އިމްރާން އެހައި "އަނގަ ގަދަ" ވެެގެން އުޅެނީ ކީއްވެ؟

ފަލަސްތީނުގެ "ނަން ފިލާގަނޑު" ހިފައިގެން ނިކުންނަވާ މާ ބޮޑަށް "އަނގަ ގަދަ" ވެގެން ތި އުޅުއްވާ ސަބަބު ރައްޔިތުންނަށް ސާފެވެ. ތިޔަ އުޅުއްވަނީ ސިޔާސީ މައިދާނުން އެކަހެރިވެ ނިމޭން ދާތީ ދަތުރު ދިގު ކުރެވޭނެ މަގެއް ހޯއްދަވާށެވެ.

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ: ސިޔާސީ މައިދާނު ގައި އެންމެ ތާއީދު ކުޑަ ލީޑަރަކީ އިމްރާން -- މި

ދީނީ ދަންނަބޭކަލެއްގެ ގޮތުގައި ރާއްޖެ ވަޑައިގެން ދީނީ މަސައްކަތަށް ވުރެ ސިޔާސީ މަސައްކަތަށް އިސްކަން ދެއްވާ އެ ދާއިރާ އިން ކުރިއަށް ވަޑައިގެންނެވި އިމްރާން އަބްދުﷲ އަކީ އަދާލަތު ޕާޓީގެ ރަައީސެވެ. މީގެ 24 ދުވަސް ފަހުން ނިމޭން މިދާ ސަރުކާރުގެ ބައިބަހަން ކޯލިޝަންގެ ވެރިން ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ރަައީސް އިބްރާހިމް މުހައްމަދު ސޯލިހް އަރިހުގައި އަމިއްލަފުޅަށް އާދޭސް ދަންނަވައިގެން ހޯމް މިނިސްޓަރު ކަމަށް ވަޑައިގެން ހުންނެވި އިމްރާން އަބްދުﷲ އަކީ އާންމުންގެ ވަރަށް ބޮޑު ހިތްހަމަ ނުޖެހުން އޮތް ބޭފުޅެކެވެ. އޭނާ ހިންގަވާ ކުޑަ ޕާޓީ، އަދާލަތަކީރާއްޖޭގެ ސިޔާސީ މަސްރަހުން ފެންނަން އޮތް އެންމެ ބަލިކަށި / ނިކަމެތި ޕާޓީ އެވެ.

ހޯމް މިނިސްޓަރު ކަމަށް ވަޑައިގަތުމަށް ރައީސް ސޯލިހަށް އާދޭސް ދަންނަވާ ކޯލިޝަން ލީޑަރުންގެ އަރިހުގައި ފުލުހާއި ޖަލުތައް ރަނގަޅު ކުރެވޭނީ ޖަލުގެ ތަޖުރިބާއާ ފުލުސް ބަންދުގައި ދުވަސްތައް ހޭދަކުރި މީހަކަށް ކަމަށް ވިދާޅުވެ އެ މަގާމަށް ވަޑައިގެން ދައުރުގެ ހަތަރު އަހަރު ހޭދަ ކުރެއްވީ އަމިއްލަފުޅު ޖާހު ބޮޑު ކުރެއްވުމުގައި ކަމަށް ތުހުމަތު އޮވެ އެވެ. ތުރުކީގައި އަމިއްލަފުޅު ވިޔަފާރިއާއި ގެދޮރު ހުންނަ ކަމަށް ތުހުމަތު އޮވެއެވެ. 

ރަައީސް ސޯލިހްގެ ވެރިކަމުގެ ފުރަތަމަ ހަތަރު އަހަރު ހިނގައިދިޔަ ބޮޑު އެއްވެސް ކަމަކާ ގުޅޭގޮތުން އިމްރާން ވާހަކަ އެއް ނުދައްކަވައެވެ. މިނިސްޓްރީއާ ގުޅުން ހުރި ކަމެއް ގައި ނޫން ގޮތަކަށް ސޯޝަލް މީޑިއާގައި ޕޯސްޓެއް ނުކުރައްވަ އެވެ. ރަސްމީ ބައްދަލުވުމަކުން / ޖަލްސާ އަކުން ނޫނީ ފެނިވަޑައެއް ނުގަންނަވަ އެވެ.

