ފްލެޓު ދިން ގޮތުން ހައުސިން މިނިސްޓްރީތެރެށް ވަދެ އިހުތިޖާޖު

ފްލެޓު ދީފައިވަނީ 73-76 އިން މަތިން ޕޮއިންޓް ދިން މީހުންނަށެވެ. ޕޮއިންޓް ދިން ގޮތާމެދު އާއްމުން ދަނީ ޝަކުވާ ކުރަމުންނެވެ.

ޕްލޭނިން މިނިސްޓްރީގައި ފްލެޓި ދިން ގޮތާމެދު ހިތްހަމަ ނުޖެހިގެން އިހުތިޖާޖު ކުރަނީ

މި ސަރުކާރުން ހިންގި ފްލެޓު އެޅުމުގެ ހަމައެކަނި މަޝްރޫއުން ފްލެޓު "ބެހި" ގޮތާމެދު ހިތްހަމަ ނުޖެހިގެން ހައުސިން މިނިސްޓްރީއަށް ވަދެ ހިތްހަމަ ނުޖެހުން ފާޅު ކުރަން ފަށައިފި އެވެ.

ހައުސިން  / ޕްލޭނިން މިނިސްޓްރީގެ ރިސެޕްޝަން އޭރިއާއަށް ގިނަ ބަޔަކު ވަދެ ކަންބޮޑުވުން ފާޅުކުރަމުން ގެންދަނީ މި ސަރުކާރުން އަޅަމުން ގެންދާ 4،000 ފްލެޓަށް ޕޮއިންޓް ދިން ގޮތާމެދު ހިތްހަމަ ނުޖެހިގެންނެވެ. ދާއިމީ ލިސްޓުގައި ޕޮއިންޓް ދިން ގޮތާމެދު ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރާށެވެ.

ޕްލޭނިން މިނިސްޓްރީ ރިސެޕްޝަން އޭރިއާއި ހުރެ ކަންބޮޑުވުން ފާޅު ކުރި އެތައް ބައެއްގެ ތެރެއިން އަންހެނަކު ބުނީ ދިރިއުޅުމުގެ ހާލަތު ބަލަން ދިޔަ ނަމަވެސް ޕޮއިންޓް ލިބިފައި ވަނީ މަދުން ކަމަށެވެ. 

"އަޅުގަނޑަށް ފުރަތަމަ އޮތީ ޝަރުތު ހަމަވޭ ލިބޭ. އެކަމަކު ލިސްޓު ނެރުނުއިރު ނެތް. ހިޔާ ފްލެޓަށް ޕޮއިންޓް ލިބުނުއިރު ލިބުނީ 76 ޕޮއިންޓް. މިފަހަރު މި ލިބުނީ 73 ޕޮއިންޓް. އަޅުގަނޑު ސުވާލު މި ކުރަނީ ދިރިއުޅުމުގެ ހާލަތު ރަނގަޅުވީ ތޯ،" ޝަކުވާ ކުރަމުން ދިޔަ އަންހެނަކު ބުންޏެވެ. 

މި ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ ސްކީމްގައި ހިމެނޭ ގޮތަށް ހުޅުމާލޭގައި ފަހި ދިރިއުޅުން ކުންފުނިން އަޅާ "އަމާން އުދަރެސް" ފްލެޓަށް ކުރިމަތިލާން އިއުލާނު ކުރުމުން 13،000 މީހުންނަށް ފްލެޓު ލިބޭނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. ފްލެޓަށް 20،000 މީހުން ކުރިމަތިލިއިރު މީގެ ތެރޭން ފްލެޓު ލިބޭނެ ކަމަށް 13،000 އަށްވުރެ ގިނަ މީހުން ނެގިއިރު އަޅަމުން ގެންދިޔައީ 4،000 ފްލެޓެވެ. މި ފްލެޓުގެ ތެރޭން މި އަހަރު ނިމޭނީ ހަތަރު އިމާރާތެކެވެ.

އެ މިނިސްޓްރީން ގެޒެޓުގައި ޖެހި އިއުލާނެއްގައިވާ ގޮތުން މި ފްލެޓުތަކުގެ ތެރޭގައި ތިން ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓްގައި ހިމެނޭ ހިމެނެނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކެވެ. އަދި ދެ ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓްގައި ހިމެނޭ 73 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތް ތަކެވެ.

އެ މިނިސްޓްރީން ބުނީ 4000 ފުލެޓް ގެ ތެރެއިން ފުލެޓް ލިބުމަށް ހޮވިފައިވާ ފަރާތްތަކަށް، އެފަރާތަކަށް ލިބޭ ފުލެޓް ކަނޑައަޅުމަށްޓަކައި ގުރުއަތުލުން އޮންނާނެ އެވެ. ގުރުއަތުލާން އަންނަން ޖެހޭ ގަޑި އަންގާނީ ޕޯޓަލް މެދުވެރިކޮށް އެމީހަކަށް ވަކިންނެވެ.

އަޅަމުންދާ ފްލެޓްތައް - ސަރުކާރު ކުންފުނި އެފްޑީސީއާ ހަވާލުކޮށްގެން އިންޑިއާގެ ދެ ކުންފުންޏަކުން ހުޅުމާލޭގައި ޖުމްލަ 4،000 ހައުސިން ޔުނިޓްގެ މަސައްކަތް ކުރަމުންނެވެ. އަދި ދާދިފަހުން ސަރުކާރުން ވަނީ އިތުރު އިންޑިއާ ކުންފުންޏަކަށް 4،000 ފްލެޓް އަޅަން ދީފަ އެވެ. މި މަޝްރޫއުގެ އަގަކީ 2.65 ބިލިއަން ރުފިޔާ އެވެ. މި މަޝްރޫއު ކުރިއަށް ގެންދާނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަަތަމަ ފިޔަވަހީގައި އަޅާނީ 2،000 ހައުސިން ޔުނިޓެވެ. އެއީ ތިން ކޮޓަރީގެ 1400 ޔުނިޓާއި ދެ ކޮޓަރީގެ 600 ޔުނިޓެވެ. މަސައްކަތް ނިންމަން ޖެހެނީ 37 މަސް ދުވަހުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.