ނިއުޝާ އޭނާގެ އަމިއްލަ ނަފުސާ ވާހަކަދައްކަމުން ދިޔައިރު، ނިއުޝާއަށް ނޭނގި ނަމަވެސް އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެފައި ހުރި ކަމެވެ.
– އެޕިސޯޑް 33-
ނިއުޝާ ވިސްނަމުން ދިޔައީ ހައިކަލްއާ މެދުގައެވެ. ހައިކަލްގެ ފަރާތުން މިރޭ ފެނިގެން ދިޔަ ކަންތަކުން ނިއުޝާގެ ހިތުގައި އެތައް ސުވާލުތަކެއް ބިންވަޅު ނެގިގެން ދިޔައެވެ. ނިއުޝާގެ ދިރިއުޅުމުގެ މިފަދަ ހާލަތެއްގައި ހައިކަލް ވެގެން ދާނީ ނިއުޝާގެ ޙަޔާތަށް ނިއުޝާ ބޭނުންވާނެ ފަދަ ބަދަލެއް ގެނެވޭނެ މީހެއް ކަމުގައި ނިއުޝާއަށް ދެކެވުނީ މާ އަވަހަށެވެ. ވިސްނަމުން ގޮސް ނިއުޝާގެ ވިސްނުން އެހާ ހިސާބަށް ދާން މާގިނަ ވަގުތެއް ނުނަގައެވެ.
ނިއުޝާއަށް ހައިކަލްގެ ފަރާތުން ފެނުން ހުރިހާ ކަމެއް ގޮސް ނިމުނީ "ލޯތްބާ"އި ހިސާބުންނެވެ. ހައިކަލްގެ ފަރާތުން ފެނުނީ އާދައިގެ އުޅުމެއް ނޫން ކަމާއި، ހައިކަލްގެ ފަރާތުން ފެނުން ކަންކަމުން އެހެން އިޙްސާސެއް ހައިކަލްގެ ހިތުގައި ޔަޤީނުން ވެސް ވާނޭ ނިއުޝާއަށް ވިސްނޭން ފެށުނެވެ. އަމިއްލަ ނަފުސާ އެ ވާހަކަތައް ހިއްސާ ކުރެވެން ފެށުނެވެ. ސިޓިންގރޫމްގެ ދެކޮޅަށް ހިނގަމުން ނިއުޝާ ގެންދިޔައީ އޭނާގެ ހިތާއި ސިކުނޑިއަށް ވަންނަމުންދާ ކަންކަން އަމިއްލަ ނަފުސާ މުޙާތަބު ކުރަމުންނެވެ.
ކުއްލިއަކަށް ނިއުޝާގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ މީހަކު ދޮރުގައި ޓަކި ދިނުމާ އެކުގައެވެ. ނިއުޝާއަށް ބަލައިލެވުނީ ގޭގެ ދޮރާ ދިމާލަށެވެ. މަޑުމަޑުން ފިޔަވަޅު ނަގަމުން ގޮސް ދޮރުގެ ޕީޕްހޯލް އިން ބޭރުގައި ހުރި މީހާއަށް ނިއުޝާ ބަލައިލިއެވެ. ނިއުޝާގެ ދެލޯ ބޮޑު ވިއެވެ. ލިބުނީ ބަޔާން ކުރަން ނޭނގޭ ފަދަ ހައިރާން ކަމެކެވެ. ބޭރުގައި ހުރީ ހައިކަލް އެވެ. ނިއުޝާއަށް ވަގުތު ކޮޅަކަށް ހިމޭން ވެވުނެވެ. ވަގުތުކޮޅަކު ވިސްނާލަން ހުރެވުނެވެ. އެޔަށްފަހު ނިއުޝާ ފުން ނޭވާ އެއް ދޫކޮށްލަމުން ދޮރު ހުޅުވާލިއެވެ.
ނިއުޝާ އާއި ހައިކަލްގެ ލޮލުގެ ކަޅި ގުޅިގެން ދިޔައެވެ. ދެކަޅި ދެކަޅިއަށް ގުޅި ލާމެހިއްޖެއެވެ. އެގޮތުގައި އެދެމީހުންނަށް ތިބެވުނީ ކިހާ އިރަކު ކަމެއް އެ ދެމީހުންނަށް ވެސް ނޭނގުނެވެ. ނިއުޝާ ސިހިފައި އޭނާގެ ކަޅި އެހެން ދިމާލަކަށް ގެންދިޔައީ ހައިކަލް ކަރު ކެހިލުމުންނެވެ.
"ސޮރީ.." ނިއުޝާއަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ.
