އީބޫއަށް ޗޯރުން އޯކޭ؛ ސާބަހެއްނު، ރައީސަށް ހަމަ ސާބަހެއްނު

ބަލާލި ކޮންމެ ދިމާއަކުންވެސް މި ފެންނަނީ ވައްކަމާ ޗޯރުންގެ ހިމާޔަތުގައި ދުވާ މީހުނެވެ. އަމާނާތްތެރި ކަމާއެކު ގާނޫނުގެ ވެރިކަން ގާއިމްކޮށްގެން އުޅޭނެ މީހަކު ނުވެސް ހައްދަވަނީ އެވެ.

އިންތިހާ ދަރަޖައިގެ ބޮޑު ވައްކަމަކުން ދިވެހި ދައުލަތާއި މާލިއްޔާ ލޫޓުވާލައި ކޮޅު ގޮހަރަށް ދިރުވާލުމުން ވެސް ސިޔާސީ މަންފާއަށް އެ ވައްކަމުގެ ތުހުމަތު އޮތް ޗޯރުން މިނިވަން ކުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު / އިބޫއަށް އޯކޭ އެވެ. އެކަމަކު އެ ކުރެއްވި ކަމަކީ މުޅި މި ރާއްޖޭގެ އަދުލުގެ ނިޒާމަށް ގޮންޖައްސަވާ ހަރާބު ކޮށްލުމުގެ ވިޔާނުދާ އަމަލެކެވެ.  

ވަގަށް ނެގި އެ ފައިސާ ދައުލަތަށް ހޯދައި، މާލިއްޔާއަށް އެ ނުވައްދާ، ވައްކަން ކުރި ޗޯރުންނަށް މާފު ހައްގު ވަންޏާ އެންމެ މަތީ ކޯޓުން ވަގެކޭ، ވައްކަން ސާބިތުވެއޭ ބުންޏަސް އެއީ ވަގެއް / އެއީ ޗޯރެއް ނޫނެވެ. އެންމެ މަތީ ކޯޓަށް ވެސް އެހެނެއް ނުބުނެވޭނެ އެވެ. މި ރާއްޖެއަކު ވައްކަމެއް ނުކުރާނެ އެވެ. އަދި ވައްކަން ކުރުމަކީ ރާއްޖޭގައި އެއްވެސް މައްސަލައަކަށް ވެސް ވެގެނެއް ނުވާނެ އެވެ. ވައްކަން ކޮށްގެން އެކެއްގެ ގައިގަ ވެސް ހިފައިގެނެއް ނުވާނެވެ. 

އަމާނާތްތެރިކަމާއެކު ގާނޫނުގެ ވެރިކަން ހިނގަން ނޫޅެ، ވައްކަމާ ޗޯރުން ހިމާޔަތް ކުރަން ވެރިން އުޅުއްވުމަކީ ދިވެހިރާއްޖެއަށް ކުރިމަތިވެފައި އޮތް ކުޑަފަދަ ބަލާމުސީބާތެއް ހެއްޔެވެ؟ 

ލަނޑަޔާ ވާނީ ލަނޑަޔާ އެވެ. ވަގުންނާ ގުޅޭނީ ހަމަ ޗޯރުންނެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތަކީ ރާއްޖޭގެ ހިންގި އެންމެ ބޮޑު ވައްކަމެވެ. ތިން ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ސިޔާސީ އެ ވަގުން ވަނީ "ބަނޑުއަޅާލާ" ފަ އެވެ. ތުހުމަތޭ ކިޔަސް ދައުލަތުގެ ވަތްގަނޑުން މުށް ޖަހާފައި ވައްކަން ކުރި މީހުން، ދިމާއަށް އެންމެނަށް އެނގެ އެވެ. އެ ވައްކަން ތަހުގީގުކޮށް ބަލައި އެ މީހުން ގޮވައިގެން އިންސާފަށް ގޮސް ރައްޔިތުންނާ ދައުލަތަށް އެއްވެސް އެއްޗެއް ހޯދައި ދެވިއްޖެ ހެއްޔެވެ؟ ހަމަ އެއްވެސް ކަމެއް ހާސިލުވި ހެއްޔެވެ؟ އެކަމާ ވެސް ހަވާލުވެ ފޮނި ކެނޑި ސަރުކާރަށް އެއްވެސް ކަމެއް ހާސިލު ވެފައި ވާނަމަ އެ ކަމަކީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމު އެކަނި އޮބައިގަނެ ޖަލުގައި ތަޅުވައި މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭނެ ގޮތް ހެދުން ފިޔަވައި އެހެން ކޮން ކަމެއް ހެއްޔެވެ؟ 

