އިންތިގާލީ ކޮމިޓީ ރިޕޯޓް: ޔޫޓިލިޓީ ހަތަރު ކުންފުނީގައި 9 ބިލިއަނުގެ ދަރަނި

މި ހަތަރު ކުންފުނީގެ ހާލަތު ބަޔާންކުރައްވަމުން ފިރުޒުލް ވިދާޅުވީ، މި ކުންފުނިތަކުގެ ހަރަދު މިހާ ބޮޑުވެފައި ވަނީ އިދާރީ ގޮތުން ވެސް ކަންކަން ނުބެލެހެއްޓި ބޮއްސުންލާފައި ވާތީ ކަމަށެވެ.

ފެނަކަ، ސްޓެލްކޯ، ވެމްކޯ އަދި އެމްޑަބްލިއުއެސްސީގެ ހިންގާ ވެރިން: ހަތަރު ކުންފުނީގައި 9 ބިލިއަނުގެ ދަރަނި އެބަ އޮތް --

ޔުޓިލިޓީ ހިދުމަތްތައް ފޯރުކޮށްދޭ ހަތަރު ކުންފުނި ކަމަށްވާ ފެނަކަ، ސްޓެލްކޯ، ވެމްކޯ އަދި އެމްޑަބްލިއުއެސްސީގައި ނުވަ ބިލިއަނުގެ ދަރަނި އެބަ އޮތް ކަމަށް އިންތިގާލީ ކޮމެޓީގެ ރިޕޯޓުން ހާމަވެއްޖެ އެވެ.

އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފަރާތުން ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތަކާއި ސަރުކާރުގެ އެކި އިދާރާތަކުގެ ހާލަތު ވަޒަން ކުރުމަށް މަސައްކަތްތަކެއް ކުރަމުންދާއިރު، މިއަދު ވަނީ އެ ހަތަރު ކުންފުނީގެ ހާލަތު އާންމު ކޮށްފަ އެވެ. މި ހަތަރު ކުންފުނީގެ ދަރަނި ބޮއްސުންލާފައި ވާއިރު، މާލީ ހާލަތު ވަރަށް ދެރަ ކަމަށް އިންތިގާލީ ރައީސްގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް މިއަދު ވިދާޅުވި އެވެ.

ފެނަކަ ކޯޕަރޭޝަން:

  •  ޖުމްލަ ދަރަނި - 4.1 ބިލިއަން ރުފިޔާ
  •  ސަޕްލަޔަރުންނަށް ދޭން ޖެހޭ 3.2 ބިލިއަން އެބައޮތް
  •  އެކިއެކި ލޯނުތަކަށް ދައްކަން ޖެހޭ 901 މިލިއަން ރުފިޔާ އެބައޮތް
  •  1149 ވިޔަފާރިއަކަށް އޮތީ ފައިސާ ދޭން ޖެހިފައި
  •  2022 ވަނަ އަހަރުގެ ކުންފުނީގެ އޮޑިޓް ފުރިހަމަކޮށްފައެއް ނުވޭ
  •  މިއަހަރުގެ މާލީ ހިސާބުތައް ހިއްސާކޮށްފައެއް ނުވޭ
  •  އިންވެންޓްރީގެ ތަފްސީލާއި ފައިސާ ނުދީ ހުރި ވެންޑާސް ލިސްޓު ހިއްސާކޮށްފައެއް ނުވޭ

ކޮރަޕްޝަންގެ ހާއްޔެއް ކަމަށް ސިފަ ކުރެވޭ ފެނަކައާއި ގުޅިގެން ފިރުޒުލް ވިދާޅުވީ މިތަނުގެ އިދާރީ އަދި މާލީ ކަންކަން އޮތީ ބޮއްސުންލާފައި ކަމަށެވެ. ސަބަބަކީ، އެ ކުންފުނީގެ ޕްރޮކިއުމެންޓް ކަންކަން ހިނގާ ގޮތުންނާއި، ބޮޑެތި އިންޓްރެސްޓްގައި ދަރަނި ނަގާފައި އޮތުމުގެ ސަބަބުން ކަމަށް ވިދާޅުވި އެވެ.