"ކޮން ކަމަކާ؟" ހައިކަލްގެ ފިރިހެންވަންތަ އަޑު ނިއުޝާގެ ކަންފަތުގައި ޖެހުނީ ހިމޭން ވައިރޯޅިއެއް ފަދައިންނެވެ. ޖަވާބުގައި ނިއުޝާ އިސްދަށަށް ޖަހާލަމުން ރަކި ގޮތަކަށް ހީނލިއެވެ.
"މިހެން މިތާގަ އަހަރެންނަށް އަދަބު ދީފަ ބަހައްޓާނީތަ؟ ވަންނަން ނުބުނާނަންތަ؟" ހައިކަލް ސަމާސާ ރާގެއްގައި ބުނެލިއެވެ.
"ނޫން.. ވަދޭ!" ނިއުޝާ ހުރީ ލަދުންނެވެ. ހައިކަލް ގޭތެރެއަށް ވަނެވެ. ނިއުޝާގެ ފަހަތުން ހައިކަލް ފިޔަވަޅު ނަގަމުން ދިޔައެވެ. ދެމީހުން ގޮސް އިށީންނީ ސޯފާގައެވެ. ދެން ވެސް ކުރިއަށް ހިނގަން ފެށީ ހިމޭން ސިކުންތު ކޮޅެކެވެ. އެކެއް ވެސް ވާހަކަނުދައްކާ އިނީއެވެ.
"އަހަރެން މަތިން ދޯ ތި ވިސްނަނީ؟ ހުރިހާ އެއްޗެއް ސިޓިންރޫމަށް އަޅާލާފަ؟" ހައިކަލް ކޮށްލި ސުވާލާ އެކުގައި ނިއުޝާ ދިޔައީ އެއްލިލައިގެންނެވެ.
"ނޫން.. ކީއްވެ ތިހެން ތިބުނީ؟" ނިއުޝާ އަވަސްވެ ގަތީ އޮޅުވާލާށެވެ.
"އަހަރެންނަށް އެކަން އެބަ ފެނޭ ނިއުޝާގެ މޫނުމަތިން.. ތި ދެލޮލުން އެކަން އެބަ ހެކިވޭ.. ކީއްވެ ތި އޮޅުވާލަނީ؟" ނިއުޝާއަށް ބަލަން އިނދެފައި ހައިކަލް ދައްކަމުން ދިޔަ ވާހަކައިން ނިއުޝާއަށް ކުއްލިއަކަށް ކޮޅަށް ތެދުވެވުނެވެ.
"ތީ ކާކު؟ ކޮބާ މަޤުޞަދަކީ؟" ނިއުޝާގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. ހައިކަލް އަކީ ނިއުޝާއާ މިރޭ އަލަށް ދިމާވި މީހެކެވެ. ރާއްޖެއަށް މަޝްހޫރު ގިނަ ބަޔަކު ދަންނަ މަޖިލީހުގެ މެމްބަރަކަށް ވިޔަސް، ނިއުޝާއަށް ހައިކަލް އަކީ ކާކުކަން ރަނގަޅަކަށް ނޭނގެއެވެ. ނިއުޝާ ޖެހިލުންވީ މިހާ އަވަހަށް، ހަމަ އެންމެ ރެއަކުން އެހާ ޒިންމާދާރު މަޤާމެއްގައި ހުރި މީހެއް އެފަދަ ގޮތެއްގައި ވާހަކަދައްކަން ފެށުމުންނެވެ. ނިއުޝާގެ ހިތުގައި ހައިކަލްއާ މެދުގައި ގަޔާތް ވުމުގެ ގޮތެއް ހަމަ އެންމެ ރެޔަކުން ވެފައިވާކަން ނިއުޝާ ހުރީ ޤަބޫލުކުރަން ބޭނުން ނުވެފައެވެ. އެއީ ހަޤީޤަތް ކަމުގައި ވީނަމަވެސް މެއެވެ.
"ތި ސުވާލަށް ދޭނެ ޖަވާބެއް ނެތް ނިއުޝާ.." ހައިކަލް ވެސް ކޮޅަށް ތެދުވިއެވެ.
