"ނޫން ސަމާ.. އަހަރެންނަށް ނުދެވޭނެ.." ރިޝްފާ އެހެން ބުނުމާ އެކުގައި ސަމާ ހައިރާން ވިއެވެ.
– އެޕިސޯޑް 32-
ސަމާ ވަގުތުކޮޅަކަށް ހުއްޓުން އެރިއެވެ. ސަމާގެ ޙަޔާތުގައި އަންނާނެ އެންމެ ބޮޑު ދުވަހުގައި އޭނާގެ ގާތުގައި ރިޝްފާ ނެތުމަކީ ސަމާއަށް ފަސޭހަ އިމްތިޙާނެއް ނޫނެވެ. ރިޝްފާ ހުރި ނަމަ، ކައިވެނީގެ ކަންތަކުގައި ސަމާއަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެއެވެ. މާއިޒްއާ ކައިވެނި ކުރަނީ އެއްވެސް ވަރަކަށް ސަމާ ލޯބިވެގެން ނޫން ކަމާއި، މި ކައިވެނީގެ ޙަޤީޤަތް އެނގޭނެ ހަމައެކަނި މީހަކީ ރިޝްފާއަށް ވުމުން، ސަމާ ކޮންމެހެން ވެސް ރިޝްފާ އެދުވަހުގައި ސަމާގެ ގާތުގައި ހުންނަން އެދެއެވެ. ބޭނުން ވެއެވެ.
"ކީއްވެ ރިޝް؟"
ސަމާ ވަރަށް އުނދަގުލުން އަހާލިއެވެ. މި ވޭތުވެގެން ދިޔަ ހުރިހާ ދުވަހެއްގައި ސަމާއަށް މިހުރިހާ ކަމަކަށް ރިޝްފާ މަގުދައްކާދީ، އެހީތެރިވާ އިރު އެކަން ރިޝްފާ ކުރަނީ ކީއްވެތޯ ވެސް ސަމާ ނާހައެވެ. ސަމާ ޤަބޫލުކޮށްގެން ހުރި ސަބަބަކީ ފައިސާ ކަމުގައެވެ. އަދި ރިޝްފާ މާއިޒްއާ ބައްދަލު ކުރަން ބޭނުން ނުވެގެން ކުރިން ވެސް އުޅުނެވެ. އެފަހަރު ވެސް އެކަން މާބޮޑު ކަމަކަށް ސަމާ ނުހަދައެވެ. ނަމަވެސް މިއަދު ސަމާ އެ ސުވާލު ކުރިމަތި ކުރުވުން ރިޝްފާއަށް ލިބުނީ މާޔޫސް ކަމެކެވެ. ދޭނެ ޖަވާބެއް ރިޝްފާއަކަށް ނޭނގުނެވެ.
މާއިޒްއާ ކުރިމަތި ލާން ރިޝްފާއަށް ކެރޭނީ ކިހިނެއް ހެއްޔެވެ؟ މާއިޒަށް ރިޝްފާ ފެންނަ ދުވަހަކީ މުޅި މިޝަން ފްލޮޕް ވާނެ ދުވަހެވެ. އެދުވަހުން ސަމާ އާއި ރިޝްފާއަށް އަންނާނެ ބިރުވެރި ޒަލްޒަލާ ރިޝްފާގެ ޚިޔާލަށް ވެސް ގެންނަން ދައްޗެވެ. ސަމާ ކިތަންމެ ބޭނުން ވިޔަސް، ސަމާ އެދުނު ކަންތައް އެއީ ރިޝްފާއަށް ވާނެ ކަމެއް ނޫނެވެ. އެއީ ބިރުވެރި ނިމުމެއްގެ ފެށުން ކަމުގައި ނޫނީ ނުވާނެއެވެ. އެކަމުގެ ނުރައްކާ ދެމީހުންނަށް ވެސް ލިބޭނެއެވެ.