އިސްލާމް ދީނަށް މިހާ ބޮޑަށް އިހާނެތިކޮށް އަމަލުތައް ހިނގި ދުވަސްވަރެއް މި ފަހުން މި ދިވެހި ރާއްޖެ ދެކެފައެއް ނުވެއެވެ. މާތްﷲ އާއި ރަސޫލާއަށް ފުރައްސާރަ ކުރާ މީހުން ފާޅުގައި އެކަން ކުރި އެވެ. ރައްޔިތުން ނުކުމެ ފަހައިގަންނަ ހިސާބަށް ދިއުމުން ސަރުކާރުގެ އެހީ ލިބިގެން ރާއްޖެއިން ފުރައިގެން މިނިވަން ކަމާއެކު ދިޔަ އެވެ. ދީނަށް ފުރައްސާރަކޮށް ޖަމިއްޔާތަކުން ލާދީނީ ރިޕޯޓްތައް ނެރެ އާންމު ކުރި އެވެ. އެއްޖިންސުން ޖިންސީ އަމަލު ހިންގާ ހުތުުރު ވީޑިއޯތައް ގިނަ ވެގެން، ރަނގަޅަށް ތިބި ދިވެހީން ތިބީ ހޮޑު އަންނަ ވަރުގަ އެެވެ. މިހެންވެސް ބޭދީނީ ކިތަންމެ ކަމެއް ހިނގި އެވެ. މިއިން ކަމަކާ އަދާލަތުން ބުނި ބަހެއް ނެތެވެ. އޭގެ ބަދަލުގައި "މުނާފިގު" ކަން ދައްކާ ސަރުކާރު ދިފާއު ކުރުމުގައި ދެމި ތިބީ އެވެ. އެކަން އެގޮތަށް ކުރެއްވީ މި އިމްރާނެވެ.

މި ހުރިހާ ކަަމަކަށް "ހައްޕު" ކިޔައިގެން މަގާމުގެ ޝަރަފުގައި ދެމި ހުންނެވި އިމްރާނަށް ކޮންމެވެސް ގޮތެއްވީ ރިޔާސީ އިންތިހާބު ބޯމަތިވުމުންނެވެ. ކުއްލިއަކަށް އެކްޓިވި ވިއެވެ. ޕޯސްޓް ކުރައްވަނީ އެކަން މެކްހަށް ލައްވައިގެނެވެ. ދަންވަރަށް އަރާ ފޯރި މާގަދަ އެވެ.

ދަންނަ ބޭކަލެއް ކަމަށްވާ އިމްރާން އަބްދުﷲ އެމްޑީޕީގެ ކެމްޕެއިން ޖަލްސާ އެއް ގައި ވާހަކަފުޅު ދައްކަވަނީ. އޭނާ އަކީ ރާއްޖޭގެ އާންމުންގެ ފާޑު ކިޔުން އޮންނަ އަދި މަގުބޫލުކަން ކުޑަ ސިޔާސީ ބޭފުޅެއް

