ފަލަސްތީނުގެ "ޓެގް" ގައި ނިކުންނާތީ އަމާޒުވާ ފާޑުކިޔުންތަކަށް އިމްރާންގެ ރައްދެއް

މަގާމު ގެއްލިވަޑައިގެން ސިޔާސީ މައިދާނުގައި ދެން ކުރިއަށް ވަޑައިގަންނަވާނެ ގޮތެއް މިވަގުތަށް ނެތް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ، އަލުން މައިދާނަށް ވަޑައިގަތުމަށް ފަލަސްތީނުގެ ނަން ފިލާގަނޑު ބޭނުން ކުރައްވައިގެން ކުރައްވާ މަސައްކަތްތަކަށް ބޮޑު ފާޑުކިޔުމެއް އޮވެއެވެ.

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ

މަގާމު ގެއްލިވަޑައިގެން ސިޔާސީ މައިދާނުގައި ދެން ކުރިއަށް ވަޑައިގަންނަވާނެ ގޮތެއް މިވަގުތަށް ނެތް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ، އަލުން މައިދާނަށް ވަޑައިގަތުމަށް ފަލަސްތީނުގެ ނަން ފިލާގަނޑު ބޭނުން ކުރައްވައިގެން ކުރައްވާ މަސައްކަތްތަކަށް އާންމުން އަމާޒު ކުރަމުންދާ ފާޑުކިޔުންތަކަށް އޭނާ ރައްދު ދެއްވައިފި އެވެ.

ކުރިއަށް އޮތް ނޮވެންބަރު މަހުގެ 17 ވަނަ ދުވަހު އިމްރާން ނިސްބަތްވާ މި ސަރުކާރު ނިމުމަކަށް އަންނާނެ އެވެ. މި ސަރުކާރު ނިމުމަކަށް އަންނައިރު ދިވެހީންގެ އެންމެ ބޮޑު ރުޅިވެރިކަމަކާއި ފާޑުކިޔުމެއް އޮތް ބޭފުޅަކީ އިމްރާނެވެ. އިމްރާނާއި އޭނާ ރައީސްކަން ކުރާ ކުޑަ ޕާޓީ -- އަދާލަތަކީ އާންމު ރައްޔިތުންގެ ތަރުހީބު ކުޑަ އެކަމަކު އާންމު ރައްޔިތުންގެ ފާޑު ކިޔުމާއި ނުރުހުން ބޮޑު ދެ ފަރާތެކެވެ.

ރިޔާސީ އިންތިހާބުން މި ސަރުކާރު ބަލިވުމުން ސިޔާސީ ގޮތުން ކުރީން ހުންނެވި މަގާމަށް ވަޑައިގެންނެވޭތޯ އިމްރާން ގެންދަނީ މަސައްކަތް ކުރަމުންނެވެ. މިހާރުގެ ހާލަތުގެ ނާޖައިޒު ފައިދާ ނަގާ އާންމުންނަށް އޮޅުވާލަން ފަލަސްތީނާ އެކު ދިވެހިން ތިބިކަން ހާމަކުރަން ކުރިއަށް ގެންދާ ހަރަކާތްތައް ލީޑު ކުރެވޭތޯ އޭނާ ދަނީ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން ކުއްލި އަކަށް އެ މައުލޫގައި ދީނީ ދަރުސްތައް ދެއްވަން ފައްޓަވާ ރާއްޖޭގައި ވަރުގަދަ އިހުތިޖާޖެއް ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވަނީ އިއުލާނު ކޮށްފައެވެ. އަދި ފުރުސަތު އޮތް ޓީވީ ޗެނަލްތަކަށް ޖާގަ ހޯދާ އޭނާއާއެކު ތިބި މަދު އިލްމުވެރީންނާ އެކު ޕްރަގްރާމްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

އެކަމާއި ގުޅިގެން ވަރަށް ގިނަ ބަޔަކު ވަނީ އިމްރާނާއި ދެކޮޅަށް ތެދުވެ ފާޑުކިޔާފައެވެ. އަދި އިމްރާން ލީޑު ކުރާ އެއްވުމަކަށް ނުދާނެ ކަމަށް ބުނެ ސޯޝަލް މީޑިއާ ގައި ބޮޑު ކެމްޕެއިނެއް ވަނީ ފަށާފައެވެ.

އިމްރާނާ ދެކޮޅު ކެމްޕެއިނާއި އޭނާއަށް އަމާޒުވާ ފާޑުކިޔުންތަކަށް ރައްދު ދެއްވާ މިރޭ ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގު ގައި ފަރުދީ ގޮތުން ކުރެވެން ހުރި ހުރިހާ ކަމެއް އޭނާ ކުރާނެ ކަމަށެވެ. އަދި އެއްވެސް ފަރާތެއްގެ އިންޒާރަކަށް ބިރު ދެއްކުމަކަށް އޭނާ ފަހަތަށް ޖެހޭނެ ކަމަށް ހީނުކުރުމަށް އިންޒާރު ކޮށްފައިވެއެވެ.