"2022 ވަނަ އަހަރު އެކުންފުނީގެ ބަޖެޓް ފާސްކޮށްފައިވާއިރު، ޖުމްލަ ބަޖެޓްގެ ތެރެއިން 1.6 ބިލިއަން އެއީ ޑެފިޓިޓް ދަރަނިކަން ފާހަގަކޮށް ފާސްކޮށްފައިވޭ. ހަމައެގޮތަށް 2023 ވަނަ އަހަރުގެ ބަޖެޓް ފާސްކުރެއްވިއިރުވެސް 960 މިލިއަން ރުފިޔާ ދަރަނީގެ ގޮތުގަ ހިމަނުއްވާފަވޭ ހަމައެކަނި. އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ކަމަކީ، ޑެފިސިޓްތައް ހިމަނުއްވާފަ ހުރިއިރު އެ ޑެފިސިޓް ފައިނޭންސް ކުރާނީ ކިހިނެއް ކަމެއް ހަރުދަނާ ގޮތެއްގަ ފާހަގަކުރައްވާފައެއް އެބޭފުޅުން ފާހަގަކޮށްފައެއް ނުވޭ،"

ސްޓެލްކޯ:

  •  ޖުމްލަ ދަރަނި - 3.7 ބިލިއަން ރުފިޔާ
  •  އަންނަ އަހަރު ދަރަނި އަދާކުރަން 185 މިލިއަން ރުފިޔާ ބޭނުންވާނެ
  •  އަންނަ އަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވެފައެއް ނުވޭ
ސްޓެލްކޯގެ އެމްޑީ އަހުމަދު ޝަރީފް: އެތަނުގައި 3.7 ބިލިއަން ރުފިޔާގެ ދަރަނި އެބަ އޮތް

ފިރުޒުލް ވިދާޅުވީ އަންނަ އަހަރު ކުންފުނީގެ ދަރަނި އަދާކުރަން 185 މިލިއަން ރުފިޔާ ބޭނުން ވާނެ ކަމަށެވެ. ނަމަވެސް، އެ ފައިސާ އެ ކުންފުންޏަށް ނުދެއްކޭނެކަން ފާހަގަ ވެފައިވާ ކަމަށެވެ.

ޔުޓިލިޓީ ހިދުމަތްދޭ ކުންފުނިތަކުގެ ތެރެއިން ސްޓެލްކޯއަކީ މަހުން މަހަށް ފައިދާ ލިބޭ ކުންފުންޏެއް ނަމަވެސް، ކޭޝް ފްލޯ ދަށްކަން އޭނާ ފާހަގަ ކުރެއްވި އެވެ. ވިދާޅުވީ:

"އެހެން ނަމަވެސް ކުންފުންޏަށް ދިމާވެފައި ހުރި ޑޮލަރު ލިބުމުގެ ދަތިތަކާ، ކޭސް ފްލޯ ދަށްވުމުގެ ދަތިތަކުގެ ސަބަބުން ކުންފުނިން 2024 ވަނަ އަހަރު އަދާ ކުރަންޖެހިފައި އޮތް 185 މިލިއަން ރުފިޔާ އަދާ ކުރުމަށް ކުންފުންޏަށް ދަތިވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ،"

އެމްޑަބްލިއުއެސްސީ:

  •  ޖުމްލަ ދަރަނި - 1.4 ބިލިއަން ރުފިޔާ
  •  ސަޕްލަޔަރުންނަށް 137 މިލިއަން ރުފިޔާ ދަރާފައި
  •  ކްރެޑިޓަރުންނަށް 822 މިލިއަން ރުފިޔާ ދޭން ޖެހޭ
  •  އެކިއެކި ލޯނުތަކަށް 493 މިލިއަން ރުފިޔާ ދޭން ޖެހިފައި

އެމްޑަބްލިއުއެސްސީ އިން ފެނާ ނަރުދަމާގެ 28 ޕްރޮޖެކްޓް މުޅި ރާއްޖޭގައި ކުރިއަށް ގެންދާ ކަމަށާއި، މިހާތަނަށް ނިންމުނީ 13 މަޝްރޫއު ކަމަށް ފިރުޒުލް ވިދާޅުވި އެވެ.

"މި މަސައްކަތްތައް އޭގެ ޒާތުގަ ފަރުމާވެފައި ހުރީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން. މާނައަކީ އެބޭފުޅުން އަމިއްލައަށް ފައިނޭންސް ހޯދައިގެން ކުރިއަށް ގެންގޮސް މަސައްކަތް ފުރިހަމަ ވުމުން ސަރުކާރުން އޭގެ އަގު އަދާ ކުރާ ގޮތަށް. އެހެން ނަމަވެސް މިހާތަނަށް އެ މަސައްކަތުގެ ތެރެއިން ކޮށް ނިންމާ، ބިލު ކޮށްފަވާ އަދަދުތަކުގެ ތެރެއިން ނުލިބި 375 މިލިއަން ރުފިޔާ އެބަހުރި،" ފިރުޒުލް ވިދާޅުވި އެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން ކުންފުނީގެ ކޭޝް ފްލޯ ވަރަށް ބޮޑަށް ދަށްވެ، ދަރަނި ނަގަން ޖެހިފައިވާކަން ފާހަގަ ކުރެއްވި އެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް: އެތަނުގައި 1.4 ބިލިއަން ރުފިޔާގެ ދަރަނި އެބަ އޮތް