އެ ވައްކަމާ، އެ ހިޔާނާތުގައި ޖެހުމުގެ ތުހުމަތު އޮތް 281 މީހުންގެ ތެރޭން ތުހުމަތު ކުރާ ރައީސް ޔާމީނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އަބްދުﷲ ޒިޔަތު ފިޔަވައި އެއްވެސް މީހެއްގެ މައްޗަށް ދައުވާއެއް ނުކޮށް ރައީސް ސޯލިހުގެ ސަރުކާރުން ކޮށް ދިން ކަމަކީ އެ އެންމެން ހިމާޔާތްކޮށް ފޮރުވައި ދިނީ އެވެ. އެ އެންމެން ބަރީއަ ކޮށްދީ، ސިޔާސީ ފައިދާއަށް ރައީސް ޔާމީނަށް ބޮނޑިދޭން އަދީބާއި ޒިއަތު ބޭނުން ކުރީ އެވެ.  

ވައްކަން ތުހުމަތުވާ އިސް ދެ ބައިވެރިންނާ އެއްބައި ވެގެން މިދިއަ ފަސް އަހަރު، ސަރުކާރު އުޅުނީ ޑީލު ހަދައިގެނެވެ. ބޭނުމަކީ ވެރިކަމުގެ ދެވަނަ ދައުރެއް ފަހި ކުރަން ރައީސް ޔާމީނު، ހުރަގެ ކުރުމެވެ. ވެރިކަން ނިމޭން ތިން ހަތަރު ދުވަހަށްވީ އިރު ރައީސް ސޯލިހުގެ ދީލަތި މާފުގައި އަދީބާއި ޒިޔަތު އެވަނީ މިނިވަންވެ އެ މީހުންގެ ވިޔަފާރި އާއި ސިޔާސީ މަސައްކަތް ފަށާފަ އެވެ. މާދާމާއަކު ރައީސް ޔާމީން ވެސް ކުއްލި ގޮތަކަށް މިނިވަން ވެދާނެ އެވެ. -- މިހާރުވެސް މިނިވަނެވެ.

ރައްޔިތުންގެ ކުރިމަތީ މިވަރަށް ލަދު ހަޔާތް ކެނޑުމުން ރާއްޖޭގައި ވައްކަމާ ހިޔާނާތް ބެލުމުގެ ވާހަކަ އެމްޑީޕީން / އެމްޑީޕީގެ ސަރުކާރާއި އެ މީހުންގެ ލީޑަޝިޕުން ހުއްޓާލަން ޖެހެ އެވެ. ވައްކަމޭ ހިޔާނާތޭ ފަސާދައޭ ވަގޭ، ކިޔައި ޗޯރުންގެ ވާހަކަ އެމްޑީޕީން މީގެ ފަހުން އެއްވެސް ތާކު ދައްކާނެ ކަމެއް ނެތެވެ. 

ހިޔާނާތް ބޮޑު ކަމުން 800 އަހަރަށް އަދީބު ޖަލަށް ލެވޭ ވަރަށް ދައުވާ ކުރެވޭނެ ކަމަށް ވިދާޅުވަމުން ގެންދެވި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވެސް އާންމު ލަދު ހަޔާތް ދޫކޮށްލައްވާފައި އޭނާގެ ޒަމީރަށް ގަބޫލު ކުރެއްވޭ ގޮތާ ދުރަށް ވަޑައިގެން ދެއްކެވީ އޭނާއަށް އެކަމުން ރެކި ވަޑައިގެންނެވޭނެ ގާނޫނީ މަގެކެވެ. 

ސަރުކާރުން ބޭނުންވި ދައުވާތަކާއެކު އިއުތިރާފް އެއްބަސްވުން ހަދާ 20 އަހަރުގެ ހުކުމެއް ކުރަން ފުރުސަތު ދިނީ ސީދާ ރައިސް ސޯލިހުގެ އަމުރަށެވެ. 