ރިޔާސީ ދެވަނަ ދައުރެއް ހޯއްދެވުމަށް ރައީސް ސޯލިހް ކެމްޕޭން ރަސްމީ ކުރެއްވިއިރު އިމްރާން ހުންނެވީ އޭގެ ކުރީން އޭނާ ހުންނެވި ހާލަތަށް އަލުން ރުޖޫއަ ވެގެނެވެ. ރައީސް ސޯލިހަށް ދެވަނަ ދައުރެެއް ލިބިވަޑައިގެންފިނަމަ ސަރުކާރުން ހެޔޮވަރު ބައެއް ހޯދޭ މިންވަރަށް އިމްރާންގެ އަޑު ގަދަކޮށްލައްވައިގެނެވެ. ވާދަވެރީންނަށް ފާޑު ވިދާޅުވުމާއި ބުހުތާނު ދޮގުތަކުން ތުހުމަތު އެޅުއްވުމުގައި ކުރިއެކޭ އެއް ހަމައަކަށް ވަޑައިގެނެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭން ގައި ރައީސް ސޯލިހާއެކު ރާއްޖޭގެ ހުރިހާ ރަށަކަށް ހެން އިމްރާން ވަޑައިގަތެވެ. ރައީސަށް ކެމްޕޭން ކޮށް ދެއްވުމުގެ ނަމުގައި ވާދަވެރި ކެންޑިޑޭޓުންނަށް ބަހުގެ ހަމަލާ ދެއްވާ ބުހުތާނު ދޮގު ތަކުން އެ ކެންޑިޑޭޓުންގެ އަބުރު ކަތިލެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ. އެކަމަކު ރޮއެފައި ކުރެއްވި ދުއާތަކާއި ކަރުން ނާރު ނަންގަވާ ދެއްކެވި ވާހަކަތަކުން މި ފަހަރު ކާމިޔާބަކާ ހަމައަށް ވަޑައިގެންނެވޭ ގޮތެއް ނުވި އެވެ.

ހޯމް މިނިސްޓަރު ކަމުގައި އިތުރު ފަސް އަހަރު ހޭދަ ކުރެއްވުމުގެ ވަރުގަދަ އެދުމުގައި ކުރެއްވި މަސައްކަތް ނާކާމިޔާބު ވެވަޑައިގަތީ އެވެ. އާރާއި ބާރުގައި ހުންްނެވޭނެ ކަމަށް ކުރެއްވި އުންމީދު ފެނަށްވެ އޭނާގެ އޯޑަރަށް މަސައްކަތް ކުރެއްވި "ޝެއިހު" ންނާ އެކު މަގުމަތިވުމުގެ ދަތުރު ފެށުނީ އެވެ.

އެހެން ކަމުން އަދާލަތު ކުރީން އޮތް ހާލަތަށް ގެނައުމާއި ސިޔާސީ މައިދާނުގައި އިމްރާނަށް ކުރީން އޮތް މަގާމު ހޯދުމުގެ އާ ކުޅިއެއް ކުޅުއްވާން އޮތީ ޖެހިފަ އެވެ. އެކަން ހާސިލު ކުރައްވަން ކޮންމެ ފަދަ ވާހަކަ އެއް ދައްކަވަން ޖެހިވަޑައިގަތަސް އަދި ކޮންމެ ފަދަ ކަމެއް ކުރައްވަން ޖެހިވަޑައިގަސް އިމްރާން ފަސް ޖެހިވަޑައި ނުގަންނަވާނެ އެވެ. 

މި ފަހަރު އިމްރާން މަސައްކަތް ކުރެއްވީ ފަލަސްތީނަށް މިވަގުތު ކުރިމަތިވެފައިވާ ހާލަތުގެ ވާހަކަ ދައްކަވާ ފަލަސްތީނުގެ މުސްލިމުންގެ "ނަން ފިލާގަނޑު" ހިފައިން ނުކުންވާ އޭނާގެ ސިޔާސީ އެޖެންޑާ ހާސިލު ކުރައްވާށެވެ. ފުރަތަމަ ފެއްޓެވީ ފަލަސްތީނުގެ ދިފާއުގައި އެކި މީހުން ކޮށްފައި ހުންނަ ޕޯސްޓްތައް ރި-ޕޯސްޓް ކުރެއްވުމެވެ. ގާޒާގެ ހާލަތު ގޯހުން ގޯހަށް ގޮސް ޔަހޫދީންގެ އަނިޔާވެރިކަން ހައްދުފަހަނައަޅާ ދިޔަ ވަގުތާއި ދިމާކޮށް ދެން އިއުލާނު ކުރެއްވީ އޭނާ އިސްވެ މުޅި ރާއްޖޭގައި ބޮޑު އިހުތިޖާޖެއް ކުރައްވާނެ ކަމެވެ.

