ޓޮމް ވަނީ ދިވެހި ފުޓްބޯޅަ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރުމުގައި ކުލަބުތަކާއި ފުޓްބޯޅަ ކޮމިއުނިޓީގެ އެހީތެރިކަމަށް ވެސް އެދިފައިވެއެވެ.
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ކަމަށް ވާދަކުރައްވާނެ ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް (ޓޮމް) މިއަދު އިއުލާނު ކޮށްފި އެވެ.
ރާއްޖޭގައި އުފެދުނު މޮޅެތި ކުޅުންތެރީންގެ ތެރޭގައި ވެސް ހިމެނޭ ޓޮމް މިއަދު އެކްސް ގައި ކުރެއްވި ޕޯސްޓެއް ގައި ވިދާޅުވި ގޮތުގައި ފުޓްބޯޅަ އެސޯސިއޭޝަންގެ ކުރިއަށް އޮތް އިންތިހާބުގައި ވާދަ ކުރަން ނިންމާފައިވާ ކަމަށެވެ. ޓޮމް ވަނީ ދިވެހި ފުޓްބޯޅަ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރުމުގައި ކުލަބުތަކާއި ފުޓްބޯޅަ ކޮމިއުނިޓީގެ އެހީތެރިކަމަށް ވެސް އެދިފައިވެއެވެ.
އެފްއޭއެމްގެ އިންތިހާބު އޮތީ އަންނަ އަހަރު އެވެ. އެފްއޭއެމްގެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ދައުރު ހަމަވާނީ އަންނަ ޖުލައި މަހުގެ ދެވަނަ ދުވަހު އެވެ.
ޓޮމް ވަނީ މީގެ ކުރީން ވަރަށް ކުރު މުއްދަތަކަށް އެފްއޭއެމްގެ ރައީސްގެ މަގާމު އަދާކޮށްފައެވެ. އެއީ ހަތަރު މަސް ދުވަހުގެ މުއްދަތަކަށް 2016 ވަނަ އަހަރު އެވެ.
އެފްއޭއެމްގެ ރައީސް ކަމަށް ވާދަ ކުރައްވާނެ ކަމަށް މެންބަރު ޓޮމް އިއުލާނު ކުރެއްވިިއިރު ދިވެހި ފުޓްބޯޅަ އޮތީ ނާޒުކު ހާލަތެއް ގައެވެ. އެފްއޭއެމާ މެދު ދިވެހީންގެ އިތުބާރު ގެއްލި އެ އިދާރާއަށް ބޮޑެތި ފާޑު ކިޔުންތަކެއް ވަނީ އަމާޒު ވެފައެވެ.
މިދިޔަ ދެ ދައުރު އެފްއޭއެމްގެ ރައީސް ކަން ކުރެއްވި ބައްސާމާ ދެކޮޅަށް ބޮޑު ހަރަކާތެއް ފުޅާވެ ދަނީ ވަރުގަދަ ވަމުންނެވެ. އެފްއޭއެމް ސަލާމަތް ކުރުމަށް ވެސް ކެމްޕެއިނެއް ފެށިފައިވެއެވެ. އަދި "ބައްސާމް އައުޓް" ގެ ނަމުގައި ވެސް ކެމްޕެއިނެއް އެބަ ހިނގައެވެ.
ތިންވަނަ ދައުރަކަށް ވެސް ބައްސާމް ކުރިމަތި ލެއްވުން އެކަށީގެންވެ އެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ރަސްމީކޮށް އޭނާ އެއްޗެއް ވިދާޅެއް ނުވެއެވެ.
ދިވެހި ފުޓްބޯޅަ ލެޖެންޓް އަލީ އަޝްފާގު (ދަނގަޑޭ) އެފްއޭއެމްގެ ރައީސް ކަމަށް ގެނައުމަށް ވެސް ވަރުގަދަ ކެމްޕެއިނެއް މިހާރު އެބަ ހިނގައެވެ. އެ ކެމްޕެއިން ހިންގަނީ އަޝްފާގުގެ ހުއްދަ އޮވެގެން ކަމެއް ސާފެއް ނޫނެވެ. އެކަމާއި ގުޅޭ ގޮތުން އަޝްފާގު ވަކި އެއްޗެއް ނުބުނެ އެވެ.
ޓޮމް ހަކަލަ ބޭފުޅަކު އައިސްގެން ދެން ކިރިޔާވެސް ހެވެއްވާނީ