މިއަކު އަދީބާއި ޒިޔަތުގެ މައްސަލައެއް ނެތެވެ؛ އެކަމަކު އަދީބާއި ޒިޔަތުގެ ހުކުމަށް ރައީސް ސޯލިހް ލުއި ދެއްވާ މިނިވަން ކުރުމަކީ ދިވެހި ދައުލަތާއި ރައްޔިތުން މޫނުމަތީގައި ކޮޅުފައިން ޖެހުމަކަށް ނުވާނެ ގޮތެއް ކިޔައި ދެވޭނެ ހެއްޔެވެ؟

ރައީސް ސޯލިހްގެ ރިޔާސީ ދައުރު ހަމަވާ ސުންގަޑީގެ ސިކުންތުތަކުގެ ތެރޭން މައާފު ދިނުމާއި އަދަބު ލުއި ކުރުމުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރެއްވި ކުރެއްވުމަކީ އެ ބޮޑު ހިޔާނާތުން ރައީސް ސޯލިހަށް މާލީ މާންފާގެ ގޮތު، 35 މިލިއަން ރުފިޔާ ހުރި ފައިސާ ދަބަހެއް ލިބި ވަޑައިގެންނެވި ކަމަށް އޮތް ތުހުމަތު ހަގީގަތަކަށް ވުމެވެ. އަދި ރައީސް ޔާމީން ބަންދު ކޮށްގެން އަދީބާއި ޒިޔަތާއެކު ޑީލް ހަދައި ވެރިކަމުގެ ދަހިވެތި ކަމުގައި ރައީސް ޔާމީނަށް ވެރިކަމަށް ކުރިމަތި ނުލެއްވޭ ގޮތަށް ފަހި ކުރުންކަން ރީއްޗަށް ސާބިތުވީ އެވެ. 

ގިނަ ބައިވަރެއް މީހުން މިދި ދުވަސްތަކުގައި ރައީސް ސޯލިހާ ދިމާއަށް ޗޯރެކޭ / "ޗޯރު އިބުރޭ" އޭ، ގޮވައި ލަވަ ހަދައި ކިޔަމުން ދިޔައީ ރަނގަޅަށޭ ބުނާނެ ފުރުސަތު މިއޮށް ލިބުނީ އެވެ. ރިޔާސީ އިންތިހާބުގެ ތެރޭގައި އަދީބު ބޭރަށް ފޮނުވައިގެން ރައީސް ސޯލިހުގެ ރިޔާސީ ކެމްޕޭނަށް ފައިސާ ގެނައި ކަމަށް ފަތުރާފައި އޮތް އަޑުގައި ބުރަދަނެއް ހިފެއޭ ބުނާން ބޭނުން މީހަކަށް އެ ފުރުސަތު ވެސް އެ ލިބުނީ އެވެ. 

މި ވައްކަމުގެ މުލު ވަގުން ކަމަށް ތުހުމަތުވާ މީހުންގެ ބޭނުން ވެސް ހިފައި އަދި އެ މީހުން މިނިވަންކޮށް ދޫކޮށްލުމަކީ މަގާމާއި ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރާ ސިޔާސީ ފަރާތްތަކަށް އެކަށީގެންވާ އަދަބު ދޭން ބޭނުން ނުވުމެވެ. އަދި އެއީ އެފަދަ ފަރާތްތަކަށް ސަރުކާރު ހިމާޔަތް އޮތް ކަން، ހުދު - ހުދުހާ - ކަޅު - ކަޅު ހާ، ސާފު މިސާލެކެވެ. 

ރައީސް ސޯލިހް ވެރިކަމަށް ވަޑައިގަތީ ކޮރަޕްޝަނާ ދެކޮޅަށް ގެންގުޅުއްވާނީ "ޒީރޯ ޓޮލަރެންސް" ކަމަށް ތަކުރާރުކޮށް އެތައް ތަނެއްގައި ވިދާޅުވަމުން ގެންދެވުމަށް ފަހު އެވެ. ނަމަވެސް ފާއިތުވި ފަސް އަހަރުގެ ތެރޭގައި ފެނިގެން ދިޔައީ ކޮރަޕްޝަނަށް މަގުފަހިވާ ފަދަ އަމަލުތަކާއި ކޮރަޕްޝަންގެ އަމަލުތަކުގައި ޝާމިލްވާ ފަރާތްތައް ހިމާޔަތްކޮށްދީ ފޮރުވައިދީ މިނިވަން ކުރަމުން ގެންދެވި ތަނެވެ. 

