މެޑަމް ސާޖިދާއަށް ވަޒީފާގައި ހުންނެވޭނެ: ސީއެސްސީ

ރައީސުލްޖުމްހޫރިއްޔާއާ ނައިބު ރައީސްގެ މުސާރައާ އިނާޔަތުގެ ގާނޫނުން ރައީސުލްޖުމްހޫރިއްޔާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ދައުލަތުން އެލަވަންސެއް ދޭންޖެހެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު: އެކަމަނާ ބޭނުންފުޅުވެ ވަޑައިގަންނަވަނީ ސަރުކާރުގެ ސިވިލްސާވިސް ހިދުމަތުގައި ދެމި ހުންނަވަން

އިންތިހާބީ ރައީސް / ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ހުވާ ކުރެއްވުމަށް ފަހު ވެސް، އަނބިކަނބަލުން އަދި ރާއްޖޭގެ ފަސްޓް ލޭޓީ / މެޑަމް ސާޖިދާ މުހައްމަދު، ސިވިލް ސާވިސްގެ ހިދުމަތުގައި ދެމި ހުންނަވަން ގާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތް ކަމަށް ސީއެސްސީން ބުނެފި އެވެ.   

މެޑަމް ސާޖިދާއަކީ މޯލްޑިވްސް ފުޑް އެންޑް ޑުރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ސީނިއާ ސައިންޓިފިކް އޮފިސަރެވެ. ސަރުކާރުގެ އެ ހިދުމަތުގައި އެކަމަނާ ހުންނަވާތާ ވަރަށް ގިނަ އަހަރުތައް ވެފައި ވެއެވެ. 

އެކަމަނާގެ ފިރިކަލުން، ރައީސް މުއިއްޒު، އަންނަ ހުކުރު ދުވަހު ރާއްޖޭ ރައީސުލްޖުމްހުރިއްޔާ ކަމުގެ ގާނޫނީ ހުވާ ކުރައްވާ ވެރިކަމުގެ ދައުރު ފެއްޓެވުމުން އެކަމަނާ ވެވެޑައިގަންނަވަނީ ރާއްޖޭގެ ފަސްޓް ލޭޑީއަށެވެ. ނަމަވެސް މެޑަމް ސާޖިދާ ބޭނުންފުޅުވެ ވަޑައިގަންނަވަނީ ކުރިއެކޭވެސް އެގޮތަކަށް ސިވިލް ސާވިސްގައި މިހާރު ވެސް އެކަމަނާ އަދާ ކުރައްވާ ވަޒީފާގައި ދެމި ހުންނަވާށެވެ. 

ސީއެސްސީ އިން ބުނި ގޮތުގައި ފަސްޓް ލޭޑީއަކީ ދަލަތާއި ސަރުކާރުގެ ރަސްމީ މަގާމަކަށް ނުވާތީ, މިހާރު ވެސް އެކަމަނާ އަދާ ކުރައްވަމުން ގެންދަވާ ވަޒީފާގައި ދެމިހުންނެވުމުގެ އިހުތިޔާރު ލިބިވަޑައިގަންނަވަ އެވެ. 

މީގެ ކުރީގެ ރައީސްއެއްގެ އަނބިކަނބަލަކު ވެރިކަމުގެ ދައުރުގައި ސަރުކާރުގެ ވަޒީފާއެއް އަދާ ކުރައްވާފައެއް ނެތެވެ. ނަމަވެސް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ އަލީ ޔުނިސެފްގެ މަގާމެއް އަދާ ކުރެއްވެވި އެވެ. 

ފަސްޓް ލޭޑީ އަކަށް ނަސްރީނާ އިބްރާހިމް ހުންނެވިއިރު އެކަމަނާ ހިންގެވީ ޝީ ޖަމިއްޔާ އެވެ. ފަސްޓް ލޭޑީ އަކަށް އިލްހާމް ހުސައިން ހުންނެވިއިރު އެކަމަނާ ވަނީ އޯޓިޒަމް އެސޯސިއޭޝަނެއް އުފައްދަވާ ހިންގަވާފަ އެވެ. ފަސްޓް ލޭޑީގެ މަގާމުގައި މެޑަމް ފާތުމަތު އިބްރާހިމް ދީދީ ހުންނެވި އިރު ހިންގެވީ ސޮދަގާތު ފައުންޑޭޝަނެވެ. 

އެނގެންޖެހޭ - ރައީސުލްޖުމްހޫރިއްޔާއާ ނައިބު ރައީސްގެ މުސާރައާ އިނާޔަތުގެ ގާނޫނުން ރައީސުލްޖުމްހޫރިއްޔާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ދައުލަތުން އެލަވަންސެއް ދޭންޖެހެ އެވެ. އެ އެލަވަންސަކީ ރައީސުލްޖުމްހޫރިއްޔާގެ މުސާރައިގެ ތިންބައިކުޅަ އެއްބައެވެ. ރައީސުލްޖުމްހޫރިއްޔާގެ މުސާރައަކީ މަހަކު 100،000ރ. އެވެ.
މާޒީގެ ރޮނގުމަތީން - މެޑަމްގެ ސާޖިދާގެ މަގާމާ ގުޅޭ އެހެން މައްސަލައެއް ވެސް ކުރިމަތި ވެފައި ވެއެވެ އެއީ އެމްއެފްޑީއޭގެ ޑިރެކްޓާ ޖެނެރަލްގެ މަގާމު، ސާޖިދާއަށް ނުދޭން ނިންމި މައްސަލައެކެވެ.

އެމްއެފްޑީއޭގެ ޑިރެކްޓާ ޖެނަރަލްގެ މަގާމަށް ސާޖިދާ ހަމަޖައްސަން ހެލްތު މިނިސްޓްރީން 2020 ގައި ނިންމި އެވެ. ނަމަވެސް ފަހުން އެ ނިންމުން ބަދަލުކޮށް އެ މަގާމަށް މީހަކު ހޯދަން އިއުލާނު ކުރީ އެވެ. އެ އިއުލާނު ކުރީ އިދާރީ އޮނިގަނޑަށް ބަދަލު ނުގެންނަން ނިންމުމަށް ފަހު އެވެ.

މަގާމު ދޭން ނިންމި ނިންމުން ބަދަލުކުރި ކުރުމަކީ، މުއިއްޒުގެ އަނބިކަނބަލުންނަށް އޭނާ ވެވަޑައިގަންނަވާތީ ތަފާތު ކުރުމެެއް ކަމަށް ދެކި އެ މައްސަލަ މެޑަމް ސާޖިދާގެ ފަރާތްޕުޅުން ޓްރައިބިއުނަލަށް ހުށަހެޅި ނަމަވެސް ޓްރައިބިއުނަލް އިން ނިންމީ ސާޖިދާއާ ދެކޮޅަށެވެ.

އެ ނިންމުން ހައިކޯޓްގައި އިސްތިއުނާފު ކުރުމުން ކޯޓުން ނިންމީ އެ މައްސަލަ ބަލައިނުގަތުމަށެވެ. ހައިކޯޓްގެ ނިންމުން  ސުޕްރީމް ކޯޓްގައި ވެސް އިސްތިއުނާފު ކުރުމުން ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު އައިޝާ ޝުޖޫންގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ނިންމެވީ ހައިކޯޓްގެ ނިންމުން ރަނގަޅު ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.