ރައީސް ޝީ ޖިން ޕިންއާ އަރިސް ކަމެއް އޮތް ލީ މަގާމުން ދުރު ކުރި އިރު އޭނާ އާންމުންގެ ތެރޭންނާއި ރަސްމީކޮށް ވެސް އެންމެ ފަހުން ފެނިފައި ވަނީ ބެއިޖިންގްގައި ބޭއްވި ސަލާމަތީ ކަންކަމާ ގުޅޭ ފޯރަމްގަ އެވެ.
ޗައިނާގެ ޑިފެންސް މިނިސްޓަރު ލީ ޝަންފޫ މަގާމުން ވަކިކޮށްފި އެވެ. ލީ މަގާމުން ވަކި ކުރީ އާންމުންގެ ތެރެއިން ގެއްލުނުތާ ދެ މަސް ފަހުން އިއްޔެ އެވެ.
ލީ މަގާމުން ވަކި ކުރި ސަބަބެއް ޗައިނާއިން މިހާތަނަށް ހާމައެއް ނުކުރެ އެވެ. ހަމަ އެކަނި ބުނެފައި ވަނީ ލީ ޗައިނާގެ ސްޓޭޓް ކައުންސިލުން ވެސް ވަކިކޮށްފައިވާ ކަމަށެވެ. އެކަމަކު އަސްކަރީ އާލާތާއި ސާމާނު ގަތުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމުގެ ތުހުމަތުތަކެއް ލީގެ މައްޗަށް އޮވެ އެވެ. އަދި އެކަން ބައިނަލްގުވާމީ މިޑިއާގެ ސަމާލު ކަމަށް އައި ހިސާބުން ފެށިގެން ޗައިނާއިން ވަނީ އޭނާ މެދު ފިޔަވަޅުތައް އަޅަން ފަށާފަ އެވެ.
ނަމަވެސް އޭނާ "ގެއްލުމާ" އި މަގާމުން ދުރު ކުރުން ދިމާވީ އަސްކަރިއްޔާ އާއި ސަރުކާރުގެ ވެސް ވަރަށް ގިނަ ސީނީއާ ފަރާތްތައް އެކަހެރިކޮށް މަގާމުން ދުރުކުރާ ދަނޑިވަޅެއްގަ އެވެ.
މިދިއަ ޖުލައި މަހުގެ ތެރޭގައި ޗައިނާގެ ހާރިޖީ ވަޒީރު ވެސް މަގާމުން ދުރުކޮށްފައި ވެއެވެ.
ރައީސް ޝީ ޖިން ޕިންއާ އަރިސް ކަމެއް އޮތް ލީ މަގާމުން ދުރު ކުރި އިރު އޭނާ ވަނީ ގެއްލިފަ އެވެ. އާންމުންގެ ތެރޭންނާއި ރަސްމީކޮށް ވެސް އެންމެ ފަހުން އޭނާ ފެނިފައި ވަނީ ބެއިޖިންގްގައި ބޭއްވި ސަލާމަތީ ކަންކަމާ ގުޅޭ ފޯރަމްގަ އެވެ. އެއީ އެފްރިކާ ގައުމުތަކަށް ހާއްސަކޮށް ބޭއްވި ފޯރަމެކެވެ.