އިންތިގާލީ ކޮމެޓީތަކުގެ މަސައްކަތް މާދަމާގެ ނިޔަލަށް ނިންމަނީ

މަސައްކަތްތައް ކަނޑައެޅި ތާރީހަށް ނުނިމުނީ ބައެއް އިދާރާތަކުން ދޭން ޖެހޭ އެއްބާރުލުން އެންމެ އެކަށީގެންވާ ގޮތުގައި ނުލިބުމުން ކަމަށް ވެސް ވިދާޅުވި އެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ

އިންތިގާލީ މަރުހަލާގެ މަސައްކަތްތައް ކުރަން އެކުލަވާލާފައިވާ ކޮމެޓީތަކުގެ މަަސައްކަތް މާދަމާގެ ނިޔަަލަށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޑިރެކްޓާ އޮފް ޓްރާންޒިޝަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާ އޮމާން ކަމާއެކު ކުރިޔަށް ގެންދިއުމަށް އުފައްދާފައިވާ ޓްރާންސިޝަނަލް ކޮމިޓީ ވަނީ ސަރުކާރު ވުޒާރާތަކުންނާއި އޮފީސްތަކުން މައުލޫމާތު އެއް ކުރުމަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރުމަށް ވަކިވަކި ކޮމެޓީތަކެއް އުފައްދާފަ އެވެ. އެ ގޮތުން ސަރުކާރު ވުޒާރާތަކުންނާއި އޮފީސްތަކުން މައުލޫމާތު އެއް ކުރުމަށް އަށް ކޮމެޓީ އެއް އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މައުލޫމާތު އެއްކުރުމުގެ މަސައްކަތަށް ހަތް ކޮމެޓީ އެއް ވަނީ އެކުލަވާލާފަ އެވެ.

އެ ކޮމެޓީތަކުގެ މެންޑޭޓާއި ގުޅޭ އިދާރާތަކާއި ކުންފުނިތަކަށް ގޮސް މިހާރު ވަނީ މަައުލޫމާތުތައް ހޯދާފައެވެ. އެ މައުލޫމާތުތަކުގެ އަލީގައި ޓްރާންސިޝަނަލް ކޮމެޓީން ހާއްސަ ރިޕޯޓެއް އެކުލަވާލާނެ އެވެ. އެ ރިޕޯޓްގައި ދައުލަތުގެ މިހާރުގެ ހާލަތު ބަޔާން ކުރާނެ އެވެ.

އަބްދުއްރަހީމް ރޭ "ސަންގު ޓީވީ" ގައި ވިދާޅުވި ގޮތުގައި ޓްރާސްސިޝަނަލް ކޮމެޓީން އަމާޒު ހިފީ މި މަހުގެ 15 ވަނަ ދުވަހަށް ކޮމެޓީތަކުގެ މަސައްކަތްތައް ނިންމުމަށެވެ. ނަމަވެސް އެ މުއްދަތަށް އެ މަސައްކަތް ނުނިމުމުން މާދަމާގެ ނިޔަލަށް -- މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް މަސައްކަތްތައް ނިންމަން މިހާރު އަމާޒު ހިފާފައިވާ ކަމަށެވެ.

އެ މަސައްކަތްތައް ކަނޑައެޅި ތާރީހަށް ނުނިމުނީ ބައެއް އިދާރާތަކުން ދޭން ޖެހޭ އެއްބާރުލުން އެކަށީގެންވާ ގޮތުގައި ނުލިބުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެއީ ކޮންކޮން އިދާރާތަކެއް ކަމަށް އަބްދުއްރަހީމް ރޭ ވިދާޅެއް ނުވި އެވެ. 

އޭނާ ވިދާޅުވީ ބައެއް އިދާރާތަކުން ވަރަށް ބޮޑު އެއްބާރުލުމެއް ދިން ކަމަށެވެ. އެ މުއައްސަސާތަކުގެ ރިޕޯޓް ތައްޔާރު ކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. 

"ބައެއް ތަންތަނުން ވަރަށް ރަނގަޅަށް އެބަ އެއްބާރުލުން ދެއްވާ. އެއާ އެކީގައި ހަމަ ހިތާމައާ އެކީ ފާހަގަކޮށްލަަން ޖެހޭ ބައެއް އިދާރާތަކުން އެންމެ އެކަށީގެންވާ ގޮތުގައި އަޅުގަނޑުމެންނަށް އެއްބާރުލުމެއް ނުލިބޭ. އަދި އެދޭ މައުލޫމާތު ފޯރުކޮށް ދިނުމުގައި ވެސް ލަސްތަކެއް އެބަހުރި،"

އަބްދުއްރަހީމް ވިދާޅުވީ ސަރުކާރެއް ބަދަލުވެ އާ ސަރުކާރެއްގެ ހިންގުން ފެށުމުގެ ކުރީން ދައުލަތުގެ ހާލަތު ވަޒަން ކުރުމަށް ހޯދަން ޖެހޭ މައުލޫމާތު ހޯދުމަކީ ވަރަށް ބުރަ ކަމެއް ކަމަށެވެ. އަދި ޓްރާންސްސިޝަނަލް ކޮމެޓީން ކުރަމުން ދަނީ ބުރަ މަސައްކަތެއް ކަން ފާހަގަ ކުރައްވާ ކޮމެޓީގެ މަސައްކަތާމެދު ވަރަށް ބޮޑު ހިތްހަމަޖެހުމެއް އެބައޮތް ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމެންޓް

1
450
މިސްބާހު
6 months ago

އެއްބާރުލުން ނުދެނީ ބިރުން. ކޮރަޕްޓްވެފަ އޮތްވަރު.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.