ވެމްކޯ:

  •  ޖުމްލަ ދަރަނި - 226 މިލިއަން ރުފިޔާ
  •  ބިޒްނަސް ޑިވެލޮޕްމެންޓް ފްލޭނެއް ނެތް
  •  2020 އަހަރުން ފެށިގެން އޮޑިޓް ފުރިހަމައެއް ނުކުރޭ
  •  ތަނުގެ އިންވެންޓްރީއާ ސްޓޮކް ރަގަޅަށް ނުބަލަހައްޓާ
  •  ފްލީޓްތައް ބާވެ މަރާމާތު ކުރަން ޖެހިފައި

"ވެމްކޯއަށް ވެސް ކޮންމެ އަހަރަކު ވެސް މި ދަރަނި އޮތް އިރު ވެސް ކޮންމެ މަހަކު ކެޕިޓަލް އިންޖެކްޓްގެ ގޮތުގަ ސަރުކާރުން ހަރަދުކުރަން ޖެހޭ މުސާރަ ދިނުމަށާއި އިދާރީ ހަރަދުތައް ހަމަޖެއްސުމަށް. އޭގެ ނަތީޖާއެއްގެ ގޮތުން މިކަންކަން ހުރުމުގެ ސަބަބުން އަހަރުން އަހަރަށް ކުންފުންޏަށް ލިބެމުންދާ ގެއްލުން އިތުރުވަމުންދާކަން ވެސް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ،" ފިރުޒުލް ވިދާޅުވި އެވެ.

މި ހަތަރު ކުންފުނީގެ ހާލަތު ބަޔާންކުރައްވަމުން ފިރުޒުލް ވިދާޅުވީ، މި ކުންފުނިތަކުގެ ހަރަދު މިހާ ބޮޑުވެފައި ވަނީ އިދާރީ ގޮތުން ވެސް ކަންކަން ނުބެލެހެއްޓި ބޮއްސުންލާފައި ވާތީ ކަމަށެވެ.

"ދެންމެ އަޅުގަނޑު ފާހަގަކުރި ހަތަރު ކުންފުނީގެ ދަރަނީގެ ގޮތުގަ ނުވަ ބިލިއަން ރުފިޔާ ޖުމްލަ ދަރަނީގެ ގޮތުގަ އޮތްކަން. އަދި ހަމަ އެހެންމެ، ކުންފުނީގެ މާލީ އަދި އިދާރީ ހަރުދަނާ ކެމެއް ނެތުމުގެ ނަތީޖާއެއްގެ ގޮތުން، އެބޭފުޅުން ބަޖެޓް ފާސްކުރުމާ، ފައިނޭންޝަލް އޮޑިޓްތައް ގެންދަން ޖެހޭ ތަރުތީބުން ގެންދިއުމާ، އަދި ހަމައެހެންމެ ޕްރޮކިއުމެންޓާ އެބޭފުޅުންގެ ސްޓޮކް ބެލެހެއްޓުމާ މުވައްޒަފުންގެ މުސާރައާ، އިދާރީ ކަންކަން ވެސް އެކަށީގެންވާ މިންގަނޑުތަކަކަށް ހިފެހެއްޓިފަ ނެތުމުގެ ނަތީޖާއެއްގެ ގޮތުން އެ ހަރަދު އިތުރަށް ބޮޑުވެ، ކުންފުނިތަކުގެ ހާލަތު ގޯސްވުމަށް މެދުވެރިވެފަ ހުރިކަން ފާހަގަކުރެވޭ،" ފިރުޒުލް ވިދާޅުވި އެވެ.

މި ތަފްސީލުތައް ހާމަނުކުރެއްވުމަށްފަހު ފިރުޒުލް ވިދާޅުވީ ޔޫޓިލިޓީ ހިދުމަތްތަށް ރަގަޅަށް ފޯރުކޮށްދިނުމުގެ ގޮތުން ޔުޓިލިޓީ ނިޒާމްގެ އޮނިގަނޑު ބަދަލު ކުރަން ވިސްނަމުންދާ ކަމަށެވެ. އެކަން ކުރާނީ ހިދުމަތްތައް ރައްޔިތުންނަށް އެންމެ ރަނގަޅަށް ފޯރުކޮށްދެވޭނެ ގޮތެއް ހޯދައި، ދައުލަތަށް ބުރައަކަށް ނުވާނެ ގޮތަށް ކަން ފާހަގަކުރެއްވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.