ދިވެހިރާއްޖެ ދުވަހަކުވެސް ދެކޭނެ އެންމެ ބޮޑު ވައްކަމާއި ހިޔާނާތަށް ތުހުމަތު ކުރެވޭ 281 މީހުންގެ ތެރޭ ހުރިހާ ސަރުކާރެއްގައި ހިމެނި ވަޑައިގަތް ދައުލަތުގެ ގިނަ އިސް ވެރިންނާއި ބައިވަރެއް، ފަނޑިޔާރުންނާ އަދި ރައްޔިތުންގެ މަޖިލީހުގެ ގާތްގަނޑަކަށް ހުރިހާ މެންބަރުންނާއި މަދަކު ގިނަ ވިޔަފާރިވެރިންނާއި ގިނަ ނޫސްވެރިން ވެސް ހިމެނެ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތް ތަހުގީގު ކުރަން ރައީސް ސޯލިހް ވަނީ ރިޔާސީ ކޮމިޝަނެއްގެ ގޮތު، ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގެ ނަމުގައި ކޮމިޝަނެއް އުފައްދާ ހިޔާނާތް ތަހުގީގު ކުރަން މަސައްކަތް ކުރައްވާ ގޮތް ދައްކަވާފަ އެވެ. އެ ކޮމިޝަނުން އެކުލަވައިލި ރިޕޯޓް، ވެރިކަން ނިމުނު އިރުވެސް ރައީސް އެ ހުންނެވި ފޮރުވައިގެނެވެ. ނޫނީ އެ މަސައްކަތަކީ ބޮޑު ރޯ ބުހުތާން ދޮގެކެވެ. ސިޔާސީ ބޭނުމަށް ހެދި ރިޕޯޓެކެވެ. 

ހިޔާނާތުގެ ތެރެއިން ގެއްލިފައިވާ ފައިސާ އާއި ރަށްތައް ދައުލަތަށް ހޯދަން ނުވަތަ އެކުއިޒިޝަންގެ ހަމަ އަގު ހޯދަން އެކަށީގެންވާ އެއްވެސް މަސައްކަތް ނުކޮށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހަދާފައިވާ ގާނޫނުތަކާއި ގަވައިދުތަކާއި އަދި އަމަލު ކުރަމުންދާ އުސޫލުތައް ހަރުދަނާކޮށް ގާނޫނީ ހުސް ކަމުގައި "މުގުރުން ޖަހާން" އެއްވެސް މަސައްކަތްތަކެއް ކޮށްފައެއް ނެތެވެ. 

ޑީލް ހެދީ ރައީސް ސޯލިހާއި އަދި ގުޅިފައިވާ ސިޔާސީ ފަރާތްތަކަށް އޮތް ހިޔާނަތުގެ ފައިސާގައި ޖެހުމުގެ ތުހުމަތުތައް އޮއްބާލާ، ރައީސް ޔާމީނު ޖަލަށްލާށެވެ. ޔާމީނަށް، ވެރިކަމަށް ކުރި މަތި ނުލެއްވޭ ގޮތަށް ކުރި މަސައްކަތުގެ އާހިރުގަ ރައީސް ސޯލިހަށް ވެރިކަން ގެއްލިވަޑައިގަތުމުން ލަދުހަޔާތް ކަނޑާލާފައި އަދީބާ ޒިޔަތު މިނިވަން ކުރަން މަޖުބޫރެއްވެ، ހުތުރު ނަން އިސްތަށިފުޅުގައި އަމިއްލަފުޅަށް އަޅުއްވާނީ ކޮންމެވެސް ކަމެއް އޮވެގެނެވެ. 

އެކަމަކު ޗޯރުންނާ ޑީލްތައް ހަދައި ހިޔާނާތްތެރިން މިނިވަން ކުރުމަކީ ރައީސް ކަމުން ވަކިވެ ވަޑައިގަންނަވާވާއިރު ބޭނުން ކުރައްވަން ރައްޔިތުން ރައީސަށް އަރުވާފައި އޮތް ލައިސެންސެއް ނޫނެވެ.