އިމްރާންގެ މި އިއުލާނު އައިރު އިހުތިޖާޖުތަކާއި ވެހިކަލް ބުރުތަކާއި ގާޒާގެ ރައްޔިތުންނަށް އެހީވުމުގެ ކެމްޕެއިން އޮތީ ފުޅާކޮށް ފެށިފައެވެ. އެކަންކަން އެއީ ކުދިކުދި ހަރަކާތްތަކުގެ ގޮތުގައި ދައްކާ ބޮޑު އެއްވުމެއް އިންތިޒާމު ކުރައްވާނެ ކަމަށް އިއުލާނު ކުރެއްވީ ފަލަސްތީނުގެ މައްސަލައާ ގުޅުން ހުރި ކަމަކަށްވާތީ އިމްރާންގެ ފަހަތަށް ދިވެހީން ޖަމާވާނެ ކަމުގައި ދެކި ހީލަތްތެރި ރޭވުމެއްގެ ތެރެއިންނެވެ.

އަދާލަތުގެ ރައީސް އިމްރާން އަބްދުﷲ: ސިޔާސީ މަންފާއަށް ކޮންމެ ފަދަ ކަމެއް / ވާހަކަ އެއްވެސް ދައްކަވާފާނެ

އެ މަގުސަދު ހާސިލު ކުރަން އިމްރާން އިސްވެ އަދާލަތުން މި ފަހަރު ފެށި މަސައްކަތް ކާމިޔާބު ވާގޮތެއް ނުވި އެވެ. ދިވެހީންނަށް އިމްރާން އެނގެއެވެ. މާ ބޮޑަށް މާ ސާފުކޮށް އެނގެ އެވެ. އޭނާގެ ކުޑަކުޑަ އަދާލަތު ވެސް އެނގެއެވެ. 

ފައިސާއާ މަގާމުގެ އެދުމުގައި އެކި ފަހަރު އެކި ސިޔާސީ ލީޑަރުންނަށް އިމްރާނާއި އަދާލަތު ޝަނާ ކިޔައިފި އެވެ. ރޮއެފައި ދުއާކޮށް ދީފި އެވެ. ދީން ކުރިއަށް ނެރެ ސިޔާސީ ހަރަކާތް ހިނގައިދީ ރައްޔިތުން ވާވައްދައިފި އެވެ. ހިތަށް އެރި ކޮންމެ ދޮގެއް ޖެހިލުމެއް ނެތި ހަދައިދީފި އެވެ. ހުތުރު ވެގެން ދެން ކުރާނެ އިތުރު ކަމެއް ނެތެވެ. އެހެންވީމަ މި ފަހަރު އިމްރާން ބޭނުންވި ނަތީޖާ ނެރެވޭ ގޮތެއް ނުވީ އެވެ.

އިމްރާންގެ މަގުސަދު ހާސިލު ނުވުުމުން އަދާލަތުން އަދިވެސް ރަނގަޅު ފުރުސަތުތަކެއް ލިބިދާނެ ކަމުގެ އުންމީދުގައި ތިއްބެވި ދެ އިލްމުވެރިއަކު ބޭރަށް ނެރެ ފަލަސްތީނުގެ މައްސަލާގައި ދިވެހި ގައުމުގެ ލީޑަރަކީ އިމްރާން ކަމުގައި ވެސް ދައްކަން އުޅެފި އެވެ. ފަލަސްތީނަށްޓަކައި ދިވެހީން މިހާތަނަށް ކުރި އެތައް ކަމެއްގައި ލީޑަރަކީ އިމްރާން ކަމުގައި ބުނެ ރައްޔިތުން ވާވެއްދޭތޯ މަސައްކަތް ކޮށްފި އެވެ.