"ސަމާ... އަހަރެން ވަރަށް ބޭނުން ސަމާގެ ގާތުގައި ހުންނަން.. އެކަމު ސަމާ.. އަހަރެން ގޮސްފިއްޔާ ކަންތައް މުޅީން ގޯސް ވާނީ. މާއިޒްއަށް ރިޝް ފެނުނީމަ، މާއިޒް އަހަންނަށް ކިރިޔާ ޝައްކެތް ކުރިޔަސް، އަހަރެމެންގެ ޕްލޭން އެއްކޮށް ދިޔައީ.. ސަމާ ބޭނުންތަ އެހެންވާން.. މީ ކުދިކުދި ކަންކަމެއް ނޫނޭ.. އަހަރެން ކައިވެނީގެ ޙަފްލާގައި ސަމާ ގާތުގައި ނެތަސް، އަހަރެން އަބަދުވެސް ހުންނާނަން ސަމާއަށް އެހީއެއް ބޭނުންވާ ދުވަހު އެހީވާން.. އެންމެ ކައިރީގަ.. އަހަރެމެން ފެށި ކަންތައް އަހަރެމެން ވާނެ ނިންމަން.." ރިިޝްފާ މަސައްކަތް ކުރީ ސަމާއަށް ވިސްނާ ދެވޭތޯއެވެ. ސަމާއަށް ރިޝްފާ ދެއްކި ވާހަކަ ޤަބޫލު ކުރަން ފަސޭހަ ވިއެވެ. އެއީ ރިޝްފާ އާއި ސަމާ އެކުގައި މިކުރާ ކަންތަކަށް ބުރުއަރާފާނެ ކަމަށް ސަމާ އަށް ވެސް ވިސްނުމުންނެވެ. "އާނ އޯކޭ" އޭ ބުނެ ސަމާ ރިޝްފާގެ ވާހަކަތަކަށް އެއްބަސް ވުމާއެކުގައި، ހަމަ ޖެހުމުގެ ފުން ނޭވާއެއް ރިޝްފާ ދޫކޮށްލިއެވެ.
***
ރޭގަނޑުގެ އަނދިރިކަމުން މުޅި ދުނިޔެ ބައްދާލައިފިއެވެ. ނިއުޝާ ކުޑަކޮށް ރީތިވެލައިގެން ގެއިން ނުކުތީ ކައިރީގައި ހުރި ފިިހާރަކަށް ދިޔުމަށެވެ. އެއީ ގެއަށް ބޭނުންވާ ބައެއް ތަކެތި ގަތުމަށްޓަކައެވެ. ނިއުޝާ ގެއިން ނުކުމެގެން ހިނގައިގަތްތަނާ އޭނާގެ ލޮލުގައި އަޅައިގަތީ އެގެ އިންނަ ގޯޅިތެރޭގައި ޖީއެންގައި އިށީންދެގެން އިން ޒުވާނާއަށެވެ. އެ ޒުވާނާ ކަޅި ޖަހާ ނުލާ ބަލަން އިނީ ނިއުޝާއަށެވެ. ނިއުޝާއަށް ހައިރާންކަން ލިބުނީ އެއީ ނިއުޝާ ދަންނަ، މުޅި ރާއްޖެއަށް މަޝްހޫރު މީހަކަށް އެމީހާ ވުމުންނެވެ. އެވަރުގެ ސަހުސިއްޔަތެއް ނިއުޝާއަށް އެވަރަށް ބަލަން ޖެހޭނެ އެއްވެސް ސަބަބެއް ނިއުޝާއަކަށް ނުވިސްނުނެވެ. ނިއުޝާ ލަދުގަންނަ ގޮތްވިއެވެ. މަޑުމަޑުން ހިނގާފައި ނިއުޝާ ފިހާރައަށް ވަތް އިރު ވެސް އެ ޒުވާނާ އިނީ ނިއުޝާއަށް ކަޅި ޖަހާ ނުލާ ބަލާށެވެ.
ނިއުޝާއަށް ދެން ހައިރާންކަން ލިބުނީ އެ ޒުވާނާ އެ ފިހާރައަށް ވަނުމާ އެކުގައެވެ. ނިއުޝާގެ ފަހަތުން ފިހާރާގެ ތަކެއްޗަށް ބަލަމުން އެ ޒުވާނާ ގެންދިޔައެވެ. ފިހާރާގަ ތިބި އެހެން މީހުންގެ ކަޅި ހުއްޓިފައިވަނީ އެ ޒުވާނާއަށެވެ. ޓީވީ ތަކުން ފެންނަ ދިވެހީން ދަންނަ މޫނަކަށް ވުމުން ވާނީ ވެސް އެހެންތާއެވެ. ނަމަވެސް އެ ޒުވާނާގެ ސަމާލުކަން ހުއްޓިފައި ވަނީ ނިއުޝާއަށްކަން އެއްވެސް ޝައްކެތް ނެތް މިންވަރަށް ނިއުޝާއަށް ދިޔައީ ޔަޤީން ވަމުންނެވެ.
