްދާލައްވަނީ

ދެ ބޭފުޅުން ސަލާމް ކުރެއްވުމުގައި އެތައް ވަގުތެއް ހޭދަ ކުރެއްވި އެވެ. ނައިބު ރައީސް އީވާ ވަޑައިގަތުމުން އެކަމަނާގެ ބުރަކަށީގައި އޯގާތެރިކަމާ އެކު ފިރުމާލެއްވި އެވެ. ޑިމޮކްރެޓުން ހިމެނޭހެން މަޖިލީހުގައި އެ ވަގުތު ތިއްބެވި 76 މެންބަރުން އަސްލަމާއި ވަކިވަކީން ސަލާމް ކުރައްވާ މަރުހަބާ ވިދާޅުވި އެވެ.

ގާނޫނު ހަދާ ގެއިން ޑިމޮކްރެސީގެ ރީތި މަންޒަރެއް ދައްކުވައި ދިނެވެ.

އެކަމަކު މާޒީއަކީ އެހާ ފަސޭހައިން ފަސްއަޅާ ފޮރުވޭނެ އެއްޗެއް ނޫނެވެ. މަޖިލީސް އަލުން ހިނގައިގަތަސް މިދިޔަ މުއްދަތުގައި މަޖިލީސް ހުއްޓި "މަރުތަޅު" އެޅުނު ހާދިސާތައް އެއީ ބަރުލަމާނީ ހަޔާތުގައި ކަޅު ސޮފްހާތަކެވެ. ޕާޓީތަކުގެ ވާދަވެރި ކަމުގައި ޑިމޮކްރެސީގެ ރޫހާއި ހިލާފު އެތައް ކަމެއް ވަނީ ހިންގާފައެވެ. ގާނޫނަށް ގަވާއިދަށް ބެލުމެއް ނެތި ޖެއްސުމާއި ބާރު ދެއްކުމުގެ ކަންތައްތަކެއް ހިންގާ ނިޒާމު ވަނީ ހަރާބު ކޮށްފައެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް 2024 ގެ ބަޖެޓް ހުށައަޅަން ޖެހެ އެވެ. މަޖިލީސް ބޮޑު ހައިޖާނެއްގެ ތެރެއަށް ގެންދިއުމުން އެކަން އެ އޮތީ ނުކުރެވި އެވެ. ފުރަތަމަ އެ ޖަލްސާ ނުބޭއްވުމެވެ. ފަހުން މިނިސްޓަރު ބަޖެޓް ހުށައަޅަން ވަޑައިނުގަތުމެވެ. މިހެން ގޮސް ކިތަންމެ ކަމެކެވެ. މިއީ ތާރީހުގައި ލިޔެވޭނެ ކަންކަމެވެ. ސިޔާސީ ވާދަވެރި ކަމުގައި މަޖިލީސް ހުއްޓުމަކަށް ގެނެސް "މަރުތަޅެ"އް އެޅުވުމަކީ ބަރުލަމާނީ ހަޔާތުގެ އެންމެ ހުތުުރު އެއް ސަފްހާ އެވެ. އެކަން މި ހިނގާ 19 ވަނަ މަޖިލީހުން މިވަނީ ކޮށްފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2023 Mi. All rights reserved.