ދިވެހީން މި ފަހަރު ތިބީ އެއަށް ވުރެ މާބޮޑަށް އިމްރާނާއި އަދާލަތަށް ފާރަވެރިވެގެންްނެވެ. އިމްރާންގެ އަނގަށް ކުއްލިއަކަށް ގަދަވީ މަގާމު ގެއްލޭން ދާ މި ދަނޑިވަޅުގައި ފަލަސްތީނުގެ ހައްގުގައި ދިވެހީން އެއްބައިވަންތަ ކުރާނެ ލީޑަރަކީ ތިމަންނާ ކަމުގައި ދެކި ސިޔާސީ ގޮތުން ކުރިއަށް ވަޑައިގެންނެވޭނެ މަގެއް ހޯދުން ކަމުގައި ދިވެހީންނަށް މާ ބޮޑަށް ސާފެވެ. އެއީ މަގާމުގެ އަރާއި ބާރުގައި ހުންނެވިއިރު ފަލަސްތީނުގެ ހައްގުގައި ދިވެހީން ކުރިއަށް ގެންދިޔަ ސައިކަލަށް ބުރަށް ހުރަސް އަޅަން ފުލުހުން ފޮނުވި މިނިސްޓަރު ކަން ދިވެހީން ހަނދާނެއް ނުނެތެއެވެ. އިމްރާނާއި އޭނާއާއެކު ތިބި ސިޔާސީ މަސައްކަތަށް ހާއްސަ "ސިޔާސީ ޝޭހު"ން ކޮންމެ ތާކު ތިއްބަސް ފަލަސްތީނަށްޓަކައި ދިވެހީން ނިކުމެ ކުރާން ޖެހުނު ކޮންމެ ކަމެއް ކުރާނެ އެވެ. އެކަން އެ ދަނީ ކުރަމުންނެވެ. ކުރީން ވެސް ކުރީ އެވެ. 

އިމްރާންގެ ޕްލޭންގައި އަބަދުވެސް އޮތީ ދީނަށް ލޯބިކުރާ ޒުވާނުން ކޮންޓްރޯލް ކުރުމެވެ. އަދި ދީނީ ޖަމިއްޔާތައް އަދާލަތުގެ ކޮންޓްރޯލްގެ ދަށުގައި ބޭއްވުމެވެ. މިހާތަނަށް އިމްރާން އެކަން ކުރެއްވީ ރޯބުހުތާނު ދޮގު ހައްދަވައިގެނެވެ. އިލްމުވެރީން އަދާލަތު އޮފީހަށް އެއްކުރައްވާ ސަރުކާރުން މިވެނި އެވެނި ކަމެއް ކުރަން އެބަ ރާވާއޭ، އިލްމުވެރީންނަށް އެނގިވަޑައިނުގަންނަވާ ކިތަންމެ ކަމެއް ތިމަންނާއަށް އެނގޭ ކަމަށް ވިދާޅުވެ އަސާސެއް ނެތް ދޮގުތަކުން އިލްމުވެރީން އަނބުރާލަނީ އެވެ. ދެން ރަށްރަށަށް ދަތުރުކޮށް ދައުވަތުގެ މައިދާނުގައި ތިބި ޒުވާނުންނާއި ބައްދަލުކޮށް ނަން މަޝްހޫރު ހުރިހާ އިލްމުވެރީންގެ ނަން ވިދާޅުވެ އެ ބޭފުޅުން ތިއްބެވީ ތިމަންނާގެ މި ވިސްނުމާ އެކީ ކަމަށް ވިދާޅުވެ އެ ޒުވާނުން ހައްލައިލަނީ އެވެ.