ގަތް ތަކެއްޗަށް އަގު ދެއްކުމަށްފަހުގައ ނިއުޝާ ހިނގައިގަތީ ފިހާރައިން ނުކުންނާށެވެ. ނިއުޝާގެ ފަހަތުން އެ ޒުވާނާ ވެސް ފިހާރައިން ނުކުތެވެ. އެހާ އިރު ފިހާރާގައި ހުރުމަށްފަހު އެ ޒުވާނާ ގަތީ ހަމައެކަނި ސިގެރޭޓް ފޮއްޓެކެވެ.
"ހެލޯ!"
ނިއުޝާގެ ފިޔަވަޅުތަކަށް ހުއްޓުން އެރިއެވެ. ފަހަތުން އައި އެ ޒުވާނާގެ އަޑު ވަރަށް ސާފުކޮށް ނިއުޝާގެ ކަންފަތުގައި ޖެހުނެވެ. ހަމަ ޓީވީ ތަކުން އިވޭ އެ ހިތްގައިމް ފިރިހެންވަންތަކަން ކައިރިން އަޑު އިވޭ އިރު ވެސް ހުރެއެވެ. ނިއުޝާ އެނބުރި ބަލައިލިއެވެ. އެ ޒުވާނާ އަތް ދިއްކޮށްލީ ނިއުޝާގެ އަތުގައި އޮތް ކޮތަޅަށެވެ. އެ ޒުވާނާގެ އަތަށް ދޭށޭ ބުނާ ފަދަ ބީދައަކުންނެެވެ.
"ޕްރެގް ދޯ؟ ޕްރެގް އިރު ނުވާނެއްނު ތިހެން އެއްޗެހި އުފަލަން... ދީ އަހަރެންގެ އަތަށް.." އެ ޒުވާނާ އެހެން ބުނުމާ އެކުގައި ނިއުޝާގެ އަތުގައި އޮތް ކޮތަޅު އެމީހާގެ އަތަށް ދިއްކޮށްލިއެވެ. އެހާ ފަސޭހައިން އެކަން އެެހެންވީ ކީއްވެ ކަމެއް ނިއުޝާއަށް ވެސް ނޭނގުނެވެ. ދަންނަ، މީހުންނަށް އެނގޭ މީހަކަށް ވުމުން އިތުބާރު ކުރެވުނީ ކަމުގައި ވެސް ވެދާނެއެވެ.
ދެމީހުން ތެރެއިން އެކަކު ވެސް ވާހަކައެއް ނުދައްކައެވެ. ނިއުޝާގެ ފަހަތުން އެ ޒުވާނާ ހިނގަމުން ދިޔައެވެ.
"ޝުކުރިއްޔާ.."
ގޭގެ ދޮރާ ހަމަ ވުމުން ނިއުޝާ ބަލައިލީ އެ ޒުވާނާގެ މޫނަށެވެ. އެ ޒުވާނާ ލުއި ހިނިތުން ވުމާކާ އެކުގައި ނިއުޝާގެ އަތަށް ކޮތަޅު ދިނެވެ. އިތުރު އެއްވެސް ވާހަކައެއް ނުދައްކާ ވަގުތުކޮޅެއް ދިޔައީ އެ ދެމީހުން ދެމީހުންގެ މޫނަށް ބަލަން ތިއްބައެެވެ.
"ދަނީ.."
ނިއުޝާ ލަދުރަކިކކޮށް ހީނލިއެވެ. އަދި ގެއަށް ވަނެވެ. ސިޓިންގރޫމްގައި ގަތް ތަކެތި ބެހެއްޓުމަށްފަހު ނިއުޝާ އަތް އަޅައިލީ އޭނާގެ މޭމަތީގައެވެ.
"ސުބްހާނަﷲ! މިރޭ މިވީ ކިހިނެއް ބާ؟ ހައިކަލް... ތުލުސްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީސްގެ މެމްބަރު.. އަދި މަޖިލީހުގައި ހުރި އެންމެ ޒުވާން މެމްބަރު... އަދި އެހާ ފޭމަސް މެމްބަރެއް އެއީ... އަނެއްކާ..." ނިއުޝާ އޭނާގެ އަމިއްލަ ނަފުސާ ވާހަކަދައްކަމުން ދިޔައިރު، ނިއުޝާއަށް ނޭނގި ނަމަވެސް އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެފައި ހުރި ކަމެވެ. (ނުނިމޭ)
ވަރަށް ވަރަށް ރީތި..