"ރިފްއަތަށް މަޖިލީހަށް ލަފާ ނުދެވޭނެ، އެ ކުރައްވަނީ ބަޣާވާތެއް"

"އެޓާނީ ޖެނެރަލް ކުރައްވާ މަސައްކަތުގަ އެ އޮފީހުގެ ވަކީލުން ޕްރޮޓެސްޓް ކުރައްވާ ކޮންމެ ދުވަހަކު. ޕްރޮޓެސްޓް ކުރައްވައިގެން ބިރުދައްކާ އެތައް ކަމެއް އެބަ ކުރައްވާ އެމީހުން ލައްވާ. އެމީހުން ޕްރޮޓެސްޓްގަ އެތިބީ އިންތިހާބުން ފެށިގެން،"

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް: ބަންޑާރަ ނައިބަށް ވަރަށް ބޮޑަށް ވަނީ ފާޑުވިދާޅުވެފައި --

ބަންޑާރަ ނައިބް އިބްރާހިމް ރިފްއަތަށް މަޖިލީހުން ކަން ކުރަންވީ ގޮތުގެ ލަފާ ނުދެއްވޭނެ ކަމަށާއި، އުޅުއްވަނީ ބަޣާވާތެއް ކުރައްވަން ކަމަށް ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވެވަޑައިގަންނަވާ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން ހުށަހަޅާފައިވާ މައްސަލައާ ގުޅޭ ގޮތުން ރިފްއަތު އިއްޔެ ފޮނުވާފައިވާ ލަފަޔާ ގުޅޭ ގޮތުން ގޮތެއް ނިންމަން މިއަދު ވަނީ މަޖިލީހުގެ އާންމު ކޮމެޓީގެ ބައްދަލުވުމެއް ބާއްވާފަ އެވެ.

ކޮމެޓީ ބައްދަލުވުމުގައި އިލްޔާސް ވިދާޅުވީ ތިން ބާރު ވަކިވެފައިވާ ދައުލަތެއްގައި އެއް ބާރުން އަނެއް ބާރުގެ މައްޗަށް ނުފޫޒު ނުފޯރުވޭނެ ކަމަށެވެ. ރިފްއަތު އެކަން އެ ކުރައްވަނީ ގާނޫނާ ހިލާފަށް ކަމަށް ވެސް ވިދާޅުވި އެވެ.

"މަޖިލީސް ހިނގާ ގޮތާމެދު އޭޖީއަކަށް ލަފަޔެއް ނުދެވޭނެ. އެޓާނީ ޖެނެރަލް އަކާ ބެހޭ ވެސް ކަމެއް ނޫން، އެޓާނީ ޖެނެރަލް ބަޣާވާތެއް އެ ކުރައްވަނީ،" އިލްޔާސް ވިދާޅުވި އެވެ.

ރިފްއަތަށް ތުހުމަތުތަކެއް ކުރައްވަމުން އިލްޔާސް ވިދާޅުވީ، އެޓާނީ ޖެނެރަލްގެ އޮފީހުގެ ވަކީލުން ތިއްބެވީ ނުފޫޒުގައި ޖެހި އިހުތިޖާޖެއްގައި ކަމަށެވެ. އެތަނުގައި މަސައްކަތް ކުރައްވާ ވަކީލުން ވެސް ރިފްއަތު ކަން ކުރައްވަމުން ގެންދަވާ ގޮތާ މެދު ނުރުހުންވާ ކަމަށް ވިދާޅުވި އެވެ.

"އެޓާނީ ޖެނެރަލް ކުރައްވާ މަސައްކަތުގަ އެ އޮފީހުގެ ވަކީލުން ޕްރޮޓެސްޓް ކުރައްވާ ކޮންމެ ދުވަހަކު. ޕްރޮޓެސްޓް ކުރައްވައިގެން ބިރުދައްކާ އެތައް ކަމެއް އެބަ ކުރައްވާ އެމީހުން ލައްވާ. އެމީހުން ޕްރޮޓެސްޓްގަ އެތިބީ އިންތިހާބުން ފެށިގެން،" އިލްޔާސް ވިދާޅުވި އެވެ.

މީގެ އިތުރުން، ދައުލަތުގެ ބަޖެޓް ހުށަހަޅަން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހަށް ވަޑައިނުގަތުމަށް ރިފްއަތު ދެއްވި ލަފަޔަކީ ވެސް ގާނޫނާ ހިލާފު ލަފަޔެއްކަން އޭނާ ފާހަގަކުރެއްވި އެވެ. އެގޮތަށް ރިފްއަތު ލަފާ ދެއްވާފައި ވަނީ ނަޝީދުގެ މައްސަލަ އޭރު މަޖިލީހުގައި އޮތުމުންނެވެ.

ނަޝީދުގެ މައްސަލައާ ގުޅިގެން ދެން ކަން ކުރާނެ ގޮތުގެ ލަފަޔެއް ހޯދަން އިއްޔެ އާންމު ކޮމެޓީގައި މަޝްވަރާ ކުރި އިރު ވެސް އިލްޔާސް ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ. އެކަމަކު ލަފާ ހޯދަން ވަނީ ފާސްކޮށްފަ އެވެ.

އަދި، މިއަދުގެ ޖަލްސާގައި އެޖެންޑާ ކުރި ގޮތަށް އޭޖީ ފޮނުއްވި ލަފާ އަމީންއާންމާ ހިއްސާ ކުރުމަށް ކޮމެޓީގެ އަޣުލަބިއްޔަތުން ވަނީ ފާސްކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.