އެކަމަކު އެ ޕްލޭން ދެން ނުހިނގާނެ އެވެ. އިމްރާން ނެެރުއްވާ އެ ނޫން ޕްލޭނެއް ވެސް ދެން ހިނގާނެ އޭ ހީއެއް ނުވެއެވެ. ފަލަސްތީނުގެ "ނަން ފިލާގަނޑު" ހިފައިގެން ނުކުންނަވާ މާ ބޮޑަށް "އަނގަ ގަދަ" ވެގެން އުޅުއްވާ ސަބަބު ރައްޔިތުންނަށް ސާފެވެ. އުޅުއްވަނީ ސިޔާސީ މައިދާނުން އެކަހެރިވެ ނިމޭން ދާތީ ދަތުރު ދިގު ކުރެވޭނެ މަގެއް ހޯއްދަވާށެވެ.

ކޮމެންޓް

9
450
ށޮބުރީ
6 months ago

-- ދެން އުޅުއްވާގޮތެއް އަނެއްކާވެސް

ށޮބުރީ
6 months ago

ފަހަރިބޭ ދެން އުޅުއްވާގޮތެއް އަނެއްކާވެސް

ނީމާ
6 months ago

ސެލިބުރޭޓް ކުރުން ގަނޑު މޮޅުވެ އެ ހުރީ މޮޔަވެފައި. ދެން އަނގަ ގަދަ ވޭ

ށޮބުރީ
6 months ago

ވަރަށް ގޮތެއް ނެތް އިންސާނެއް. މިހާރު އެ އުޅެނީ އަނެއްކާ ވެސް ހީރޯ ހެދުން. ލަަދު ކުޑަ ވިޔަސް ބޮޑުވަރު

ދދދދދ
6 months ago

މީ ވަރަށް ދޮގު ގިނަ ލިޔުމެއް! ޝެއިޚް އިމްރާނަކީ ސިޔާސީ މަންފާ އަށްޓަކައި ފަލަސްތީނު މައްސަލަ ބޭނުން ކުރާނެ މީހެއްނޫން. އެގޭތީ މި ބުނީ

ޢަލީ
6 months ago

މި ލިޔުމުން އެނގެނީ ލިޔުންތެރިޔާ ޖަޒުބާތުގައި ޖެހިފައި ހުރި މިންވަރާއި، ކަންކަން ހިނގާފައިވާ ގޮތް ރަނގަޅަށް ރޯފިލާފައި ނެތް ކަމެއް. ޙަޤީޤީ ނޫސްވެރިންނެއް މިކަހަލަ ލިޔުމެއް ނުލިޔާނެއެވެ.

ޙަސަން
6 months ago

މީ ވަރަށް ދިރާސާކުރެވިގެން ލިޔެފައިވާ އަދި އެހާމެ ފުރިހަމަ ލިޔުމެއް. އިމްރާނަކީ ދީނަށް ވަފާތެރު މީހެއްނޫން.

އަބްދުﷲ
6 months ago

މީ ވަރަށް ދޮގު ގިނަ ލިޔުމެއް! ޝެއިޚް އިމްރާނަކީ ސިޔާސީ މަންފާ އަށްޓަކައި ފަލަސްތީނު މައްސަލަ ބޭނުން ކުރާނެ މީހެއްނޫން. އެގޭތީ މި ބުނީ

ޙުސައިން
6 months ago

އެނގިގަނެގެން ދެން ހުރޭ. އިމްރާނަކީ ދޮގާ މަކަރުން ފުރި ބާރުވެފައި ހުރި މީހެއް. އިރެއްގައި އަހަރެންވެސް އެމް.ޑީ.ޕީ ވީން. އެކަމަކު އިބޫއަށް މިފަދަ މުނާ ފިގުން މާ ކަމުދިއުމުން ފޫހިވީ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.