"އަހަރެންނަށް އެނގޭ މީ ރަނގަޅު ގޮތެއް ނޫންކަން ވެސް.. އެކަމު އަހަންނަށް ޔަޤީންވާ ކަމަކީ ނިއުޝާ ފެނުން ފުރަތަމަ ވަގުތުން ވެސް.. ހަމަ އެ ސިކުންތުގަ އަހަރެންގެ ހިތަށް ގޮތްތަކެއް ވެއްޖެކަމެން.. ނިއުޝާގެ މޫނުމަތިން ފެނުން މައުސޫމްކަން އަހަރެންގެ ހިތުގެ އެންމެ ފުން މިނަށް ވާސިލު ވެގެން ދިޔަ.. އަހަރެންނަށް ނޭނގެ ނިއުޝާ އަކީ ކާކު ކަމެއް ވެސް.. އަހަރެން ޤަބޫލު މި ކުރަނީ އަހަރެންނަށް މި އާދެވުނީ މީހެއްގެ އަންބެއްގެ ގާތަށްށޭ.. މާބަނޑު އަންހެނެއްގެ ގާތަށްށޭ! އެކަމު ބުނަން.. އަހަރެންގެ އެއްވެސް އިންޓެންޝަނެއް ނެތް ނިއުޝާގެ ދިރިއުޅުމުގެ ތެރެއަށް ވަންނަން.." ނިއުޝާގެ ފަހަތުގައި ހުރެ ހައިކަލް ދައްކަމުން ދިޔަ ވާހަކަތައް ނިއުޝާ ދިޔައީ ކަނުލައި އަޑުއަހަމުންނެވެ. އެ ވާހަކަތަކާ މެދުގައި ވިސްނަމުންނެވެ. ހައިކަލްގެ ވާހަކަތަކުގައި، އެ އިޙްސާސް ތަކުގައި އެއްވެސް "ފޭކް" ކަމެއް ވޭތޯ ބަލާ އޮބްޒާރވް ކުރަމުންނެވެ.
"ދެން އެހެންވީ އިރު؟ ކީއްވެ ތި އައީ؟ ތިހެން އަންނާނީ އަހަރެންގެ ދިރިއުޅުން ހަލާކު ކުރަން ނޫންތަ؟ އެނޫން ކޮން މަޤުޞަދެއްގަ؟" ނިއުޝާ އެނބުރި ބަލާލީ ހައިކަލްއާ ދިމާއަށެވެ. ނިއުޝާ ދެލޯ ބޮޑުވިއެވެ. ހައިކަލްގެ ދެލޮލުން ފުރާ އަންނަމުން ދަނީ ކަރުނައެވެ.
"ހައިކަލް!" ނިއުޝާއަށް މަޑުމަޑުން ކިޔާލެވުނެވެ.
"ނިއުޝާ.. އައިމް ރޯންގް.. ބޮޑު މިސްޓޭކެއް މި ހެދެން އުޅުނީ.. އައިމް ގޮއިން.. ސޮރީ ނިއުޝާ.." ހައިކަލް އަވަސްވެގަތީ އެގެއިން ނުކުންނާށެވެ. ނަމަވެސް ހައިކަލް ހުއްޓުވީ ނިއުޝާއެވެ. ނިއުޝާ ހައިކަލްއަށް ގޮވާލުމުންނެވެ. އެގޮވުމުން ދޭހަވެގެން ދިޔައީ ނިއުޝާ ވެސް ހައިކަލްއާ ދައްކަން ގިނަ ވާހަކަތަކެއް ހުރިކަމެވެ. ހައިކަލް ހުއްޓި ނިއުޝާއަށް ބަލާލިއެވެ.
"ނިއުޝާ.. އައިމް ސޮރީ.. މީ ނުވާ ކަމަކަށް ހަދާ.. އަހަރެން ބޭނުމެއް ނޫން ނިއުޝާގެ ދިރިއުޅުމަށް ވަންނަން.." އަނެއްކާ ވެސް އެހެން ބުނެ، ހައިކަލް އެގެއިން ނުކުންނަން މަސައްކަތް ކުރިއެވެ. ނަމަވެސް މިފަހަރު ހައިކަލް ހުއްޓުވީ ސީދާގެ ނިއުޝާގެ އަތުންނެވެ. ނިއުޝާއަށް ހައިކަލްގެ އަތުގައި ހިފާލެވުނީއެވެ. ހައިކަލްގެ ކަޅި އަމާޒްވީ ސީދާ ނިއުޝާގެ މޫނަށެވެ.
ދެން ފެށިގެން ދިޔައީ ދެމީހުންގެ ވާހަކަތަކެވެ. ދަންވަރުގެ ވަގުތުތައް ފާއިތުވެގެން ގޮސް ފަތިހުގެ އަލިކަން މުޅި މާލެއަށް ހަނާ ކިޔަން ތައްޔާރުވީ އިރު ވެސް އެދެމީހުން ގެންދިޔައީ ސޯފާގައި ތިބެ ވާހަކަދައްކަމުންނެވެ. ނިއުޝާ އޭނާގެ އެތައް ވާހަކަތަކެއް ހައިކަލްއަށް ކިޔާދިނެވެ. ނިއުޝާގެ މުޅި ދިރިއުޅުން ހައިކަލްގެ ކުރިމަތީގައި ނިއުޝާ ބަންޑުންކޮށްލިއެވެ. ލޯބީގައި ވީ ނާކާމިޔާބީއާއި ފަޔާޒްގެ ލޯބީގައި ނިއުޝާ ހަލާކު ވެގެން ދިޔަ ގޮތެވެ. ލޯބި މަތިން ފޫހިވެގެން ފައިސާގެ ފަހަތުން ނިއުޝާ ދުވި އޭނާގެ ހިތި މާޒީއެވެ.
