ރަށުތެރޭ އޮތް އަޑެއް: ޕީޕީއެމްގެ އެސްޖީ ކަމުން ތޮލާލު ވަކިކޮށް އެ މަގާމަށް މަލީހު!

އިލެކްޝަންސް ކޮމިޝަނުގެ އެސްޖީކަން ވެސް ކުރެއްވެވި ތޮލާލަކީ ޕީޕީއެމްގެ އިދާރީ މަސައްްކަތްތަކުގައި އިސްކޮށް އުޅުއްވާތާ އެތަކެއް އަހަރުވެފައިވާ ބޭފުޅެކެވެ.

ތޮލާލް އާއި މަލީހު: އަޑު ފެތުރިފައި އޮތަސް ދެބޭފުޅުން ވެސް ވިދާޅުވީ ކަމެއް ހިނގައިގެން ނޫޅޭ ކަމަށް

ޕީޕީއެމްގެ އަމީން އާންމު / ސެކެޓްރީ ޖެނެރަލްގެ މަގާމުގައި ހުންނެވި މުހައްމަދު ތޮލާލް އެ މަގާމުން ވަކިކޮށް ރައީސް ޔާމީންގެ ފަރާތްޕުޅުން އެ މަގާމަށް ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު އައްޔަން ކުރި ކަމަށް ބުނާ އަޑުތައް ފެތުރިއްޖެ އެވެ. 

ތޮލާލަކީ ރައީސް ޔާމީންގެ ވެރިކަމުގެއި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. މަލީހަކީ ރައީސް ޔާމީންގެ ވެރިކަމުގެ ޔޫތު މިނިސްޓަރު ކަމުގައި ހުންނަވަނިކޮށް ކުއްލި ގޮތަކަށް މަގާމުން ދުރުކުރި ވަޒީރެކެވެ.

ތޮލާލު އެ މަގާމުން ވަކި ކުރުމާއި އެ މަގާމަށް މަލީހު ލެއްވި ކަމަށް ބުނާ އަޑުތައް ފެތުރިފައި އޮތް ނަމަވެސް އެ ދެ ބޭފުޅުން ކުރެ އެއްވެސް ބޭފުޅަކު އެކަން ކަށަވަރު ކޮށެއް ނުދެއްވި އެވެ. ޕާޓީ އޮފީހުން އެ މައްސަލައަށް ވާހަކައެއް ނުދައްކަ އެވެ.

ތޮލާލު ވިދާޅުވީ އެފަދަ ކަމެއް އޭނާއަށް އެނގިވަޑައިގެންފައި ނުވާ ކަމަށާއި ވަކި ކުރި ނަމަވެސް ވަކި ކުރެވޭނީ ސެނެޓް އެއްވެގެން ކަމަށާއި އަދި ސެނެޓަށް ގޮވާލާނީ ވެސް ސެކްރެޓަރީ ޖެނެރަލް ކަމަށެވެ. އެފަދަ ކަމެއް ނުހިނގާ ކަމަށެވެ. މި އަޑުތަކާ ގުޅިގެން "މި" ނޫހުން މަލީހަށް ގުޅުމުން ސުވާލުގެ ކުރިޔަށް ވިދާޅުވީ "އެއްވެސް މައުލޫމާތެއް ނެތް" ކަމަށެވެ. 

ޕާޓީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ޖަލު ބަންދާއި ގޭ ބަންދުން ވީއްލިފަ އެވެ. އަދި ރަށު ބަންދަށް ބަދަލުކޮށް ލުއިތަކެއް ކަރެކްޝަނުން ދީފައި އެވެ. އެ މިނިވަން ކަމާއެކު އެ މަނިކުފާނު ވަނީ ސިޔާސީ މަސައްކަތް ފައްޓަވައި ފުރަތަމަ ޖަގަހަ ޖަލްސާ ވެސް ކުރީން ބާއްވާފައި ވެއެވެ. އަދި އޭގެ ކުރީން ވަނީ ޕާޓީގެ މެންބަރުންނާ ވެސް ބައްދަލު ކުރައްވާފަ އެވެ. އެ ހަރަކާތްތައް ހިނގި ދުވަސްވަރު ވެސް ތޮލާލު މަގާމުން ވަކި ކުރަން ރައީސް ޔާމީން ނިންމަވާފައިވާ ކަމަށް އަޑުތައް ފެތުރުނެވެ. 

ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒު އެ މަނިކުފާނުގެ ރިޔާސީ ދައުރު މިދިއަ ހުކުރު ދުވަހު ފައްޓަވާފައި ވާއިރު ރައީސް ޔާމީނާ ދެ ބޭފުޅުންގެ މެދުގައި ގުޅުމެއް ނެތެވެ. ދެ ބޭފުޅުން ބައްދަލު ކުރަވާފައި ވެސް ނުވެއެވެ. 

ތޮލާލަކީ ޕީޕީއެމްގެ އިދާރީ މަސައްްކަތްތަކުގައި އިސްކޮށް އުޅުއްވާތާ އެތަކެއް އަހަރުވެފައިވާ ބޭފުޅެކެވެ. އަދި އޭނާއަކީ ރައީސް ޔާމީން މިދިއަ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް މަސައްކަތް ކުރެއްވި އިރު ކަނޑައެޅި އެ މަނިކުފާނުގެ އިންތިހާބީ އެޖެންޓެވެ. ރައީސް ޔާމީނަށް އިންތިހާބުގައި ވާދަ ކުރެއްވޭ ގޮތް ނުވުމުން ފަހުން ތޮލާލު ހުންނެވީ އިންތިހާބުގައި ވާދަ ކުރެއްވި ރައީސް މުއިއްޒުގެ ތަރުޖަމާނުގެ ގޮތުގަ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ އެސްޖީކަން ވެސް ތޮލާލު އަދާ ކުރެއްވެވި އެވެ.  

ތޮލާލުގެ އިތުރުން ޕާޓީގެ ސްޕޯކްސް ޕާސަން ހީނާ ވަލީދު މަގާމުން ދުރުކޮށް އެ މަގާމަށް އައްބާސް އާދިލު ރިޒާ ގެންނަ އަޑުތައް ވެސް މިއަދު ފެތުރިފައި އެބައޮތެވެ. 

ޕާޓީގެ އަމީން އާންމު މަގާމުން ވަކިކުރުން:

ޕީޕީއެމްގެ އަމީން އާންމުގެ މަގާމަށް ތޮލާލު ހަމަޖައްސާފައި ވަނީ ޑިސެމްބަރު 15، 2020 ގައެވެ. އެ މަގާމުން ތޮލާލު ވަކި ކުރި ސަބަބެއް އަދި ސާފެއް ނުވެއެވެ. ޕީޕީއެމްގެ ހިންގާ ގަވައިދުގައި ޕާޓީގެ އަމީން އާންމު ވަކިވާ ހާލަތްތައް ހިމަނާފައި ވެއެވެ. އެއީ: 

  •  މަޤާމުގެ މުއްދަތު ހަމަވުން
  •  ޝަރުއީ ކޯޓަކުން އޭނާގެ މައްޗަށް ޖިނާޢީ ކުށެއްގެ ޙުކުމް އިއްވާ، ހުކުމަށް ބަދަލެއްނައިސް ޝަރުޢީ މަރުޙަލާތައް ނިންމުން
  •  އަމީން އާންމުގެ މަސްއުލިއްޔަތު އަދާ ކުރުމަށް ނުކުޅެއްދިއްޖެ ކަމަށް ފެނިއްޖެ ހިނދެއްގައި ކައުންސިލަށް އެމައްސަލަ ހުށަހަޅާ ކައުންސިލްގެ އަޣްލަބިއްޔަތުން ފާސްކުރުން
  •  އަމީން އާންމު އޭނާގެ މަސްއޫލިއްޔަތު އަދާ ކުރަން ނުކުޅެއްދިއްޖެ ކަމަށް ޕާޓީގެ ކައުންސިލުން ފާސްކުރުން
  •  ޕާޓީގެ އަސާސީ ގަވާއިދާ ހިލާފުވެއްޖެކަމަށް ޕާޓީގެ ކައުންސިލަށް ފާސްކުރުން
  •  ޤާނޫނުގައިވާ ގޮތުގެމަތިން، އިފްލާސް ކުރެވުން
  •  މަގާމުގެ މަސްއޫލިއްޔަތު ދާއިމީ ގޮތެއްގައި އަދާ ނުކުރެވޭފަދަ ހާލަތެއް މެދުވެރިވުން

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2023 Mi. All rights reserved.