ރައީސްލްޖުމްހުރިއްޔާއަށް މީހަކަށް މާފެއް ދެވިދާނެ އެވެ؛ އެކަމަކު މާފު ދޭން ޖެހޭނީ މާފު ދެވޭވަރުގެ މީހުނަށެވެ. މުޅި ދައުލަތް ލޫޓޫވާލި މީހާއަށް މާފު ދިނުމަކީ 200 އެތައް ބަޔަކު ހިމެނޭ ބޮޑު ވައްކަން ބިމު އަޑީގައި ވަޅުލުމެވެ. އެ ބަޔަކު މިނިވަން ވަނީ ސަރުކާރަކުން ބޭނުން ވާނެ ހުރިހާ އެއްޗެއް އެނގި ހުރެ އެވެ. 

މީން މި އެނގުނީ ރައީސް ސޯލިހަކީ މަތިން އޮމާން ކޮށްގެން އެތެރޭގައި އެހެން ކަމެއް ފޮރުވައި ސިއްރު ކޮށްގެން އުޅުއްވެވި ބޭފުޅެއް ކަމެވެ. ރައީސް ޔާމީނާ ރައީސް ނަޝީދު ވަކި ސަހަލައެއް ނޫނެވެ. އެކަމަކު އެއްގޮތް ކަމެއް އޮވެެ އެވެ. އެ ދެ ބޭފުޅުންގެ ދެފުށް އެއްގޮތެވެ. އޭތެރޭ އޮތް އެއްޗެއް ބޭރަށް ފެނެ އެވެ. އެއާ ހިލާފަށް ރައީސް ސޯލިހަކީ ދެ ފުށް ދެ ގޮތް ބޭފުޅެކަން، އެތެރެ ނުފެންނަ ބޭފުޅެއްކަން މި މައްސަލައިން ސާބިތެއް ވަނީ އެވެ.  

ބޮޑު ހިޔާނާތް ބަލަން ރައީސް ސޯލިހުގެ ވެ ވަޑައިގެންނެވި ވައުދު ފުއްދަވައި ދެއްވި ގޮތަކީ މިހާ ގޮތް ސުމާރު ކުޑަ މިހާ މުޑުދާރު ގޮތަކަށް ވެގެން ހިނގައި ދާނެ ކަމަކަށް ކުރީ ހީކޮށްލެވިފައި ވެސް ނެތެވެ. މި ދަރަޖައިގައި މިކަން ގެންދިއުމުން ދިވެހި އެހެން ރައްޔިތުން ކުށްތަކަށް އަރައިގަތުމާ ދައުލަތުން ވައްކަން ކުރުން ހުއްޓާލާން ޖެހޭ ސަބަބެއް އެބައޮތް ހެއްޔެވެ؟ ހިޔާނާތް ވުމާއި ވައްކަން ކުރާ ޗޯރުން އޯކޭއް ނުވޭ ހެއްޔެވެ؟ 

ތަހުގީގު ކުރާ ހުރިހާ އިދާރާތަކުން ހޯދި ހެކީގެ މައްޗަށް ފަނޑިޔާރު ހުކުމް ކުރީ މުޅި ރައްޔިތުންގެ މުދަލުން ވައްކަން ކުރިކަމަށް ނިންމާ ދިގު ޖަލު ބަންދަށެވެ. ވެރިމީހާގެ ދީލަތި ކަމުން، ޗޯރެއްގެ އަދަބު މާފު ކޮށްދީ މިނިވަނަކަށް ހެދީ ކީއްވެތޯ އަހާލާނެ މުއައްސަސާއެއް މި ރާއްޖޭގެ ދައުލަތުގަ ނެތެވެ. އަމުދުން ސިޔާސީ މައިދާނަކު ނެތެވެ. މީޑީއާގައި ނެތެވެ. ބަލާލި ކޮންމެ ދިމާއަކުން ވެސް މި ފެންނަނީ ވައްކަމާ ޗޯރުންގެ ހިމާޔަތުގައި ހިނގާ މީހުނެވެ. އަމާނާތްތެރި ކަމާއެކު ގާނޫނުގެ ވެރިކަން ގާއިމް ކޮށްގެން އުޅޭނެ މީހަކު ނުވެސް ހައްދަވަނީ އެވެ.

ކޮމެންޓް

1
450
ފައުޑީ
5 months ago

ޗޯރު ނުކިޔާވަރެއްނޫން . މުޅިގައުމު ދަވާލައިފި

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.