މައިންބަފައިންނާ ވަކިވެ، އެމީހުންގެ ނުޤަބޫލުގަ ކުރެވިގެން ދިޔަ ކައިވެންޏެވެ. ދިރިއުޅުން މަތިން މުޅީން ނާއުއްމީދު ވީ ވާހަކައެވެ. ހަދާނެ ނުހަދާނެ ގޮތެއް ނޭނގި މުޅި ދިރިއުޅުން ހަލާކުވީ ވާހަކައެވެ. ނިއުޝާގެ ޙަޔާތުގެ ސަފުޙާ ތަކުގެ ތެރެެއިން ނިއުޝާ ހަމައެކަނި ފޮރުވި ސަފުހާ އަކީ އޭނާގެ ހަށިގަނޑުގެ ތެރޭގައި ޖަހަމުންދާ ވިންދުގެ ވާހަކައެވެ. އެކަމުގެ ހަޤީޤަތް ނިއުޝާ ސިއްރުކުރިއެވެ. ނިއުޝާގެ ދާސްތާން ހައިކަލް އަޑު އަހަމުން ދިޔައީ ވަރަށް ޝައުޤުވެރިކަމާ އެކުގައެވެ. ހައިކަލް އެގެއިން ނުކުމެގެން ދިޔަ އިރު ހުރީ ހެނދުނު 7 ޖަހާ ބޮޑުވެފައެވެ.
***
މާއިޒް އާއި ސަމާގެ ކައިވެނީގެ މަޖިލީސް ފެށިގެން ކުރިއަށް ދަނީއެވެ. ކޯޓުގައި އެ މަންޒަރު ބަލަން އެންމެ އުފާވެފަ ތިބީ މޫސަ އާއި ރޫމާއެވެ. މޫނުމަތިން އުފާވެރިކަން ދައްކައިގެން ސަމާ އިނީއެވެ. ކައިވެންޏަކީ މާއިޒްގެ ހުރިހާ މުދަލެއްގެ މައްޗަށް ސަމާއަށް އަރައިގަނެވޭނެ އެންމެ ބޮޑު މަގު ކަމުގައި ވީ ނަމަވެސް ސަމާ ހުރީ ނުތަނަވަސް ކަމެއްގައެވެ. ހިތުގައި ވަނީ ކޮންމެވެސް ވަރެއްގެ ބިރުވެރި ކަމެކެވެ. މި ދެވެނީ މާ ނުރައްކާ ހިސާބަކަށްށޭ ފުރަތަމަ ފަހަރަށް ސަމާގެ ހިތް ބުނެލީ ކައިވެނީގެ މަޖިލީހުގައި ސަމާ އިންދައެވެ.
މޫސަ އޭނާގެ ފޯނު ނަގައި ކައިވެނީގެ މަޖިލީހުގެ އުފާވެރި މަންޒަރު ފޯނަށް ސޭވް ކޮށްލިއެވެ. އަދި މޫސަ ހުޅުވާލީ ވައިބަރ އެޕްލިކޭޝަންއެވެ. ކައިވެނީގެ މަޖީލީހަށް މުޅި މީހާގެ ސަމާލުކަން ދީގެން ރޫމާ ހުއްޓެވެ. މޫސަ ކުރަން އުޅޭ ކަންތަކުގެ އެއްވެސް ކަމެއް ރޫމާއަކަށް ނޭނގެއެވެ.
މޫސަ ވައިބަރ މެސެޖެއް ޓައިޕް ކުރަން ފެށިއެވެ. "އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅުގެ ކައިވެނި. މިއަދު އަހަރެން މިހުރީ ވަރަށް އުފަލުން. އަހަރެންގެ ސަމާ އަހަރެން ފަހުރުވެރި ވާނެ ފަދަ ކައިވެންޏެއްކޮށްފި.." މި މެސެޖާ އެކުގައި މޫސަ އެޓޭޗް ކޮށްލީ އޭނާ ނެގި ފޮޓޯއެވެ. ސަމާ އާއި މާއިޒް ވަރަށް ރަނގަޅަށް އަރާފައިވާ ފޮޓޯއެވެ. އެޔަށްފަހު އެ މެސެޖް ފޮނުވާލީ ނިއުޝާ އަށެވެ. (ނުނިމޭ)
ވާހަކަ ވަރަށް ރީތި އިނގޭ
ހައިކަލް އެ އުޅެނީ ޕްލޭނެއްގަ ހެން ހީވަނީ. ނާޝިދުގެ ޕްލޭނެއް ތީ