އެންމެ ގިނައިން މީހުން ފާޑު ކިޔާ ސިޔާސީ ޓްވީޓް ކުރައްވާ އިމްރާންގެ މި ޓްވީޓަށް ވެސް ވަރަށް ގިނަ ބަޔަކު ވަނީ ރައްދު ދީފައެވެ. އެ މީހުން ވަނީ އިމްރާނަށް އިންޒާރު ދޭ މީހަކު ނެތް ކަމަށް ބުނެ އަމިއްލައަށް މަގުބޫލުވާން ކުރާ މަސައްކަތް ހުއްޓާލަން ގޮވާލާފައެވެ.

"ދިވެހީންނަކީ ގަމާރުންނެއް ނޫން. އިމްރާން ތިޔަ އުޅެނީ ކީއްކުރަންކަން ދިވެހީން ދަނޭ. ފަލަސްތީނުގެ ހައްގުގައި މިދިޔަ ފަސް އަހަރު އާރާއި ބާރުގައި ހުރެ ކުރީ ކީއް،" އާންމުންގެ މީހަކު އިމްރާނަށް ރައްދުދީ ލިޔެފައި ވެއެވެ.

ބައެއް މީހުން ވަނީ ފަލަސްތީނުގެ ހައްގުގައި ރާއްޖޭގައި ބޭއްވި ސައިކަލު ބުރު ހުއްޓުވި މީހަކީ އިމްރާން ކަމަށް ވިދާޅުވެ ފާޑު ކިޔާފައެވެ. 

"ކަލޭ [އިމްރާން] ނެތަސް ފަލަސްތީނުގެ ކަންކަން އަހަރެމުން ކުރާނަން. މިދިޔަ ފަސް އަަހަރުވެސް ފަލަސްތީނު އޮތޭ. ތިޔަ ޖަހަން އުޅޭ ސަކަރާތެއް ދެން މި ގައުމުގައި ނުޖެހޭނެ. ބާރާއި އާރު އޮވެ އިޒްރޭލުގެ ފްލައިޓްތައް ގެނައީ. މިހާރު މާ ފަލަސްތީނު ވާނެ ކަމެއް ނެތް. [ތިއީ] ޣައްދާރެއް،" އެހެން މީހަކު ލިޔެފައިވެއެވެ.

ސަލާމުކަން ހޯދާށާއި މަގުބޫލު ވެވޭތޯ އިމްރާން ގެންދަނީ ވަރަށް ގިނައިން އެކްސްގައި ޕޯސްޓްތައް ކުރަމުންނެވެ. ނަމަވެސް ވަރަށް މަދު ބަޔަކު ނޫނީ އިމްރާންގެ ޓްވީޓަކަށް ލައިކް ވެސް ނުކުރެއެވެ. ފާޑުކިޔުން ބޮޑުވުމުން އޭނާގެ ޕޯސްޓްތަަށް ކޮމެންޓް ނުކުރެވޭ ގޮތް ހަދާފައިވާތާ ކިތަންމެ ދުވަހެކެވެ. ނަމަވެސް އާންމުންގެ ފާޑުކިޔުންތަކުން އޭނާއަށް ސަލާމަތެއް ނުވެވެއެވެ. ޓްވީޓްތައް ރި-ޓްވީޓްތައް އޭނާއަށް ވަރަށް ބޮޑަށް އާންމުން ފާޑުކިޔުން އަމާޒު ކުރެއެވެ.

އިމްރާން ރޭ ވަނީ ބަންޑާރަ މިސްކިތުގައި ފަލަސްތީނުގެ މައުލޫއަށް ކުއްލި ދަރުހެއް ވެސް ބާއްވާފައެވެ. އިމްރާން އަންގާ ގޮތަކަށް އަމަލު ކުރާ އިލްމުވެރީންގެ ތެރޭގައި ހިމެނޭ އަޒްމަތު ޖަމީލު އިމްރާނަށް އެ ފުރުސަތު ފަހިކޮށް ދިނީ މުސްލިމުންގެ ގުޅުމުން އެ މިސްކިތުގައި ކުރިއަށް ގެންދާ ދަރުސް ސިލްސިލާގެ ތެރެއިންނެވެ. ނަމަވެސް އިމްރާން ދަރުސް ދޭތީ އާންމުކޮށް އެ މިސްކިތުގައި ދަރުސްތައް ލައިވް ކުރާ ޓީމުން ވަނީ ދަރުސް ލައިވް ކުރަން ވެސް ދެކޮޅު ހަދާފައެވެ. މިސްކިތު ދަރުހެއް އިމްރާން މި ދިނީ އެތައް އަހަރެއް ފަހުންނެވެ. އޭނާ އަކީ ދީނީ އިލްމުވެރި އަކަށް ވިޔަސް ދީނަށް ހިދުމަތް ކުރުމަށް ވުރެ ސިޔާސީ މަަސައްކަތަށް ހުސްވެ ހުރި ބޭފުޅެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.